ފުލުހުން އަތުލައިގެންފައިވާ މަސްތުވާއެއްޗެހިތަކެއް: 130 ކިލޯ ޑްރަގް މައްސަލާގައި ދައުވާލިބުނު ކުއްޖާ ސަލާމަތްވި މައްސަލަ ހައި ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފައި --- ފޮޓޯ/މިހާރު
26 ޖުލައި 2022 - 12:56
ރާއްޖެ އަށް ކަނޑުމަގުން އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ދައުވާކުރި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހަޅައިފި އެވެ.
އޮކްޓޫބަރު، 2020 ގައި ކަންނެލި ދޯންޏެއްގައި އެތެރެކުރި 130 ކިލޯގެ ޑްރަގްގެ މައްސަލައިގައި ދައުލަތުން ފަސް މީހަކަށް ދައުވާ ކުރިއިރު، 16 އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ. އެ ކުއްޖާ އަށް ތުހުމަތުކުރީ މަސްތުވާތަކެތި ދޯންޏަށް އެރުވުމާއި އެ ތަކެތި ހުޅުމާލެ އަށް ގެންދިއުމަށްޓަކައި ބައިވެރިވި ކަމަށެވެ.
އެ ކުއްޖާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ކުރުމުން މިދިޔަ އޭޕްރީލް މަހު ޖުވެނައިލް ކޯޓުން ނިންމީ އެ ދެ ދައުވާ ވެސް ސާބިތުނުވާ ކަމަށެވެ. މިއީ މަސްތުވާތަކެތީގެ އެހާ ބޮޑު މައްސަލައެއްގައި ކުޑަކުއްޖަކަށް ދައުވާކުރި ފުރަތަމަ މައްސަލަ އެވެ.
އެ މައްސަލަ އިސްތިއުނާފު ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. އެކަމަކު، އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ޖުވެނައިލް ކޯޓުން ނިންމީ އެ ކުއްޖާ ދޯންޏަށް އަރައި، ދަތުރުގައި ބަައިވެރިވީ އޭގައި މަސްތުވާތަކެތި ހުރިކަން އެ ކުއްޖާ އަށް އެނގި ހުރެ ކަން ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ. އަދި މަސްތުވާތަކެތި ފެނުނީ ފުލުހުން އެ ދޯންޏަށް އަރައި، އޭގައި ހުރި ބަސްތާތަކެއް ކެނޑުމުން ކަމަށް ވާއިރު، އޭގެ ކުރިން އޭގައި މަސްތުވާތަކެތި ހުރިކަން އެ ކުއްޖާ އަށް އެނގޭނެ ގޮތެއް އޮންނާނެކަން ހެކިންގެ ބަހުން އެނގެން ނެތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެ މައްސަލައިގައި ދައުލަތުން ދެން ދައުވާކުރަނީ އެކަމުގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކުރާ ޕީއެންސީގެ ކައުންސިލް މެމްބަރެއް ކަމަށްވާ ގއ. ވިލިނގިލީ ލައިޓްހައިސް، ޝަހީބް އިބްރާހިމާއި ހއ. ހޯރަފުށީ ވައިލެޓްވިލާ އަހުމަދު މޫސާގެ މައްޗަށެވެ. އެ މީހުންގެ މައްސަލަ ކްރިމިނަލް ކޯޓުގައި އަދިވެސް ދަނީ ކުރިއަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙާމީ
27 July 2022
ކުޑަކުއްޖެއްގެ މައްސަލަ ނިމޭތާ 30 ދުވަހުގެ ތެރޭގައި އިސްތިއުނާފް ކުރަން ޖެހޭއިރު، އެ މުއްދަތުގައި އިސްތިއުނާފުނުކޮށް މިހާރު އިސްތިއުނާފުކުރީ އަމާ ބުނީތީ ފަރަށް ދާ އުޞޫލުން ކަމެއް ކުރީމޭ ބުނަންހެން ހާދަ ހީވެއޭ.
އަހައްމަދޫ
27 July 2022
މިޔޮއް އުޅޭ ކުޑަކުދިންތަކެއް. ލެއްވިހާ ނުބައި ކަމެއް ކުރޭ. އެއްވެސް ކަމެއް ނުކުރެވޭ. ދެން ކޮންމެސް ކަމެއް ކުރަނވެއްޖެއްނު މިއުޅޭ މަޖިލީސްގެރައިސްވެސް ފާޑުފާޑުގެ ރައްޔުނުނެރެ.
ޑުރަގޮބު
26 July 2022
ޑުރަގުގެވާހަކަ އަހަރުމެން ކިތަންމެވަރަކަށް ދެއްކިނަމަވެސް ނުހުއްޓުވޭނެ. ހިފާބަޔަކު ހިފާވަރަކަށް ދޫކުރާބަޔަކު މިހިރަދަނީ ދޫކުރަމުން. ދައުލަތަކަށް އެކަން ނުބެލި ނުހުއްޓުވި އަތުތެރެއިން ދޫވެދާއިރު ކާކަށް ކޮންކަމެއް ކުރެވޭނީ! ތިއެތީގެ މޫތައް ދެމިގޮސްފައިވާހިސާބެއް ދެނެވޮޑިގެންވާނީ ހެއްދެވިފަރާތް.