ޒުވާނުންތަކެއް ޖަލްސާއެއްގައި ބައިވެރިވަނީ: ޒުވާނުން، އަންހެނުން، ނުކުޅެދުންތެރިކަން ހުންނަ މީހުން އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ވެސް "ކުދިން"ގެ ގޮތުގައި ނިސްބަތްކުރެވޭ. ފައިލް ފޮޓޯ: ރައީސް އޮފީސް
05 ޖެނުއަރީ 2017 - 06:26
ބަޔަކަށް ވަޒީފާ ހަމަޖައްސައި އެކަން ފާހަގަކުރަން ދާދި ފަހުން ބޭއްވި ރަސްމީ ބޮޑު ޖަލްސާއެއްގައި އެމީހުންނަށް ނިސްބަތްކޮށް "ކުދިން"ނޭ ބުނާ އަޑު ތަކުރާރުވަމުން ދިޔަ އެވެ. މިކަން ވީ ވަރަށް އައިބު ކަމަކަށެވެ. ސަބަބަކީ އެ ލަފްޒު ނިސްބަތްވީ ކުޑަކުދިންތަކަކަށެއް ނޫނެވެ.
ރާއްޖޭގައި ގާނޫނީ ގޮތުން ކުޑަކުދިންނަކީ 18 އަހަރުން ދަށުގެ ކުދިންނެވެ. ވަޒީފާ އަދާކުރެވޭނީ 18 އަހަރު ފުރިގެންނެވެ. އެހެންވީމާ ފެނަކަ ކުންފުނިން ވަޒީފާ ދޭނީ 18 އަހަރުން މަތީގެ މީހުންނަށެވެ. އެ 100 މީހުން "ކުދިންނަށް" ވާނީ ކިހިނެއް ހެއްޔެވެ؟ އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވީމާ "ކުދިން"ނޭ ކިޔަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އަދި، އެހެން ކިޔުމަކީ ތަފާތުކުރުމެއް ނޫން ހެއްޔެވެ؟
މިއީ ރާއްޖޭގައި މީހުން "ކުދިން"ނަށް ވެގެން ދާ ގޮތުގެ އެއް މިސާލެވެ. ދިވެހިންގެ އާއްމު ބަސްމަގުގައި ވެސް އަދި ރަސްމީ ބައެއް ކަންކަމުގަ އާއި މީޑިއާގައި ވެސް ބޮޑެތި މީހުންނަށް ނިސްބަތްކޮށް "ކުދިން"ނޭ ބުނާ ހާލަތްތައް ގިނަ އެވެ.
އެންމެ ގިނައިން "ކުދިން"ނަށް ވެގެންދާ އެއް ބަޔަކީ އަންހެނުންނެވެ. އަށާރަ އަހަރުން މަތީގެ މީހަކަސް، އަންހެނަކަށް ވެފައި، އުމުރުން ވަރަށް ދުވަސްވީ މީހެއް ނޫނިއްޔާ، އެއީ "ކުއްޖެއް" ކަމަށް އެބަ ވެ އެވެ. ބައެއް ފަހަރު، ކުރާ މަސައްކަތާ ގުޅިގެން ވެސް އަންހެނުން "ކުދިން"ނަށް ވެ އެވެ. މިސާލަކަށް، "ނަރުސް ކުދިން"ނެވެ. ހަމައެކަނި އަންހެން ފުލުހުންނަށް ނިސްބަތްކޮށް "ޕޮލިސް ކުދިން"ނޭ ކިޔާ މީހުން ވެސް އުޅެ އެވެ.
މިއީ، އަންހެނުންނަށް ފިރިހެނުންނާ އެއް ހަމައަކުން ހައިސިއްޔަތާއި ހައްގުތަކާއި ފުރުސަތުތައް ދޭން ވަކާލާތުކުރާ މީހުން ބަލައިގަންނަ ކަމެއް ނޫނެވެ. އިނގިރޭސި ބަހުން ވެސް، "ގާލް" އާއި "ވުމަން"އަކީ މުޅިން ދޭއްޗެކެވެ. އެ ތަފާތު ގެންނަން ޖެހޭނެ ކަމަށް އެ މީހުން ދެކެ އެވެ. ސަބަބަކީ ބޮޑެތި އަންހެނުންނަށް ނިސްބަތްކޮށް "ގާލްސް" ނުވަތަ "އަންހެންކުދިން"ނޭ ބުނުމަކީ އެ މީހުންނަކީ ބަލިކަށި ނުވަތަ އަމިއްލަ ބާރެއް ނެތް ބައެއްގެ ގޮތުގައި ދުށުން ކަމަށް މާނަކުރެވޭތީ އެވެ. އޭގެ އަނެއްކޮޅަށް ބަލާ އިރު، މިސާލަކަށް އޮފީހެއްގައި، ފިރިހެނުންނަށް ނިސްބަތްކޮށް "ފިިރިހެންކުދިން"ނޭ ބުނާ އަޑު ވަރަށް ނީވޭނެ އެވެ. އޭގެ ބަދަލުގައި އަންހެނުން ވެގެން ދަނީ "އަންހެންކުދިން" ނުވަތަ "ކުދިން"ނަށެވެ.
އޮފީހެއްގައި ވަޒީފާ އަދާކުރާ ފިރިހެނަކު ބުނަނީ ބޮޑަސް، އަންހެނެއް ވެއްޖެއްޔާ "ކުއްޖެކޭ" ކިޔަނީ ގާތްކޮށްލުމުގެ ގޮތުން ނުވަތަ ބަސްމަގު ރީތިކޮށް ބެހެއްޓުމުގެ ގޮތުން ކަމަށެވެ. މާނައަކީ، "އަންހެނެކޭ" ބުނެފިއްޔާ، ރައްދުވާ މީހާ ނުވަތަ ނިސްބަތްވާ މީހާ ހިތްހަމަނުޖެހުން އެކަށީގެންވެ އެވެ؛ ނުވަތަ އެއީ އޭނާ ކުޑައިމީސްކުރެވޭ ކަމެކެވެ.
އަންހެން ކުޅުންތެރިންތަކެއް ވޮލީ ކުޅެނީ: އަންހެނުންނަށް ނިސްބަތްކޮށް "ކުދިން"ނޭ ބުނުން ވަރަށް އާއްމު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރަނގަޅު ވާހަކައަކަށް ވެދާނެ އެވެ؛ ފަހަރެއްގައި، ގިނަ އަންހެނުން އަމިއްލަ އަށް ވެސް ބޭނުންވަނީ އޭނާއާ ވާހަކަދައްކާ އިރު ނުވަތަ އޭނާއާ ބެހޭ ގޮތުން ވާހަކަ ދައްކާ އިރު "ކުއްޖެކޭ" ބުނުވާށެވެ. އެއީ ތެދެއް ހެއްޔެވެ؟ "އަންހެންކުއްޖެކޭ" ނުބުނެ "އަންހެނެކޭ" ބުނުމަކީ ދެރަ، ނުވަތަ ހުތުރު ގޮތެއް ހެއްޔެވެ؟
"ކުދިން"ނަށް ވެގެންދާ އަނެއް ބަޔަކީ ޒުވާނުންނެވެ. އޭގެ ތެރޭގައި ގިނަ ފަހަރު ދެ ޖިންސު ވެސް ހިމެނެ އެވެ. އަންހެން "ކުދިން"ނާއި ފިރިހެން "ކުދިން"ނެވެ. އަށާރަ އަހަރުން މަތީގެ "ކުދިން"ނެވެ.
ދެން އޮތީ މަސްތުވާތަކެތި ބޭނުންކުރާތީ "ކުދިން"ނަށް ވާ ގޮތެވެ. އުމުރުން ކިތަންމެ ދޮއްޓަސް، ޑްރަގް އެޑިކްޓެއް ވެއްޖެއްޔާ އެ ދާއިރާގައި "ކުއްޖެކޭ" ކިޔައި އުޅެ އެވެ. ހީވާ ގޮތުގައި، އެފަދަ މީހުން ކުރަން ޖެހޭ ވޭނީ ތަޖުރިބާތަކާ ހެދި، ރަހުމް ބަހައްޓައި ހާއްސަކަމެއް ދިނުމުގެ ގޮތުން، "ކުދިން"ނަށް ބަދަލުކޮށްލަނީ އެވެ. ކުރިންސުރެ ސަރުކާރުގެ އިސް ބައެއް މީހުން ވެސް އެ ގޮތަށް ކިޔާތީ، މިއީ އާއްމުންގެ ފާޑުކިޔުން ވެސް ވަރަށް ބޮޑަށް އަމާޒުވާ ކަމެކެވެ. ހާއްސަކޮށް، ކުށްކުރާ ޒުވާނުންނަށް ނިސްބަތްކޮށް "ކުދިން"ނޭ ބުނީމާ މީހުންނަށް ބަލައެއް ނުގަނެވެ އެވެ. އެހެންވީމާ މި ގޮތަށް "ކުދިން"ނޭ މި ކިޔަނީ ލޯތްބާއި ހަމްދަރުދީ ލިބެން ޖެހޭ ކަމަށް މުޖުތަމައު ދެކޭ މީހުންނަށް ހެއްޔެވެ؟
ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ފެނަކަ އިން ވަޒީފާ ހަމަޖެއްސި ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ހަވާލުކޮށްދެއްވަނީ.
މިސާލަކަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. އެކަމަކު އެފަދަ މީހުންނަށް ވެސް ވަޒީފާތަކާއި އެ ނޫން ވެސް ފުރުސަތުތައް ހަމަހަމަ ގޮތެއްގައި ހޯދައިދޭން އުޅޭ އިރު "ކުދިން"ނޭ ކިޔުމަކީ އެ މީހުން ބަލިކަށިކޮށްލުމެއް ނޫން ހެއްޔެވެ؟ އެއީ ގޯހެއް ކަމުގެ އެއް ހެއްކަކީ، ފެނަކައިގެ ޖަލްސާގައި ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ބަސްމަގު ބެހެއްޓެވި ގޮތެވެ. މިނިސްޓަރުގެ ވާހަކައިގައި އުމުރުގެ ތަފާތު ކަނޑައެޅިގެން ފާހަގަކުރެއްވި ސަބަބެއް އޮންނާނެ އެވެ. އެފަދަ އެންމެނަށް ޖުމްލަކޮށް ނިސްބަތްކުރައްވަން ޒެނީޝާ ވިދާޅުވަމުން ގެންދެވީ "ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިން"ނެވެ. ދެ ބައި ވަކިންނެވެ. ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް އޭގެ ތެރޭގައި ހިމެނޭކަން ސާފުކޮށްދެއްވީ އެވެ.
ގާނޫނީ ގޮތުން ބަލާ އިރު އަށާރަ އަހަރުން މަތިވީމާ އެ ވީ ބޮޑު މީހަކަށެވެ. އަންހެނަކަށެވެ. ފިރިހެނަކަށެވެ. އެކަމަކު ދިވެހިން "ކުދިން"ނާއި "މީހުން" ކަނޑައަޅަނީ ކޮންމެހެން އުމުރާ ގުޅުވައިގެން ނޫން ކަން އެބަ އެނގެ އެވެ.
ރަދީފުގައި ހުރި ލަފްޒީ މާނަތަކަށް ބަލައިގެން މިކަމާ ބެހޭ ގޮތުން އަދިވެސް ބަހުސް ކުރެވިދާނެ އެވެ. އެއީ:
(1) އުމުރުން ޅަ މީހުން. (2) ކުއްޖާ، މި ބަހުގެ ގިނަ ގޮތް. (3) ދަރިން
(1) ފަނަރަ އަހަރުން ދަށުގެ ކުދިން. (2) އުމުރުން ހަގު ކުދިން
ޚިޔާލަކީ ކޮބާ ހެއްޔެވެ؟
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާރިޔާ އަހުމަދު ދީދީ
11 January 2017
ބޮޑު އާރޓިކަލެއް ލިޔެފަ ނިންމާލިއިރު ތިއޮތީ އަތަށް ގޮވާފައެއްނު؟ ކޮބާ އެކަން ތަފާތުކުރުމަށްވެފަ؟ ނޫނީ ހަމްދަރުދީވުމުގެ ގޮތުން ބޭނުންކުރާ ބަހަކަށްވެފަ؟ ރަދީފުގަ ކަނޑައެޅިގެން އެއޮތީ ލިޔެފަ އުމުރުން ޅަ މީހުންނަކީވެސް ކުދިންކަމަށް. ވީއިރު ކުދިންނޭ ބުނެގެން މައްސަލައަކަށް ވާންވީ ސަބަބެއްނެތް. އުމުރުން 50އަހަރުން މަތީގެ މީހަކަށް ކުއްޖެކޭ ބުނެގެން ޝަކުވާކުރަން ރަނގަޅު. ގާނޫނުގަ އޮންނަ އެއްޗަކަށްވުރެ އާންމު ހާލަތުގައި ދިވެހި ބަހުން ވާހަކަ ދައްކާއިރު ބޭނުންވާނީ ރަދީފުގަ އޮންނަ އެއްޗެއް.. އެހެންނެއް ނޫން، ޝަރީއަތުގައި ވާހަަކަދައްކާނަމަ ގާނޫނަށް އިސްކަންދިނުމަކީ ނެތްކަމެއް ނޫން.
ހެއްވާ
11 January 2017
ތި ދެން ވަރަށް ހެއްވާ. ތހި ކިޔާ ފުރާފުރިހަމަ އަންހެނުން ބޭނުންވަނީ އެމީހުންނަށް ކުދިން ކިޔަން. އިނގިރޭސި ބަހުގަ ގާލްސް އާއި ވުމަން ކިޔާ. ދެން ވިކްޓޯރިއާ ސީކްރެޓް ގާލްސް، ސްޕައިސް ގާލްސް ކިޔަނީ ކީއްވެބާ ދޯ؟ ރިހާނާ ވެސް ކިޔަނީ ބޭޑް ގާލް އެކަމަކު އެވެސް އަންހެނެއް. މީގަ މިކަމަކީ ޚަބަރަކަށް ހަދާ ވަރުގެ ކަމެއް ނޫން.
ބޮކިފަތި 3 އަހަރު
07 January 2017
ބޮޑެތޮ މީހުން. ކުދިންކީމަ އުފާވެގެން ކައުންޓަރުގަ ތިބޭ ''ކުދިން''ވެސް މާހަވަށް ޚިދުމަތްދޭ
ބަކުރުބެ
06 January 2017
އެގޮތަށް ބޭނުންކުރަނީކީ ދެރަކޮށްލުމުގެ ގޮތުންނެއްނޫން. އެއީ އިހުތިރާމް ކުރުމުގެ ގޮތުން. އާސިޔަތު އާ ވާހަކަދައްކަމުން "ކަލޭ" ކިޔައިފިއްޔާ ކީކޭތޯ އިހުސާސް ކުރެވޭނީ؟ ޖެހިގެން އަންނަދުވަހު އެކަމާބެހޭގޮތުން އާޓިކަލް އެއް ލިޔާނެ. ކަލޭ އަކީވެސް ދިވެހި ބަހެއް. އެކަމަކު ގިނަމީހުން ބޭނުން ނުކުރާ އަދި ގިނަބަޔަކު ތިމާއާ ދިމާއަށް އެހެން ކިޔަން ބޭނުންނުވާ ބަހެއް.
މުހައްމާ
05 January 2017
ވަރަށް ފާހަގަ ކުރެވޭ ކަމެއް. އަދި ޙާއްސަކޮށް ދިވެހި މީޑިއާތަކުން ގެނެސްދޭ ޕްރޮގްރާމްތަކުގައި.
ދަސްކުރާމީހާ
05 January 2017
ބޮޑުމީހުނެއް ނުކިޔާނެ ކިޔާނީ ބޮޑެތި މީހުން
ހަސަންބޭ
05 January 2017
ތިއަށްވެސް ދެން އެންމެ ފަހުން ގޮތެއް ނިންމާނީ ކޯޓުއަމުރަކުން.... އެނޫނިއްޔާމު ކަމާނުބެހޭ ކަންކަމުގެތެރެއަށް ފަސޭހައިން ވަދެގަނެ ބަސްބުނާބަޔަކު އުޅޭހެން ހީއެއްނުވޭ... ފަހުޒަމާނުގައި ތިހުރިހާ ކަމެއްވެސް ފެންނާނެ... އުމުރުން ދުވަސްވެ 50 އަށް އެރީމަވެސް ލިޕްސްޓިކުން މުޅިއަނގަރަތްކޮށްގެން އުޅޭ އަންހެނުންވެސް ގިނަވަމުންދާކަން ފާހަގަވޭ.. ދެން ބޭނުންވާނެތާ ކުދިންނޭ ކިޔަންވެސް.... ފަހުޒަމާން މިއީ އިގޭތޯ...
ހެއްވާ
11 January 2017
ހަހަ މި ކޮމެންޓު ފައްކާ!
މުހައްމަދު
05 January 2017
ކުއްޖަކީ ކާކުހެއްޔެވެ؟ އެއީ ކުދި އެއްޗަށް ކިޔާ އެއްޗެއްހެއްޔެވެ؟ އަހަންނަށް އެނގިފައިވާ ގޮތުގައި ކުދިން ކިޔައިއުޅޭނީ ކޮންމެވެސް މީހެއްގެ ދަރިއަކަށެވެ. މަޖާޒީ މާނާގައި އެ މީހާގެ ދަރިއެއް ނޫނެއް ކަމަކު މިއީ އަހަރެންގެ ކުއްޖެކޭ ބުނެ އުޅެއެވެ. މާނައަކީ އުފަން ދަރިއަކަށް ނުވިޔަސް ދަރިއަކާ އެއްވަރު ކުއްޖެއްގެ ގޮތުގައި ބަލާ ކުއްޖަކަށްވާތީއެވެ. އަދި ނަރުސް ކުއްޖެކޭ ސިފައިންގެ ކުއްޖެކޭ މިފަދަ އިބާރާތްތައް ބޭނުންކުރަނީ މަޖާޒީ މާނައިގައެވެ. އެއީ ނަރުހުންނާއި ސިފައިން ދަރިންނަށް ވާތީއެއް ނޫނެވެ. ކުދިންނަށްވެސް ވާތީއެއް ނޫނެވެ. އަދި ގޭގެ ދޮރުގައި ޓަކި ޖަހާލީމާ ސަލާމް ގޮވާލީމާ ކޮން ކުއްޖެއްހޭ އަހައި އުޅެނީވެސް ދަރިއަކަށްވާތީއެއް ނޫނެވެ. އެއީ ގާތްކޮށްލުމާއި ގާތްކުރުމުގެ ގޮތުންނެވެ.
އަމީން
05 January 2017
ތިއަށްވެސް ވީ "ޔޫ" އަށް ވީހެން.
އަލްޖިބްރާ
05 January 2017
ގިނައަންހެނުންނަކީ " ކުއްޖެކޭ " ބުނެ ނިސްބަތް ކޮށްފިއްޔާ ވަރަށް އުފާވާ ބައެކެވެ. އެހެންވީމާ އެކަން ދަންނަ ފިރިހެނުން އެމީހުނަށް " ކުއްޖެކޭ " ބުނެ ނިސްބަތް ކުރާނެއެވެ. އެކަމަކު އަންހެނަކު ފިރިހެނަކާ ދިމާލަށް ، ކުއްޖެކޭ ، ފިރިހެނެކޭ ބުންޏަސް ތަފާތެއް ނާދެއެވެ. އަންހެނުންނަކީ މުސްކުޅިވާން ބޭނުންވާ ބައެއް ނޫނެވެ. އަންހެނަކު އޭނާނުދަންނަ މީހަކަށް އޭނާގެ އަސްލު އުމުރު ހަމަ އަހާލާއިރަށް ބުނެނުދޭނެއެވެ.