އެފްއޭ ކަޕުގެ ތަށި އުފުލާލަުމަށް ފަހު މާޒިޔާގެ ކުޅުންތެރިން ތައްޓާއެކު އުފާފާޅު ކުރަނީ: މިއީ ސީޒަންގައި އެ ޓީމުން ކާމިޔާބު ކުރި ތިންވަނަ ތަށި --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
21 އޯގަސްޓް 2022 - 22:53
ފައިނަލުގައި ކްލަބް ވެލެންސިއާގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އެފްއޭ ކަޕުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދައިފި އެވެ.
މިއީ އެފްއޭ ކަޕުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދި ތިންވަނަ ފަހަރެވެ. އެ ޓީމުން ވަނީ މީގެ ކުރިން 2012 އަދި 2014 ގައި މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ. މިދިޔަ ހަތަރު އަހަރު މުބާރާތް ބާއްވާފައެއް ނުވެ އެވެ. މާޒިޔާގެ މި ކާމިޔާބާއެކު އެ ޓީމުން ވަނީ މި ސީޒަންގައި ތިން ތަށި ހޯދައިފި އެވެ. އެއީ އެފްއޭ ކަޕުގެ އިތުރުން ސީޒަން ދިވެހި ޕްރިމިއާ ލީގާއި ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް އެވެ.
މާޒިޔާއިން އެފްއޭ ކަޕު ކާމިޔާބު ކުރުމުން އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ރާއްޖޭގެ ދެވަނަ ޖާގަ ނުވަތަ ކޮލިފިކޭޝަން ޖާގަ ލިބޭނީ ދިވެހި ލީގިުގެ ރަނަރަފް އީގަލްސް އަށެވެ. އޭއެފްސީ ކަޕުގެ ދެވަނަ ޖާގަ އާންމު ގޮތެއްގައި ދެނީ އެފްއޭ ކަޕް ޗެމްޕިއަން ޓީމަށެވެ. ލީގު ހޯދާ ޓީމުން އެފްއޭ ކަޕު ވެސް ކާމިޔާބު ކޮށްފިނަމަ ދެވަނަ ޖާގަ ދެނީ ލީގުގެ ރަނަރަފް ޓީމަށެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި މާޒިޔާގެ ދެ ލަނޑު ވެސް އެ ޓީމުން ޖެހީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު ނާއިޒު ހަސަން (ދާދު) ޖެހީ 14 ވަނަ މިނެޓްގަ އެވެ. ނާއިޒު ލަނޑު ޖެހީ އޭރިއާގެ ބޭރުން ފޮނުވާލ؛ި ބޯޅައިންނެވެ.
އެ ޓީމުގެ ދެވަނަ ލަނޑު ހަމްޒާ މުހައްމަދު (ހަމްޕް) ޖެހީ 32 ވަނަ މިނެޓްގަ އެވެ. ވެލެންސިއާގެ ޑިފެންޑަރު އަބްދުﷲ ހަނީފު (ބެންޖޯ) އަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައި ހަމްޒާ ޖެހީ ފަސޭހަ ލަނޑެކެވެ.
އޭގެ ފަހުން ވެލެންސިއާގެ އަހުމަދު ސިޒާން (ސިއްޕެ) އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ކުރިމަތިން ހުރަސް ވެގެންނެވެ. ދެވަނަ ހާފުގައި ވެލެންސިއާއިން ގިނަ ހަމަލާ ތަކެއް އުފެއްދި އެވެ. އެ ޓީމުން އަސްހަދު އަލީ (އަޑޭ) ލަނޑެއް ވެސް ޖެހި އެވެ. އެކަމަކު ލައިސްމަން ހުރީ އޮފްސައިޑް ކަމަށް ދިދަ ނަގައިގެންނެވެ. ވެލެންސިއާގެ ކުޅުންތެރިން ވަނީ އޭނާ އޮފްސައިޑް ނުވާ ކަމަށް ބުނެ އެޕީލް ވެސް ކޮށްފަ އެވެ.
އޭގެ ކުރިން މާޒިޔާގެ ހާފުގެ ތެރެއިން ދަނޑުގެ ޓަޗު ލައިނާ ކައިރިން ލިބުނު ހިލޭ ޖެހުން ވެލެންސިއާގެ އަބްދޫﷲ ޔާމީން (ޔާން) އޭރިއާ ތެރެއަށް ނަގައިދިނުމުން އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) ބޮލުން ޖަހައި ނުރައްކާތެރި ބޯޅައެއް ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ޑިފެންޑަރު ހަނީފު އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. ވެލެންސިއާގެ ކުޅުންތެރިން ގޯލް ކުރިމައްޗަށް ހުރަސް ކުރި ބޯޅަ ހަނީފް ބޮލުން ފޮނުވާލުމުން މާޒިޔާގެ ކީޕަރު އަބްދުﷲ އިޔާން ފުމްނައިގެން އަރައި ބޯޅަ ސަލާމަތް ކުރި އެވެ.
މެޗުގެ 80 ވަނަ މިނެޓްގައި ވެލެންސިއާގެ ޔާން އަށް ލިބުނީ މާ ތަނަވަސް ފުރުސަތެކެވެ. މިސްރުގެ ފޯވާޑް ހަލީލް ޖަމާލް ގޯލް ކުރިމައްޗަށް ނަގައިދިން ބޯޅަ ޔާން މުޅިން ހުސްކޮށް އަރައި ފޮނުވާލުމުން އެ ބޯޅަ އަމޒުވީ ހުރަސް ދަނޑީގެ މަތީ ކަނަށެވެ. އޭގެ ފަހުން މާޒިޔާގެ ނާއިޒު އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ވެލެންސިއާގެ ކީޕަރު އާދަމް އިމްއާން (އިންމި) އެ ބޯޅަ ދިފާއު ކުރި އެވެ.
މެޗުގެ ފަހު ވަގުތުގައި އަސްހަދު އަލީ ކުރި ފައުލާ ގުޅިގެން އޭނާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކި އެވެ.
މި މެޗާ އެކު މާޒިޔާ އަދި ވެލެންސިއާ އަށް ވެސް ވަނީ މި ސީޒަން ނިމިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯޅަގެ
22 August 2022
ފެންވަރު ދަށް ރެފްރީން ލައިގެން ކުޅުމުން ނަތީޖާ އަށް އަސަރުކުރޭ. ފުރަތަމަ ހާފްގެ ތެރޭ ވެލެންސިއާ އަށް ހައްގު ޕެނަަލްޓީ އެއް ރެފްރީ އާ ލައިންސްމަނުންނަށް ނުފެނުމުން ނުލިބުނު. ބޯޅަ ޖެހި ކުޅުންތެރިއާ އެޕީލްވެސްކުރި. އެޕެނަލްޓީ ލިބުނުނަމަ މާޒިއާ ބަލިވުމަކީވެސް ވުން އެކަށީގެންވާކަމެއް.
އަހާ
22 August 2022
މާޒިޔާ އަދި ވެލެންސިޔާގެ ތިޔަ ފައިނަލް މެޗާށް ކުޅިބަލަން ކިތަށް ހާސްމީހުން ތިޔަދަނޑަށް ވަންތަ؟