ރިޕޯޓް

ވަށައިގެން އަގު ބޮޑު ރިސޯޓްތައް، އެކަމަކު ފަގީރު ރަށްތައް!

ރަށެއްގެ އަތިރިމަތީގައި މީހަކު ހިނގާފައި ދަނީ: މުއްސަނދި ޓޫރިޒަމަށް 50 އަހަރުވީ އިރު ރަށްތަކަށް އޭގެ ހެޔޮ އަސަރެއް ނެތް -- ފައިލް ފޮޓޯ: މިހާރު

ރާއްޖޭގެ އެންމެ އަގު ބޮޑު ރިސޯޓްތައް އޮތް، ބ. އަތޮޅުގެ ބައެއް ރަށްރަށުގެ ހާލަތަކީ މި އެވެ؛ އެއް ރަށުގައި މަދިރީގެ އުނދަގޫ ބޮޑުވެ، އޭގެ ވޭން ތަހަންމަލު ކުރަމުންދާ ދެ އަހަރެވެ. ފޮގް މެޝިނެއް ގަންނަން ދެ ރިސޯޓަކަށް ހުށަހަޅައިގެން ހަބަރެއް ނުވި އެވެ. އަނެއް ރަށުގައި ޒުވާނުން މުބާރާތެއް ބާއްވަން ސްޕޮންސާ އަކަށް އެދި ރިސޯޓެއްގައި އާދޭސް ކުރަނީ އެވެ. އަނެއް ރަށުގައި ކުޑަކުދިންގެ ޕާކެއް އަޅަން ޕްރޮޕޯސަލް ހުށަހަޅައިގެން އުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ އެވެ.

އަގުބޮޑު ރިސޯޓްތައް ހިންގާތާ އެތައް އަހަރެއްވެފައިވާ، މާލެ އަތޮޅުގެ ރަށެއްގައި ސްކޫލެއްގެ ދަރިވަރުން ފީލްޑް ޓްރިޕެއްގައި ރިސޯޓަކަށް ދެވޭނެ ގޮތެއް ނެތިގެން އެ ރިސޯޓްގެ އޯނަރަށް އާދޭސް ކުރަނީ އެވެ. ހަމަ އެހެން ރަށެއްގައި ބަނދަރުގެ ބައްތި ޖެހޭނެ ގޮތެއް ނެތިގެން އެބަ އުޅެ އެވެ. ޓޫރިޒަމް އެންމެ ބޮޑަށް ފުޅާވެފައި އޮތް، އއ. އަތޮޅާއި އދ. އަތޮޅުގައި ވެސް އޮތީ ހަމަ މި މައްސަލަ އެވެ. މިއީ ކައިރި ރިސޯޓަކަށް ކޮށްދޭން ބޮޑު ކަމެއް ނޫނެވެ. އެކަމަކު އާންމު މީހާ އަށް އޮންނަނީ ވަރަށް ބޮޑު ކަމަކަށް ވެފަ އެވެ.

މައްސަލަ ނެތީ ކޮން ރަށެއްގައި ހެއްޔެވެ؟ ހުރިހާ ރަށެއް ވެސް އޮތީ އެ ރަށަކާ ބައްދަލުވާ ތަަރައްގީއަކު ނޫނެވެ. ވަކި އަތޮޅެއް، ވަކި ރަށެއް ނެތެވެ؛ އިޖުތިމާއީ ކުޑަކުޑަ ކަމަކަށް ވެސް އެހީތެރިވާނެ މީހަކު ނެތެވެ. ކައިރީގައި އަގުބޮޑު ރިސޯޓްތައް ހުއްޓަސް، އެއިން ރިސޯޓަކާ ބެހޭ ކަމެއްހެން ވެސް ހިއެއް ނުވެ އެވެ. ރަށްރަށުގައި ދަރިން، އެ ކުދިންގެ އެންމެ ޅަ ދުވަހުން ފެށިގެން ބޮޑެތިވެ، އެ ދަރިން މީހުންނާ އިނދެ އެ މީހުންގެ ދަރިން ވެސް އެ ބޮޑެތިވަނީ، އެންމެ ކުޑަވެގެން ކުޅޭނެ ޕާކެއްހާ ހިސާބު ވެސް ނެތި އެވެ.

މި ދެންނެވި ރަށްރަށުގެ ލަފާފުރުމާއި ބަނދަރާއި، ސްކޫލާއި ފެނާއި ނަރުދަމާގެ ވާހަކަ އާއި ސިއްހީ ހިދުމަތުގެ ވާހަކަ އެއް ފަރާތުގައި ބާއްވަމާ ހިނގާށެވެ! ގިނަ ރަށްރަށުގައި ޕްރީ ސްކޫލެއްހާ ހިސާބު ވެސް ނެތެވެ. ޒުވާނުން ކުޅޭ ފުޓުބޯޅަ ދަނޑެކޭ ހިރަފުސް ފުންޏެކޭ އެއްގޮތެވެ. މިސްކިތުގައި އޮންނަނީ ފޫގޮސްފައި އޮތް ތަރުފާލެވެ. ރަށުގައި ގުރުއާން މުބާރާތެއް ބޭއްވިޔަސް، އިނާމަކަށް ގިނަ ފަހަރަށް ލިބެނީ ފޮތަކާއި ފަންސޫރެކެވެ. ބިން ހިއްކައިފިއްޔާ، މޫދަށް އެރޭނެ ތަންކޮޅެއް ނެތެވެ. މޫދަށް ގެނބިޖިއްޔާ އޭނާ ސަލާމަތް ކުރެވޭނެ ގޮތެއް ނެތެވެ. ސަލާމަތްކޮށްފިއްޔާ އޭނާ އަށް ފަރުވާ ދެވޭނެ ވަސީލަތެއް ނެތެވެ.

ރަށެއްގައި ކުދިންތަކެއް ކުޅެނީ: ގިނަ ކުދިން ބޮޑެތި ވަނީ ކުޅޭނެ ޕާކެއްހާ ހިސާބު ވެސް ނެތި -- ފައިލް ފޮޓޯ: މިހާރު

ރަށްރަށުން ތަރައްގީ ބޭނުން ނުވަނީއެއް ނޫނެވެ. ތަރައްގީކޮށް ނުދެނީ އެވެ. ދައުލަތުގެ ބަޖެޓް ނެތީ އެވެ. މިސާލަކަށް، ޕްރީ ސްކޫލާއި ޕާކުތައް ތަރައްގީ ކުރަން އެތައް އަހަރަކު ބަޖެޓްކުރި ރަށްތައް އަދިވެސް ބަޖެޓް ކުރަނީ އެވެ. އެ ތަންތަން ދުވަހަކު ވެސް ވުޖޫދަކަށް ނާދެ އެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރުވެ، ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ހުރިހާ ޓޫރިޒަމް ބްރޭންޑެއް ރާއްޖެ އައިސް، ދުނިޔޭގެ އެންމެ އަގުބޮޑު މަންޒިލަށް ރާއްޖެ ވެއްޖެ އެވެ. އެކަމަކު، ބައެއް ރަށްތަކުގެ ތަރައްގީ އާއި އިޖުތިމާއީ ހާލަތު އަދިވެސް އޮތީ މީގެ 50 އަހަރު ކުރީގަ އެވެ. ފުޅި ބައްތި، ހޮޅިބުރި އަކަށް ބަދަލުވުން ނޫން ބަދަލެއް ގިނަ ރަށްރަށުން ފެންނާކަށް ނެތެވެ!

މަހުޖަނުންނާއި ރިސޯޓްތައް ކޮބާ؟ ޓޫރިޒަމްގެ އާމްދަނީ ކޮބާ؟

ރަށްރަށުގެ ފަގީރު ކަމުގެ ވާހަކަ ދައްކާ ނަމަ، އެއީ މުއްސަނދިންގެ މޫނުމަތީގައި ތަފާލެއް ޖެހުން ކަހަލަ ކަމެކެވެ. އެއީ ސަރުކާރުތަކުން ވެސް ގިނަ ފަހަރަށް ދައްކަން ބޭނުންވާ ވާހަކައެއް ނޫނެވެ.

އެކަމަކު މި ރިޕޯޓަށް ވާހަކަ ދެއްކެވި ވަރަށް ގިނަ ބޭފުޅުން އިއްތިފާގުވާ ދެ ކަމެއް އެބައޮތެވެ؛ އެއް ކަމަކީ ޓޫރިޒަމްގެ ފައިދާ ރަށްތަކަށް ރަނގަޅަށް ބެހިފައި ނެތުމެވެ. އަނެއް ކަމަކީ، ރިސޯޓްތަކުން ރަށްތަކަށް އެހީވާން ޖެހޭ ވަރާ ގާތަށް ވެސް އެހީތެރިކަން ނުދިނުމެވެ. ހަމަ އެގޮތަށް، ރާއްޖޭގެ ބައެއް މަހުޖަނުން އެ މީހުންނަށް ލިބޭ އާމްދަނީން ވެސް ރައްޔިތުންނަށް އެހީތެރިކަން ނުދިނުމެވެ.

މާލެ އަތޮޅުގެ ރިސޯޓެއްގެ ޖެނެރަލް މެނޭޖަރަކު ވިދާޅުވި ގޮތުގައި، އެ އެހީތެރިކަން ދެވުނު ނަމަ، ރަށްތައް އޮންނަން ޖެހޭނީ މިހާރު އޮތް ހާލަތެއްގައެއް ނޫނެވެ. އޭނާ އޭގެ ސަބަބުތައް ވެސް ވިދާޅުވެދެއްވި އެވެ.

"މިއަދު އަޅުގަނޑަށް ގުޅުއްވި ކައިރި ރަށަކުން. ވިދާޅުވި މި އުޅެނީ ދިރާސީ އާ އަހަރު ފެށިގެން ބައެއް ކަންކަން ހަމަޖައްސަން ވެގެންނޭ،" ނަން ނުޖަހަން އެދިވަޑައިގެން އޭނާ ވިދާޅުވި އެވެ.

"އެކަމަކު، އެ ރިސޯޓާ ޖެހިގެން އެބައޮތް ދުނިޔޭގެ ލަގްޒަރީ ބްރޭންޑެއް. އެ ރިސޯޓް އޮންނަތާ ކިތައް އަހަރު މިވީ. ދުވަހަކު ވެސް އެހީއެއް ނުވޭ. މެނޭޖްމަންޓްގެ އެއްވެސް މީހަކާ ބައްދަލު ވެސް ވެވެނީއެއް ނޫން."

ރިސޯޓެއްގައި ޓޫރިސްޓަކު ހިތް އުފާކޮށްދެނީ: ޓޫރިޒަމް ކުރިއަރުވަން ދިވެހިން ވަރަށް ބޮޑު ގުރުބާނީއެއްވި. އެކަމަކު އޭގެ އަގެއް ނުދެއްކޭ -- ފައިލް ފޮޓޯ

ރާއްޖޭގެ ރިސޯޓްތަކުގައި ސީއެސްއާރުގެ ބަޖެޓެއް ވަރަށް ފަހަކާ ޖެހެންދެން އޮވެ އެވެ. ބައެއް ރިސޯޓްތަކުގައި މިހާރު ވެސް އެކަން އޮންނަނީ އެހެންނެވެ. އެކަމަކު، 2010 ގައި ޓެކްސްތައް ނަގަން ފެށުމާ އެކު، މުޖުތަމައަށް ހިދުމަތް ކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ރިސޯޓްތަކުން ގަބޫލެއް ނުކުރެ އެވެ. ރާއްޖޭގެ ބައެއް މުއްސަނދިންނާއި ރިސޯޓްތަކުން ވެސް ގަބޫލު ކުރަން ފެށީ، ޓެކްސްތަކަކީ [ލޭންޑް ޓެކްސް، ގްރީން ޓެކްސް އަދި ޓީޖީއެސްޓީ] އަކީ ރައްޔިތުންނަށް ދެވޭ އެއްޗެއް ކަމަށެވެ.

"އަޅުގަނޑު ބައިވެރިވިން ގްރީން ޓެކްސް ނެގުމާ ބެހޭ ފޯރަމެއްގައި. އޭރު ސަރުކާރުން ވާހަކަ ދެއްކީ އެ ޓެކްސް ލިބޭނީ ރަށްރަށުގެ ތިމާވެއްޓާއި ކުނި ނައްތާލުމުގެ ކަންކަމަށޭ. ސުވާލަކީ އެއްވެސް އެ ބުނި އެއްޗެއް ލިބޭ ހެއްޔޭ؟" ޓޫރިޒަމް ޒޯނެއްގެ އަތޮޅު ކައުންސިލެއްގެ ކުރީގެ ރައީސަކު ވިދާޅުވި އެވެ.

"ޓެކްސްތައް އައުމުން ކުރިން ރިސޯޓްތަކުން ލިބެމުން އައި ބައެއް އެއްޗެހި ވެސް ލިބުން ހުއްޓުނީ. ހަގީގަތަކީ ގައުމީ ސިޔާސަތެއް ރާއްޖެއަކު ނެތް. ދެން ކިހިނެއް ރައްޔިތުންނަށް ހައްގު މިންވަރު ދެނެގަނެ އެ ހޯދާނީ."

އެކަމަކު ކޮންމެ ރިސޯޓެއްގައިހެން ސީއެސްއާރަށް ބަޖެޓްކޮށްފައި އޮވެ އެވެ. ރިސޯޓް ހަދަން ރަށްރަށަށް ބިޑްކުރާ އިރު ވެސް އެ ރިސޯޓްތަކުން މުޖުތަމައަށް ކަންކަން ކޮށްދޭން އޮންނަނީ ވައުދުވެ، އެއަށް ޕޮއިންޓް ވެސް ދީފަ އެވެ. އެކަމަކު ރަށަކަށް އަންނަ ބަދަލެއް ނެތެވެ.

ގާތްގަނޑަކަށް 200 ކޮޓަރީގެ ކޮމާޝަލް ރިސޯޓެއްގެ ހުރިހާ ހަރަދެއް ކެނޑުމަށް ފަހު އަހަރެއްގެ މައްޗަށް ފައިދާގެ ގޮތުގައި 5-10 މިލިއަން ޑޮލަރު ވަރު އެންމެ މަދުން ވެސް ލިބޭ ކަމަށް ވެ އެވެ. ބައެއް ލަގްޒަރީ ރިސޯޓްތަކުގެ ފައިދާ އެއަށް ވުރެ ވެސް މާ ބޮޑެވެ. އެކަމަކު، ރަށްރަށުން އެދޭ އިޖުތިމާއީ ކަންކަމަށް ބައެއް ރަށްރަށުން އެހީތެރިކަން ފޯރުކޮށް ނުދޭއިރު، ރިސޯޓަކުން ގިނަ ފަހަރަށް ކޮށްދޭ ހަރަދު އަހަރަކު 200،000ރ. އަށް ވެސް ނާރާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

"އެކަމަކު އޭގެ މާނައަކީ ހުރިހާ ރިސޯޓެއް ނޫން. ބައެއް ރިސޯޓްތައް އެބަހުރި ނުސީދާ ގޮތުން ވެސް އެހީތެރިވާ. މިސާލަކަށް އަޅުގަނޑުމެންގެ ރިސޯޓުން ރަށެއްގެ ހެލްތު ސެންޓަރަށް ހަދިޔާ ކުރިން މެޝިނެއް. އެއީ ގާތްގަނޑަކަށް ފަސް ލައްކަ ރުފިޔާ،" ޖެނެރަލް މެނޭޖަރު ވިދާޅުވި އެވެ.

ރަށެއްގައި ޒުވާނުންތަކެއް ފުޓުބޯޅަ ކުޅެނީ: ރަށްރަށުގައި ޒުވާނުން ބޭނުންވާ ހިދުމަތްތައް ތަރައްގީ ކުރެވިފައެއް ނެތް -- ފައިލް ފޮޓޯ: މިހާރު

ބައެއް ރަށްރަށުން ރިސޯޓްތަކުގެ ސީއެސްއާރަށް އެދި ފޮނުވާ ސިޓީތަކަށް ޖަވާބު ވެސް ނުދެ އެވެ. ކައުންސިލަރަކު ވިދާޅުވި ގޮތުގައި، އެކަމާ ވާހަކަ ދައްކާލަން ބައެއް ރިސޯޓްތަކުން އެޕޮއިންޓްމެންޓްގަނޑެއްހާ ހިސާބު ވެސް ނުލިބެ އެވެ.

"ލާރިއެއް ލިބޭނީ އެއިން މީހެއްގެ ފައިންޕުޅު ފެނިގެންތާ. އެވަރު ވެސް ނުވޭ،" ކައުންސިލަރު ވިދާޅުވި އެވެ.

"ފައިސާގެ ވާހަކަ އެއްކިބައިގައި ބާއްވާ. މި އުޅެނީ ސްކޫލް ކުދިން އެ ކުދިން ފީލްޑް ޓްރިޕެއްގައި ދާން ވެސް ހުއްދަ ނުދީގެން ބައެއް ރިސޯޓްތަކުން. އެކަމަކު މިދެންނެވި ރިސޯޓް ބޭނުންވެގެން އަޅުގަނޑުމެން މިތިބީ ކައިރީގައި އޮތް ފިނޮޅެއް ވެސް އެ މީހުންނަށް ހިލޭ ދީގެން. އަޅުގަނޑުމެންގެ އުފާތައް ގުރުބާން ކޮށްފައި އަދިވެސް އެ މީހުންނަށް ކަންކަން ކޮށްދެވޭތޯ އަޅުގަނޑުމެން މި ބަލަނީ."

ޓޫރިޒަމްގެ 50 އަހަރުގެ އަނދިރިފަރާތް

ސަރުކާރުގެ ޕޮލިސީ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅަކު، ނަން ނުޖަހަން އެދިވަޑައިގެން ވިދާޅުވީ، ރަށްރަށް އެހާ ފަގީރުކަންމަތީގައި އޮންނަން ޖެހުމުގެ ޒިންމާ ނަގަން ޖެހޭނީ ސަރުކާރުން ކަމަށެވެ. އޭނާ ވިދާޅުވީ ޓޫރިޒަމްގެ އާމްދަނީ ހަމަހަމަ ގޮތަކަށް ރަށްރަށަށް ބެހިގެން ނުދިޔަ ކަމީ، ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.

"ސިޔާސަތު ރޭވުމުގެ މައްސަލައެއް އެއީ. މިއީ 2022 ވަނަ އަހަރޭ އިނގޭތޯ. އެކަމަކު ރަށްރަށަށް ބަލާލީމަ މި ފެންނަނީ އެ ތަރައްގީއެއް ނޫން،" އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ޓޫރިޒަމްގެ ހަގީގަތަކީ ރަނގަޅަށް އެ ޑިސްޓްރިބިއުޓެއް ނުވޭ. ރަށްރަށް ތަރައްގީއެއް ނުވޭ. ތަރައްގީ ކުރާކަށް ވެސް ސަރުކާރުތަކުން އަޅާލައިފައެއް ނެތް."

ލަގްޒަރީ ބްރޭންޑްތަކާ އެކު، ދުނިޔޭގެ އެންމެ މުއްސަނދިން އެތައް މިލިއަން ޑޮލަރެއް ހޭދަކޮށް މި ގައުމުގައި ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުން ޗުއްޓީ ހޭދަކުރާ އިރު، އެ މީހުންނަށް އަދި މުޅި ދުނިޔެ އަށް ވެސް ނޭނގި އޮތް ކަމަކީ ދިވެހިން އުޅޭ ނިކަމެތި ކަމެވެ. ގައުމުގެ އާބާދީއަކީ އެންމެ ތިން ލައްކައެއްހާ މީހުން ކަމާއި އެ މީހުންނަށް ސާފު ބޯފެން ނުލިބޭ ކަމާއި ނަރުދަމާގެ ނިޒާމެއް ނެތް ކަމެވެ. އެ މުއްސަނދިންގެ ތެރެއިން އެންމެ މީހެއްގެ ޖީބުން މިލިއަނެއްހާ ޑޮލަރު ވައްޓާލާ އިރު، އެއީ އާދައިގެ ރަށެއްގެ 10 ވަރަކަށް އަހަރުގެ ބަޖެޓް ކަމެވެ. -- އެކަމަކު އޭގެ އެއްވެސް ފައިސާއެއް ނިކަމެތި މީހާ އަށް ސީދާ/ ނުސީދާ ގޮތުން ވެސް ނުލިބޭ ކަމެވެ. އޭގެ ބަދަލުގައި، އަސާސީ ހިދުމަތްތަކުން މަހުރޫމްވެވި، ކޮންމެ މީހެއްގެ ބޮލުގައި މި ތިބެނީ ލައްކައެއްހާ ޑޮލަރުގެ ދަރަންޏެއް ބޮލުގައި އަޅައިގެންނެވެ.

ފަންސާސް އަހަރުވީ ޓޫރިޒަމްގެ އެންމެ ހިތާމަވެރި މަންޒަރަކީ ވެސް އެއީ އެވެ. ރައްޔިތުންގެ ރަށްތަކުން ހިތް ފުރި ބަންޑުންވީ މަހުޖަނުންގެ ޖީބުތަކެވެ. އެކަމަކު އާންމު މީހާގެ ޖީބު ފޫދިޔައީ އެވެ. މުއްސަނދިން އިތުރަށް އަދިވެސް މުއްސަނދި ވަނީ އެވެ. ރައްޔިތު މީހާ އިތުރަށް ފަގީރު ވަނީ އެވެ. ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި، އަގުބޮޑުވެގެން ގޮސް އަމިއްލަ މުދަލުގައި ފައި ބީއްސާލާނެ ފުރުސަތު ވެސް ނުލިބި ދުނިޔެއިން ވަކިވެގެން ދާން ޖެހުމަކީ އެންމެ ބޮޑު ނިކަމެތި ކަމެވެ.

ރަށެއްގައި ކުދިންތަކެއް ކުޅެނީ: ގިނަ ދިވެހިން މަރުވެގެން ދަނީ ރިސޯޓެއްގައި ފައި ބީއްސާ ނުލައި -- ފައިލް ފޮޓޯ: މިހާރު

ނަމަވެސް މިއީ ހައްލު ކުރަން ޖެހޭ ކަމެކެވެ. ދެވަނަ ފަންސާހަކަށް ޓޫރިޒަމް ދަތުރު ކުރާއިރު ނިޒާމު އެބަ ބަދަލު ކުރަން ޖެހެ އެވެ. ރިސޯޓްގެ ޖެނެރަލް މެނޭޖަރު ވިދާޅުވި ގޮތުގައި، ސީއެސްއާރާއި މަހުޖަނުންނަށް ބަރޯސާ ވުން ދިވެހިން އެބަ ހުއްޓާލަން ޖެހެ އެވެ.

"ރިސޯޓްތަކުގެ ސީއެސްއާރަކީ ބަރޯސާ ވެވޭނެ އެއްޗެއް ނޫން. އެއީ އިހުތިޔާރެއް. ދެންޏާ ދޭންވީ. އެކަމަކު ޓެކްސް ބޮޑުކޮށް ހެދިއްޖެ ނަމަ މައްސަލަ ހައްލުވެދާނެ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު އެ ވިސްނުން ވެސް މުޅިން ރަނގަޅެއް ނޫނެވެ. އެ ގޮތް ތަޖުރިބާ ވެސް ކޮށްފި އެވެ. ތިން ނަމެއްގައި މިހާރު ވެސް ރިސޯޓްތަކުން ޓެކްސް އެބަ ނެގެ އެވެ. ދައުލަތަށް އެތައް މިލިއަން ޑޮލަރެއް ކޮންމެ އަހަރަކު ވަންނަ އިރު، ޓެކްސް ނަގާތާ 15 އަހަރުވީ އިރު، އަދިވެސް މި ކިޔަނީ ރަށްރަށުގައި ނަރުދަމާ ނޭޅި އޮތް ވާހަކަ އެވެ. މިވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ޓެކްސް ނަގައިގެން ކުރެވުނު ކަމެއް ވެސް ހަގީގަތުގައި ނެތެވެ.

"އަޅުގަނޑުގެ ނަޒަރުގައި ލިބޭ އާމްދަނީ ހަމަ ސީދާ ރައްޔިތުންނަށް ލިބެންވީ،" މި ރިޕޯޓަށް ވާހަކަ ދެއްކެވި ޖެނެރަލް މެނޭޖަރު ވިދާޅުވި އެވެ.

"މި ރިސޯޓްގެ ކައިރީގައި ރަށެއްގެ ކައުންސިލަކު ކުރީ ދުވަހަކު ގުޅައިފި. ގުޅާފައި ބުނެފި މިވެނި ފިނޮޅަކީ ތިމަންނާމެން ރަށުގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ފިނޮޅެކޭ. ތި ރިސޯޓުން މީގެ ފަހުން އެ ފިނޮޅަށް ޓޫރިސްޓުން ފޮނުވޭނީ ބޮލަކަށް 25 ޑޮލަރު ދެއްކީމައޭ. އަޅުގަނޑުމެން އެގޮތަށް އެއްބަސްވިން. މި މަހުގެ 15 އިން ފެށިގެން އަޅުގަނޑުމެން ދެން އެ ފިނޮޅަށް ޓޫރިސްޓުން ފޮނުވާނީ ކައުންސިލަށް ފައިސާ ދައްކައިގެން. އަޅުގަނޑު ދަންނަވަން މި އުޅެނީ މިކަހަލަ ގޮތަކަށް ރަށްރަށުގެ މުޖުތަމައަށް ރިސޯޓްތަކަށް ކޮންޓްރިބިއުޓް ކުރެވިދާނެއޭ."

މިކަހަލަ ވަރަށް ގިނަ ކޮންސެޕްޓްތައް އެބަހުއްޓެވެ. ކުރީ ސަރުކާރުގައި ވެސް މިކަމާ ބެހޭ ގޮތުން ވަރަށް ގިނަ ފޯރަމްތަކެއް ބޭއްވި އެވެ. ރަށު ފެންވަރުގައި، އަތޮޅު ފެންވަރުގައި އަދި ގައުމީ ފެންވަރެއްގައި ވެސް ބޭއްވި އެވެ. އޭގެ ބައެއް ފޯރަމްތަކާއި ހިޔާލު ހޯދުންތައް މި ސަރުކާރުން ވެސް ބޭއްވި އެވެ. މި އަހަރު ވެސް، މިދިޔަ އަހަރު ވެސް ބޭއްވި އެވެ. އެކަހަލަ ބައްދަލުވުންތައް ބާއްވާތާ 50 އަހަރުވީ އެވެ. އަދިވެސް ބާއްވަނީ އެވެ.

ކޮންމެ ފަސް އަހަރަކުން އިންތިހާބު ބާއްވާ އިރު، އަދިވެސް މި ދައްކަނީ ހަމަ ރައީސް މައުމޫން ވެސް އެތައް ދައުރަކަށް ވައުދުވެ ވަޑައިގަތް ކަންތައްތަކެވެ. ރަށްރަށަށް އެވެނި މިވެނި ކަމެއް ކޮށްދެއްވާނެ ވާހަކަ އެވެ. ބަނދަރު ނުހެދި އޮތް ވާހަކަ އެވެ. ފެނާއި ނަރުދަމާގެ ވާހަކަ އެވެ. ނަޖިސް ފެނުން ފެންވަރާ ވާހަކަ އެވެ. މިއީ ނިމުމެއް ނެތް ވާހަކަ އެކެވެ!

135 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 52%
icon angry icon angry 23%
icon wow icon wow 3%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވި،ކުރާ

15 September 2022

ކަރަޕުސަން މިގައުމުގާ މާބޮޑީ ވެރިން އުޅޭނީ ކެއުމުގާ ބަލާބަލަ އެންބަސީތަކުގަ އުޅޭ ގާތް ކުދިން ކޮޅޫގެ މުސާރަ

The name is already taken The name is available. Register?

އެމްސް

18 September 2022

ހިންގޭ ޕްރޮޖެކްޓްތަކުގެ އަގު އެހާ ބޮޑުވާންޖެހޭ ސަބަބަކީވެސް ހަމަ އެއްކަމެއް!

The name is already taken The name is available. Register?

ޢަލީކޮއި

15 September 2022

މައްސަލައަކީ ރިސޯޓްތަކެއްނޫނެވެ. ސިޔާސީ މީހުން ކެމްޕެއިނަށް އައިސް ދިއްކޮށްލާ މަދު ލާރިކޮޅަކަށް ވިކުމެވެ. ސިޔާސީ ޕާޓީތަކުގެ އަވާގައިޖެހި ގުނބޯ ހެދިގެން ތިބުމެވެ. "ރާއްޖެތެރޭ މީހާ" މާލެ ދެވުނީމަ އުޑަށް އެރުނީ ކަމަށް ހީކުރުމެވެ.

The name is already taken The name is available. Register?

ކަޅުބެ

15 September 2022

ޥަރައް ފަހުން އަހަރުމެން އުޅޭކުންފުނިން ރަށެއްގެ ތުނޑީކޮޅުގަ ފަޅުގެބައެއް ހިމެނޭހެން ޓޫރިޒަމް ޑިވެލޮޕްމަޓް ޕްރޮޖެކެޓް ޕްރޮޕޯސަލްއެއް އެރަށުކައުންސިލައް ހުށައެޅިން. އެޕްރޮޕޯސަލްގަ އިންނާނެ އެރަށަށާ ކައިރީގައޮތް ދެރަށައް ކަންތައްތަކެއް ކޮއްދޭން. ޕްރޮޕޯސަލް ހުށައެޅީމަ އެރައް މިހާރު ތަމްސީލުކުރާ ރމ މެންބަރު ކުންފުނީގެ ވެރިންހޯދައިގެން މިއަނގަނީ އޭނަޔައް ވަކިން ހަދިޔާނުދެންޔާ ޕްރޮޕޯސަލް ކުރިޔައްނުކަނޑާނޭ، ތެދެއް އަދިވެސް ކުރިޔަކައް ނުކަނޑަ. ހަމަ ރީނދޫ

The name is already taken The name is available. Register?

ހަބީބާ

15 September 2022

ކޮބާ! ކޮބާ! އާ ތިޔޭ ތިޔޭ ހަބީބައްތަ މިބުނާ ވާހަކައަކީ! ތިޔަ އަލީ އަމްޖަދުމެން ތިއްބަ ތިޔަކަހަލަ ކަމެއް ކުރިޔަކަ ނުދޭނެ! މިރަށު ކައިރީގައި އޮތް ފަސްގަނޑެއް ތަރައްޤީ ކުރަން ބުނީ މިރަށު ކައްޕިވެސް ބުނީ ކޮފީ އަކަށް އަރާލައިގެންނޭ ތިކަމާ ވާހަކަ ދައްކާލެވޭނީ!

The name is already taken The name is available. Register?

ހުތްއާދަނު

14 September 2022

ލިބޭހައި އެއްޗެއް އަޅަނީ މާލެއަށް، ލާރި ހޯދަންވީމައި ރާއްޖެތެރެއަށް

The name is already taken The name is available. Register?

ނަންރީތި ސޯލިހު

15 September 2022

ރައްތަކައް ކަމެއްނުކޮއްދިނަސް ދާއިރާގެ މެންބަރާ ސަރުކާރައް ބައިއަޅަންޔާ ބޭނުންކަމެއްވެ. ރަށަކައް މުއައްޒަފަކައް ކަމެއްނުކޮއްދީ ޓެކްސް ނުދައްކާ އަދި ނުވިތާކައް އެކިމޫސުމާގުލި ޖޫރިމަނާވެސް މާފްވެ، ސަރުކާރައް އެންމެ ލޯލާރިއެއްވެސް ޓެކްސްގެގޮތުގަނުދީވެސް ހަމައެޔޮއް ރިސޯޓުތައް ހިންގާނަގަނީއެއްނު. ކީއްކުރެވޭނީ؟ 2023 އިންތިހާބައްވެސް ޕާޓީ ސަރުކާރުހޮވަން ރާލިތަޅާލީމަ ނިމުނީ. ހަމައެބުނާ ރައްރަށުގެ މީހުން ހެވިފަ ވޯޓުވެސްދޭނެ.

The name is already taken The name is available. Register?

އަފްރާސިޔާބު

14 September 2022

އަސްލު ތަރައްގީއަކީ މަދުބަޔަކު މުއްސަނދިވެފައި ގިނަބަޔަކު ފަގީރު ހާލުގައި އުޅުން. އެއީ ޑިމޮކްރަސީގެ އެއްތަނބު. ހައްގު ލިބިދިނުން މުއްސަނދިންނަށް. އަދަބު ލިބިދިނުން ފަގީރުންނަށް. ޔޫރަޕުން މިފަހަރު ފެންނާނެ ހަގީގީ ޑިމޮކްރަސީ. އާންމުން ފިނީގައި މަރުވަމުންދާއިރު ވެރިން ހޫނުކޮށްގެން ކޮފީގައި ސަމާސާ ބަސްބުނުމުގައި.

The name is already taken The name is available. Register?

ލުތުފީ

14 September 2022

ރިސޯޓުގެ ފައިދާ ލިބެނީ މަދު ބަޔަކަށް. އެމީހުން މުޅި ދުނިޔޭގަ އުދުހެނީ. ބިމުގަ ފައިޖެހޭ ވަގުތަށްވުރެ، މަތީގަ އުދެހޭވަގުތު ގިނަވާނެ އެމީހުން. މިއީ ސަރުކާރުތަކުގެ ދޯހަޅިކަމުން ވާގޮތް.

The name is already taken The name is available. Register?

އެމްސް

15 September 2022

ރިސޯރޓްތަކުގަވެސް %90 މުވައްޒަފުންނަކީ ބިދޭސީން! މިފަދަ ތަންތަނުން އިތުރު ޓެކްސްއެއް ނަގާ، ވަޒީފާއިން މަޙްރޫމްވެފަ ތިބި ދިވެހިންނަށް ދެމާ!

The name is already taken The name is available. Register?

ޟީސާ

14 September 2022

ސަރުކާރުންވެސް މުއްސަނދިންގެ ދަށުވެފަ

The name is already taken The name is available. Register?

ރަމްޒީ1

14 September 2022

ޤައުމުގެ ދެތިން މަހުޖަނުން މިހުރިހާ ފައިދާއެއް އެހޯދަނީ ސަބަބެއް ނެތިއެއް ނޫން ރަށްރަށުގެ އާބާދީ މަދުވުން އެންމެ ބޮޑު އެއް ގޮންޖެހުން މާލޭގައި ބޮޑު އާބާދީއެއް އޮތުން ގިނަ ފުރުސަތުލިބޭ އެކި ގޮތްގޮތުން މާލޭގައި ކަންމަތިފިހާރައެއް ހުޅުވިޔަސް ބޭރުމީހާޔަށް ދިފަވެސް ފައިދާވޭ ފައިދާވާތީދޯ އަހަރު ނުވަނީސް ދެވަނަތަން އެހުޅުވަނީ ތަނެއް އިމާރާށް ކުރިޔަސް ކުއްޔަށް ދެވޭ ވިމާ ފައިދާ އޮވޭ އެހެން ރަށްތަކުގައި ފައިދާނުވަނީ ހަމަ އާބާދީ މަދުވުން ...........

The name is already taken The name is available. Register?

އެމްސް

15 September 2022

ކަންމަތީ ފިހާރަތައް ގިނަވުމީ އިޤްތިސާދު ރަގަނޅުވާ ކަމެއް ނޫން، އެއަކުން މިޤައުމަށް ވަންނަ އާމްދަނީއެއް ނެތް! ބިދޭސީން ގިނަވުމީ އިގްތިސާދަށްވެސް އޮތް ނުރައްކަލެއް، އެއީ ޤައުމުން ބޭރުވާ ފައިސާ!

The name is already taken The name is available. Register?

ޖާބެ

14 September 2022

ލާމަރުކާޒީ ނިޒާމް ނުވަތަ ޖަޒީރާ ސިޔާރުގަ އިގްތިސާދެއް ބިނަައެއްނުކުރެވޭނެ 100 މީހުންގެ ރަށެއްގަ ސަންގހާއީ ޕޯޓްއެއް, ބްރިޖް ޙަލީފާވަރުގެ އިމާރަަތެއް، މައުންޓް އެލިޒަބަޓް ހޮސްޕިޓަލެއް، ހީތްރޯ އެއާޕޯޓެއް، މިއީ މިގައުމުގެ ރައްޔިތުންގެ ބޮލުގަހުރި ވިސްނުން ދެން ސިޔާސީމީހުން އެނަނާހުވަފެން މިދައްކަނީ މިއީ ޕްރެކްޓިކަލީ ވާނެކަމެއްނޫން ތަހުޒީބުވަނީ ސީޓީއަކައްވަނީ 1 މިލިއަންމީހުން ހަމަވީމަ, ރށެއްގަ ސްޕާރީވިއްކިޔަސް ވިއްކޭނީ 100 ސުޕާރީ

The name is already taken The name is available. Register?

އެމްސް

15 September 2022

ހުރިހާ ރަށެއްގަ ހުރިހާ ކަމެއް ހުންނާކަށް ނުޖެހޭ، އެކަމަކު ހުރިހާ ރަށެއްގަ މީޖުނަށްވެސް ކައިރި ރިސޯރޓްތަކުން ނަމަވެސް ވަޒީފާ އޮތިއްޔާ ފުދޭނެ! އެއާއި އެކު ދެން ބޭނުންވާނީ ދަތުރުފަތުރުގެ ފަސޭހަ އަދި ލުއިގޮތެއް!

The name is already taken The name is available. Register?

މުހަށްމަދު

14 September 2022

ސޮނޫ ކޮންކަމެއް ކޮއްދިނީ..

The name is already taken The name is available. Register?

ނަމުން ތޯހިރު

15 September 2022

ސަރުކާރު ދަމަހައްޓަން ލާރިދޭ، ކޮޥިޑްތެރޭ ކޮޥިޑް ޓެސްޓްކުރާ މެސިނެއްގެނެސްގެން މީހުންފެލި. އެވަރުވީއިރުވެސް އެކިތަންތަނުން ކިލޯކިލޯގަ ރާއްޖެއައް ހިލޭއޮއްސި އެހީތަކުގެތެރޭން މާސްކް ގަނޑެއްވެސް ރައްޔިތަކައް ހިލޭނުލިބެ. ރަނގަޅެއްނު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454