ހައި ކޯޓުގެ ފަނޑިޔާރު ޝުއައިބު: މާދަމާއިން ފެށިގެން ފަނޑިޔާރުގެ މަގާމުން ރިޓަޔާކުރައްވާނެ.-- ފޮޓޯ: މިހާރު
21 ނޮވެމްބަރ 2022 - 12:01
ހައި ކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ، މާދަމާ އިން ފެށިގެން ފަނޑިޔާރުގެ މަގާމުން ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ.
ހައި ކޯޓުން މިއަދު ބުނީ އެ ކޯޓުގައި 11 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވުމަށް ފަހު ފަނޑިޔާރު ޝުއައިބު މާދަމާ އިން ފެށިގެން ފަނޑިޔާރުގެ މަގާމުން ރިޓަޔާ ކުރައްވާނެ ކަމަށެވެ.
އެ ކޯޓުން ވަނީ ފަނޑިޔާރުކަމުގެ މަގާމުގައި ޝުއައިބު ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް "މިހާރު" އަށް ކުރިން ވިދާޅުވީ ފަނޑިޔާރު ޝުއައިބު ރިޓަޔާކުރައްވަން ނިންމެވީ ސިއްހީ ސަބަބުތަކާ ހެދި ކަމަށެވެ. އެނގިފައިވާ ގޮތުގައި އޭނާ ގެންދަވަނީ އިންޑިއާގައި ބޮޑު ބައްޔަކަށް ފަރުވާ ހޯއްދަވަމުންނެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، ގދ. ހޯނޑެއްދު އަށް އުފަން ޝުއައިބު އައްޔަންކުރީ މާޗު 26، 2011 ގަ އެވެ.
ޝުއައިބު، ގާނޫނާއި ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލު ކުރެއްވީ ގަތަރު ޔުނިވާސިޓީން 1997 ގަ އެވެ. އޭގެ ފަހުން 2006 ވަނަ އަހަރު އޭނާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯ ހައްދަވައިފަ އެވެ.
އޭނާ ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރު ކަމާއި ހާއްސަ ގާޒީ ކަމާއި އާއިލާއާ ބެހޭ ކޯޓުގެ ގާޒީ ކަމާއި މަދަނީ ކޯޓާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޒީކަން ހިމެނެ އެވެ. ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސްކަން ވެސް ކުރެއްވި އެވެ.
މަޖީދިއްޔާ ސްކޫލްގައި ކިޔަވައި ދެއްވުމުގެ އިތުރުން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގައި ލެކްޗަރާއެއްގެ ގޮތުގައި ވެސް ޝުއައިބު މަސައްކަތް ކުރެއްވި އެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ ވެސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފަ އެވެ. އެހެންވެ، އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ފަނޑިޔާރު ހުސެއިން ޝަހީދާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޔާޒުރަޝީދަށްހަ..ކުހުރި
22 November 2022
ދިމާވީ ވަރަށް ދެރަގޮތެއް، އާލާސްކަންފުޅަށް އަވަސް ޝިފާއަކަށް އެދެން.
ށަވިޔަނި
21 November 2022
ޝުއައިބަކީ ތެދުވެރި ކަމާއި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރި ފަނޑިޔާރެއް. މަރުހަބާ.
ރިޔާޒު ރަށީދު
21 November 2022
ފަނޑިޔާރުންނަކީ ކިބުރުވެރި އަބުއި ބޮޑާ ބަޔަކަށް ވާންޖެހޭ ކަމަށް ދެކިގެން އުޅޭ ބަޔަކު ތިބޭހާ ހިނދަކު ރައްޔިތުންގެ ބޭތުލް މާލަށް ވާނީ ބުރަ. ފަނޑިޔާރުން ވާންޖެހެނީ ތެދުވެރި ނަޒާހަތްތެރި ބަޔަކަށް. އަބުއި ބޮޑާ ބަޔަކަށް ނޫން. އޯލްޑް ސްކޫލް
ނުސައިބާ
21 November 2022
ޖުޑީޝަރީއަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް. އުފާވެރި ކާމިޔާބު ދުވަސްތަކަކަށް އެދެން.
ފަޒާގެޖައްވު
21 November 2022
ބުއްދިވެރި ގޮތަކީ އަވަހަށް މިވެރިކަމާ ފެއަށް ޖެހުން