ހައި ކޯޓުގައި 11 އަހަރު ވަންދެން ހިދުމަތް ކުރެއްވުމަށް ފަހު، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ.
ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް "މިހާރު" އަށް މިރޭ ވިދާޅުވީ، ފަނޑިޔާރު ޝުއައިބު ރިޓަޔާ ކުރައްވަން އެދިވަޑައިގަތުމުން އެ ކަން އެ ގޮތަށް ކުރިއަށް ގެންދަން އެ ކޮމިޝަނުން މިހާރު ނިންމާފައިވާ ކަމަށެވެ.
އިޒްމީރާ ވިދާޅުވި ގޮތުގައި، ފަނޑިޔާރު ޝުއައިބު ރިޓަޔާ ކުރައްވަން އެދިވަޑައިގަތީ ސިއްހީ ސަބަބުތަކާ ހެދި އެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، ގދ. ހޯނޑެއްދު އަށް އުފަން ޝުއައިބު އައްޔަނުކުރީ މާޗު 26، 2011 އިގަ އެވެ. އޭނާ ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވާނެ ދުވަހެއް ޖޭއެސްސީން އަދި ނުބުނެ އެވެ.
ޝުއައިބު، ގާނޫނާއި ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލު ކުރެއްވީ ގަތަރު ޔުނިވާސިޓީން 1997 ގަ އެވެ. އޭގެ ފަހުން 2006 ވަނަ އަހަރު އޭނާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯ ހައްދަވައިފަ އެވެ.
ޝުއައިބު ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރު ކަމާއި ހާއްސަ ގާޒީ ކަމާއި އާއިލާއާ ބެހޭ ކޯޓުގެ ގާޒީ ކަމާއި މަދަނީ ކޯޓާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޒީކަން ހިމެނެ އެވެ. ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސްކަން ވެސް ޝުއައިބު ކުރެއްވި އެވެ.
އޭނާ ވަނީ މަޖީދިއްޔާ ސްކޫލްގައި ކިޔަވައި ދެއްވުމުގެ އިތުރުން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސް އާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގައި ލެކްޗަރާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.