ޚަބަރު / ކްރިމިނަލް ކޯޓް

ޑޮލަރު ގަތް ކަމަށް ބުނެ ޔާމީން ހުށަހެޅީ އުފައްދާފައިވާ ހެކި، ދިނީ ދޮގު ހެކިބަސް: ހުކުމް

"މި ހެކިންނަކީ ހެކިބަސް ދިނުމަށް އުފައްދައިގެން ވަކި ކަމެއް ހާސިލް ކުރުމަށް ހުށަހަޅާފައިވާ ހެކިން ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ"

ޔާމީނާއި އެމަނިކުފާނުގެ ދިފާއުގައި ހެކިބަސް ދިން ނަރީޝް: ދިފާއީ ހެކިންނަކީ އުފައްދާފައިވާ ހެކިތަކެއް ކަމަށް ހުކުމުގައިވޭ --- ފޮޓޯ/މިހާރު

26 ޑިސެމްބަރ 2022 - 22:34

97 comments

ވ. އާރަށް މައްސަލާގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ބުނެ އެމަނިކުފާނުގެ ދިފާއުގައި ކޯޓުގައި ހެކިބަސް ދީފައިވަނީ ދޮގު ހެކި އުފައްދައިގެން ކަމަށް ޔާމީން ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފި އެވެ.

އާރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި މައްސަލާގައި ޔާމީނަށް ކުރި ދައުވާގައި އެމަނިކުފާނުގެ ފަރާތުން ކޯޓުގައި ނެގި ދިފާއުއަކީ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް އަތުން ޑޮލަރު ގަތުމަށް ހިންގި މުއާމަލާތެއް ކަމަށެވެ. ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް އިއްޔެ ކުށް ސާބިތުވެ، ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.

އެއް މިލިއަން ޑޮލަރަށްވާ 15 މިލިއަން ދިވެހި ރުފިޔާ ޔާމީންގެ އެދުމުގެ މަތިން އެ މަނިކުފާނުގެ ގެކޮޅުގައި އަތުން ގުނުމަށްފަހު ކާރެއްގައި ގެންގޮސް ޔޫސުފް ނައީމާ ހަވާލުކުރި ކަމަށް ބުނެ ޔާމީންގެ ދިފާއުގައި ހެކިބަސް ދިނީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝާއި އަބްދުﷲ ރަޝީދު ކިޔާ މީހެކެވެ.

މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ކޯޓުގައި ހެކިބަސް ދިނީ ޔޫސުފް ނައީމް އަތުން ޑޮލަރު ގަތުމުގެ މުއާމަލާތް ޔާމީނަށް ހަމަޖައްސައިދިން ކަމަށް ބުނެ އެވެ.

"މިއީ އުފައްދާފައިވާ ހެކި"

ކްރިމިނަލް ކޯޓުން މިއަދު އާންމުކުރި ހުކުމުގައިވަނީ ޔާމީންގެ ފަރާތުން ހެކިބަސް ދިން އެ ހެކިންނަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ހުށަހަޅާފައިވާ ހެކިން ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ހެކިން ދެއްކި ވާހަކަތަކަށް ބަލާއިރު އޮޅުވާލުމުގެ އިތުރުން ކަނޑައެޅިގެން ދޮގު މައުލޫމާތު ކޯޓަށް ދީފައިވާ ކަމަށާއި ހެކިންގެ ހެކިބަހުގައި ހުރި ފުށުއެރުންތަކާއި ދެކޮޅު ނުޖެހޭ ވާހަކަތަކުން އެކަން ހާމަވެފައިވާ ކަމަށް ހުކުމުގައިވެ އެވެ.

"މި ހެކިންނަކީ ހެކިބަސް ދިނުމަށް އުފައްދައިގެން ވަކި ކަމެއް ހާސިލް ކުރުމަށް ހުށަހަޅާފައިވާ ހެކިން ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ..." ހުކުމުގައިވެ އެވެ.

ހެކިންގެ ހެކިބަހުގައި ހުރި ފުށުއެރުންތަކާއި ހަމަނުޖެހޭ ކަންކަން ވެސް 105 ސޮފްހާގެ އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ. އެގޮތުން 15 މިލިއަން ރުފިޔާ ޔޫސުފް ނައީމާ ހަވާލުކުރި ދުވަހެއް ބުނެ ނުދެވޭއިރު، އެއީ ދުވާލު ކަމެއް ނުވަތަ ރޭގަނޑު ކަމެއް ވެސް ހެކިންނަށް ބުނެ ނުދެވޭ ކަމަށާއި އެކަމަކު އެދުވަހު ހިނގި އެހެން ކަންކަމުގެ ވަރަށް ކުދިކުދި ތަފްސީލުތައް ހެކިން ބުނެފައިވުމަކީ ހައިރާންވާން ޖެހޭ ފަދަ ކަމެއް ކަމަށް ހުކުމުގައިވެ އެވެ.

"ކާރުގައި އަހުމަދު ނަރީޝް އިށީނދެގެން އިން ތަނާއި އަބްދުﷲ ރަޝީދު އިން ތަނާއި ފައިސާ ދަބަސްތައް ބަހައްޓާފައި ހުރީ ކާރުގެ ކޮންތަނެއްގައި ކަން، އެކަންކަން އެއްވެސް އުނދަގުލެއް ނެތި އަހުމަދު ނަރީޝަށް ބުނެދެވުނެވެ. މިހާ ކުދިކުދި ތަފްސީލުތަކާ ގުޅިގެން ސުވާލު ކުރުމުން ވަގުތުން ޖަވާބު ދީފައިވާކަން އެނގެން އޮންނައިރު މި މުއާމަލާތް ހިނގީ ދުވަހުގެ ކޮން ވަގުތެއްގައިކަން ބުނެދޭން އަހުމަދު ނަރީޝަށް ނޭނގުމަކީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު އަޖައިބު ކުރުވަނިވި، ހައިރާން ކުރުވާ ވަރުގެ ކަމެއް." ހުކުމުގައި ބުނެފައިވެ އެވެ.

ޔާމީން ރޭ ޖަލަށް ގެންދަނީ --- ފޮޓޯ/މިހާރު

"އަހުމަދު ނަރީޝްގެ ގެއިން ގ. ދޫވެއްސަށް، ގ. ދޫވެހިން ޔޫސުފް ނައީމްގެ ގެއަށް، ޔޫސުފް ނައީމްގެ ގެއިން އެނބުރި ގ. ދޫވެއްސަށް މާލޭގެ މަގުތަކުން ދަތުރު ކުރިއިރު އެކަން ހިނގީ ދުވާލު ކަމެއް ނުވަތަ ރޭގަނޑު ކަމެއް ބުނެދޭން ނޭނގުމަކީ އަޖައިބެއް." ހުކުމުގައިވެ އެވެ.

"ގަބޫލު ކުރެވެނީ ހެކިވެރިޔާ ހެކިބަސް ދީފައިވަނީ ނުހިނގާ ކަމެއް ހިނގި ކަމަށް ބުނެ ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ތައްޔާރުވެގެން ކަމެވެ." އިސްގާޒީ އަހުމަދު ޝަކީލް އިއްވެވި އެ ހުކުމުގައި ބުނެފައިވެ އެވެ.

ނަރީޝްއާ އެކު އެދުވަހު އެގެއަށް ދިޔަ ދެވަނަ މީހާގެ ހެކިބަހުގައި ހުރި ފުށުއެރުންތައް ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ. އެގޮތުން ދޫވެހީގައި ފައިސާ ގުނިއިރު ހުރީ ކޮޅަށް ކަމެއް ނުވަތަ ތިބީ އިށީނދެގެންކަން އޭނާއަށް ބުނެ ނުދެވޭއިރު، ޔޫސުފް ނައީމްގެ ގެއަށް ވަނީ ކިހިނެއްކަން ވެސް ބުނެ ނުދެވޭ ކަމަށް ހުކުމުގައިވެ އެވެ.

ޔާމީންގެ މައްޗަށް ސާބިތުވި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ ހުކުމް

މީގެ އިތުރުން 15 މިލިއަން ރުފިޔާ ގެންގޮސް ޔޫސުފް ނައީމާ ހަވާލު ކުރުމުން ފައިސާ ހަމަތޯ ގުނުމެއް ނެތި ޔޫސުފް ނައީމް ލިޔުމެއްގައި ސޮއިކުރި ކަމަށް ނަރީޝް އާއި ދެވަނަ މީހާގެ ހެކިބަހުގައި ބުންޏަސް، އެއީ ސަބަބުވެރި އިންސާނަކު ކުރާނެ ކަމެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.

ޔޫސުފް ނައީމަށް 15،420،000ރ. ގެންގޮސް ހަވާލުކުރީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށް ނަރީޝް އާއި އަބްދުﷲ ރަޝީދު ބުނެފައި ވާއިރު އެކަމުގައި ވެސް ސުވާލު އުފެދިފައިވެ އެވެ. ޔޫސުފް ނައީމަށް އެއް މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ ލިބުނު ކަމަށް ބަޔާންކޮށް، އެއްވެސް ތާރީހެއް ނުޖަހާ އޮތް ލިޔުމުގައި ބުނެފައި އޮތީ ޔާމީނަށް އެއް މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ.

ހުށަހަޅާފައިވާ ލިޔުންތަކުން ޔޫސުފް ނައީމްގެ އެކައުންޓުން ދިން އެއް މިލިއަން ޑޮލަރުގެ ޗެކް ޔާމީންގެ އެކައުންޓަށް ޖަމާވެފައި ވަނީ ސެޕްޓެމްބަރު 17 ވަނަ ދުވަހު އެވެ. ޝަރީއަތް ނިމުނު ރިޕޯޓްގައި ބުނެފައިވަނީ މި ކަންކަމަށް ބަލާއިރު، ހެކިވެރިން އެ ބުނާ ގޮތަށް ފައިސާ ގެންދިޔަ ނަމަ ގެންގޮސްފައި ވާނީ ސެޕްޓެމްބަރު 17 ނުވަތަ އެ ދެވަހުގެ ފަހުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ފައިސާ ހަވާލުކުރި ކަމަށް ބުނާ ތާރީހާ މެދު ސުވާލު އުފެދެނީ ޖެހިގެން އައި، ސެޕްޓެމްބަރު 18 ވަނަ ދުވަހު ޔާމީން ހައްޖުގެ އަޅުކަމަށް ސައޫދީ އަރަބިއްޔާއަށް ފުރާވަޑައިގެންފައި ވާތީ އެވެ. ފައިސާ ހަވާލުކުރީ ޔާމީނަށް އެއް މިލިއަން ޑޮލަރު ޖަމާވި ސެޕްޓެމްބަރު 17 ވަނަ ދުވަހު ކަމަށް ވެދާނެ ކަމަށް ބެލިޔަސް އެ ދުވަހު ހެނދުނު 6:00 އަށް ނަރީޝް އޭނާ އޭރު ވަޒީފާ އަދާކުރި ސިފައިންގެ ޑިއުޓީއަށް ނުކުތްކަން ދައުލަތުން ހުށަހެޅި ހެކިން ސާބިތުވެ އެވެ. އެކަމަކު ނަރީޝް ފައިސާ ހަވާލުކުރަން ވަޑައިގަތް ނަމަ އެއީ ޑިއުޓީގައި ހުރެފައި ކަމެއް ނުވަތަ ފަހުން ކަމެއް ދައުލަތަށް ސާބިތުކޮށްދެވެން ނެތީ ފައިސާ ހަވާލުކުރީ ދުވާލު ނުވަތަ ރޭގަނޑުކަން ވެސް ނަރީޝް އަށް ބުނެދޭން އެނގިވަޑައިނުގަތުމުން ކަމަށް ގަބޫލުކުރެވޭ ކަމަށް ގާޒީ ވިދާޅުވެފައިވެ އެވެ

ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްގެ ހެކިބަހުން ވެސް، ޔޫސުފް ނައީމް އަތުން ޑޮލަރު ގަނެވޭނެ އިންތިޒާމް ހަމަޖައްސައިދިން ކަމަށް ބުނާ ބުންޏަސް، އިތުރު ކަމެއް އެނގެން ނެތުމުން އޭނާގެ ބަހަށް ބުރަދަން ނުދެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު އަގުހުރި ވަގުތުތަކެއް ނަގާލައިގެން މީސްމީހުންނަށް ގުޅައިގެން ގެކޮޅަށް ގެންގޮސް ފައިސާ ގުނުވައިގެން އަދި ޔޫސުފް ނައީމާ ހަވާލުކުރި ކަމަށް ބުނާއިރު، އެގޮތަށް އެކަން ކުރީ ނުބައި ނިޔަތެއް އޮވެގެން ކަން ހާމަވެ އެވެ.

ޔާމީންގެ ހަނު ހުރުން އެ މަނިކުފާނާ ދެކޮޅަށް

ހުކުމުގައި ދެން ފާހަގަކުރީ ޔާމީން ތަހުގީގުގައި ހަނު ހުރުމަށްފަހު ކޯޓުގައި ދިފާއީ ހެކި ހުށަހެޅި މައްސަލަ އެވެ. ހުކުމުގައިވަނީ އެއީ ހަގީގަތުގައި ވެސް ޑޮލަރު ވިއްކުމުގެ މުއާމަލާތެއް ނަމަ ތަހުގީގުގައި އެކަން ހާމަކޮށްފައި އޮންނާނެ ކަމަށެވެ.

"މައުސޫމް މުއާމަލާތަކާ ގުޅިގެން ޖިނާއީ ބޮޑު ތުހުމަތެއް ކުރެވުމުން ސަބަބުވެރި އިންސާނާ އަވަސްވެގެންނާނީ އެ ތުހުމަތުން ބަރީއަވެވޭނެ ހެކި އަތުގައި ހުރީތީ އެ ހެކިތައް ވަގުތުން ހާމަ ކުރުމަށެވެ. ޖިނާއީ ބޮޑު ތުހުމަތަކުން ސަލާމަތްވާނެ ސާބިތު ހެކި އަތުގައި ހުރެ، އެ ހެކިތައް ހާމަ ނުކޮށް ހަނު ހުންނާނެ ސަބަބުވެރި އެއްވެސް އިންސާނަކު ހުރެދާނެ ކަމަށް ބުއްދި ގަބޫލެއް ނުކުރެ އެވެ."

ޔާމީންގެ ދިފާއީ ހެކީގެ ގޮތުގައި ހުށަހެޅި ޑޮލަރު ގަނެ ވިއްކުމުގެ ލިޔުމަކީ ވެސް ތަހުގީގު މަރުހަލާގައި ހާމަކުރެވެން އޮތް އެއްޗެއް ކަމަށާއި އެހެންވެ މިއީ ސައްހަ ލިޔުމެއް ކަމަށް ޝަރީއަތުން ވަނީ ގަބޫލު ނުކޮށްފަ އެވެ. އަދި އެއީ އެއްވެސް ތާރީހެއް ވެސް ނެތް ލިޔުމަކަށް ވާތީ މައްސަލައާ އެ ލިޔުން ރެލަވަންޓް ނޫން ކަމަށް ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން ތަހުގީގު މަރުހަލާގައި އެއްކޮޅަށް ހުރި ހެކި ހާމަނުކޮށް ޝަރީއަތުގައި ހާމަކުރި ހެކިންނަކީ އުފައްދައިގެން ހުށަހެޅި ހެކި ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެ ހެކިންގެ ހެކިބަހަށް އެއްވެސް ވަރެއްގެ ބުރަދަނެއް ނުދެވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ދެކޮޅަށް ހެކި ލިބިފައި ހުއްޓާ ތަހުގީގުގައި ހަނު ހުރުމަކީ އެ މީހަކާ ދެކޮޅަށް ބޭނުން ކުރެވިދާނެ ގަރީނާއެއް ކަމަށް ހައި ކޯޓުން ނިންމާފައިވާ ކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި ޖަވާބުދާރީވާންޖެހޭ ހާލަތެއްގައި ހުރެ، ހަނު ހުރުމަކީ ޖަވާބެއް ކަމަށް ބެލެވޭނެ ކަމަށް އޮންނަ ފިގުހީ ގާއިދާއެއް ހުކުމުގައި ފާހަގަކުރި އެވެ.

މައްސަލައިގެ ތަހުގީގުގައި ހުށަހެޅެން ހުރި ހެކި ހުށަނޭޅުމަކީ ހުކުމުގައި ބުނެފައިވާ ގޮތުން، ޖިނާއީ އަދުލުގެ ނިޒާމާއި ނިޒާމުގެ އިޖުރާއަތުތައް މުއްތަހަމުން ބޭނުން ގޮތަކަށް ބައްޓަންކޮށް ޖިނާއީ ތަހުގީގާއި ޖިނާއީ އިޖުރާއަތުތަކާއި ނިޒާމަށް ގޮންޖަހާ ގޮތަކަށް، ނިޒާމު ކުޅިވަރަކަށް ހަދައި ހުށަހަޅާފައިވާ ހެކިތަކެއް ކަމަށް ބެލެވެ އެވެ.

ޔާމީންގެ ދިފާއުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ހެކިބަސް ޔާމީނާ ދެކޮޅަށް ބޭނުން ނުކުރެވޭނެ ކަމަށް ޝަރީއަތުގައި ވަކާލާތު ކުރި ނަމަވެސް ޔާމީނަށް މީގެ ކުރިން މަނީ ލޯންޑަރިން ކުށުގައި އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ކްރިމިނަލް ކޯޓުން ވަނީ ބަލައިފަ އެވެ. އެމްއެމްޕީއާރްސީ ޚިޔާނާނުގެ ކުށް ސާބިތުވެ މިހާރު ހުކުމް ތަންފީޒުކުރަމުންދާ އެ ދެ މީހުންގެ ހެކިބަސް ހަމައެކަނި އެ މީހުންގެ ބަހަށް ބަލައިގެން ގަބޫލު ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެކަމަކު އެ މީހުންގެ ބަހާއި އިތުރު ހެކިތަކާ ގުޅިގެންދާ ނަމަ ހެކިބަސް ގަބޫލުކުރެވޭނެ ކަމަށް ބަޔާންކޮށްފައި ވާތީ މިފަހަރުގެ ހުކުމުގައި ވަނީ އެގޮތަށް އަދީބާއި ޒިޔަތުގެ ހެއްކަށް ބުރަދަން ދީފަ އެވެ.

ޔާމީންގެ މައްޗަށް ސާބިތުވި، ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި ވަނީ 11 އަހަރަށް ޖަލަށް ލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމްކޮށްފަ އެވެ. މައްސަލާގައި ހިމެނޭ ޔޫސުފް ނައީމަށް ވަނީ ރިޝްވަތު ދިނުމުގެ ކުށް ސާބިތުވެ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

97 ކޮމެންޓް, 77 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 1%
icon angry icon angry 22%
icon wow icon wow 4%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލޯޝާ

28 December 2022

ޔާމީނަށް ޙުކުމެއް ކުރީ ވ. އާރަށް އެއްމިލިއަން ޑޮލަރުގެ ރިޝްވަތު ނަގައިގެން ނުއަގުގައި ދިނުމާއި، އެފައިސާ ލިބުނުގޮތް އޮޅުވާލުމުގެ ނުބައި ނިޔަތުގައި އެތަކެއް އެކައުންޓްތަކަށް ދައުރުކޮށް ލޯންޑަރ ކުރުމުގެ ކުށް ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ބަޔާންކޮށްފައިވާ ގޮތުގެމަތީން އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވެ ކުއްވެރި ވުމުގެ ސަބަބުން! ދެންކޮންމެހެން ދޮންދުބުރިއެއް ދޮންއަނބަކަށް ހަދަން އުޅޭނެކަމެއްނެތް!

The name is already taken The name is available. Register?

ކަނބިލި

27 December 2022

ތިޔަ ނިމުނީ. އިންޑިއާ ނުރުހޭ ކެންޑިޑޭޓަކު ދެން މި ގައުމުގެ ވެރިކަމަކަށް ނާދެވޭނެ. އިންޑި ފަރސްޓް ޕޮލިސީއަކީ މިއީ

The name is already taken The name is available. Register?

ސަބަބުވެރިފަނި

27 December 2022

ސަބަބުވެރި އިންސާނެއްގެ ސިކުނޑިން ވިސްނާއިރު 2015ގައި ހިނގި ކަމެއްގެ ކުދިކުދި ތަފްސީލު އަހާއިރު ރެކޯޑްކުރެވިފައި އޮންނަ ޓޭޕެއްގަ އޮންނަހެން ހުރިހާ ތަފްސީލެއް މީހެއްގެ ސިކުނޑީގަ ނުފުހެވި އޮންނާނެ ކަމަށް ކީއްވެބާ ގަބޫލުކުރެވުނީ. ސިކުނޑީގައި ރައްކާކުރެވޭ ހަނދާންތައް ކޮންމެ ފަހަރަކު އަލުން ވިސްނުމަށް ގެނުވާއިރު ބައެއް ކަންކަން ގެއްލޭނެކަން އެއީ އެނގެން އޮންނަ ސާފު ހަގީގަތެއް. އެކި މީހުންގެ ސިކުނޑިން ހަނދާނުގަ ސާފުކޮށް ބަހައްޓާނީ އެކި ކަންކަން.

The name is already taken The name is available. Register?

ހަސަންކާރި

27 December 2022

ކޮންމެ އެއްޗެއް ކިޔަސް، އުންސުރާ ފަންސުރު ހަމަނުވިޔަސް، ޔާމީނު ވައްކަން ނުކުރާކަމަކަށް ނުވާނެދޯ؟

The name is already taken The name is available. Register?

ސަބަބުވެރިފަނި

27 December 2022

ޔާމީނު ވައްކަމެއް ނޫން ކުރީކީ. ޔާމީނު ރައީސްކަމުގަ ހުރެ ފައިސާ ގެންގުޅެންނުވާ ގޮތަށް ގެންގުޅުނީ. އެކަމަށް އަދަބުވެސް ލިބެންވާނެ. ޔާމީނު ހަގީގަތުގަ އެވަރަށް ވައްކަންކުރިނަމަ ޔާމީނަށްވުރެ އަދީބު މުއްސަންޖެއްނުވާނެ. ދައުލަތުން ގެއްލުނު ފައިސާގެ ކިތައް ޕަސެންޓްތަ ޔާމީނަށް ލިބިގެން އުޅެނީ. އިހަށް އެއެއް ބަލާބަލަ.

The name is already taken The name is available. Register?

އާޗާ

27 December 2022

މީހަކު ކޮޅަށްހުރެތޯ އޮށޯވެއޮވެތޯ ކަމެއް ކުރީ ހަނދާންނެތިގެން އޭނާ ދައްކާ ވާހަކަ ބަލައިނުގަތުމަކީ ވަރަށް ހެއްވާ ވާހަކައެއް. އޭނަ އެދުވަހު ސިފައިންގެއަށް ވަތްގޮތަށް އެތަނުގަ ތަތްލަވާފަ ހުރީތަ އޭނަ ބޭނުންއިރަކު އެތަނުން ނުނިކުމެވެން؟ ތަހުގީގުގައި ހަނުހުރި ފުރަތަމަ ކުށްވެރިއާތަ ޔާމީނަކީ؟ އެހެން މީހުން ހަނުތިބީމަ ޝަރީއަތުގަ ވަނީ ފައިދާ. ޔާމީނުވީމަ ކުށްވެރިވާކަމުގެ ބޮޑު ހެއްކަކަށް އެވަނީ. 2015ގެ ކަމެއް ވީޑިއޯރިކޯޑިންގއެއްހެން ސިކުނޑީގަ ހަރުލާފަހުރޭބާ

The name is already taken The name is available. Register?

ގަރަގުވެރި

27 December 2022

ސަބަބުވެރި އިންސާނެއްގެ ވިސްނުމަށްވުރެ ތިއޮތީ ނަފްރަތުކުރާ އިންސާނެއްގެ ވިސްނުމުންނާ، ސިޔާސީ ސަބަބުވެރި ވިސްނުމުންނާ، ކުރީބައިގައި މީހަކާމެދު ވަކި ގޮތަކަށް ނިންމައިގެން އެކަމާ އެއްގޮތަށް ވާހަކަ ބައްޓަންކޮށްގެން ކޮށްފައި އޮތް ހުކުމެއް. ކުށްވެރިއޭހީވާހާ މީހުންނާމެދު ނަފްރަތުގެ ނަޒަރުން ދެކެންވީ ހަމައެކަނި ސިޔާސީ ހުކުމެއް ކުރަންވީމައެއްނޫން. ޖަނގިޔާތެރޭ ޑްރަގް އެތެރެކުރީމަ ނޯވޭ ސަބަބުވެރި އިންސާނެއްގެ ސިކުނޑިއަށް ގަބޫލުކުރެވޭ ގޮތަކަށް ނިންމިފައެއް

The name is already taken The name is available. Register?

ކާމްޗޯރު

27 December 2022

ތިކަންވެސްނިއްމީ ސަބަބު ވެރި ވިސްނުމަކުންތަ؟ އިސްލާމީޝަރީއްޔާނުހިގާނެ ސަބަބު ވެރި ބުއްދި ވެރި މަށައް ފެއްނަ މިއެއްޗެއްސަކަށްހުކުމެއްނުއިއްވޭ ހެކިންގެހެކިބަހުންސާބިތުކުރަންޖެހޭނީ

The name is already taken The name is available. Register?

އެމްސް

27 December 2022

މާނައަކީ ބުއްދި އެއްފަރާތްކޮށް، ދޮގު ހެއްކަށްވެސް އިސްކަން ދިނުމޭ މޮޅު އިތުރީ؟

The name is already taken The name is available. Register?

އަހުމަދުބޭ

27 December 2022

ކޯޓާ އަދި ޕީޖީއާއި އަދި އެޓާރނީ ޖެނެރަލް އާ ކޮއްލަން ބޭނުންވާ ސުވާލްއަކީ ކޯރޓުގައި ދޮގުހެކިދޭ ފަރާތްތަކަށް ދޭނެ އަދަބެއް ރާއްޖޭގެ ގާނޫނު އަސާސީގައި ނެތީތޯ، ކޯޓުގެ ހުކުމުގައި ތިޔައޮތީ ދޮގުހެކި ދީފައިކަން ސާބިތުވެޔޭ އެހެކިތަށް ބަލައެއް ނުގަންނަމޭ ކަންމިހެންވީއިރު ސުވާލްއަކީ މިކަންވެސް ކަމަކަށް ނުހަދައި ދޫކޮއްލީހޭ، މިހެން ކަންހިނގާނަމަ ދެން ކާކުތޯ ކޯޓުގައި ރަގަނޅަށް ހެކިބަސްދޭނީ އިންސާނުން މިހާރު ހެއްދެވިފަރާތަކަށްވެސް ބިރުވެތިއެއް ނުވެޔޭ،

The name is already taken The name is available. Register?

ޙިނި

27 December 2022

ޔާމީން މީކީއްކުރަން ހޯދާހާ ފައިސާއެއްބާ، އަނބި ދަރިނައް ދޭންބާ؟ނުހައްގުން ހޯދާ ފައިސާ ތިހެން ދަރިންނައް ދިނުމައްވުރެ މާރަންގަޅުވާނެ އެކުދިން ހަލާލު ގޮތުގައި އާމްދަނީ ހޯދަން ދަސްކޮއްދީ ނަސޭހަތް ދިނިއްޔާ ، ތިޔަ ވައްކަމުން ތިއޮތީ މުޅި ދިވެހި ގައުމުގެ އެންމެންގެ ހައްގަކައް އަރައިގަނެވިފަ، ދެން ވެސް މާއާފައް އެދި ތައުބާވެބަލަ.

The name is already taken The name is available. Register?

ކުށުހެކިއްލާ

27 December 2022

ޔާމީނު ވަށައިގެން ތިއެނބުރޭ ޕާޓީގެ އިސް ގިނަ މީހުންނަކީ ޔާމީނު ހިންގާ ވައްކަންތަކަށް މަގުފަހިކޮށްދީ އެކަމަށް އެއްބާރުލުންދީ އޭގެން ސީދާގޮތުންނާއި ނުސީދާގޮތުން މަންފާވާފަރާތްތައް

The name is already taken The name is available. Register?

ޖޯނީ

27 December 2022

ތަހުގީގަކުން ހެކި އުފެއްދިކަން ސާބިތުކުރަންޖެހޭ…. އަދި ސަބަބުވެރި އިންސާނުނުގެ ނިތްކުރީގަ އެހެން ލިޔެފަ ވޭތޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454