ލައިފްސްޓައިލް / ޚިޔާލު

ކުޅިވަރުގެ ދާއިރާގައި ވެސް ރިވެތި އަހުލާގަށް ތަބާވާންޖެހޭ

ކަލާފާން ސްކޫލާއި ގުރައިދޫ ސްކޫލް އެންމެ ފަހުން ކުޅުނު މެޗަށް ފަހު ހަމަނުޖެހުން ހިންގަނީ: ކުޅިވަރުގެ ތެރޭގައި މާރާމާރީ ހިންގުމަކީ ކުޅިވަރުގެ ރޫހާ ހިލާފު ކަމެއް.

ކުޅިވަރަކީ ފޫހިފިލުވުމުގެ އިތުރުން އެ އިން ވަރަށް ގިނަ އެހެން މަގުސަދުތަކެއް ވެސް ހާސިލު ކުރެވޭ ކަމެކެވެ. އޭގެ ތެރޭގައި ހަށިގަނޑާއި ނަފްސުގެ ދުޅަހެޔޮކަން ލިބިގަތުން ހިމެނެ އެވެ. އެކުވެރިކަމާއި އެއްބައިވަންތަކަން ވަރުގަދަކުރުން ހިމެނެ އެވެ. ޝަރަފުވެރި ގޮތުގައި ވާދަކުރަން ދަސްކުރުމާއި ކާމިޔާބަށް މަސައްކަތް ކުރަން ހިތްވަރު ހޯދުމާއި އެކަކު އަނެކަކަށް އެހީތެރިވުން ފަދަ ރިވެތި ވަރަށް ގިނަ ސިފަތައް ދަސްކުރަން ލިބޭ ތަމްރީނެއް ވެސް މެ އެވެ.

އެ ކަން އެހެން އޮތް ނަމަވެސް ހިތާމައަކީ ނޭދެވޭ ބައެއް ކަންކަން ކުޅިވަރުގެ ތެރެއިން ބައެއް ފަހަރު ފެނިގެން ދިއުމެވެ. މީގެ ތެރޭގައި ތައައްސުބުވުމާއި ހަޑިހުތުރު ބަސްތަކުން މުހާތަބު ކުރުމާއި މާރާމާރީ ހިންގުން ފަދަ ނޭދެވޭ އަހުލާގު ފެނެ އެވެ. ނަމަވެސް އަހުލާގަކީ ދިރިއުޅުމުގެ ހަޔާތުގެ ކޮންމެ މައިދާނެއްގައި ވެސް ކޮންމެ މުސްލިމަކު ވެސް ދަމަހައްޓަން ޖެހޭ ކަމެކެވެ. ކުޅިވަރުގެ މައިދާން ވެސް މިކަމުން އިސްތިސްނާއެއް ނުވެ އެވެ.

ކުޅިވަރުގެ ތެރެއިން ދަސްކުރަންޖެހޭ އެންމެ މުހިންމު އަހުލާގަކީ ކުޅިވަރުގެ ރޫހާ އެކު ކުޅެން ދަސްކުރުމެވެ. ކުޅިވަރުގެ ރޫހުގައި ވަރަށް މުހިންމު ތިން މަފްހޫމެއް ހިމެނެ އެވެ. އެއް މަފްހޫމަކީ ސާފު ކުޅުމެވެ. އޭގެ މާނައަކީ ހުރިހާ ބައިވެރިންނަށް ވެސް ކާމިޔާބު ކުރަން ހަމަހަމަ ފުރުސަތު ލިއްބައިދިނުމާއި އެކަކު އަނެކަކަށް އިހުތިރާމު ކޮށްގެން މުއާމަލާތު ކުރުމާއި ރީތި ނަމޫނާއެއްގެ ވެރިއެއްގެ ގޮތުގައި ކުޅިވަރު ކުޅުމެވެ. މިސާލަކަށް އިދިކޮޅު ކުޅުންތެރިއަކު ވެއްޓިއްޖެ ނަމަ ނަގަން އެހީތެރިވުމާއި ގޭމު ނިމިގެން އެކަކު އަނެކަކަށް ސަލާމްކޮށްލުން ފަދަ ކަންކަމެވެ.

ދެވަނަ މަފްހޫމަކީ ކުޅިވަރުގެ ރޫހާއެކު ކުޅިވަރު ކުޅުމެވެ. މީގެ މާނައަކީ އަދުލުވެރިވުމާއި ހަމަހަމަވުމާއި އެންމެންނަށް ވެސް އިހުތިރާމް ކުރުމާއި އިދިކޮޅު ކުޅުންތެރިންނަށް އަނިޔާއެއް ނުދިނުމާއި ކާމިޔާބު ހޯދަން ހުއްދަ ނޫން ވަސީލަތެއް ބޭނުން ނުކުރުމެވެ. މިސާލަކަށް މަކަރު ހަދައިގެން ނުވަތަ އޮޅުވާލައިގެން މޮޅުވާން މަސައްކަތް ނުކުރުމެވެ. އެ މަފްހޫމަށް ބަލާއިރު، ކުޅިވަރުގެ ރޫހު ނެތް ކުޅުންތެރިން ދެ ބަޔަކަށް ބެހޭ ކަމަށް އިޖުތިމާއީ ނަފްސާނީ އިލްމުވެރިން ވިދާޅުވެ އެވެ. އެއްބަޔަކީ ނާކާމިޔާބު ލިބޭ ނުރަނގަޅު ކުޅުންތެރިޔާ އެވެ. އެއީ ބަލިވީމާ އޭގެ ރައްދު ހަރަކާތެއްގެ ގޮތުގައި އެހެން މީހުންނަށް ބަހާއި އަމަލުން ހަމަލާދޭ މީހާ އެވެ. ދެވަނަ ބަޔަކީ ކާމިޔާބު ލިބޭ ނުރަނގަޅު ކުޅުންތެރިޔާ އެވެ. އެއީ ކާމިޔާބު ލިބުނީމާ ވެސް އޭގެ ނާޖާއިޒު ފައިދާ ނަގައި އިދިކޮޅު ކުޅުންތެރިޔާ އަށް ބަހާއި އަމަލުން ގެއްލުންދޭ ކުޅުންތެރިޔާ އެވެ.

ކުޅިވަރުގެ ރޫހުގައި ހިމެނޭ ތިންވަނަ މަފްހޫމަކީ ހުރިހާ ހާލަތެއްގައި ވެސް ރިވެތި އަހުލާގުގެ މަތީ ދެމިހުރުމެވެ. އެބަހީ ކާމިޔާބުގައި ވެސް އަދި ނާކާމިޔާބުގައި ވެސް ރިވެތި އަހުލާގުގެ މަތީ އެއްގޮތެއްގެ މަތީ ދެމިހުންނަން ދަސްކުރުމެވެ. އެހެން މީހުންގެ ހައްގުތަކަށާއި އިންސާނިއްޔަތަށް އިހުތިރާމު ކުރުމެވެ. އެކުވެރިކަމާއި އިހުތިރާމާއެކު މުއާމަލާތު ކުރުމެވެ. އަދުލުވެރި ވުމެވެ. ކުޅިވަރުގެ އެންމެހާ ގަވައިދުތަކަށް އިހުތިރާމު ކުރުމެވެ. ޒިންމާދާރު ވުމެވެ. ބަހުން ވެސް އަދި އމަލުން ވެސް އެހެންމީހަކަށް އުނދަގޫ ނުކުރުމެވެ. އަނެކާ ރުޅިގަދަވިޔަސް ތިމާގެ ރުޅި ކޮންޓްރޯލު ކުރުމެވެ. ހިޔާލުތަފާތުވުމާއި ދެބަސްވުންތައް ހައްލުކުރަން ގަދަބާރާއި އަނިޔާވެރިކަން ބޭނުން ނުކުރުމެވެ. ޖަޖު ނުވަތަ ރެފްރީގެ ހުކުމް ތިމާއާ އިދިކޮޅަށް އައި ނަމަވެސް އެކަން ބަލައިގަތުމާއި ކަނޑައެޅިގެން އަނިޔާވެރި ނިންމުމެއް ކަމަށްވާ ނަމަ ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ހައްގު ހޯދަން މަސައްކަތް ކުރުމެވެ. ތިމާއަށް ކާމިޔާބު ލިބުނު ނަމަވެސް އެހެން މީހުންނަށް އިހާނެތިކޮށް ނުހިތުމެވެ. އަދި ތިމާއަށް ނާކާމިޔާބު ލިބޭ ހާލަތުތަކުގައި ވެސް އިދިކޮޅު ކުޅުންތެރިޔާ އަށް ތަހުނިޔާ ކިޔުމެވެ.

ކުޅިވަރުގެ ރޫހުގައި ހިމެނޭ ތިންވަނަ މަފްހޫމަކީ ހުރިހާ ހާލަތެއްގައި ވެސް ރިވެތި އަހުލާގުގެ މަތީ ދެމިހުރުމެވެ. އެބަހީ ކާމިޔާބުގައި ވެސް އަދި ނާކާމިޔާބުގައި ވެސް ރިވެތި އަހުލާގުގެ މަތީ އެއްގޮތެއްގެ މަތީ ދެމިހުންނަން ދަސްކުރުމެވެ. އެހެން މީހުންގެ ހައްގުތަކަށާއި އިންސާނިއްޔަތަށް އިހުތިރާމު ކުރުމެވެ.

މި ފާހަގަކުރި ކަންކަމާއި މި ނޫން ވެސް ކުޅިވަރާ ގުޅުން ހުރި ރިވެތި އަހުލާގު ދަމަހައްޓަން ކޮންމެ މުސްލިމަކު ވެސް މަސައްކަތް ކުރަން ވާނެ އެވެ. އިސްލާމްދީނުގައި ހުއްދަނުކުރާ ފަދަ އަނިޔާވެރިކަން ހިމެނޭ ކުޅިވަރުތަކުގައި ބައިވެރި ނުވުމާއި ކުޅިވަރުގެ ތެރެއަށް ޖުވާ އާއި ބާޖު މެރުން ފަދަ ހުއްދަ ނޫން ކަންކަން ނުވެއްދުމާއި އިސްލާމްދީން ހުއްދަ ނުކުރާ ފަދަ ގޮތަކަށް ހެދުން އެޅުމުން ދުރުހެލިވުން ފަދަ ކަންކަން ހިމެނެ އެވެ.

މިފަދަ ހުރިހާ އަހުލާގީ ސިފަތަކަށް ކުޅިވަރުގެ މައިދާނުގައި ވިއަސް ތަބާވުން ވެގެން ދަނީ މުސްލިމެއްގެ އީމާންކަން ފުރިހަމަވުން ބިނާވެފައިވާ އެއް ކަމެއްގެ ގޮތުގަ އެވެ. އަދި އަޅުކަން އޭގެ ހައްގު ގޮތުގައި އަދާކުރި ކަމުގެ ހެކި ތަކުގެ ތެރެއިން އެއް ހެކީގެ ގޮތުގަ އެވެ. މިކަން އެނގެނީ އީމާންކަމާއި އަހުލާގާއި އަދި އަޅުކަމާއި އަހުލާގާ ގުޅުވައިގެން އައިސްފައިވާ އާޔަތްތަކާއި ހަދީސްތަކުންނެވެ. ރިވެތި އަހުލާގަކީ މީހާގެ އީމާންތެރިކަން ފުރިހަމަ ކުރުމުގެ ތެރޭ ހިމެނޭ ކަމެއް ކަން އިސްލާމް ދީން ބަޔާން ކޮށްދެ އެވެ. އެހެންވެ، ރިވެތި އަހުލާގީ ސިފަތައް ނެތިއްޖެ މީހެއްގެ އީމާންތެރިކަން އުނިވެ އެވެ. އަލްމުއުމިނޫން ސޫރަތުގައި މުއުމިނުންނަށް ފަލާހާއި ކާމިޔާބު ހުރިކަން އަންގަވައި މުއުމިނުންގެ ސިފަތައް ބަޔާން ކުރައްވާފައި ވާއިރު އޭގައިވާ ގިނަ ސިފަތަކަކީ ރިވެތި އަހުލާގުގެ ސިފަތަކެކެވެ.

ކީރިތި ނަބިއްޔާ ﷺ ވެސް އީމާންކަން ބަޔާން ކޮށްދެއްވާއިރު ވަރަށް ގިނަ ރިވެތި އަހުލާގީ ސިފަތަކާ އެކަން ގުޅުވާލައްވަ އެވެ. ތަފާތު އެކި ހަދީސްފުޅުތަކުގައި ﷲ އާއި އާހިރަތް ދުވަހަށް އީމާންވާ މީހަކު ނަމަ އެ މީހެއްގެ ކިބައިގައި ހުންނަން ޖެހޭނެ ސިފަތައް ބަޔާން ކުރައްވާފައި ވެ އެވެ. އޭގެ ތެރޭގައި ހެޔޮ ބަހެއް ނޫނީ ނުބުނުމާއި ހެޔޮ ބަހެއް ނުބުނެވޭ ނަމަ ހަނުހުރުން ފަދަ ކަންކަން ބަޔާން ކުރައްވަ އެވެ. މިފަދަ ބައެއް ހަދީސްފުޅު ތަކުގައި ބަޔާން ކުރައްވާ އަހުލާގީ ސިފަތައް ނުހުންނަ މީހާގެ އީމާންތެރިކަން ނުހުންނާނެ ކަން ބަޔާން ކުރައްވަ އެވެ. މުރާދަކީ އީމާންކަން ފުރިހަމަ ނުވުމެވެ. މުޅި އީމާންކަން ނެތި ދިއުމެއް ނޫނެވެ. ނަމަވެސް އީމާންކަމަށް އުނިކަން ލިބޭ ނަމަ އެކަން ފޫބެއްދުމަށްޓަކައި ރިވެތި އަހުލާގުގެ މަތީ ދެމިހުރުން ލާޒިމުވެ އެވެ.

ރިވެތި އަހުލާގަކީ އީމާންތެރިކަން ފުރިހަމަ ކުރުމަށްޓަކައި ކޮންމެހެން ލާޒިމު ކަމެއް ކަމުގައިވާ ހިނދު އަނެއް ކޮޅުން ރިވެތި އަހުލާގަކީ ހައްގު ގޮތުގައި އަދާކުރެވޭ އަޅުކަމުގެ ފޮނި މޭވާއެއް ވެސް މެ އެވެ. އެހެންކަމުން އަޅުކަން އަދާކުރާ މީހެއްގެ ކިބައިގައި ރިވެތި އަހުލާގީ ސިފަތައް ނެތިއްޖެ ނަމަ އެއިން ދަލީލު ކުރަނީ އޭނާގެ އަޅުކަމަކީ އޭގައި އެއްވެސް އާރެއް ނެތް ހަމައެކަނި ބޭރުފުށުން ފެންނަ ކަންކަން ކަމެވެ. މިކަމުގެ އެއް ހެއްކަކީ އަޅުކަމަކީ ރިވެތި އަހުލާގީ ސިފަތަކުން އިންސާނާގެ ނަފުސު ތަޒުކިޔާ ކޮށް ތާހިރު ކޮށްދޭ ކަމެއްކަން ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައި ވުމެވެ.

ރިވެތި އަހުލާގާ ނުލައި އަޅުކަން ފުރިހަމަ ނުވާނެ ކަމުގެ ދެވަނަ ހެއްކަކީ އަހުލާގީ ސިފަތަކާއި އަޅުކަން ފުރިހަމަ ވުމާ ގުޅޭ ގޮތުން ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވާފައިވާ ކަންކަމެވެ.

އީމާންތެރިކަން ފުރިހަމަ ކުރުމަށާއި އަޅުކަމުގެ މޭވާ ހާސިލު ކުރުމަށްޓަކައި ރިވެތި އަހުލާގީ ސިފަތައް އަށަގެންނެވުމުގައި ކީރިތި ރަސޫލާ ﷺ ނަމޫނާއެއްގެ ގޮތުގައި މުސްލިމުން ބަލަން ޖެހެ އެވެ. ސަބަބަކީ އެކަލޭގެފާނަކީ އަހުލާގުގެ އެންމެހައި ރިވެތި ސިފަތައް ފުރިހަމަ ކުރެއްވުމަށްޓަކައި ﷲ ފޮނުއްވި މާތް ނަބިއްޔާ ކަމުގައި ވާތީ އެވެ. އެކަލޭގެފާނަކީ "މަތިވެރިވެގެންވާ ހުލްގުފުޅެއްގެ މަތީ ހުންނެވި" ބޭފުޅެއް ކަން ޤުރުއާނުގައި ސިފަކުރައްވާފައި ވާތީ އެވެ.

މުސްލިމެއްގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އޯގާތެރިކަމާއި އަޅާލުން ފަދަ ރިވެތި ސިފަ ތަކަކީ ހަމަ ހުރިހާ އިންސާނުންނާ އެކުވެސް ގެންގުޅެން ޖެހޭ ސިފަތަކެވެ. އަނިޔާކުރުމާއި ބޮޑާވުމާއި ގެއްލުން ދިނުން ފަދަ ނުބައި ސިފަތަކަކީ ހަމަ އެންމެންގެ ކައިރީގައިވެސް އަދި ހަމަ ކޮންމެ ތަނެއްގައިވެސް އެ އިން ދުރުހެލިވާން ޖެހޭނެ ސިފަތަކެވެ. "ތިބާ ވީ ކޮންމެ ތަނެއްގައި ތިބާ ﷲ އަށް ތަގުވާވެރިވާށޭ!" ކީރިތި ނަބިއްޔާ ވަނީ އަމުރު ކުރައްވާފައެވެ.

ވީމާ ވަކި ދާއިރާއެއް އިސްތިސްނާ ނުކޮށް ދިރިއުޅުމުގެ ކޮންމެ ދާއިރާއެއްގައި ވެސް ރިވެތި އަހުލާގުގެ ވެރިއެއް ކަމުގައި ވުމަށް ހަމަ ކޮންމެ މުސްލިމަކު ވެސް ސަމާލުވާން ޖެހޭނެ އެވެ.

3 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުޙައްމަދު އިލްހާމް (ކިންގް އިލްހާމް)

13 February 2023

ދަރިވަރުންގެ އަޙްލާޤު ގޯސްވެގެން ދަނީ އިސްލާމީ އަހްލާގު އަށަ ގަނެފައިނުވާތީ ވަރަށް ދެރަ ހިތަމަހުރި ކަމެއްމިއީ މިކަމުގައި ބެލެނިވެރިންނާއި މުދައްރިސުން ކަމާބެހޭ އިދާރާތަކުން ދަރިވަރަށް ވިސްނައިދީ ރުޖޫޢީ އިންސާފް ޤާއިމްކުރަންޖެހޭ ކުއްޖާގެ ތަޢުލީމާއި ހައްޤު ހިމާޔަތްކޮށް ވިސްނުންތެރިކަމާއިއެކު ހައްޤު ފިޔަވަޅުތަކެއް އަޅަންޖެހޭ

The name is already taken The name is available. Register?

ފީ ފާ

10 February 2023

ފީފާ އިން ވަރަށް އަވަހަށް ފިޔަވަޅު އަޅާނެ

The name is already taken The name is available. Register?

ޓަކޭ

10 February 2023

ތީ ބޭކާރު ވާހަކައެއް. ދަނޑުމަތިން ފެނުނީ ޖިނާއީ ކުށެއް ކުރިތަން. އަހްލާގް އޮތްތާ ބާއްވާ، ފިޔަވަޅު އަޅަން ވީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454