ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީން: ވެންޓިލޭޓަރު މައްސަލައިގައި މާދަމާ މިނިސްޓަރު މަޖިލީހަށް ހާޒިރުކުރާއިރު، ވެންޓިލޭޓަރު މައްސަލައިގައި ފައިސާ ދޫކުރި މުވައްޒަފަށް ފިޔަވަޅު އެޅިތޯ ސުވާލު ކުރާނެ. --- ފޮޓޯ: މަޖިލިސް
05 މާޗް 2023 - 16:34
ކޮވިޑްގައި ހާލު ބޮޑުވި މީހުންނަށް ފަރުވާ ދޭން ވެންޓިލޭޓަރުތައް ރާއްޖެ ގެނެސްދިނުމަށް ދުބާއީގެ ކުންފުންޏާ ހަވާލު ކުރުމުގައި ހިންގާފައިވާ ކަންކަމާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް ހާޒިރުކުރަން ނިންމައިފި އެވެ.
ވިލުފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ އަފީފު، އަމީރާ ސުވާލު ކުރުމަށް ހުށަހަޅުއްވާފައި ވާތީ މާދަމާގެ ޖަލްސާ އަށް އެ ސުވާލުތައް ވަނީ އެޖެންޑާ ކޮށްފަ އެވެ.
ކޮވިޑުގެ ނުރައްކާ ރާއްޖެއަށް އެންމެ ބޮޑުވިއިރު 75 ވެންޓިލޭޓަރު ހޯދުމަށް، ބޭންކް ގެރެންޓީއަކާ ނުލައި ދިވެހި ސަރުކާރުން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް 34 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ. އެއްފަހަރާ އެހާ ބޮޑު އަދަދެއް ދޫކުރިއިރު، ވެންޓިލޭޓަރު ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރިތޯ ވެސް ނުބަލަ އެވެ.
ކުންފުންޏާ ބެހޭ އެއްވެސް ތަފްސީލެއް ހޯދާފައި ނުވާކަން އޮޑިޓް ރިޕޯޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުން އެނގެ އެވެ. އެކަމަކު، އެއްބަސްވި ގޮތަށް އެ ކުންފުނިން ވެންޓިލޭޓަރުތަކެއް ނުފޮނުވަ އެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ލިބިފައިވަނީ އެންމެ 15 ވެންޓިލޭޓަރެވެ.
އަމީރު މަޖިލީހަށް ހާޒިރުކުރަން އަފީފް ހުށަހެޅުއްވީ ވެންޓިލޭޓަރު ހޯދުމުގެ ނަމުގައި، ދައުލަތުގެ މާލިއްޔަތަށް ޒިންމާވާން ޖެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ މާލިއްޔަތުގެ ގަަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އެގްޒެކިއުޓާސް އަށް ފައިސާ ދޫކުރި ސަބަބު އޮޅުންފިލުވުމަށެވެ. އެ ފައިސާ ދޫކުރި، ފިނޭންސް މިނިސްޓްރީގެ މުވައްޒަފަށް ފިޔަވަޅު އެޅިތޯ ވެސް އަފީފްގެ ސުވާލުގައި ވެ އެވެ.
އެކަމަކު، އެ މައްސަލަ އެންމެ ބޮޑުވި ދުވަސްވަރު އެ މައްސަލާގައި މާ ބޮޑެތި ފިއްތުންތަކެއް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން އަމީރަށް ނުކުރައްވަ އެވެ. އޭރު މެމްބަރުން ބޮޑަށް އަމާޒު ކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ހެލްތު މިނިސްޓްރީގެ ކަމާ ގުޅޭ ބައެއް މުވައްޒަފުންނަށެވެ. އެ ޕްރެޝަރުތަކާއެކު އަމީން ވެސް މަގާމުން އިސްތިއުފާ ދެއްވީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އަމީރު މީގެ ކުރިން ވިދާޅުވެފައި ވަނީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް ދޫކުރަން ހުއްދަ ދެއްވާފައި ނުވާނެ ކަަމަށެވެ.
އަމީރު ވިދާޅުވީ އެގްޒެކިއުޓާސް އަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެކެވެ. އެ ކުންފުންޏަށް އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 75 ޕަސެންޓް ދައްކައިގެން ނޫން ގޮތަކަށް ވެންޓިލޭޓަރުތައް ލިބެން ނެތްކަން ހެލްތު މިނިސްޓްރީން އެންގި ކަމަށާއި ވީ އެންމެ އަވަހަކަށް ވެންޓިލޭޓަރުތައް ނުލިބިއްޖެ ނަމަ ރައްޔިތުންގެ ފުރާނައަށް ނުރައްކާ އޮތް ކަން އޭރު ސިއްހީ މާހިރުންގެ ލަފާކުރުންތަކުން ވެސް ފެންނަން އޮތުމުން ފައިސާ ދެއްކީ ކަމަށެވެ.
އެ މައްސަލައިގައި މާދަމާ އަމީރު މަޖިލީހަށް ހާޒިރު ކުރާއިރު، ވެންޓިލޭޓަރުތައް ގެންނަން ދުބާއީގެ ކުންފުންޏާ ހަވާލުކުރުމުގައި ހިނގި ކަންތައްތަކާ ގުޅިގެން ތިން މީހަކަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ވަނީ ޕީޖީ އޮފީހުގައި އެދިފަ އެވެ.
އެއީ އެއީ ހެލްތު މިނިސްޓްރީގެ ކުރީގެ ނައިބު ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުހައްމަދާއި އެ މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ތ. ކިނބިދޫ ބޯގަންވިލާ، އަހުމަދު އަސްލަމްގެ އިތުރުން އެ މިނިސްޓްރީގެ ކުރީގެ ލީގަލް އޮފިސަރު ލ. ގަން، ފެއަރީގާޑެން އަލީ ޝިހާމްގެ މައްޗަށެވެ.
އެ މައްސަލައިގައި ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޯދަން އެ ކުންފުންޏާ ދެކޮޅަށް މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ރާއްޖޭގެ ފަރާތުން ވަނީ ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
06 March 2023
މިކަމުގައި ޤާނޫނީގޮތުން ޒިންމާއުފުލާންޖެހޭނެ އެކަކު ކަމުގައިވާންޖެހޭފަރާތަކީ ދައުލަތުގެ ޤާނޫނުއަސާސީގައި އެމަޤާމްގެވާހަކަ ބަޔާންކޮށްފައިވާ "ދައުލަތުގެ ފައިނޭންޝަލް ކޮންޓްރޯލަރ" ކަން މަޖިލިހުގެ އިއްޒަތްތެރި މެންބަރުން ހަދުމަފުޅު ބަހައްޓަވާންޖެހޭނެ. # މިދެންނެވިމަޤާމަކީ ފިނޭންސް މިނިސްޓަރުގެ ދަށުން އެމިނިސްޓްރީގައި އުފައްދަވާފައިވާ މަޤާމެއް ކަމުގައިވިޔަސް އެއީ ޤޢ އިން މަތިކޮށް ޙާއްސަ ޒިންމާތަކެއް ޙަވާލު ކުރެވިފައިވާ މަޤާމެއްކަން އޭނާ ދަންނާން ވާނެ.
ބޮޑުމީހާ
05 March 2023
ކޮރަޕްޝަނަށް ޒީރޯ ޓޯލަރެންސް ވެރިމީހާ ކޮރަޕްޓް ވަޒީރުން، އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިންގައި ލިސްޓްގައި ނަން އޮތް ވަޒީރުން މިނިސްޓަރުންނަށް ލައިގެން، ދައުލަތުގެ ކުންފުނިތަކާއި އެމްބަސީތަކުގައި ހިތުހުރިގޮތަކަށް ކޮރަޕްޝަން ހިންގާ ދައުލަތް 100 ބިލިއަނުން ދަރުވާލައިފި
ގުދުގުދުލީބެއްޔާގެ ތެދުބަސް
05 March 2023
މިހާރު ކޮބާތަ އަމީނު؟ ގާސިމުގެ ހިމާޔަތުގާ ދެއްތޯ؟
ފިކުރެއްގެ
05 March 2023
އަމީން މިހާރު ހުރީ ފިކުރެއް ދިރުންފަހަތުގަ ކަމަށް ޚަބަރުލިބެނީ
ޢެޑްމުންޑޯ
05 March 2023
ވެންޓިލޭޓަރ ޖަރީމާގައި ފުރިހަމައަށް ބައިވެރިވި އިސްމީހެއް އަމީރަކީ ، މިސަރުކާރުގެ 5 އަހަރު ނިމޭއިރުވެސް ތިޔަ މައްސަލަ އޮންނާނީ ދިގުދެމިދެމި
އޮނަރަބްލް އަފީފު ދީދީ
05 March 2023
ވެރިކަމުގެ ދައުރު ހަމަވާން ބާކީއޮތީ މަދު ދުވަސްކޮޅެއް. އެހެންކަމުން މިކަމުގައި މަޤާމްގެ ޙައިސީއްޔަތުން ގޯސްތަކެއް ހަދާފައި ނުވާނަމަ "ސަރުކާރު ދިފާޢި ކުރުމުގެ ނިޔަތުގައި" ދޮގު ހަދައިފިނަމަ އަމިއްލަފުޅަށް ހެއްދެވިދޮގެއްނަމަ އޭގެޒިންމާ އުފުލާންޖެހޭނެކަން ވަޒީރު ހަދާނުގައި ބަހައްޓާންވާނެ. # މިދެންނެވި ވާހަކައިގެމިސާލަކީ ބެންކް އޮފް މޯލްޑިވްސްގެ މައްސަލައެއްގައި މަޖިލީހަށްހާޒިރުވެ ބެންކްގެ ކުރީގެ އޭޖީއެމް ޝަރީފް "ދޮގުހެދުމުން" ކަންތައްވެގެންދިޔަގޮތް.
ފަހަތުފައި
05 March 2023
މާލިއްޔަތު ގާނޫނާ ހިލާފަށް އެއްބަސް ވުމެއް ނުހަދާ 34 މިލިއަން ރުފިޔާ ދޫކުރި ފަރާތަކީ މާލީވަޒީރު ކުއްވެރިވާ ފަރާތަކީ ވެސް ވަޒީރު . މިހާ ސާފު މައްސަ؛ލައެއްގައި ވަޒީރުގެ މައްޗަށް ޖިނާއީ ދައުވާނުކޮށް ލަސްކުރުކީ ވެސް ކޮރަޕްޝަން . ޕްރޮސެކިއުޓަރ ޖެނަރަލުގެ މައްޗަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާ ލަސްނުކޮށް އުފުއްލަވާ
އަފީފުގެ ޕާޓްނަރު
05 March 2023
ކޮބާތޯ އަފީފުގެ ބޭސްކުންފުނިން އެސްޓީއޯ މެދުވެރިކޮށް އިންގާ ކޮރަޕްޝަން ގަނޑު؟
އަފްރާސިޔާބު
05 March 2023
ތިވާހަކަ ނުދައްކަބަލަ. އެއީ ދައުލަތުގެ ކުންފުންޏެކޭ. ނުދަންނާނެ ކޮރަޕްޝަނުގެ އެއްވެސް ކަމެއްކުރާކަށް އެތަނުގެ ވެރިންނާއި ބަޔޯ މެޑިކަލް އެންޖިނިއަރުން. މިހާ ދުވަހު އަފީފު މަޑުން އެހުރީ ތިބުނާ ޖަރީމާ ހިންގައިގެން ވީހާވެސް ބޮޑުފައިދާ ގަނޑެއް ނެގުމުގެ ބޭނުމުގައި. މިހާރު އެކަން ފެންމަތި އެކުރީ ދެން އޮތް 4 މަސްދުވަހުގެ ތެރޭގައި މާބޮޑު ވަރުތަކެއް (މަންފާތަކެއް) ނުނެގޭނެ ކަން ޔަގީންވާތީ.
ޢެމެރިކާ
05 March 2023
މި ސަރިކާރު ގުޅިގެން ކުރި ޖަރީމާއެއް
ޙިނި
05 March 2023
ފިނޭންސު މިނިސްޓުރީއިން އެތިބީ ކޮވިޑުތެރޭ ގަވައިބަދަލުކޮއްލާފަ އުމުރުންދުވަސްވީ މީހުންގެ އެތައް މަހެއްގެ ޕެންޝަން އެލަވަންސު ދަވާލައިގެން. ގައުމުގެ ވެރިޔަކައް ހުރެ ސަރުކާރުން އުމުރުން ދުވަސްމީ މީހުންގެ ޕެންޝަން ފައިސާ އިން ވައްކަން ކުރާއިރު އަލާނުލާ އެހުންނަނީ.
ޖީބެއްޔާ
05 March 2023
އަފީފު ރުޅި އަންނަން ރަނގަޅު. އަފީފުގެ ކުންފުނިން އެސްޓީއޯ އަށް ބޭސް ސަޕްލައި ކުރަން ކުރިން އޮތް ޑީލް ކަޓުވާލީ މިސަރުކާރުން
ކަޓުނައިޖޯ
05 March 2023
ތިގޮތައް މިސަރުކާރު ހިންގާކަމުގަ ވަންޏާ އެއީ ނުފޫޒާ، ބާރުފޯރުވަން، ކޮންޓުރޯލުކުރައް އަދި ބުލެކްމެއިލް ކުރަން ބޭނުން ކުރެވިދާނެ އަމަލުތައް ތިޔައީ