ގެރެންޓީއާ ނުލައި އެގްޒެކިއުޓާސްއަށް ފައިސާދޫކުރަން ހުއްދައެއް ނުދެން: ފިނޭންސް މިނިސްޓަރު

ކޮވިޑު-19ގެ ފަރުވާ އަށް ރާއްޖެ އަށް ބޭނުންވި ވެންޓިލޭޓަރުތައް ހޯދުމުގައި ބޭންކް ގެރެންޓީއާ ނުލައި އެޑްވާންސް ފައިސާގެ ގޮތުގައި ޕްރޮޖެކްޓުގެ އަގުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް ދޫކުރަން ހުއްދަ ދެއްވާފައި ނުވާނެ ކަަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ފިނޭންސް މިނިސްޓަރު މި ދިފާއުވެވަޑައިގަތީ، އެގްޒެކިއުޓާސް އަށް އެޑްވާންސް ފައިސާ ދޫކުރީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަމަށް ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، އެކަން ކުރެއްވީ މިނިސްޓަރު އަމީރު ދެއްވި ހުއްދައަށް ކަމަށް ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމް އެ ކޮމިޓީގައި ކުރިން ވިދާޅުވެފައި ވަނިކޮށެވެ.

ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ ގުޅިގެން މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީ ހާޒިރުކޮށް މާލިއްޔަތު ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވް އަސްލަމް ވިދާޅުވީ އެޑްވާންސް ފައިސާ ދޫކުރީ އެޓާނީ ޖެނެރަލް އޮފީހުގެ ލަފަ އާއި ފިނޭންސް މިނިސްޓްރީން ލިއުން ދީފައިވާ ހުއްދަތަކަށް ރިއާޔަތްކޮށެވެ.

އެކަމަކު ފިނޭންސް މިނިސްޓަރު އަމީރު މިއަދު ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަމުގެ ހާލަތުގައި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން ވަސީލަތްތައް ވީހާވެސް ކުރުމަގަކުން ހޯދަން ޖެހިފައި އޮތަސް މާލިއްޔަތު ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ކުރަން ހެލްތު މިނިސްޓްރީ އަށް ހުއްދަ ދެއްވާފައި ނޯންނާނެ ކަމަށެވެ. ހާލަތަށް ރިއާޔަތްކުރުމާ އެކު ގަވާއިދުން އޭނާ އަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުތަކުގެ ދަށުން ހެލްތު މިނިސްޓްރީ އަށް ހުއްދަ ދިނީ ބޭންކް ގެރެންޓީއެއް ނަގައިގެން ދުބާއީގެ ކުންފުންޏަށް އެޑްވާންސް ފައިސާ ދޫކުރަން ކަމަށް ވިދާޅުވި އެވެ.

އަމީރު ވިދާޅުވި ގޮތުގައި ވެންޓިލޭޓަރުތައް ގެނައުމުގެ ހުއްދައަށް ހެލްތު މިނިސްޓްރީން އެދުނީ ކޮވިޑް-19ގައި ކޮމިއުނިޓީ ސްޕްރެޑެއް ފެށި އެތައް ބައެއްގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިދާނެ ކަމަށް ސިއްހީ މާހިރުންގެ ހުރި ކަންބޮޑުވުންތަކާ އެކު ވީ އެންމެ ކުރުމަގަކުން އެކަން ކުރުމަށެވެ. އެގޮތަށް އެދުނުއިރު، އެގްޒެކިއުޓާސް އަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއް ކަމަށާއި ވީ އެންމެ އަވަހަކަށް ވެންޓިލޭޓަރުތައް ނުލިބިެއްޖެ ނަމަ ރައްޔިތުންގެ ފުރާނައަށް ނުރައްކާ އޮތް ކަން އޭރު ސިއްހީ މާހިރުންގެ ލަފާކުރުންތަކުން ވެސް ފެންނަން އޮތް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަންބޮޑުވުމާއި އަވަހަށް ތަކެތި ހޯދުމުގެ ހާސްކަމުގެ ތެރޭގައި ވެސް ފިނޭންސް މިނިސްޓްރީން އަމަލުކޮށްފައި ވާނީ އަދި ހުއްދަ ދީފައި ވާނީ މާލީ ނިޒާމްގެ އަސާސްތައް ހިފަހައްޓައި މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދަން ކަމަށެވެ. އެ ނޫން ގޮތަކަށް ހުއްދައެއް އަދި އިރުޝާދެއް ވެސް ނުދޭ ކަން ފާހަގަކުރައްވައި ވިދާޅުވީ 75 ވެންޓިލޭޓަރު ގެންނަން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމާއި އެޑްވާންސް ފައިސާ ދޫކުރަން ޖެހޭނީ މާލިއްޔަތު ގަވައިދާ އެއްގޮތަށް ކަން ހެލްތު މިނިސްޓްރީ އަށް އެންގި ކަމަށެވެ. އެޑްވާންސް ފައިސާ ދޫކުރުމުގައި ވެސް އެ ނޫން ގޮތަކަށް އަމަލުކުރަން ހުއްދަ ދެއްވާފައި ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އަމީރު ވިދާޅުވި ގޮތުގައި އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 75 ޕަސެންޓް ދައްކައިގެން ނޫން ގޮތަކަށް ވެންޓިލޭޓަރުތައް ލިބެން ނެތް ކަަމަށް ހެލްތު މިނިސްޓްރީން އެންގި އެވެ. އެ ސިޓީގައި، އެގްޒިކިއުޓާސްއަކީ ޑަބްލިއުއޗްއޯގެ މަޝްވަރާގެ މަތިން އެ އިދާރާ އިން އެމަޖެންސީ ޕްރިޕެއާޑްނެސްގެ ދަށުން ތަކެތި ސަޕްލައިކުރުމަށް އެކަށީގެންވާ ކުންފުންޏެއް ކަމުގައި ބުނެފައިވާތީ އެޑްވާންސް ފައިސާ ދޫކުރަން ހުއްދަ ދެއްވި ކަމަށާއި އެ ހުއްދަ ދެއްވީ މާލިއްޔަތު ގަވައިދުގެ 10.67(ނ) ގެ ދަށުން ކަމަށް ވިދާޅުވި އެވެ.

"މި ކަމުގައި މިނިސްޓްރީ އޮފް ހެލްތުން އަންގާފައިވަނީ މި ކަމުގެ އާޖެންސީ. މާލިއްޔަތު ގަވާއިދުގެ ދަށުން މި ކަން އަވަހަށް ކުރަން ވެގެން ހަރަދުގެ ހުއްދަ އާއި ފައިސާގެ ކަންކަމަށް ހުއްދަ ދިން ނަމަވެސް މާލިއްޔަތު ގަވައިދުގެ އެހެނިހެން ކަންކަމަށް ބޯލަނބަން ޖެހޭ،" އަމީރު ވިދާޅުވި އެވެ.

"މީގެ ތެރޭގައި މާލިއްޔަތު ގަވައިދުގެ 10.67 ރ. ގައި ބަޔާންކޮށްފައިވާ ޕޭމަންޓް ގެރެންޓީ ނުނަގައި އޮތުމަކީ ދީފައިވާ ހުއްދައެއް ނޫން. އަދި މިއީ އެ ފަރާތާއެކު ވެފައިވާ އެގްރީމަންޓުގައި ވެސް ހިމެނޭ ކަމެއް. އެހެންކަމުން ޕޭމަންޓް ގެރެންޓީ ނެގުމާ މެދު މިނިސްޓްރީ އޮފް ފިނޭންސް އެގްޒެމްޕްޝަނެއް ދީފައި ނުވާތީ، އެ ހޯދަން ޖެހޭނެ. އަދި މިހާތަނަށް ހޯދާފައިނުވާ ނަމަ، މިހާރު ވެސް ހޯދަން ޖެހޭނެކަން ފާހަގަކުރަން."

މިނިސްޓަރު ވިދާޅުވި ގޮތުގައި ފުރަތަމަ 75 ޕަސެންޓަށް ފަހު، 15 ޕަސެންޓުގެ އެޑްވާންސް ޕޭމަންޓަކަށް އެޕްރީލް، 19ގައި އަނެއްކާވެސް ހެލްތު މިނިސްޓްރީން އެދުނެވެ. އެގޮތަށް އެދުމާ އެކު އެގްޒެކިއުޓާސްއާ އެކު ވެފައިވާ އެއްބަސްވުން ހޯދައި އޭގައިވާ ޕޭމަންޓް ޝެޑިއުލަށް ރިއާޔަތްކުރި ކަމަށް ވިދާޅުވި އެވެ.

"މި އެގްރީމަންްޓުގައިވާ ގޮތުން 15 ޕަސެންޓް ދައްކަންޖެހެނީ ވެންޓިލޭޓަރުތައް ޝިޕްމަންޓަށް ތައްޔާރުވުމުން، އެ ތަކެތި ކަންޓްރީ އޮފް އޮރިޖިން އިން ފުރުވާލުމުގެ ކުރިން. މިކަމާ ގުޅިގެން މި މާއްދާ ފަރުމާކުރެވިފައިވަނީ ހުރިހާ ވެންޓިލޭޓަރެއް އެއްފަހަރާ ޝިޕްކުރުމަށް ކަން ބެލެވޭ. ނަމަވެސް އެ ޝިޕްމަންޓުގައި ގެންނަން އުޅުނީ 10 ވެންޓިލޭޓަރުކަން މިނިސްޓްރީ އޮފް ހެލްތުން މައުލޫމާތު ލިބުނު. މިކަމާ ގުޅިގެން 15 ޕަސެންޓް ދެއްކުން އެންމެ ފަހު ޝިޕްމަންޓަށް ހެދޭތޯ އިރުޝާދު ދެވުނު،" އަމީރު ވިދާޅުވި އެވެ.

ނަމަވެސް ވެންޓިލޭޓަރު ޝިޕްކުރެވެން އަންނަނީ އެ އަދަދު ދައްކައިގެން ކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނާތީ އާއި ވެންޓިލޭޓަރު ޝިޕްމަންޓްގެ ފޮޓޯ އާއި ވީޑިއޯވެސް ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެފައިވާތީ އެ ހުއްދަ ދިނީ އެޕްރީލް، 24 ގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވެންޓިލޭޓަރުތަކުގެ ޝޯޓޭޖަކީ މުޅި ދުނިޔެއަށް ވެސް ދިމާވި ދައްޗެއް ކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ އެ ދަތީގައި ވެސް މާލިއްޔަތު ގަވާއިދު ދިޔައީ ހިނގަމުން ކަމަށެވެ. މި ޕެންޑެމިކްގައި އިއުލާން ކޮށްފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށާއި ސްޓޭޓް އޮފް އެމަޖެންސީ އެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އެހެންކަމުން މާލިއްޔަތު ގަވައިދުން މިނިސްޓަ އޮފް ފިނޭންސް އެގްޒެމްޕްޓް ނުކޮށްދޭ ނަމަ، އެހެން ހުރިހާ ކަމެއް ވެސް ދިޔައީ ހިނގަމުން."

ފިނޭންސުން ދެއްކީ ބިޑް ކޮމިޓީގެ އިހުމާލު!

އެޑްވާންސް ޕޭމަންޓުގެ ގޮތުގައި 75 ޕަސެންޓް، މާލިއްޔަތު ގަވާއިދުގެ ތެރެއިން ދޭން ފިނޭންސް މިނިސްޓަރު ހުއްދަ ދެއްވާފައި އޮތް ނަމަވެސް މަޖިލީހުގެ ކޮމިޓީގައި ފިނޭންސް މިނިސްޓްރީން ދެއްކީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ އާއި ފައިނޭންޝަލް އެގްޒެކެޓިވްގެ އިހުމާލެވެ.

މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި ތަކެތި ގެންނަން ހަވާލުކުރާ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލްކަން ބެލުމަކީ އެއީ ބިޑް ކޮމިޓީގެ ޒިންމާއެކެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީން މި މަސައްކަތް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކުރީ އެ ކަންތައްތައް ބަލައި އޭރުގެ ހާލަތަށް ރިއާޔަތްކުރުމަށް ފަހު އެވެ. އެވޯޑް ކުރުމުގެ ކުރިން މަސައްކަތް ހަވާލުކުރެވޭ ފަރާތުގެގެ ފަންނީ އަދި މާލީ ގާބިލުކަން ކަށަވަރުކުރުމަކީ ބިޑު ކޮމިޓީގެ ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.

"ނަމަވެސް، އޮޑިޓްތަކުން ފެންނަ ކަންތައްތަކާ މެދު އަޅުގަނޑު މި ދަނީ މާލިއްޔަތު މައްސަލަ ބަލާ ކޮމިޓީ މެދުވެރިކޮށް މި ކަންތައްތައް ބަލަމުން. އަދި މި ކޮމިޓީން މިކަން ބަލަމުންދާކަމީ ވެސް މާލީ ނިޒާމަށް އައިސްފައިވާ ހެޔޮ ބަދަލެއްކަން ފާހަގަކުރަން،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހްމަދު އަވްޝަން/މިހާރު

މިނިސްޓަރު ވިދާޅުވީ އެޑްވާންސް ޕޭމަންޓް ދައްކާއިރު ކަންކަން ފުރިހަމަވެފައިވޭތޯ ނުވަތަ ނޫންތޯ ބެލުމަކީ އެ މިނިސްޓްރީއެއްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތެއް ކަމަށާއި އެކަން ދެ ސާކިއުލާއަކުން އާއްމުކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.

ތަފްސީލު ދެއްވަމުން ވިދާޅުވީ ޓްރާންސްސެކްޝަންތައް ސިސްޓަމަށް އަޅާ ޑޭޓާގެ މައްޗަށް ދޫކުރެވޭ ފައިސާގެ އެންމެހައި ޒިންމާ ނަގަންޖެހޭނީ އެ ޓްރާންސެކްޝަނެއް ސިސްޓަމަށް އެންޓާ ކުރި ފަރާތުންނާއި ޕޯސްޓް ކުރި ފަރާތުން ކަމަށް އެ ސާކިއުލާގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

ފައިސާ ދެއްކުމުގައި އަމަލުކުރަމުން އަންނަނީ ޕަބްލިކް އެކައުންޓިން ސިސްޓަމްގެ ސެންޓްރަލައިޒްޑް ޕޭމަންޓްސް މެދުވެރިކޮށް ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓުން ކަން އަމީރު ފާހަގަކުރެއްވި އެވެ.