ކުރީގެ ވަޒީރު ޑރ. ޝަކީލާ. ކާޓިން ޔުނިވާސިޓީގައި އޭނާ ކިޔަވާ ވިދާޅުވި އިރު، ދޭތެރެ ދޭތެރެ އިން ލެކްޗާ ދެއްވާ. - ފޮޓޯ: ފޭސްބުކް
23 ޖެނުއަރީ 2017 - 12:03
އޮސްޓްރޭލިޔާގައި ހުންނަ ދުނިޔޭގެ މަޝްހޫރު ކާޓިން ޔުނިވާސިޓީގެ ސްކޫލް އޮފް މެނޭޖްމަންޓް (އެސްއޯއެމް)ގެ އެޑްވައިޒަރީ ބޯޑުގެ މެމްބަރު ކަން ކުރީގެ ވަޒީރުކަން ކުރެއްވި ޑރ. މަރިޔަމް ޝަކީލާ އަށް ލިބިވަޑައިގެންފި އެވެ.
"މިހާރު"އާ ވާހަކަ ދައްކަވަމުން ޝަކީލާ މިއަދު ވިދާޅުވި ގޮތުގައި ޔުނިވާސިޓީގެ ބޯޑު މެމްބަރުކަން ލިބުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ފަހުރެކެވެ. ހާއްސަކޮށް ދިވެހި އަންހެނަކަށްވެ ހުރެ، މިފަދަ މަގާމެއް ލިބުމުން އެކަމާ ވަރަށް ބޮޑަށް އުފާވާ ކަމަށް ވެސް ޝަކީލާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ޔުނިވާސިޓީގެ އިސް ބޭފުޅަކު ގުޅުއްވާފައި އެހީ ބޯޑު މެމްބަރުކަމަށް ވުމުގެ ޝައުގުވެރިކަން އެބަހުރިތޯ، ޝައުގުވެރިކަން ހުރި ވާހަކަ ބުނުމުން ފުރުސަތު ދިނީ،" ޝަކީލާ ވިދާޅުވި އެވެ.
ޝަކީލާ ވަނީ ގިނަ އަހަރުތަކެއް ވަންދެން އޮސްޓްރޭލިއާގައި ހުންނަ ކާޓިން ޔުނިވާސިޓީން މާސްޓާސް އާއި ޕީއެޗްޑީ ހާސިލް ކުރައްވައިފަ އެވެ. އަދި ބައެއް ފަހަރު އެ ޔުނިވާސިޓީގައި ޝަކީލާ ލެކްޗާ ދެއްވަ އެވެ.
ޝަކީލާ ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަންގެ ސަރުކާރުގައި އާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކެބިނެޓުގައި އެކި ދާއިރާތަކުން ހިދުމަތް ކުރައްވާފަ އެވެ. އެ ގޮތުން ޖެންޑާ އާއި ހެލްތު މިނިސްޓަރު ކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އެވެ. އަދި އެންވަޔަރްމަންޓް މިނިސްޓަރު ކަން ވެސް ކުރެއްވި އެވެ.
ޝަކީލާ ވިދާޅުވި ގޮތުގައި އެޑްވައިޒަރީ ބޯޑުގެ މެމްބަރުކަމަށް ވުމަކީ އިތުރު ތަޖުރިބާތަކެއް އޭނާ އަށް ލިބޭނެ މަގެކެވެ. އަދި އެ ޔުނިވާސިޓީން އޭނާ އަށް ކުރި އިތުބާރަށް ޝުކުރު އަދާކުރެއްވި އެވެ.
"ތައުލީމީ ހަޔާތް ފުރިހަމަ ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ޔުނިވާސިޓީއެއް މިއީ، އޮސްޓްރޭލިއާ އަށް ދެވޭ ފަހަރެއްގައި މިހާރު ވެސް ލެކްޗާ ދީ އުޅެން" ޝަކީލާ ވިދާޅުވި އެވެ.
ކާޓިން ޔުނިވާސިޓީގެ މަސައްކަތްތައް ހިނގާނީ އެ ތަނުގެ އެސްއޯއެމްގެ އެޑްވައިޒަރީ ބޯޑް މެމްބަރުންގެ ލަފާ އާއި އިރުޝާދުގެ ދަށުންނެވެ. އެނގިފައިވާ ގޮތުގައި އެ ބޯޑުގައި ޝަކީލާއާ އެކު 14 މެމްބަރުން ތިއްބަވަ އެވެ.
ދުނިޔޭގެ ކަންކަން ހިނގާ ގޮތަށް ބަލާފައި އޭރުގެ އޮންނަ ގޮތަށް ކޯސްތައް ހިންގާނެ ގޮތާ ގުޅޭ ގޮތުން ގޮތްތައް ނިންމުމުގެ ބާރު އެ ބޯޑަށް ވަނީ ދީފަ އެވެ. އަދި މުސްތަގުބަލުގައި ޔުނިވާސިޓީ ހިންގާނެ ގޮތުގެ ރާސްތާ ކަނޑައެޅުމުގެ ބާރު ވެސް ދީފައި އޮންނަނީ އެ ބޯޑަށެވެ.
ކާޓިން ޔުނިވާސިޓީއަކީ ދުނިޔޭގައި އެންމެ ނަން ހިނގާ ޔުނިވާސިޓީތަކުގެ ތެރެއިން އެއް ޔުނިވާސިޓީ އެވެ. ޔުނިވާސިޓީގެ ކެމްޕަސްތައް ދުނިޔޭގެ އެކި ގައުމުތަކުގައި ހުރެ އެވެ. އެ ޔުނިވާސިޓީއަކީ ދުނިޔޭގެ ނިސްބަތުން ގިންތި ކުރެވޭއިރު އެންމެ މޮޅު ދެ ޕަސަންޓުގެ ތެރޭގައި ހިމެނޭ ޔުނިވާސިޓީއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭރުވެލާ
23 January 2017
މަރުހަބާ ޑރ.ޝަކީލާ....އައްޑޫއަށް ނިސްބަތްވާ ދަރިއެއް
ވޯލް
23 January 2017
ތައުލިމީ ބޭފުޅެއް، ހަޤީގަތަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަކީ ކިޔެވުމަށް މޮޅު ބައެއްގެ ގޮތުގައި އެހެނީ ފޮތް އޮތް ގޮތަށް ހިތުދަސްކޮށްލާނެ، އޭގެ އެނެމް ބޮޑު އެޑްވާންޓޭޖްއަކީ ދިވެހިން އިނގިރޭސި މީޑީއަމްއަށް ކިޔަވާތީ. އެހެނަސް މަސައްކަތުގެ ދާއިރާގައި މާބޮޑެތި ކަންކަމެއް ކުރެވިފައި މިފަދަ ބޭފުޅުނަށް ނެތް. ޓެކްނިކަލީ މޮޅެތި އަދި ބޭފުޅުން މަސައްކަތުގެ ދާޢިރާގައިވެސް ކުރިއެރުން ހޯދާ. ދިވެހިގެ ކިބާފގައި ކްރިޓިކަލް ތިންކިން މަތީ އާހިރުގައި ކިޔެވިފަ ހުރިއެއްޗެއް އެޕްލައި ކުރެވޭތަނެއް ނުފެބޭ. އޭގެ އެންމެ ބޮޑު އެއް މިސާލެއްގެ ގޮތުގައި އަޅުގާޑު ދެކޭނީ، މަރުކަޒީ ބޭންކްގެ ގަވަރުނަރު ކަންކުރައްވާފައި އަދި ކުރައްވަމުންދާ މީހުންގެ ކިބައިން ކަމުގެ އެއްވެސް ކުރިއެރުމެއް ފެނިފައި ނެތް. ތައުލީމީ ގޮތުން މޮޅެތި ބޭފުޅުން އެހެން ނަމަވެސް، ގަމުގެ އާބާދީގެ 3 ގުނައަށް ޓޫރިސްޓުން އަނަން ދުނިޔޭގެ އެންމެ މަތީ ފެންވަރަުގެ އަގު ބޮޑެތި ހޯޓާ ހުރި ޤައުމެއްގައި ރައްޔިތުން ބޭރުފައިސާއަށް ސަލާމްޖަހަން ޖެހުނީމައި އެއޮތީ ކިޔެވިފައި ހުރި އެއްޗެއް އެޕްލައި ކުރަން ނޭންގިފައި.
1211
23 January 2017
މަރުހަބާ ޑރ. ޝަކީލާ އަދި އިބްރާހިމް މުހައްމަދު ދީދީ.
ޢަބްދުލްމުހައިމިން ޙުސައިން
23 January 2017
މަރްޙަބާ! ދިވެއްސަކަށް ވީތީ ފަޚުރުވެރިވަން.
ރަސްޓީ
23 January 2017
ރާއްޖޭގެ އެންމެ ދެކުނަށް ނިސްބަތްވާ މިފަދަ ތައްލީމާއި ތަޖްރިބާ ހުރި އެތައްދަރީނެެއްވަނީ މިސަރުކާރުންނާއި އަދި ފާއިތުވެދިޔަ ސަރުކާރުތަކުން ބާކީކުރެވިފަ. އެހެން ނަމަވެސް އެފަދަ ބޭފުޅުންގެ އިލްމާއި ތަޖްރިބާ ދުނިޔޭގެ ޤައުމުތަކުން ބަލައިގަންނަކަމީ ވަރަށް އުފާވެރިކަމެއް. ޔާމީންގެ ސަރުކާރުން ވަކިން ޙާއްސަކޮށް މިފަދަ ބޭފުޅުންގެ ބޭނުން ނުކުރާކަމީ ވަރަށް ހިތާމަ ހުރިކަމެއް!
ދާދޭ
23 January 2017
ޑރ. ޝަކީލާ އަޅުގަނޑު ދުށީ ހިންގުންތެރި ހީވާގި ހުނަރުވެރި އަދި މީހުންނަށް އިތުބާރު ކުރައްވާ އަދި އެހެންމީހުންގެ އިތުބާރު ލިބިފައިވާ ބޭފުޅެއްގެ ގޮތުގައި. ޑރ. ޝަކީލާގެ ކުރިމަގު އުޖާލާ ކޮށްދެއްވާށި. އާމީން.
އުމަރު
23 January 2017
ރަނގަޅު ދިވެހިރާއްޖެއިން އެއްލާލީމާ އޮސްޓްރޭލިޔާގެ އެންމެ ބޮޑު އެއްޔުނިވަސިޓީގެ ބޯޑުގެ މެންބަރަކަށް، ތިޔަކަމުން އެނގެނީ ދުނިޔޭގެ އެންމެކުރިއަރާތިބި ގައުމުތަކުން ބަލައިގަންފިކަން، މިޤައުމުގައި އެންމެ ކުރިއަރާނީ ސިޔާސީގޮތުން ހައްދުފަހަނަޅައި ރައްޔިތުން މަގުފުރައްދާމީހުން
ޥަސީމު
23 January 2017
މެލޭސިޔާ ޔުނިވަރސިޓީ ތަކުގެ އިސް މަގާމު ތަކުގަ ވެސް ދިވެހިން އުޅޭ.
ސައްތާރު
23 January 2017
އެމީހުން ނޫޅޭ ތުއި ދެއްކޭކަށް. ތުއި ދެއްކޭ ހިތްވާ މީހުންގެ ހަބަރު ލިޔާނެ ނޫސްތަކުގަ
ވެމްބްލީ
23 January 2017
ވަރަށްބޮޑަށް މަރުހަބާ. އަބަދުވެސް އެދެނީ ޝަކީލާއަށް އުފަލާއި ހިތްހަމަޖެހުން. ކުރިޔަށް ބާރަށް.
ފޮނިކަލޯ
23 January 2017
ކަމަނާ އަށް ތިޔަ މަޤާމު ލިބުމަކީ މިޤައުމުގެ ހުރިހާ ދިވެހިންވެސް އުފަލާއި އެކު ފާހަގަ ކުރާނެ ކަމެކެވެ. މި ކުޑަ ކުޑަ ދިވެހިރާއްޖެ އަށް ކަމަނާ ކޮށްދެއްވި އަގުނުކުރެވޭ ޚިދުމަތައް ފައްފަށުން އަޅުގަނޑު ޝުކުރު ދަންނަވަމެވެ.