ޔާމީނާއި އެމަނިކުފާނުގެ ވަކީލުން: ފުއްގިރި މައްސަލާގައި އެމަނިކުފާނު ހުށަހެޅުއްވި އިސްތިއުނާފް މައްސަލައަކީ އިސްތިއުނާފީ މިންގަނޑަށް ވާސިލް ނުވެވޭ މައްސަލައެއް ކަމަށް ދައުލަތުން ބުނޭ --- ފޮޓޯ/މިހާރު
30 މާޗް 2023 - 13:26
ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާއާ ގުޅިގެން އެ މަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފްކުރީ އިސްތިއުނާފީ މިންގަނޑަށް ވާސިލްވެވޭ ވަރުގެ މައްސަލައެއް ނޫން ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
އެހެން މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާކުރާ މައްސަލާގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމި ނިންމުންތަކެއް އެ މަނިކުފާނުގެ ފަރާތްޕުޅުން ވަނީ އިސްތިއުނާފްކޮށްފަ އެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ބައެއް ހެކިތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރިޔަސް، އިސްތިއުނާފީ މިންގަނޑާ ހަމައަށް ނާދެވޭ ކަމަށެވެ. ސަބަބަކީ ހެކި ބަލައިގަތުމާއި ނުގަތުމަކީ ފަނޑިޔާރުންގެ ތަގްދީރީ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި ހެކި ބަލައިގަތަސް، އެ ހެކިތަކާ ބެހޭގޮތުން ކޯޓުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ފަހުގެ މަރުހަލާއެއްގައި އޮންނާނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާތީ ކަމަށް ދައުލަތުން ބުންޏެވެ.
ބައެއް ލިޔުންތައް ހެކީގެ ގޮތުގައި ހޯދަން ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ހުށަހެޅުން ވެސް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާތީ އެ ނިންމުން ވެސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފަށް ހުށަހަޅާފައިވެ އެވެ.
އެކަމާ ގުޅިގެން ދައުލަތުން ބުނީ އެ ލިޔުންތައް ހޯދަން އެދޭ ސަބަބެއް ޔާމީންގެ ފަރާތްޕުޅުން ދަށު ކޯޓުގައި ބުނެދީފައި ނުވާ ކަމަށެވެ. އެ ލިޔުންތައް މައްސަލައާ ގުޅުން ހުރި ގޮތެއް ނޭނގޭ ކަމަށާއި އަދި މުޅިން އެހެން މައްސަލަތަކާ ގުޅުން ހުރި ލިޔުންތައް ހޯދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.
އެކަންކަން ފާހަގަކޮށް، ދައުލަތުން އެދުނީ އެ މައްސަލައަކީ އިސްތިއުނާފީ މިންގަނޑަށް ވާސިލްނުވެވޭ މައްސަލައެއް ކަމަށް ނިންމައި ދިނުމަށެވެ. އަދި އެ މިންގަނޑަށް ވާސިލްވެވުނަސް، ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ނިންމައިދޭން ދައުލަތުން އެދުނެވެ.
ރައްދުގައި ޔާމީންގެ ވަކީލުން ވިދާޅުވީ އިސްތިއުނާފީ މިންގަނޑަށް ވާސިލް ނުވެވޭނެ ކަމަށް ބުނުން ފިޔަވައި އޭގެ އިތުރު ސަބަބެއް ދައުލަތަށް ނުދެއްކޭ ކަމަށެވެ. ހެކިތަކެއް ބަލައިނުގަންނަން ހުށަހެޅީ މައްސަލައާ ގުޅުމެއް ނެތް ހެކިތައް ހުށަހަޅައިގެން ކަންކަން ސާބިތުކުރަން އުޅޭތީ ކަމަށް ވަކީލުން ވިދާޅުވި އެވެ.
ހެކިތައް ބަލައިގަތަސް، ފަހުގެ މަރުހަލާގައި އެ ވާހަކަ ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށް ދައުލަތުން ބުނެފައިވާތީ އޭގެ ރައްދުގައި ޔާމީންގެ ވަކީލުން ވިދާޅުވީ، އެ ފުރުސަތު ފަހުން އޮތުމަކީ މިހާރު އެ ހެކިތައް ބަލައިގަންނަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.
ބައެއް ލިޔުންތައް ހޯދަން އެދުނު ސަބަބު ދަށު ކޯޓުގައި ބުނެދީފައިވާނެ ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވި އެވެ. އަދި އެ ލިޔުންތައް ދިނުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް ކަމަށް ވަކީލުން ވިދާޅުވި އެވެ.
އެ މައްސަލާގައި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.
ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.
ޔާމީން މިވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވަނީ ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގަ އެވެ. އެ މައްސަަލަ އިސްތިއުނާފް ކޮށްފައި ވިޔަސް، އިސްތިއުނާފް މިހާތަނަށް ބަލައެއް ނުގަނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަމައެއް ލަމައެއްގެ ގޮތެއް ނެތް
30 March 2023
މަމިއަޖާބުވަނީ ހުކުމް ކުރަންވާނެގޮތް ދައުލަތުގެ ވަކީލުން ފަނޑިޔާރުންނަށް އަމުރު ކުރަމުން ދާތީ. ދެޚަޞްމުންގެ ވާހަކަ އަޑުއަހާފައި ފަނޑިޔާރުގެ ބުއްދިން އިންސާފު ދޭންޖެހޭ ކަމަކަށް ދައުލަތުގެ ވަކީލުން ނުފޫޒު ފޯރުވައި މިގޮތަށް ހުކުމް ކުރާށެ ބުނެ ބާރުލިބިގެންވާ މީހަކު އަމުރު ކުރުމަކީ އިންސާފުގެ އުޞޫލުން ބޭރުވުން.
ޙޔޔތ
31 March 2023
މައްސަލަ ނިންމަން އެދޭގޮތް ދެފަރާތުންވެސް ބުނަން ފޯމުގަވެސްއިނދޭ
ހިޔަޅު
30 March 2023
ޝަރީއަތް ކުރަންވި މިސްރާބަކާ ހުކުނ އިއްވަނވި ގޮތެއް ދައުލަތުން ކޯތުތަކުގާ ތިބޭ ފަނޑިޔާރުންނަކަށް މަޖުބޫރެއް ނުކުރެވޭނެ، މިހުރިހާ ކަމަކަށް ދައުލަތުން އަތްފައި ބާނައިގެން ކޮންމެ ފަހަރަކު ރޔާމީނަށް ހުކުން ކުރުވާކަށް ސާބިތު މި ވަނީ.
މަޖަމީލާ
30 March 2023
ޑޮކްޓާރު ޖަންޖަބީލު ފެނުނީމަ ހަމަ ހެވެނީ. އޭނާވަކިކުރިދުވަހަ މަޖިލީހަށްފޮނުވި ހާސްސޮފްހާގެ ޙުތުބާއެއް.
މުހައްމަދު..
30 March 2023
ކޯޓްތަކުންކުރުމަށް ރައްޔިތުން ނިންމާފައިވާ ކަންކަމަށް ގޮތް ނިންމަންވާނީ ކޯޓުން. ދައުލަތުގެ ޕްރޮކިއުޓާ ކުރަންޖެހޭ ކަމަކީ ކުއްކުރިފަރާތް ކުށްކުރިކަން ސާބިތުވާނެ ހެކިހުށަހެޅުން. ގޮތްނިންމާނީ ގާޒީން. ގާޒީން ވަކިގޮތަކަށް އަމަލުކުރަން ޕްރޮސެކިއުޓަރ އަކަށް ނުއެންގޭނެ. ޕްރޮސެކިއުޓަރ ކަންކުރަންވީގޮތާއި ގާޒީން ކަންކުރަންވީގޮތް ގާނޫނެއްގެ ގޮތުގައި ލިޔެ އެއާއި އެއްގޮތަށް އަމަލުކުރަން އެންގީ ރައްޔިތުން.
އެޗް އެމް
30 March 2023
އޭރުވެސް މަބުނިން އަދުރޭގެ ބަހަށް ހެއްލި ކޯޓުތަކުގެ ޓިނު ނުނައްޓާށޭ. މިހާރު އުޅެންޖެހިފައިތިވަނީ ކޯޓުތަކުން ނުނެއްޓިގެން.
ގެދާނޯމޮސް
30 March 2023
ގާސިމުގެ ފަޅިން ވެރިކަމަށް އަންނަން އުޅުމުގައި މިކޮޅަށް ކުރިމަތިކުރާނެ ކަންކަން އެންމެ ހީނުކުރާ މީހާވެސް ކޮށްފާނެ ކަމަށް ބުނާބުނުން ތެދުކަމުގަ އެބަފެނެއެވެ.