ވެމްކޯ އާއި ކަރެކްޝަންސް ރޭ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
04 މެއި 2023 - 11:50
ހުޅުމާލޭ އާބަންކޯ ވޮލީކޯޓުގައި މިހާރު ކުރިއަށްދާ "އިންޓަ އޮފީސް/ ކޮމްޕެނީ ޗެމްޕިއަންޝިޕް" ވޮލީބޯޅަ މުބާރާތުގައި އާބަންކޯ ކުޅުނު ދެވަނަ މެޗު ވެސް ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފި އެވެ.
ވޭސްޓު މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ރޭ ވަނީ ކާމިޔާބު ކޮށްފަ އެވެ.
އިއްޔެ ހަވީރު ކުޅުނު މެޗު އާބަންކޯ ކާމިޔާބު ކުރީ ސީދާ ތިން ސެޓުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ބަލިކޮށްފަ އެވެ. މި މެޗުގެ ސެޓްތައް އާބަންކޯ ގެންދިޔައީ 25-16، 25-13 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާބަންކޯ ޓީމަށް ކުޅޭ، ގައުމީ ބީޗް ވޮލީބޯޅަ ޓީމުގައި ވެސް ހިމެނޭ ޒުވާން ކުޅުންތެރިޔާ ޝަމާއިލް ހުސެއިން އެވެ.
ގުރޫޕް އޭގައި ހިމެނޭ އާބަންކޯ ވަނީ އެޓީމުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ މެޗުން މޮޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަލިކޮށްފަ އެވެ. އެމްއޭސީއެލް ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. ފުރަތަމަ މެޗުން ބަލިވީ ސްޓެލްކޯ އަތުންނެވެ.
ރޭ ކުޅުނު ގުރޫޕް ބީގެ މެޗުގައި ވެމްކޯ އާ ދެކޮޅަށް ނުކުތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޓީމެވެ. މިއީ މި ދެ ޓީމު ވެސް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.
ކަރެކްޝަންސްގެ މައްޗަށް ވެމްކޯ ކުރި ހޯދީ 3-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓް ވެމްކޯ ގެންދިޔައީ 25-20 އަދި 25-22 އިންނެވެ. ތިންވަނަ ސެޓު 25-17 އިން ކަރެކްޝަންސް އިން ގެންދިޔަ ނަމަވެސް ވެމްކޯ ވަނީ ހަތަރުވަނަ ސެޓް 25-19 އިން ގެންގޮސްގެން މެޗު ކާމިޔާބު ކޮށްފަ އެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯއަށް ކުޅޭ އިންޑިއާގެ ވިނީތު ކުމާރެވެ. އޭނާ އަކީ މިދިޔަ އަހަރުގެ އެސޯސިއޭޝަން ކަޕްގައި ސްޕޯޓްސް ކްލަބް ސިޓީއާ އެކު ޗެމްޕިއަންކަން ހޯދައި، މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ކުޅުންތެރިޔާ އެވެ.
މުބާރާތުގައި މިއަދު ކުޅޭނީ ގުރޫޕް އޭގެ ދެ މެޗެވެ. ހަވީރު 4:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ސްޓެލްކޯ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ. އަދި ރޭގަނޑު 8:30 ގައި އާބަންކޯ ނުކުންނާނީ މޯލްޑިވްސް ޕޮލިސް ސާވިސް (އެމްޕީއެސް) އާ ދެކޮޅަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy