ރިޕޯޓް

މަޖިލިހުގައި އޮތީ މަރުތަޅު އެޅުވުމާއި މަރުފަލި ޖެހުން!

ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ--ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ކޮމިޓީތައް އެކުލަވާ ނުލެވެނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުއްޓުވާފައި ބާއްވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގަސްދުގައި އެ މަސައްކަތް ހިފަހައްޓާފައި އޮތުމުންނެވެ.

އެމްޑީޕީން ވަކިވި 13 މެންބަރުންގެ ވިސްނުމުގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ އެއްފަހަރާ މަޖިލިހަށް ވެއްދުމަކީ ހިންނަވަރު ދާއިރާގެ މެންބަރު ކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަޖުރިބާގެ އަލީގައި ރާއްވަވައިގެން މަޖިލިސް މަރުތަޅު އަޅުވަން ކުރެއްވި ކަމެކެވެ.

މިދިޔަ ދުވަސްތަކުގައި މިފަދަ އެތައް ތުހުމަތެއް ދަނީ ދެ ފަރާތަށް ކުރަމުންނެވެ. މަޖިލީހުގެ ގަވައިދުން ގިނަ މައްސަލަތަކާއި ފުށުއެރުންތަކާއި ލޫޕް ހޯލްތަކުގެ ވާހަކަ ހުސް ނުވެ އެވެ. އެއް މާއްދާތަކެއް އެތައް ގޮތަކަށް މާނަ ކޮށްގެން މަޖިލީހުގެ އިދާރާއާ ސިޓީ ބަދަލު ކުރުމެވެ. ގައުމުގެ ބޮޑު ގާނޫނީ ބަހުސަކަށް މިކަން ވެއްޖެ އެވެ.

ނަމަވެސް ގާނޫނީ ދާއިރާގެ ތަޖުރިބާކާރުންނާ އެ ވާހަކަ ދައްކާލުމުން ދެއްވަނީ މުޅިން އެހެން ޖަވާބުތަކެކެވެ؛

"ގަވައިދުގައި މައްސަލައެއް ނެތް. މަރުތަޅު އެޅޭ ހާލަތެއް އަދި ނާދޭ. ދެކޮޅުން ވެސް އުފައްދައިގެން އުޅެނީ ސިޔާސީ މަގްސަދުތަކެއް ހާސިލް ކުރަން ބޭނުންވާ ހާލަތެއް،" މިހާރު އާ ވާހަކަ ދެއްކެވި ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

ހާލަތެއް ކުރިމަތި ކުރަން "އުފެއްދި" މަރުތަޅެއް!

އެމްޑީޕީ އެކަތިގަނޑެއް ގޮތުގައި އޮތް އިރު ވެސް މިހާރު މި ދިމާވެގެން އުޅޭ ހުރިހާ ހާލަތެއް އޮތީ އައިސްފަ އެވެ. މަޖިލީހުގެ ރައީސް ރިޔާސަތުގައި އިންނަވައިގެން ނަޝީދު ބަހުސްގައި ބައިވެރިވެވަޑައިގަތުން އޭރު ބައެއް މެންބަރުން ސިފަ ކުރެއްވީ މެމްބަރުންގެ 'މައުލޫމާތު މުއްސަނދި' ކޮށްދެއްވަނީ ކަމަށެވެ. އިދިކޮޅުގެ މެންބަރުންނަށް ބަހުސް ކުރުމުގެ ފުރުސަތު ހަމަހަމަ އަށް ނުދޭ ކަމުގެ ޝަކުވާ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕް ދެބައިވެ، ހާއްސަކޮށް 13 މެމްބަރުން އެ ޕާޓީން ވަކިވުމާ ހަމައަށް އެމްޑީޕީގެ މެމްބަރުންނަކަށް ނީވެ އެވެ.

މަޖިލީހުގެ ރިޔާސަތުގައި ނަޝީދު--ފޮޓޯ: ރައީސް އޮފީސް

އިތުބާރު ނެތް މައްސަލަތަކުގައި ޖަވާބުދާރީވާން ޖެހޭ ގޮތާ މެދު ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ނެތަސް މިނިސްޓަރުން ވަކިކޮށްފައި އެބަހުއްޓެވެ. ކޮމިޓީތަކުން މެންބަރުން ބަދަލު ކުރަން ބޭނުން ވަގުތަކު އެއްވެސް ގާނޫނީ ތާއްޓެއް ނާރައި އެކަން ވަރަށް އާދައިގެ ގޮތަކަށް ނިންމާލަ އެވެ. ރިޔާސަތުން އެއްބާރުލުން ވެސް ދެއްވަ އެވެ. މާ ބޮޑު ކަމަކަށް ނުހައްދަވަ އެވެ.

މި ހުރިހާ ވެސް މައްސަލަތަކެއް ޖެހިގެން އުޅެނީ ކުރިމަތިވެގެން އުޅޭ ސިޔާސީ މަސްރަހު އޮތް ގޮތުން ކަމަށް ގިނަ ބަޔަކު ދެކެ އެވެ. މި ހުރިހާ ދުވަހު ނަޝީދަށް ފިޔަވަޅު ނާޅާ އޮތުމަކީ ހެދުނު ގޯހެއް ކަމަށް އެމްޑީޕީ އަށް ވިސްނި، މެޖޯރިޓީ އޮވެ ބާރު ގެއްލިދާނެތީ "ތެޅެނީ" އެވެ. ނަޝީދު ވަކި ނުކޮށްފި ނަމަ ދައުލަތުގެ ބަޖެޓު ފާސް ކުރެވިދާނެ ކަމާ މެދު ވެސް ބައެއް މެންބަރުންނަށް ޝައްކެވެ.

އަނެއްކޮޅުން އީވާ އާއި ނަޝީދު މަގާމުން ދުރުކޮށްފި ނަމަ އިދިކޮޅުގެ އަޑު މަޖިލީހުގައި ކެނޑޭނެ އެވެ. ރިޔާސަތަކީ މަޖިލިހުގައި އެންމެ ބާރުގަދަ އަދި ބޭނުން މައްސަލައެއް ބޭނުން ގޮތަކަށް އަނބުރާލާ "މޭޒު" ކަމަށް ވާތީ ކިތަންމެ ގިނަ މެމްބަރުންނެއްގެ ސޮއި ދެކޮޅަށް ލިބުނަސް ރިޔާސަތު ދޫކޮށްލައްވާކަށް ނަޝީދާއި އީވާ ބޭނުންފުޅެއް ނޫނެވެ. އޮތް އިޖުރާއަތްތައް ފުރިހަމަ ވެގެން މަޖިލިސް ރަނގަޅަށް ހިނގަން ޖާގަ ދީފި ނަމަ ބައެއް މެންބަރުން ވިދާޅުވާ ގޮތުން ނަމަ އިދިކޮޅު ފަރާތްތަކަށް ދެން އަޑު އުފުލާލާނެ ފުރުސަތެއް ވެސް ނުލިބި ބާރުތައް ގެއްލޭނެ އެވެ.

މި ހާލަތު މިހެން އޮތުމުން އުފެއްދި ދެ ގާނޫނީ ސުވާލަކީ އަމިއްލަ މެންބަރުންނަށް އެއްބަސް ނުވެވޭތީ ކޮމިޓީތައް އެކުލަވާލާނެ ގޮތެއް ނެތުމާއި އިތުބާރު ނެތް މައްސަލަ ހިނގާއިރު ރިޔާސަތުގައި އިންނަވާނީ ކޮން ބޭފުޅެއްތޯ އުފައްދަވާ ސުވާލެވެ.

އެކަމާ ގުޅޭ ގޮތުން ކުރީގެ މެންބަރަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި 18 ވަނަ މަޖިލީހުގައި ވެސް 12 މެންބަރުން ޕީޕީއެމުން ވަކިވުމުން މި މައްސަލަ ދިމާވި އެވެ. އެކަމަކު، އޭރުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އަމީން އާންމު ކޮމިޓީތައް އެކުލަވައިލެއްވި އެވެ.

މިހާރު ދިމާވެގެން މި އުޅެނީ އެއްވެސް ގޮތެއް ނެތި މަރުތަޅު އެޅޭ ހިސާބަށް ދާން ޖެހޭ ވަރު މައްސަލައެއް ނޫން ކަމަށް "މިހާރު" އާ ވާހަކަ ދެއްކެވި ކުރީގެ މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮމިޓީތައް ކޮމްޕޮޒިޝަން ބަދަލުކޮށް އަލުން އެކުލަވާލަން މަޖިލިހުގެ ގަވައިދު މިހާރު ވެސް ތަންދެ އެވެ. އެއީ ރިޔާސަތާއި މަޖިލީހުގެ އަމީން އާންމު ހައްލު ކުރައްވާ ކަންކަމެވެ. މަޖިލީހުގައި ޕާޓީތައް އެކުލެވޭ ނިސްބަތަށް ބަލައި މެންބަރުން ބަހާނެ ތަރުތީބު ކަނޑައަޅަން ގަވައިދުގައި ބުނާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގައި ހިނގާ ކަމަކާ މެދު ދެބަސްވުމެއް އުޅޭ ނަމަ ނުވަތަ ކޮމިޓީތަކާ މެދު އެއްބަސްވުމަކަށް ނާދެވޭ ނަމަ މަޖިލީހަށް އެކަން ހުށަހަޅައިގެން ކޮންމެވެސް އެއްގޮތަކަށް ފާސް ކުރެވިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މަޖިލީހުގެ ގަވައިދުގައި ނެތް ހާލަތެއް ކުރިމަތިވެގެން ނޫޅޭ. ވަރަށް ސާފު ކަން ކުރައްވީ ގޮތް،" އޭނާ ވިދާޅުވި އެވެ.

12 މެންބަރުން ކުރީ ސަރުކާރުގައި ވަކިވި އިރު ވެސް މި ހާލަތު ދިމާވި. އެފަހަރު ވެސް މަސީހާއި އަމީން އާންމު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އިންނަވައި ކޮމިޓީތައް އެކުލަވާލީ -- ކުރީގެ މެންބަރެއް

އިތުބާރު ނެތް މައްސަލާގައި ވެސް މިހާރު އުފައްދައިގެން އުޅެނީ ކުރިން އެއްވެސް ސުވާލެއް ވެސް އޮތް މައްސަލައެއް ނޫނެވެ. މަޖިލީހުގެ ނައިބު ރައީސްގެ މައްސަލަ ހިނގާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ރައީސަށް ފުރުސަތު އޮންނާނެ އެވެ. އަދި ރައީސްގެ މައްސަލަ ކުރިއަށް ގެންދާއިރު ނައިބު ރައީސަކަށް ހުންނަވާ ބޭފުޅަކަށް އެ ފުރުސަތު އޮވެ އެވެ.

ދެ ބޭފުޅުންގެ މައްސަލަ އެއްފަހަރާ ވައްދާފައި އޮތަސް އެއް ދުވަހަކަށް ތާވަލު ނުކުރާހާ ހިނދަކު ގާނޫނީ މާ ބޮޑު އޮޅުންތަކެއް އޭގައި ނެތް ކަމަށް "މިހާރު" އާ ވާހަކަ ދެއްކެވި އެހެން ވަކީލަކު ވިދާޅުވި އެވެ. އެ ދެ ބޭފުޅުންނަށް ވެސް އުޒުރުވެރިވާ ހާލަތެއްގައި ދެން ރިޔާސަތު ބަލަހައްޓާނެ މެންބަރުންގެ ތަރުތީބެއް ވެސް މަޖިލީހުގައި ނަގައި ތައްޔާރު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގައި ރައީސް އާއި ނަޝީދު ސަލާން ކުރައްވަނީ--ފޮޓޯ: ރައީސް އޮފީސް

"އެހެން ނަމަވެސް އާންމު ކޮމިޓީން ވަގުތު ކަނޑައެޅުމަކީ ލާޒިމް ކަމެއް. އެކަން ނުކޮށް އެ މައްސަލަތައް ކުރިޔަށް ނުގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.

ދާއިރާގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި އެއްވެސް ގާނޫނެއް ނުވަތަ ގަވައިދަކީ އެ އަށް އަމަލު ނުކުރެވޭ ފަދަ ހާލަތަކަށް ދާ ގޮތަށް މާނަ ކުރާ އެއްޗެއް ނޫނެވެ. މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރާ ގާނޫނުގައި ވެސް ބުނާ ގޮތުން، ކޮންމެ ގާނޫނަކީ އުނިކަމެއް ނުވަތަ ހުސްކަމެއް ފޫބެއްދުމަށްޓަކައި ހަދާ ގާނޫނެކެވެ.

މަޖިލީހުގެ ގަވައިދަކީ ގާނޫނަކާ އެއް މިންގަނޑެއްގައި ކިރޭ އެއްޗަކަށް ވާއިރު ހުރިހާ ހާލަތެއް އަކުރުން އަކުރަށް އެ ގަވައިދުގައި ލިޔެ ބަޔާން ކޮށްފައި ނެތަސް މަރުތަޅު އެޅުވޭ ކަމަށް ދެއްކުމަކީ ދެކޮޅު ޖެހޭ ވާހަކައެއް ނޫން ކަމަށް ދާއިރާގެ ބޭފުޅުން ދެކިވަޑައިގަންނަވަ އެވެ.

"މި ފެންނަނީ ފަހު ތަޅާލުން"

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް މިހާރު ހިންގާ ގޮތުން މަރުތަޅު އެޅުވުމަށް ވުރެ ބޮޑަށް ގިނަ ބަޔަކަށް ފެންނަނީ މަރުފަލި ޖަހާ މަންޒަރެވެ. މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ނިމެން ހަފުތާއަކަށްވީ އިރު މި ދައުރުގެ ތެރޭގައި އެއްވެސް ބިލެއްގެ މަސައްކަތެއް ނުކުރެ އެވެ. ކޮޅެއްގައި ނުޖެހޭ އަދި ފާސް ވެސް ނުވާ ގަރާރުތަކަކަށް ބަހުސް ކުރުމާއި މިނިސްޓަރުން ހާޒިރު ކުރުން ފިޔަވައި އެހެން މަސައްކަތެއް ނުކުރެ އެވެ.

މަޖިލީހުގައި މައިގަނޑު ގޮތެއްގައި މިހާރު އޮންނަނީ ސަރުކާރަށް ފާޑު ކިޔުމެވެ. މި ފަހުން މުޅިން ވެސް ފެންނަނީ އަލަށް އުފައްދާ ދަ ޑިމޮކްރެޓްސް ޕާޓީ ޕްރޮމޯޓު ކުރުމެވެ. ނިޒާމީ މައްސަލަ ނަގައި މަޖިލީހުގެ ހުރިހާ ވަގުތެއް ޒުވާބަށް ހުސް ކުރާ ތަނެވެ.

މަޖިލީހުގައި ދެ މިނިސްޓަރެއްގެ އިތުބާރު ނެތް މައްސަލަ ވެސް އެބައޮތެވެ. އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތުގެ މައްސަލަ ވެސް ކުރިޔަށް ގެންދަނިކޮށް އިމްތިޔާޒާ ގުޅޭ މައްސަލައެއް ފެންމަތި ކުރުވި އެވެ. އެކަމަކު، އެކަން ވެސް ނިޒާމުން ކުއްލިއަކަށް ވަނީ ގެއްލިފަ އެވެ. ރިފްއަތުގެ މައްސަލައަށް ވީ ގޮތެއް ވެސް އެމްޑީޕީ މެންބަރުންނަށް ވެސް އެނގިވަޑައެއް ނުގަންނަވަ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި މަޖިލީހުގެ ރައީސް ނަޝީދާއި އަދި ނައިބު ރައީސް އީވާގެ އިތުބާރު ނެތް މައްސަލަ ހިނގާނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ. ފަހު ގަޑީ މަޖިލީހުގެ ބާރު ނަގައި އަލުން އެމްޑީޕީން ހަމައަކަށް އަޅުވަން މަސައްކަތް ކުރިޔަސް އިހުތިޖާޖާއި ކޯޅުންތަކާ ހެދި އެއްވެސް މަސައްކަތެއް ކުރިޔަށް ހިނގާނެ ކަމަކަށް ނުބެލެވެ އެވެ.

މީގެ ކުރިން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ރިޔާސީ އިންތިހާބާ ދިމާކޮށް ކަންކަން ވީ ގޮތަށް މި ފަހަރު ވެސް ސިޔާސީ އޮއިވަރު ހުރީ ހަމަ އެ ގޮތަށެވެ. ބާރުތައް އޮވެ، އެމްޑީޕީ މަރުފަލި ޖަހަނީ އެވެ. ބާރުތައް ގެއްލިދާނެތީ އިދިކޮޅުން ތަޅު އަޅުންވޭތޯ ބަލަނީ އެވެ.

19 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑުބޮންދު

14 June 2023

ޒަމާންތަކަކަށް ދިގުލައިގެންގޮސް ތިބޭ ޑިކްޓޭޓާސިޕް ވެއްޓި ރައްޔިތުންގެ ވެރިކަމަށް ބަދަލުވެގެން އުޅޭ ކޮޅުމަތީގަ މިހުރިހައިކަމެއް ލައިގަންނާނެ. ރައްޔިތުންވެސް ތަހުޒީބުވަމުން ހޭލުންތެރިވަމުން ތެދުވެރިވަމުން ދާވަރަކުން ރަގަޅުވަމުންދާނެ.

The name is already taken The name is available. Register?

ކޮވެލި

12 June 2023

ތީ ތިންބާރު ވަކިވެފައި އޮންނަ ނިޒާމް ހިނގާ ގޮތް. އެއްވެސް މައްސަލައެެއް ނޫން. ޕްރެޝަރ ބޮޑުވެފައި ރަނގަޅުވެދާނެ.

The name is already taken The name is available. Register?

ސަސި

12 June 2023

ތީގެން އެއްވެސް ކަމަކުން އެވެރިން ތަމްސީލުކުރާ ކަމަށް ބުނާ ރައްޔިތަކަށް ވާނެ ފައިދާއެއްނެތް.

The name is already taken The name is available. Register?

ހަރުކަށި

12 June 2023

މަރުކަށިކަޑައިގެން މަރުފަލިޖަހައިގެން މަރުދަންޖެހިގެން މަރުގޯސް ހަދައިގެން މަރުކޮސް ގޮވައިގެން މަރުދޮގު ހަދައިގެން މަރުވަޅިއަށް އަރައިގެން މަރުދޮޅިން މަޖިލީހަށް ވަދެފައި، މިހާރު އެތިބީ މަރުކޮސް ތަޅާފައި މަރުނެތްފުޅިންފެންބޮއިގެން ތިބިކަމަށް ހެދިފައި މަރުހަތިޔާރު ހިފައިގެން މަރުފޮށާއަޅައިގެން މަރުތޭލުން ޖަހާ ހިސާބުގައި.

The name is already taken The name is available. Register?

މައިނޯރިޓީ ހިއްސާދާރު

12 June 2023

މަބުނީ، ކޮބާތަ އެއުޅޭ މާމިގިލީ ގާސިމު އިބުރާހިމު؟؟! އޭނަ މިހާރު އެއްގޮތަކައްވެސް މަޖިލީހައް ނުދަނީތަ؟؟ ކުރީރެޔަކު އުޅޭ މުޅި ކާނިވާތެރޭ ގޮނޑިބަރި ޖަހައިގެން، އެންމެ 300 މީހުނާއެކީ... މިހާތަނައް އެންމެ ގިނަ މީހުން އެއްވި ޖަލްސާޔޯލަ....

The name is already taken The name is available. Register?

މަޖްލިސް25

12 June 2023

ރައްޔިތުންނަށް މިހުންމީ މިނިސްޓަރާ ސުވާލުކުރުން. އެކަމަކު މެމްބަރަށް މުހިއްމީ ޕާޓީ. ރައްޔިތުންނަށް ހެޔޮއެދޭ ބަޔަކު މަޖްލިހަކަށް ނުވަދޭ އަދި. މުޅިންވެސް އަމިއްލައެދުން. މިމަހުގެ މުސާރަ ހަލާލެއްނުވާނެ ތީގެން އެންމެ މެމްބަރެއްގެވެސް. ކޮފީއަަށް ގޮސް ކޮފީތަށި ހިއްލާލާއިރު ހަދާން ކުރާތި ރައްޔިތުންގެ ހައްގު ތަކަށް އެރިފައި ހުރިކަން

The name is already taken The name is available. Register?

ކަންހުޅި ފައްޔަ

12 June 2023

މިހާލަތު ދިމާވީ އަސްލަމްގެ ކޮސްކަމުންނެވެ. އަބަދު ދިޔާ ހަކުރުން ހައްދަވާ ހެދިކާ ބައްލަވައިގެން ނިދި ކުރައްވާނަމަ އަދި މާ ބޮޑެތި ކަންތަކާވެސް ދިމާވާނެއެވެ. އަސްލަމްއަކީ ސިޔާސީ ކޮހެކެވެ. ކަމަކާއި ޖެހުނު ދުވަހު މިވީ އަގުޅިނެތް ކައްނެއްޔަކަށެވެ.

The name is already taken The name is available. Register?

ހުވޭ

12 June 2023

އިނތިހާބަށް 3 މަހަށްވީމަ ދެބޯގެރިދުއްވާ މުޅިރައްޔުތުންގެ ފޯކަސް މަޖިލިހަށްއަނބުރައި މިބައިމީހުން އަޑިއަޑިން ގަންނާނެގަނޑެއް ގަންނަނީ. އިލެކްޝަނުން ވަގުތީލިސްޓްނެރެފި. މިހާރު ދާއިމީ ލިސްޓްނެރުނީ. މާދަން ރީރަޖިސްޓްރީއަށް ހުޅުވާލާނެ. ކޮންޕާޓީއަކުން ލިސްޓް ސައްހަތޯބެލީ. މިދިޔަރިޔާސީ އިންތިހާބުގައި އެމްޑީޕީ އިލެކްޝަންދޮށުންނުފިލަ. ޔާމީނު ލިސްޓަށާ ވޯޓުކަރުދާހަށް މަކަރުހަދާފާނެތީ. މިއަދުވެރިކަމުގައި އެމީހުން. އިލެކްޝަނުންހަދާއެއްޗެއް ބަލާނެމީހެއްނެތް.

The name is already taken The name is available. Register?

ހޭލަމޭލަ

12 June 2023

ތީ ރައްޔިތުންގެ މަޖިލިހެއް ނޫން. ރައްޔިތުން ތަމްސީލްކުރުމާއި އެމީހުންގެ އިހްސާސް ހިނގާތަނެއް ނޫން ތީ. ތީ ބައެއްގެ ޖީބުތައް ފުރާށާއި، ސިޔާސީ ބާރުވެރިކަމާއި މަސްލަހަތު ދަމަހައްޓަން އޮތް އަމިއްލަ އެދުމުގެ ހާއްޔެއް. ގައުމުގެ ޅަދަރިންނާއި ޒުވާން ޖީލުހެ ހަޔާތްކަނޑުވާ، ގައުމުގެ އިޖްތިމާއީ ފޭރާން ހަލާކުކުރާ މޭސްތިރިން. މިވަރުގެ ތަނަކަށް މީހުން ހޮވަން ކެމްޕެއިންކުރާ ރައްޔިތުންވެސް މި ޒިންމާ ނަގަންޖެހޭ.

The name is already taken The name is available. Register?

ކަހެރުވައް

12 June 2023

މަރުތަޅާއި މަރުފަލި ވިއްކަންހުރި ތަނެއް އެނގޭމީހަކު އެބަހުރިތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454