ސައިކަލު ޓެކްސީގެ ޚިދުމަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު. --މިހާރު ފޮޓޯ/ނިޝާން އަލީ
29 ޖެނުއަރީ 2017 - 18:50
ސައިކަލު ޓެކްސީގެ ޚިދުމަތް މާލޭގައި މިއަދު ފަށައިފި އެވެ.
ކާނިވާ ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ހަފުލާއެއްގައި މި ޚިދުމަތް ފައްޓަވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
ސައިކަލު ޓެކްސީގެ ހިދުމަށް ދޭނެ ބަޔަކު ހޯދުމަށް ސަރުކާރުން އިއުލާނު ކުރުމުން އެކަމަކަށް ކުރިމަތިލި "ސްކޫޓެކްސީ" އިން ރާއްޖޭގައި މުޅިން އަލަށް ސައިކަލު ޓެކްސީގެ ޚިދުމަތް މި ފެށީ 20 ސައިކަލުގެ ފްލީޓަކާ އެކުގަ އެވެ. އެ ކުންފުނީގެ ޚިދުމަތް ހޯދަން ގުޅަންޖެހެނީ 8080 އަށެވެ.
ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ ސައިކަލު ޓެކްސީގެ ޚިދުމަތް ފަށަން ސަރުކާރުން ނިންމީ ފަސޭހަކަމާ އެކު ދަތުރުކުރުމުގެ ފުރުސަތު ފަހިކޮށްދޭން ކަމަށާއި މާލޭގައި ފެށި މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އިގްތިސާދީ ކުރިއެރުމުގެ ތެރެއިން ރައްޔިތުންނަށް ކަންކަން ފަސޭހަކޮށް ދިނުމާ އެކު ވަޒީފާގެ ދޮރުތައް ހުޅުވައި ދިނުން ކަމަށެވެ. ސައިކަލު ޓެކްސީގެ ސަބަބުން އެތައް ގޮތަކުން އާންމުންނަށް ފަސޭހަވެގެންދާނެ ކަމަށާއި އިތުރު ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާ ކަމަށް ސައީދު ވިދާޅުވި އެވެ.
"އަޅުގަނޑުގެ އިލްތިމާސަކީ މި ފެށޭ ޚިދުމަތް ޒިންމާދާރު ކަމާ އެކު ކުރިއަށް ގެންދިއުން. މި ޚިދުމަތުގެ ސަބަބުން އެހެން ޒުވާން ބޭފުޅުން ވެސް މީގެ ތެރެއަށް ވަދެ މި ފުރުސަތުގެ ބޭނުން ހިފުން. އަދި އާންމު ރައްޔިތުން ބަލައިގަންނަ ޚިދުމަތަކަށް މިކަން ހެދުން،" ސައީދު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު (ވ) ސައިކަލު ޓެކްސީގެ ޚިދުމަތް އިފްތިތާހުކޮށް ދެއްވަނީ: މިއަދު ޚިދުމަތް ދޭން ފެށީ އެއް ކުންފުންޏަކުން --މިހާރު ފޮޓޯ/ނިޝާން އަލީ
އެ ހަފުލާގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ މާލޭގައި ކާރު ޓެކްސީގެ ޑިމާންޑް ބޮޑުކަމުން ޓެކްސީ ނުލިބުމުގެ މައްސަލަ ބޮޑު ކަމަށާއި އެކަމަކު ސައިކަލު ޓެކްސީގެ ޚިދުމަތުން ވަރަށް ބޮޑު ހައްލެއް އެކަމަށް ލިބޭނެ ކަމަށެވެ. އަދި ފަސޭހަކަމާ އެކު އަދި ކުޑަ އަގެއްގައި ޓެކްސީގެ ޚިދުމަތް ލިބުމަކީ ވެސް ސައިކަލު ޓެކްސީން ލިބޭނެ ފައިދާއެއް ކަމަށް ނާފިޒު ވިދާޅުވި އެވެ.
"ކާރު ޓެކްސީއަށް ޑިމާންޑް އޮތް ވަރަށް ބަލާފައި އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނީ ތަންކޮޅެއް އަގުހެޔޮކޮށް އަދި ފަސޭހަކޮށް އަދި ކާރު ޓެކްސީގެ ޚިދުމަތް ދޭ އެހެން ފަރާތްތަކަށް ގެއްލުން ނުވާ ގޮތަށް މި ޚިދުމަތް ފޯރުކޮށްދެވެންޏާ ރައްޔިތުންނަށް ލުއި ގޮތްތަކެއް ފަހިވެގެންދާނެއޭ،" ނާފިޒު ވިދާޅުވި އެވެ.
ނާފިޒު ވިދާޅުވީ، ދަތުރަކަށް 10ރ. ނަގާ މި ޚިދުމަތް މިއަދު ފެށީ އެންމެ ފަރާތުން ކަމަށް ވިޔަސް އެކަމަށް ކުރިމަތިލި ދެވަނަ ފަރާތަށް ވެސް އެކަމުގެ ހުއްދަ ވަރަށް އަވަހަށް ދީ، ޚިދުމަތް ފެށޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.
ސައިކަލު ޓެކްސީގެ ޚިދުމަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މީހަކު އަރުވައިގެން ސައިކަލް ދުއްވަނީ. --މިހާރު ފޮޓޯ/ނިޝާން އަލީ
ސްކޫޓެކްސީ ހިންގާ ޓްރާންސެޓޯ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމް ވިދާޅުވީ ސައިކަލް ޓެކްސީގެ ޚިދުމަތް ފުރަތަމަ ފޯރުކޮށްދޭ ކުންފުންޏަށް ވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އެ ޚިދުމަތް ފޯރުކޮށްދެނީ ރާއްޖެއިން ބޭރުގައި އެ ޚިދުމަތް ދޭ ކުންފުންޏަކާ ގުޅިގެން ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ޚިދުމަތް ފުޅާކުރާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނެގޯޝިއޭޓްކޮށްގެން ހޯދި ޕާޓްނަރެއް އެއީ ޔޫރަޕްގައި ސައިކަލު ޓެކްސީގެ ޚިދުމަތް ދޭ ސްކޫ ޓެކްސީ. އެ ބޭފުޅުންގެ ޕާޓްނަރެއްގެ ގޮތުގައި އަޅުގަނޑުމެން ވޯކް ކުރަމުން މިދަނީ. އަޅުގަނޑުމެން އެޕްތަކާއި އެއްޗެހި އެޕް ސްޓޯ އާއި ގޫގުލް ޕްލޭ ސްޓޯއަށް ވެސް އަންނާނެ. މީގެ ސަބަބުން ބައިވަރު ފަސޭހަތަކެއް ވެގެންދާނެ،" ބައްސާމް ވިދާޅުވި އެވެ.
އެ ޚިދުމަތުގެ ސަބަބުން އާންމުންނަށް ފަސޭހަވެ އަދި އިތުރު ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. އަދި އެ ޚިދުމަތް ދިނުމުގައި އަންހެން ޑްރައިވަރުން ވެސް ބައިވެރިވާނެ ކަމަށާއި އެއީ ވެސް އެ ޚިދުމަތަށް ލިބިގެންދާ އިތުރު ފުރިހަމަ ކަމެއް ކަމަށް ބައްސާމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޔާއްޓޭ
30 January 2017
ހަބޭސް
ސާޖިދު
30 January 2017
ތިކަމަކީ ރަނގަޅުގޮޮތުގައި ކުުރެވިއްޖެ ނަމަ ރަނގަޅު ކަމެއް. މިސަރުކާ ރަކީ ދިވެހި ރައްޔިތުން ނަަށް ވިސްނާ ސަރުކާރެއް. ސުކުރިއްޔާ
ބޮޑާބެ
30 January 2017
ދެން ހައްދަވައިދެއްވަންވީގޮތަކީ މަގު ބޮލޮކް ކުރާ ޓެކްސީކާރުތައް ވަގުތުން ބޮޑުޖޫރިމަނާއެއްކުރަންވީ ހީވާކަހަލަ މަގަކީ ހަމައެކަނި ޓެކްސީޑްރައިވަރުންގެ ތަނެކޭ. ސައިކަލަކަށް ކުރި ނޭރޭގޮތަށް ޒިގްޒެކްވާގޮތަށް މަގުބައްދާލާނެ ދެން ޖެހެނީ ސައިކަލުގެ ބަރުގަނޑުއަޅަން. މިއީ ގަސްތުގައި ހުރިހާ ޑްރައިވަރުން ކުރާކަމެއް މިބައި މީހުން ދެން މިކަން އިތުރުކުރާނެ އެއީ ޓެކްސީ ސައިކަލުތަކަށް އަމާޒުކޮށްގެން މިއީބޮޑާފޮނިބައެއް ރަގަޅަށް ޖޫރިމަނާކޮށްލާ! އަވަސްކުރޭ މަގުއަމާން ކުރޭ!
މަބޮޑާ
30 January 2017
އެހެން މީހުންނައް އެއްޗެހި ގޮވުމައް ވުރެ ތިމާގެ ހާލަތި ބަލާލުން މުހިންމު. ޓެކްސީ މަޑު ކުރަނީ މީހުން އަރުވާ ބާލަން.. މަޑުކޮށްގެން މީހަކަށް ނުފޭބިފައި އެބަ އޮންނަންޖެހޭ ކޮންމެހެންހަމަ އެވަގުތުކޮޅު އެދޭތެރެއިން ސައިކަލުތައް ދާން ޖެހިގެން... ޓެކްސީ މަޑުކުރީމައި ދޮރު ނުހޮޅުވޭ ގޮތައް ދާން އުޅުމަށްވުރެ އެއަށް އަރައިފާބަން ފުރުސަތު ދިނީމާ އެންމެނަށްވެސް ފައިދާވާނެ. ޓްރެފިކް ފްލޯވާލެއް އަވަސްވާނެ.
ގެދާނޯމޮސް
30 January 2017
އަޅުގަނޑުވެސް ވާރޭވެހޭނަމަ ކާރުބާއްވާފަ ތީގެ ޖެކެޓެއް ހޯދައިގެން ސައިކަލުގައި ނުކުންނާނީ އެވެ.
ދދ
30 January 2017
ޕިކްމީ ކަހަލަ ފޯން އެޕްލިކޭޝަނަކުން ބުކިން ހެދިގެން ކާކުކަން އެގޭގޮތަށް މިއެއްޗެހި ނެގުން މުހިންމު!
ސައިކަލު
30 January 2017
ސައިކަލު ޓެކްސީ މައްސަލައެއް ނޫނެވެ. އެކަމަކު މާލޭގައި ޓެކްސީ އެންމެ ތާށިވަނީ ވާރޭވެހޭއިރުއެވެ. ވާރޭވެހޭއިރު ހަދާނީ ކިހިނެއް ހެއްޔެވެ. ކޮންމެ މީހަކު އުޅެން ޖެހޭނީ ކޯޓެއް ހިފައިގެން ހެއްޔެވެ؟
ސިޔާސީ
30 January 2017
ވާރޭވެހޭއިރު މާލޭގައި ތާށިނުވަނީ ކޮންއެއްޗެއްތޯއެވެ. ސްކޫލްދުވަސްވަރު ސްކޫލްތައް ފެށޭ ގަޑިއާއި ނިމޭ ގަޑިތަކުގައި ޓްރެފިކް ބަލަހައްޓަންތިބޭ ފުލުހުންވެސް އުޑުމަތިބަނަވެ ވާރޭކަނި ޖަހާލާއިރަށް ގެއްލެއެވެ. އެއީ އެމީހުންގެ އެންމެ ބޭނުންޖެހޭ ވަގުތުގައެވެ. ކާރު ޓެކްސީ އަކީވެސް އަދި ސައިކަލް ޓެކްސީ އަކީވެސް ހަމަ ބޭނުން ޚިދުމަތެކެވެ. އަހަރަކު 365 ދުވަސް އޮންނައިރު ވާރޭވެހޭނީ 40 ވަރަކަށް ދުވަހުއެވެ. އެއީވެސް 24 ގަޑިއިރަކު ނޫނެވެ. އާދައިގެ ދުވަހެއްގައި އެކަކު ތަނަކަށް ދިއުމަށް ބޭނުންވާފަހަރު ތަކުގައި ސައިކަލް ޓެކްސީއެއް ލިބުމަކީ ޚަރަދު %60 ކުޑަކޮށްލެވޭނެ ކަމެކެވެ. ކަމަކާދެކޮޅަށް ވާހަކަ ދައްކާއިރު އޮބްޖެކްޓިމް އާރގިއުމަންޓެއްދިނުމަކީ އެންމެންނަށްވެސް ފައިދާކުރާނެކަމެކެވެ. އޭގެ ބަދަލުގައި ޒާތީވެ ކަންކަމާ ހަމަދެކޮޅުހެދުމުގެ ގޮތުން ކޮމެންޓްކުރުމަކީ ފަސާދަކުރުވަނިވި ޢަމަލެކެވެ.
އެނޮނީމާ
30 January 2017
ނޫން ސައިކަލާއެކީ ހިޔާވާވަރުގެ ބޮޑު ސަތަރިޔެއް ހިފައިގެން އުޅުނީމަ ވާނެ.
ހަސަދު
30 January 2017
ސައިކަލު ތެކުސީ ވީލްބަރޯ ލިފްޓު ޓުތަހޮސްޕިޓަލް، ރަނގަޅު އިންފުރާސުޓަރކްޗަރ ގާއުމު ނުކޮށް ބޯދަމައިގަންނަން ވެގެން އަޅުވާ އަދުން.
ރާގޮޑި ރާޖާ
30 January 2017
ބައިސިކަލް ޓެކުސީ ފައްޓައިދެނީ ކޮން ދުވަހަކުން އަދި ޓުރޯލީ ޓެކުސީ
ހުސައިން
30 January 2017
ރިއަލީ ގުޑް އައުޑިޔާ
ހާމިދު
30 January 2017
އަޅުގަނޑު ބޭނުންވަނީ މާދަމާ އޮފީހަށް ދާން، އަންހެން ޑްރައިވަރެއްގެ ފަހަތުގައި. އެފުރުޞަތު އޮންނަނަމަ މިއީ ވަރަށް ފައްކާ ހިދުމަތެއް. ދެވަނަ ސުވާލަކީ ސްޕީޑް ލިމިޓެއް އޮވޭތޯއާއި، ހެލްމެޓް އަޅަން ޖެހޭތޯއާއި، ޑްރައިވަރުގެ ގައިގައި ހިފަހައްޓައިގެން އިނދެވިދާނެތޯ ...! މި ސުވާލުތަކަށް އިކޮނޮމިކް މިނިސްޓްރީ އިން ޖަވާބު އެއް ހޯދާދިނުން އެދެން.
ދޮންކަމަނަ
30 January 2017
ކޮންމެކަމެއްގައިވެސް ޖެއްސުންކުރާތި. ތިކަހަލަ މީހުންނާހެދި އެހެންމީހުންނަށް ފަސޭހައަކަށް ރޭވިފައި ހުންނަ ކަންކަންވެސް ހުއްޓާލަންޖެހެނީ. ދުވަހަކުވެސް ސައިކަލަކަށް އެރިއްޔާ ސައިކަލުގައި ހުންނަންވީ ގޮތް އިނގޭނެ. ނާރަންޏާ މާލޭގެ މަގުމައްޗަށް ނަޒަރު ހިންގާލާ. އެނގިދާނެ، އަންހެންކުދިންނާ ފޮށުމުގެ އާދަ ދޫކޮށްލަންވެއްޖެއެއްނު.
ޢަލީ
30 January 2017
ޓެކްސީ ނުލިބުމުގެ މައްސަލައަށް ކޮންމެސް ވަރެއްގެ ހައްލެއްލިބޭނެ. މީރަގަޅުކަމެއް.