އެންމެ ފަހުން ބޭއްވި ސާކް ސަމިޓުގައި އިންޑިއާގެ ބޮޑުވަޒީރު މޯދީ ވާހަކަ ދައްކަވަނީ: ޕާކިސްތާނުގައި ބާއްވަން އުޅުނު ސާކް ސަމިޓް ވަނީ ފަސްކޮށްފައި.-- ފައިލް ފޮޓޯ: ރޮއިޓާސް
30 ޖެނުއަރީ 2017 - 12:54
ފަސްކޮށްފައިވާ ސާކް ސަމިޓާ ގުޅޭ ގޮތުން މަޝްވަރާ ކުރަން މެމްބަރު ގައުމުތަކުގެ މަންދޫބުން ފުރަތަމަ ފަހަރަށް ބައްދަލުކުރަން ނިންމައިފި އެވެ.
ޕާކިސްތާނުގައި މިދިޔަ ނޮވެމްބަރު 9 އިން 10 އަށް ބާއްވަން ހަމަޖައްސާފައި އޮތް ސާކް ސަމިޓުގައި ބައިވެރި ނުވާނެ ކަމަށް ހަތަރު ގައުމަކުން ބުނުމާ އެކު، އެ ސަމިޓް ވަނީ ފަސްކޮށްފަ އެވެ. ސާކް ސަމިޓް ބޮއިކޮޓް ކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާގެ އިތުރުން، އަފްގާނިސްތާނާއި ބަންގްލަދޭޝް އަދި ބޫޓާން ހިމެނެ އެވެ.
އިންޑިއަން އެކްސްޕްރެސް ނޫހުން މިއަދު ބުނި ގޮތުގައި ސާކުގެ ޕްރޮގްރާމިން ކޮމިޓީގެ ބައްދަލުވުމެއް އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު، މި ޖަމިއްޔާގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓާ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ބާއްވަން ވަނީ ނިންމައިފަ އެވެ. މި ބައްދަލުވުމުގައި، ސާކުގެ ގައުމުތަކުގެ ހާރިޖީ ވުޒާރާތަކުގެ ޖޮއިންޓް ސެކްރެޓަރީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ނޫހުން ބުންޏެވެ.
ފަސްކޮށްފައިވާ ސާކް ސަމިޓު ދެން ބާއްވާނެ ދުވަހަކާ ގުޅޭ ގޮތުން ވާހަކަދެއްކުމުގެ އިތުރުން ވެސް، މި ބައްދަލުވުމުގައި ގިނަ ކަންތައްތަކަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ އިންޑިއަން އެކްސްޕްރެސް އިން ބުންޏެވެ. އޭގެ ތެރޭގައި، ސާކުގެ ސެކްރެޓޭރިއޭޓާއި ފަސް ސަރަހައްދީ ސެންޓަރުތަކުގެ ބަޖެޓާ ގުޅޭ މަޝްވަރާތައް ވެސް ހިމެނެ އެވެ.
ނަވާރަ ވަނަ ސާކް ސަމިޓް ފަސްކުރަން ޖެހުނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ޖެހުނު މައްސަލަތަކާ ހެދި އެވެ. އެ ގޮތުން، ސަރަހައްދީ ރޮނގު ހުރަސްކޮށް ޕާކިސްތާނު ފަޅިން އިންޑިއާ އަށް ދެމުން ދާ ހަމަލާތަކުގެ ސަބަބުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ސާކް ސަމިޓުގައި ބައިވެރިވެވަޑައިގެންނެވޭ ފަދަ މާހައުލެއް ނެތް ކަމަށް އިންޑިއާ އިން ވަނީ ބުނެފަ އެވެ.
ސާކުގެ މެމްބަރު އަށް ގައުމުގެ ތެރޭން އެންމެ ގައުމަކުން ސަމިޓުގައި ބައިވެރި ނުވިޔަސް، އޮޓޮމެޓިކުން ސަމިޓް ފަސްކޮށް ނުވަތަ ކެންސަލް ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
30 January 2017
ސާކު ސަމިޓްއަކީ އަސްލުބޭކާރު އެއްޗެސް ،، ތިޔަތަނުގައި ގައުމަކަށް ކިރިޔާވެސް ވާހަކަހަލަ ގައުމަކަށް އޮތީ އިންޑީޔާ އާޢި ޕާކިސްތާން ،،، އެދެބައިމީހުން އެއްބަޔަކު އަނެއްބަޔަކުގެ ގައުމު ގޮއްވާނުލާ އެތިބެނީ ކިރިޔަކިރިޔާ ،، ދެން ސާކުގައި ތިބީ ހުސް ބަނޑުއަކިރި ،، ، ދެން އަޅުގަނޑަކަށް ނުވިސްނޭ ސާކުން ކުރެވިދާނެ އެއްވެސް މޮޅުކަމަކަށް ،،، އިންޑިޔާ އެއުޅެނީ އެތަނުގެ ފަގީރުންގެ ބޮޑުއާބާދީއަށް އެހީތެރިކަމެށް ފޯރުނުކޮއްދެވިގެން ،، ޕާކިސްތާން އެއޮތީ ދީނީފިރުގާތަކާއި ހެދި ހަލާކުވެފައި ،،،، ބަންގާޅައެއުޅެނީ އިގްތިސޯދީގޮތުން ހަމަނޭވާނުލެވިގެން ،، އަފްގާނިސްތާން އެއުޅެނީ މަގުމަތީގައި ބޮންގޮއްވާ ވަރުން އޮބިނޯވެގެން ،،، ދެންއޮތީ ބޫޓާންއާޢި ނޭޕާލް އަދި ރާއްޖެ ،، މިއީކީ އަސްލު ގައުމެއްނޫން ،،، ދަތް ނެއް މިނިކާވަގެކޭ މިތިން ގައުމެކޭ ނުހުންނާނެ ތަފާތެއް ،،،، ވަރަށްވެދުން