ހުމާމް: އޭނާ މަރަން ކުރި ހުކުމް ރިވިއުކުރަން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
31 ޖުލައި 2023 - 12:47
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރަން ހުކުމްކޮށްފައިވާ ހުސައިން ހުމާމް އަހުމަދުގެ މަރުގެ ހުކުމް ރިވިއު ކުރުމުގެ މައްސަލަ ބަލައިނުގަންނަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އޮކްޓޫބަރު. 2012 ގައި އަފްރާޝީމަށް ތޫނު އެއްޗަކުން އަނިޔާވެރިކަމާ އެކު ހަމަލާދީ މަރާލި މައްސަލާގައި ހުމާމް މަރަން ކުރި ހުކުމް ސުޕްރީމް ކޯޓުން 2016 ވަނަ އަހަރު ދެމެހެއްޓި އެވެ. ނަމަވެސް ދާދިފަހުން އޭނާގެ ފަރާތުން ވަނީ އެ ހުކުމް ރިވިއުކުރަން މައްސަލައެއް ހުށަހަޅައިފަ އެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ މިދިޔަ ހަފުތާގަ އެވެ.
އަފްރާޝީމް މަރާލި ކަމަށް ކްރިމިނަލް ކޯޓުގައި ހުމާމް ކުރިން އިއުތިރާފްވި އެވެ. ނަމަވެސް އޭނާ ފަހުން ބުނަމުން ގެންދަނީ އޭނާ އެއްބަސްވީ ބިރުދެއްކުމުން ކަމަށާއި އަދި އަފްރާޝީމްގެ މަރާ އޭނާއާ ގުޅުމެއް ނެތް ކަމަށެވެ.
ހުމާމްގެ އިތުރުން އިތުރު ބައެއްގެ މައްޗަށް ވެސް އެ މައްސަލާގައި ދައުލަތުން ދައުވާކުރި އެވެ. ނަމަވެސް އެ މީހުންގެ މައްޗަށް އެ މައްސަލާގައި ކުށް ސާބިތެއް ނުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy