އެމްޑީޕީގެ ސަޕޯޓަރުން މަގުމަތީގައި ހެދި "މަހާނަ": މި މައްސަލައިގައި ހަ މީހަކު ވަނީ ހައްޔަރުކޮށްފައި
06 ފެބުރުއަރީ 2017 - 10:14
އެމްޑީޕީގެ އިސް އެކްޓިވިސްޓަކު ޕީޕީއެމަށް ސޮއި ކުރުމުން އއ. އުކުޅަހު މަގުމަތީގައި "މަހާނަ"އެއް ހެދި މައްސަލައިގައި އަތޮޅު ކައުންސިލްގެ މެމްބަރަކު ހިމެނޭ ގޮތަށް ހަ މީހަކު ހައްޔަރު ކޮށްފި އެވެ.
އެ އަތޮޅު ރަސްދޫންނާއި މާލެއިން ފުލުހުންގެ ޓީމެއް ގޮސް، މި އެންމެން ރޭ ހައްޔަރުކުރީ ސިހުރު ފަންޑިތަ ހަދައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދި ކަމަށް ބުނެ އެވެ.
އުކުޅަހު ކައުންސިލް މެމްބަރު އަލީ ޒަމީރު ވިދާޅުވި ގޮތުގައި ކުރިން އެ ރަށުގައި އެމްޑީޕީގެ އެންމެ އިސް އެކްޓިވިސްޓުގެ ގޮތުގައި ހަރަކާތްތެރިވި މީހަކު މިދިޔަ ހަފުތާގައި ޕީޕީއެމަށް ސޮއި ކުރުމުން، އެ ރަށުގެ އެމްޑީޕީގެ ސަޕޯޓަރުން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔެވެ. އަދި މަހާނައެއް ސިފަވާ ގޮތަށް، މަގުމައްޗަށް ވެލި އަޅައި އޭގެ މައްޗަށް މާ އަޅައި "މޮނިއުމަންޓް"އެއް ހެދި ކަމަށާއި އެއީ އޭނާގެ ނަން އެ ޕާޓީން ފޮހެލީ ކަމަށް ނިންމައި އެ މީހުންގެ ޝުއޫރު ފާޅުކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށް ވިދާޅުވި އެވެ.
"މަހާނަ" ހެދި މައްސަލައިގައި އެމްޑީޕީގެ ސަޕޯޓަރުންތަކެއް ހައްޔަރުކޮށްގެން ގެންދަނީ -- ފޮޓޯ: ޓްވިޓާ
އެކަމަކު ސިހުރާއި ފަންޑިތައިގެ އެއްވެސް ކަމެއް އޭގައި ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ އެމްޑީޕީގެ ސަޕޯޓަރުން އެ މަހާނަ ހެދީ ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ކޮންމެ ހަފުތާ ބަންދެއްގައި އެ ރަށުގައި ބާއްވާ ބޮނޑިބަތް ކެއުމުގެ ހަރަކާތެއްގެ ތެރެއިން ކަމަށެވެ.
"އެއީ ރަށުގެ ބޮޑު މަގުގައި ކުރި ކަމެއް. އަޅުގަނޑުމެން ބޮނޑިބަތް ކެއުމުގެ ހަރަކާތް ކުރިއަށް ގެންދަނިކޮށް ފުލުހުން އައިސް ސުވާލު ކުރަނީ ސިޔާސީ ލަވަ ޖަހައި، އެ ހަރަކާތް ކުރިއަށް ގެންދަނީ ކީއްކުރަންހޭ. ދެން އެ މޮނިއުމަންޓާ ގުޅޭ ގޮތުން ސުވާލުކުރުމުން އަޅުގަނޑުމެން ބުނިން އެއީ ހާޑްކޯ އެކްޓިވިސްޓަކު ޕާޓީން ވަކިވީމާ ކުދިންތަކެއް (ސަމާސާއަކަށް) ކުރި ކަމެކޭ،" އޭނާ ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ "މަހާނަ ރޫޅާލަން" ފުލުހުން ބުނުމުން އެކަމަށް އެއްވެސް މީހަކު ދެކޮޅު ނުހަދާ ކަމަށެވެ.
"ފުލުހުން ދިޔައީ އެތަނުގެ ފޮޓޯ ނަގައި، އެތަން ރޫޅާލާފައި. އަޅުގަނޑުމެން ހީކުރީ ދެން މިކަންތައް އެ ނިމުނީ ކަމަށް،" އޭނާ ވިދާޅުވި އެވެ.
"މަހާނަ" ހެދި މައްސަލައިގައި އުކުޅަހުން ބަޔަކު ހައްޔަރުކޮށް ގެންދާތީ އެ ރަށު ބައެއް މީހުން އަތިރިމައްޗަށް އެއްވެފައި-- ފޮޓޯ: ޓްވިޓާ
ފުލުހުންގެ ޓީމެއް ރޭ އުކުޅަހަށް ގޮސް، ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި މީހުންގެ ތެރޭގައި އއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް މޫސާ ނަސީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މި މައްސަލަ އެމްޑީޕީން ވަނީ ކުށްވެރިކޮށްފަ އެވެ.
އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އެއީ އިންތިހާބާ ގުޅޭ ގޮތުން އާއްމުންގެ ކަންބޮޑުން ފާޅުކުރުމަށް ބޭއްވި އެއްވުމެއް ކަމަށާއި އެކަމަކު ސިހުރު ހެދި ކަމުގެ ތުހުމަތުގައި އޭގެ ތެރޭން ބަޔަކު ހައްޔަރު ކުރުމަކީ އިދިކޮޅު ޕާޓީތަކުގެ މެމްބަރުންނަށް ބިރު ދެއްކުމަށް ސަރުކާރުން ކުރި ކަމެއް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲ
08 February 2017
މާހާނަ މޮނިޔަމެންޓު ދޯ؟ ތީ ކަޑަކަމެއް މީ މީހުންކުރަނީ މިކަހަލަ ކަޑަކަންތައް މުޅިންވެސް!!!
ތުއްތުބޭބެ
07 February 2017
ތިޔަމީހުންގެ މައްޗަށް ޓެރެރިޒްމްގެ ދަޢުވާ ނުކުރާނެބާ!!!ބޭނުމިއްޔާ ކުރާނެ.....
އލހ
07 February 2017
މިއީ ވަރަށް ކްރިއޭޓިވް އިހުތިޖާޖެއް. މާލޭގައި މަރުވާމީހުން ވަޅުލުމަށް ހުޅުމާލެއަށް ގެންދާގޮތަށް ހަމަޖެއްސުމުން އެކަމާހިންހަމަނުޖެހުންފާޅުކުރަން މިއަށްވުރެވަކިން ކްރިއޭޓިވް އިހްތިޖާޖެއް ނުކުރެވޭނެ. ވަރަށް ބަރާބަރު!
ގަބުރު
06 February 2017
ކޮބާތަ މަހާނަ ދަށުންނެގި ގަބުރު..؟؟؟ ރަޔަތުން ހިގާ އުޅޭ ބޮޑު މަގެއްގައި އެ މޮހާނަ ދަށުގައި އޮތް ގަބުރު ބާއްވާކަށް ނުވާނެ.. ގޮތްހުސްވެ މަރަށް ތެޅެނީކަން ޔަޤާން...
ގުނބޯއަލީ
06 February 2017
ޗީޑި. ފުލުހުން ތެޅޭ ވަށްތަރެއްދޯ؟؟؟ މިފަހަރު ސިހުރު ހެދިކަން ސާބިތު ކުރާނީ އިންޓެލިޖެންސް ރިޕޯޓުން. އެހެން އެއްވެސް ހެއްކެތް ޤަރީނާ އެއް ނެތް. ތިޔައީ ފުކެއް ބޮޑުވަރު. މިއަދު ރައީސް މީހާ މަޖިލީހުގައި ދިން ބަޔާނުގައި ބުނި ރާއްޖެ އަމާނޭ...ކެކެ...ޤައުމު އަދިވެސް އޮތީ މުދިން ކާޅު ބުނިހެން.
ޝަހާމް އިބްރާހިމް
06 February 2017
މަހާނަގާ ހަދައިގެން ތިބެބަލަ. ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބުވެސް 1 ބިލިއަން ރުފިޔާގެ އިންވެސްޓް ގެނައިގޮތަށް ކާމިޔާބު ކުރާނެ.
މަހާނަ
06 February 2017
އާރޓް ވޯކްއެކޭ ބުނވޭނީ. ފަންނުވެރިންގެ ފަންނު
އެމެން
06 February 2017
މީ އެމެންނަށް ވާނެ ވަރު ދޯ. މަމެންގެ ލެންގުއޭޖް އިން މިއަށް މަމެން ކިޔަނީ ދަރާއްޖެތެރެ ދޯ.
ހަސަނު
06 February 2017
މަހާނަ ސިފަވާ ގޮތަށް އެއްޗިހިހެދުން ކުށެއްބާ؟ ޕާތިތަށްވެސް ވަލުލާ ހިސާބަށް ދަނީތަ؟
ގާހިރު
06 February 2017
ގަބުރުނަގާ، މަހާނަހެދުމަކީ، ކުޅިވަރަށް ސަމާސާއަށް ކުރެވެންޖެހޭނެ ކަންތައްތަކެއް ނޫނެވެ. ކޮންމެ ބަޔަކު ކުރިޔަސް އެފަދަ ކަންތައްތަކަކީ އަޅާ ނުލާ ދޫކޮށްލެވެންޖެހޭނެ ކަންތައްތަކެއް ނޫނެވެ. ފުރަތަމަ ކޮންމެ ކަމެއްވެސް ކުރާނީ މަޖަލަށެވެ. ފަހުން ސީރިއަސް ކޮށެވެ. ސީރިއަސް ކޮށް މިކަންކަން ފެށުމުގެ ކުރިން މިކަންކަން ހުއްޓުވަން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އެޅުއްވުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވައިލަމެވެ.