ބޮލީވުޑްގެ ތަރި، ފާތިމާ ސަނާ ޝެއިހް އާއި އާމިރު ހާން.
21 އޮކްޓޯބަރ 2023 - 08:55
ބޮލީވުޑްގެ ތަރި، ފާތިމާ ސަނާ ޝެއިހް އަށް އަނެއްކާވެސް އާމިރު ހާންގެ ފިލްމަކުން ފުރުސަތު ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އާމިރު ސަނާ އަށް ހުށަހެޅި ފިލްމަކީ އޭނާ ޕްރޮޑިއުސްކުރާ ކޮމެޑީއެކެވެ. އެ ފިލްމުގެ ޑައިރެކްޓަރަކީ އާމިރުގެ ފިލްމު "ސީކްރެޓް ސުޕަސްޓާރު" އާއި "ލާލް ސިންގް ޗައްޑާ" ޑައިރެކްޓުކުރި އަދުވައިތު ޗަންދަން އެވެ.
އެ ފިލްމުގެ ނަމާއި އިތުރު ކާސްޓުން އަދި ނޭނގެ އެވެ. އެކަމަކު، އަންނަ އަހަރު ކުރީ ކޮޅުގައި އެ ފިލްމުގެ މަސައްކަތްތައް ފަށާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ސަނާ ބޮލީވުޑަށް ތައާރަފުވީ ވެސް އާމިރުގެ ފިލްމަކުންނެވެ. އެއީ 2016 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ދަންގަލް" އިންނެވެ. އޭގެ ފަހުން އާމިރު 2018 ގައި ގެނެސްދިން "ތަގްސް އޮފް ހިންދުސްތާން"ގެ ރޯލެއް ވެސް ސަނާ ކުޅުނެވެ. އެކަމަކު އެ ފިލްމަކީ ބޮޑު ފްލޮޕެކެވެ.
އާމިރު، ސަނާ އަށް އާ ފިލްމެއް ހުށަހެޅި އިރު، އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު ފެތުރިފައި އޮންނަތާ ކިތައްމެ ދުވަހެއް ވެއްޖެ އެވެ. މީގެ ދެ އަހަރު ކުރިން އާމިރު ކައިވެނި ރޫޅުނީ ވެސް އެ ގުޅުމުގެ ސަބަބުން ކަމަށް ސޯޝަލް މީޑިއާގައި ވާހަކަދެކެވުނެވެ.
އާމިރު މިހާރު އަންނަނީ އިތުރު ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ އޭނާ ލީޑު ރޯލު ކުޅޭ އަދި ޕްރޮޑިއުސްކުރާ "ސިތާރޭ ޒަމީން ޕަރު" އާއި އޭނާ ޕްރޮޑިއުސްކުރާ ސަނީ ޑިއޯލް ލީޑު ރޯލު އުޅޭ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރުއްސާދާ
21 October 2023
އާމިރުވެސް މުސްކުޅިވެ ދެކޮޅު ނުރަޖެހީމަ އަދި ވެސް ޅަކުދިން ފަހަތުން ދުވަނީދޯ.