ހެންވޭރު އާޓިފިޝަލް ބީޗުގައި އުމުރުން ދުވަސްވީ ދެ މީހާކު އުނދޯންޏެއްގައި އިށީނދެލައިގެން ތިބެ ވާހަކަދައްކަނީ: އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށް އަޅާ ފުރަތަމަ ސެންޓަރު އަޅަން ފަށާފައި ވަނީ ކުރީގެ ގުރުއާނާ ބެހޭ މަރުކަޒުގައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު
25 ޑިސެމްބަރ 2023 - 12:27
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްރަށްވެހިންނަށް ހާއްސަ މަރުކަޒުތަކެއް ހަދަން ސަރުކާރުން ނިންމައިފި އެވެ.
ފުރަތަމަ މަރުކަޒެއްގެ ގޮތުގައި ހުޅުވަން ނިންމީ ގުރުއާނާ ބެހޭ މަރުކަޒު ކުރިން ހިންގި އިމާރާތުގައި މިދިޔަ ސަރުކާރުން ހަދަން ފެށު ތަނެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، އެ މަރުކަޒު ހުޅުވުމަށް ފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްރަށްވެހިންނަށް މަރުކަޒުތައް ގާއިމް ކުރުމަށް ކެބިނެޓުން އިއްޔެ ނިންމާފައިވާ ކަމަށެވެ.
އިސްރަށްވެރިންނަށް ހާއްސަ އިޖުތިމާއީ މަރުކަޒެއް ގާއިމް ކުރުމަކީ މި ސަރުކާރުން ވަރަށް މުހިންމު ސިޔާސަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުމުރުން ދުވަސްވީ މީހަކު އާޓިފިޝަލް ބީޗުގައި އިށީންދެލައިގެން.-- ފޮޓޯ: ނިޝާން އަލީ / މިހާރު
އެ މަސައްކަތް ކުރާނީ ހެލްތު މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އަދި ސްޕޯޓްސް މިނިސްޓްރީ ގުޅިގެން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"ރާއްޖޭގެ އާބާދީގެ ވަރަށް ބޮޑު ބަޔަކީ މިހާރު އިސް ރަށްވެހިން. ގައުމަށް ގިނަ ދުވަހު ހިދުމަތް ކުރައްވާ، ރިޓަޔާ ކުރައްވާފައިވާ ބޭފުޅުން. އެ ބޭފުޅުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ހޯދައި ދިނުމަކީ މި ސަރުކާރުން ވަރަށް މުހިންމު ސިޔާސަތެއް،" ކުރީގެ ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
ގުރުއާނާ ބެހޭ މަރުކަޒު ކުރިން ހިންގި އިމާރާތުގައި އިސްރަށްވެހިންނަށް ހާއްސަ ކްލަބެއްގެ ގޮތުގައި ތަރައްގީ ކުރާ ތަނުގައި، އެ މީހުންނަށް ދިމާވާ ދަތި އުނދަގޫ ކަންކަމުގައި މުޖުތަމައުގެ އެންމެންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެ އިންތިޒާމެއް ހަމަޖެއްސުމާއި އިސްރަށްވެހިން ރަގަޅު ސިއްހަތެއްގައި ދެމިތިބުމަށާއ، އެ މީހުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް މަގު ފަހިކޮށްދިނުމަށް ގިނަ މަސައްކަތް ތަކެއް ކުރާނެ ކަމަށް މިނިސްޓްރީން ކުރިން ހާމަކުރި މައުލޫމާތުތަކުގައި ވެ އެވެ.
1. ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުޅިވަރާއި މުނިފޫހިފިލުވުން (އެ ތަނުގައި ކުޅިވަރުތަކާއި މަލްޓިމީޑިއާ ރޫމާއި ލައިބްރަރީގެ އިތުރުން ގަސް އިންދުންފަދަ ހަރަކާތްތައް އޮންނާނެ)
2. އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރު ކުރުމަށް ކައުންސެލިންގެ ހިދުމަތް ދިނުން
3. އިޖުތިމާއީ ޖަމިއްޔާ ޖަމާއަތްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުން
4. އިސް ރަށްވެހިންގެ ތަޖުރިބާތައް ހިއްސާ ކުރުން
5. އެއްތަނަކުން ހިދުމަތްތައް ލިބުން (އައިޑީ ކާޑު ހެއްދުން، ޕާސްޕޯޓު، ޕެންޝަން އޮފީހުން ލިބޭ ހިދުމަތްތަކާއި ދަތުރުފަތުރާއި އެންސްޕާގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބުން)
6. އިޖުތިމާއީ ހިދުމަތްތައް ލިބުން (ނާޒުކު ހާލުގައި ތިބި އިސްރަށްވެހިންނަށް ބޭނުންވާ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުން)
7. ސިއްހީ ދުޅަހެޔޮކަން ބެލުން (ކަސްރަތު، ހެލްތް ޗެކަޕް، ފައިދާހުރި ކާނާއާ ބެހޭ ސެޝަންތައް، ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކުރުން، ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ ހުނަރުތައް)
އިސްރަށްވެހިންގެ ގޮތުގައި ބަލަނީ 55 އަހަރުން މަތީގެ މީހުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލަކް
26 December 2023
ހެޑިންގ: "މާލޭގެ އިސްރަށްވެހިންނަށް މާލޭގައި މަރުކަޒެއް ހަދަނީ" މިއީ ރަނގަޅުގޮތް. ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ އިސްރަށްވެހިން އެއްވެ އުޅެ، އެކަކު އަނެކަކާ ޒަމާނުއްސުރެ ބައްދަލުކުރަމުން އައި ހިތްފަސޭހަ ހޮޅުއަށި ތަކާއި ޖޯލިފަތިތަކާ އުނދޯލިގެ ފަދަ ތަންތަން ނަގާ، ރަށްރަށުގެ އަތިރިމަތީގައި ހުރި ބޮޑެތި ގަސްތައް ކަނޑާ ތަރައްޤީއޭ ކިޔައިގެން މާލެގޮތަށް ހަދަމުންދަނީ އަހަރެމެން ލޯމަތީ. ދެން ކޮންކޮހެއް ތިގޮވަނީ.
އެލެކްސަ
26 December 2023
ތިކަން ކުރަން އެންމެ އެކަށީގެންވާނީ ބޭރަށް ނުކުމެ އުޅެވޭނެ، ސާފުވައި ލިބޭ ފަދަ މާހައުލެއް. ބީޗް އާއި ކައިރި ސަރަހައްދެއް. ތޮއްޖެހިފަ އޮތް މާލޭގަ އަނެއްކާވެސް ތިޔަ ކަހަލަ ތަނެއް ހަދާކަށް ކަމަކު ނުދޭ
ކީސްފިލާ
25 December 2023
ސަރުކާރުގެ އޮފީސްތަޢް ހިންގުމަށް އޮފީސް ބިލްޑިންގ އެއް އަޅަން ވިސްނަނީ ކޮން އިރަކުންބާ؟
ބުނެލީ ހަމަ
25 December 2023
ޤުރްއާނާ ބެހޭ މަރުކަޒު އިސްރަށްވެހިންގެ މަރުކަޒަކަށް ހަދަން ނިންމާ އެކަމަށް މަސައްކަތް ފެށިތާ އަހަރެއް ވާން ކައިރި ވަނީ.. މިދިޔަ ސަރުކާރުން ކޮންމެ ކަމެއް ސޯޝަލް މީޑިޔާ އަށް ނުލާތީ، ކަމެއް ހިނގާކަންވެސް ނޭންގޭ ގިނަ ފަހަރު
ހަވަރު ތިނަދޫ ބިގަރު ކައުންސިލްގެ މޭރު
25 December 2023
ހަވަރު ތިނަދޫގައި އަޅުގަނޑު މޭރުގެ އިސްނެގުމަށް ތިނަދޫ ކުޅީގައި އިސްރައްވެހިންނަށް މަރުކަޒެއް ގާއިމު ކުރެވިފަިވާނެއެވެ. ބިގަރު ކައުންސިލްގެ ބަޖެޓު މިހުސްކޮއްލަނީ އިސްރަށްވެހިންގެ ހިންހަމަ ޖެހުމަށެވެ. ޢެގޮތުން އިސް ރައްވެހިން މޫދަށް އެރުމަށް ސިޑިބަރިއެއް ހެދުމަށް 4 ލައްކަ. ކުޅީގައި ފެންއަރުވާ ވަޑާމަކާއެކު ގާއިމް ކުރި މަރުކަޒަށް 9 ލައްކަ. ސަންސެޓު ބެލުމަށް މިހާރުހަދަމުންދާ ޕްލެޓުފޯމަށް 7 ލައްކަ ވާނީ ހަރަދު ކުރެވިފައެވެ