ގުރުއާނާ ބެހޭ މަރުކަޒު ކުރިން ހިންގި އިމާރާތުގައި އިސްރަށްވެހިންނަށް ހާއްސަ ކްލަބެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އިސްރަށްވެހިންގެ ގޮތުގައި ބަލަނީ 55 އަހަރުން މަތީގެ މީހުންނެވެ.

ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ކްލަބަކީ މުޖުތަމައުގެ އިސްރަށްވެހިންގެ ދައުރު ފުޅާކޮށް އިޖުތިމާއި ކަންކަމުގައި އިސްރަށްވެހިންގެ ބައިވެރިވުމާއި އިޖުތިމާއި ގުޅުންބަދަހިކުރުމާއ،ި އެކަކު އަނެކަކާ އަޅާލާ މުޖުތަމައުއެއް އުފެއްދުމުގެ މަގުސަދުގައި މިނިސްޓްރީން ފެށި މަސައްކަތެއް ކަމަށެވެ.

އެފަދަ ތަނެއް ހެދުމުގެ މަގްސަދަކީ މުޖުތަމައުގެ އިސްރަށްވެހިންގެ ހިއްސާ ވީހާވެސް ބޮޑަކަށް އިތުރުވާނެ އިންތިޒާމެއް ހަމަޖެއްސުމާއި އެ މީހުން ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެ މީހުންނަށް ދިމާވާ ދަތި އުނދަގޫ ކަންކަމުގައި މުޖުތަމައުގެ އެންމެންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެ އިންތިޒާމެއް ހަމަޖެއްސުމާއި އިސްރަށްވެހިން ރަގަޅު ސިއްހަތެއްގައި ދެމިތިބުމަށާއ،ި އެމީހުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް މަގު ފަހިކޮށްދިނުމަކީ ވެސް މިތަން ހަދަން ނިންމި ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ގުރުއާނާ ބެހޭ މަރުކަޒު ހިންގި އިމާރާތް: އެ ތަން އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ފަސޭހައިން ލިބޭނެ ކަމަށް މިނިސްޓްރީން ބުނޭ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
ގުރުއާނާ ބެހޭ މަރުކަޒު ހިންގި އިމާރާތް: އެ ތަން އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ފަސޭހައިން ލިބޭނެ ކަމަށް މިނިސްޓްރީން ބުނޭ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އެ ތަނުން ލިބޭނެ ހިދުމަތްތައް:

1. ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުޅިވަރާއި މުނިފޫހިފިލުވުން (އެ ތަނުގައި ކުޅިވަރުތަކާއި މަލްޓިމީޑިއާ ރޫމާއި ލައިބްރަރީގެ އިތުރުން ގަސް އިންދުންފަދަ ހަރަކާތްތައް އޮންނާނެ)

2. އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރު ކުރުމަށް ކައުންސެލިންގެ ހިދުމަތް ދިނުން

3. އިޖުތިމާއީ ޖަމިއްޔާ ޖަމާއަތްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުން

4. އިސް ރަށްވެހިންގެ ތަޖުރިބާތައް ހިއްސާ ކުރުން

5. އެއްތަނަކުން ހިދުމަތްތައް ލިބުން (އައިޑީ ކާޑު ހެއްދުން، ޕާސްޕޯޓު، ޕެންޝަން އޮފީހުން ލިބޭ ހިދުމަތްތަކާއި ދަތުރުފަތުރާއި އެންސްޕާގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބުން)

6. އިޖުތިމާއީ ހިދުމަތްތައް ލިބުން (ނާޒުކު ހާލުގައި ތިބި އިސްރަށްވެހިންނަށް ބޭނުންވާ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުން)

7. ސިއްހީ ދުޅަހެޔޮކަން ބެލުން (ކަސްރަތު، ހެލްތް ޗެކަޕް، ފައިދާހުރި ކާނާއާ ބެހޭ ސެޝަންތައް، ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކުރުން، ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ ހުނަރުތައް)

ދުވަސްވީ ދެ މީހަކު އިނދޯއްޔެއްގައި އިށީގެންދެލައިގެން ވާހަކަ ދައްކާލަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ދުވަސްވީ ދެ މީހަކު އިނދޯއްޔެއްގައި އިށީގެންދެލައިގެން ވާހަކަ ދައްކާލަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖެންޑާ މިނިސްޓްރީން ބުނީ އެ ތަނުގެ ސަބަބުން، އިސްރަށްވެހިން ބަލަހައްޓާ އާއިލާތަކަށް، އެ މީހުން ބެލުމަށް ހޭދަކުރާ ވަގުތުތަކުން އަމިއްލަ ކަންކަމަށް ހުސްވަގުތުކޮޅެއް ހޯދަދިނުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެ ކަމަށެވެ.

އެ ތަން މަރާމާތު ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ޕްލޭނިންގް މިނިސްޓްރީއާ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ހުޅުވާނެ ތާރީހެއް އަދި ކަނޑަނާޅާ ކަމަށާއި ނަމަވެސް މަރާމާތުކޮށް ނިމޭހާ އަވަހަކަށް އެ ތަން ހުޅުވައި ހިދުމަތް ދޭން ފަށާނެ ކަމަށެވެ. އެކަމަށް ޕެންޝަން އޮފީހުން ލިބެމުންދާ އެހީތެރިކަން ވެސް މިނިސްޓްރީން ފާހަގަ ކުރި އެވެ.