ޚަބަރު / ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު (މިނިސްޓަރު)

ދިވެހި ހައްޖާޖީން މިނާ އާއި އަރަފާތުގައި ދެން ތިބޭނީ ރަނގަޅު ތަންތަނުގައި: މިނިސްޓަރު

ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް މި މަހުގެ ކުރީކޮޅު ސައޫދީ އަށް ކުރެއްވި ރަސްމީ ދަތުރުގައި އެ ގައުމުގެ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓަރާ އެކު.

26 ޖެނުއަރީ 2024 - 09:47

20 comments

ދިވެހިން ހައްޖާޖީން މިނާ އާއި އަރަފާތުގައި ދެން ތިބޭނީ ފެންވަރު ރަނގަޅު ތަންތަނުގައި ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ވަޒީރުންނާ އާންމުކުރާ ކޮންމެ ސުވާލަކަށް ޖަވާބު ދެއްވާ ގޮތަށް ބޭއްވި ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.

"އަހާ" ގެ ނަމުގައި ސަލްޓަންޕާކުގައި ބޭއްވި ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމްގައި އިސްލާމިކް މިނިސްޓަރު ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި މުހިންމު އެއް އިރުޝާދަކީ ރާއްޖެ އިން ހައްޖަށް ދާ މީހުން މިނާ އާއި އަރަފާތުގައި ތިބޭ އިރު އެ މީހުންނަށް ސައޫދީ އަރަބިއްޔާ އިން ރަނގަޅު ތަންތަން ހޯދައި ދިނުން ކަމަށެވެ.

މިނިސްޓަރު ރޭ ވިދާޅުވި ގޮތުގައި އެކަން މިހާރު ވަނީ ހަމަޖެހިފަ އެވެ.

"މިނާ އާއި އަރަފާތުގައި ދިވެހިން ތިބޭ ތަނާއި ދިވެހިންނަށް ލިބޭ ހިދުމަތް މި ފަހަރު، ކުރިއަށް އޮތް ހައްޖުގައި ﷲ އިރާދަކުރެއްވިއްޔާ ތަފާތު ވާނެ. މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އެ ދަނީ އެ ކަމަށްޓަކައި މަސައްކަތް ކުރަމުން. ސައޫދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީން ވަނީ އެކަން އަޅުގަނޑުމެން އެދުނު ގޮތަށް ހަމަޖައްސަވައި ދެއްވާފައި،" ޑރ. ޝަހީމް ވިދާޅުވި އެވެ.

"އެއީ ވަރަށް ބޮޑު ކުރިއެރުމެއް މި ދާއިރާގައި ލިބޭ."

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވަނީ ދާދި ފަހުން ސައޫދީ އަށް ރަސްމީ ދަތުރެއް ކުރައްވައި އެ ގައުމުގެ ކަމާ ގުޅޭ އިސްވެރިންނާ އެކު ވަރަށް ގިނަ މަޝްވަރާތަކެއް ބާއްވަވައިފަ އެވެ. ޑރ. ޝަހީމް ރޭ ވެސް ވިދާޅުވި ގޮތުގައި އެއީ ރާއްޖޭގެ އިސްލާމިކް މިނިސްޓަރަކު މިދިޔަ 10 އަހަރުގެ ތެރޭގައި ސައޫދީ އަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރެވެ.

ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމުގައި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. ޝަހީމް ރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އޭނާ ވިދާޅުވީ، ރާއްޖޭގެ އިސްލާމިކް މިނިސްޓަރަކު ސައޫދީ އަށް ރަސްމީ ދަތުރެއް ނުކުރައްވައި 10 އަހަރު ހޭދަކުރެއްވުމަކީ "ވަރަށް ދެރަކަމެއް" ކަމަށެވެ.

"އެންމެ ފަހުން ވެސް ދިޔައީ [ސައޫދީ އަށް ރަސްމީ ދަތުރެއްގައި] އަޅުގަނޑު. [އެއީ] 2014 ވަނަ އަހަރު. އޭގެ ފަހުން ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ރަސްމީކޮށް ސައޫދީ އަރަބިއްޔާ އަށް ގޮސްފައެއް ނުވޭ. މިއީ ދެރަކަމެއް،" ޑރ. ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހިންނަށް އެންމެ އަސާސީ ދީނީ ހިދުމަތްތައް ފޯރުކޮށްދެނީ ސައޫދީ އަރަބިއްޔާ އިން ކަަމަށެވެ. ހައްޖާއި އުމުރާގެ އިތުރުން ދީނީ ގޮތުން ރަސްމީ ކިތަންމެ ކަމެއްގައި ރާއްޖެ އިން ސައޫދީއާ އެކު މުއާމަލާތު ކުރަންޖެހޭ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ދިވެހިރާއްޖޭގައި އެންމެ ގިނަ މިސްކިތްތައް އަޅުއްވަން ހަރަދު ކުރެއްވި ގައުމަކީ ސައޫދީ އަރަބިއްޔާ. ދިވެހިރާއްޖޭގައި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ ހިންގުންތެރި މީހަކު ސައޫދީ އަރަބިއްޔާ އަށް އަބަދުވެސް ދާން ޖެހޭ ކަންތައްތަކުގައި ރަނގަޅު ހައްލު ހޯދުމަށްޓަކައި،" ޑރ. ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދިވެހިންނަށް ސައޫދީން ދޭން ހައްޖު ކޯޓާ އިތުރުކުރުމަށް މަސައްކަތް ކުރެއްވުމަށް ސީދާ ރައީސް ޑރ. މުއިއްޒުގެ އިރުޝާދު ލިބިވަޑައިގަތުމުން އެ މަޝްވަރާތައް ވެސް މިހާރު ފަށާފައިވާ ކަމަށެވެ.

ސައޫދީ އަށް އެންމެ ފަހުން ކުރެއްވި ރަސްމީ ދަތުރުގައި އެ ގައުމުގެ ހައްޖާއި އުމްރާއާ ގުޅޭ މިނިސްޓަރާ ބައްދަލުކުރައްވައި ވަރަށް ގިނައިރު ވަންދެން އެ މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވި އެވެ.

"ދެން އެ މަނިކުފާނު ދެއްވި ޖަވާބާއި މި ކަންކަމުގެ ވާހަކައަކީ މި ފަދަ ފޯރަމެއްގައި ދެއްކުން އެންމެ ޕްރޮފެޝަނަލް ވާހަކައަކަށް ނުވާނެ. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ މި ކަމަށް ހައްލެއް ހޯދުމަށްޓަކައި މި ވަނީ ހުރިހާ މަސައްކަތެއް ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި އެންމެ ގިނަ މިސްކިތްތައް އަޅުއްވަން ހަރަދު ކުރެއްވި ގައުމަކީ ސައޫދީ އަރަބިއްޔާ. ދިވެހިރާއްޖޭގައި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ ހިންގުންތެރި މީހަކު ސައޫދީ އަރަބިއްޔާ އަށް އަބަދުވެސް ދާން ޖެހޭ ކަންތައްތަކުގައި ރަނގަޅު ހައްލު ހޯދުމަށްޓަކައި،"--- ޑރ. ޝަހީމް

ރާއްޖެ އަށް ސައޫދީ މިހާރު ކޮންމެ އަހަރަކު ދޭ ހައްޖު ކޯޓާގެ އަދަދަކީ 1،000 އެވެ.

މިނިސްޓަރު ރޭ ވިދާޅުވީ، ހައްޖާއި އުމްރާގެ ދަތުރުތަކުގެ އަގު ހެޔޮކުރުމުގައި އިގުތިސާދީ ވިސްނުންތަކެއް ކުރިއަށް ނެރެގެން ރައީސް ޑރ. މުއިއްޒުގެ އިރުޝާދުގެ ދަށުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މަސައްކަތްތަކެއް ކުރާ ކަމަށެވެ.

"އަޅުގަނޑު އުންމީދު މި ކުރަނީ ކުރިއަށް މި އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ހެޔޮ ބަދަލުތައް މި ނިޒާމަށް އަންނާނެއޭ. އަޅުގަނޑުމެން ކުރިއަށް ދާން ބޭނުންވަނީ މެލޭޝިއާގެ ހައްޖު ފަންޑު ނުވަތަ ހައްޖު މުއައްސަސާ އިން ކުރިއަށް ދާ މިންގަނޑާއި އުސޫލުތަކުގެ ތެރެއިން،" ޑރ. ޝަހީމް ވިދާޅުވި އެވެ.

"އެ ގޮތަށް މަސައްކަތް ކޮށްފި ކަމުގައި ވަނީ ނަމަ އެ ހައްލު އަންނާނެ."

20 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާމާނު

27 January 2024

މިނާ، އަރަފާތުގަ ނުބައި ތަންތަންވެސް ހުރޭތަ؟.

The name is already taken The name is available. Register?

ކައިކައި

27 January 2024

މުއިއްޒުގެ ނަން ބޭނުން ނުކޮށްފިނަމަ މިމީހުންގެ މިނިސްޓަރުކަން ގެއްލޭނެ ހެން ހާދަ ހީވެއެވެ. ވަޒީފާއަށް ވުރެން ﷲ ބިރުވެތިވާނަމަ މިކަހަލަ ލަދުވެތިކަމާއި ޝެއިޚް ކުރިމަތިލާކަށް ނުޖެހޭނެއެވެ.

The name is already taken The name is available. Register?

ލެބޯޓަރީ ސިމާދު

27 January 2024

އަރަފާތާއި މިނާގައި ހުރޭތޯ ދެރަ ތަންތަނާއި މޮޅުތަންތަން؟؟ ފަހަރުގައި ބައެއް ޚިދުމަތް ލިބުމުގައި ފަސޭހަ ތަންތަން ހުރެދާނެއެވެ. ނަމަވެސް ތިޔަ މޮޅުތަންތަން ދެރަތަންތަން ކިޔާއިރު މިލިބެނީ 1000 ވިސާއެވެ. ނަމަވެސް ޝަހީމްގެ ވާހަކައިން ކެމްޕޭނު ދުވަސްވަރު ހީވީ ސޯލިހްގެ ވެރިކަން ނިމޭއިރަށް ދިވެހިންނަށް ވިސާދީފައި ބާކީ ހުރި އެއްޗެއް ނޫނީ ސަޢުދީން އެހެން ގައުމަކަށް ނުދޭނެހެންނެވެ. މުޅީންވެސް އޮޅުވާލުމެވެ.

The name is already taken The name is available. Register?

ޔޫޓޫ

27 January 2024

މޮޔަނުވޭ ޢަރަފާތުގަ މިނާގަ ރަގަޅުނޫންތަނެއްނުހުންނާނެ moya nugovA ކޮސްނުވޭ

The name is already taken The name is available. Register?

ޜދރރަެީސް

27 January 2024

މިހާރު މިމީހުން ފޮޑިއެއްޖަހަނީވެސް ރ. ޑރ. މުއިއްޒުގެ އިރުޝާދާ އެއްގޮތަށޭދޯ. ސަޅި.

The name is already taken The name is available. Register?

އަބްޑޫޅް +

27 January 2024

މައްސަލަ އަކީ، ޖިއްދާ އެޔާޕޯޓުގަ ދިވެހިންގެ ޕާސްޕޯޓަށް ޖަހަނީ ކުޅު.

The name is already taken The name is available. Register?

ކިއުންތެރިޔާ

26 January 2024

ސައުދީ އަރަބިޔާއަށް އަބަދު މީހަކު ދާންޖެހެންޏާ ދެން ކީއްކުރާ އެމްބަސީއެއްތޯ ސައުދިއަރަބިޔާއިން ރާއްޖޭގައި ހުޅުވާފައި އެހެރަ ފެންނަނީ. އިރު އިރު ކޮޅުން ރައްޔަތުންގެ ފައިސާއިން ހޭދަކޮށްގެން ތިބޭފުޅުން ދުނިޔެ ވަށައިގެން ދަތުރު ނުކުރިޔަސް މިޒަމާނުގައި ކަންކަން ކުރެވެން އެބައޮތް. އެކަން ނޭގެންޏާ ދަސްކުރަންވީ. ރައީސް މައުމޫނު ދައުރުން ފެށިގެން ވެސް ސައޫދީން ރާއްޖެއަށް އެހީވެދޭ. އިސްލާމިކް މިނިސްޓްރީ އެއް އުފެއްދީ އެމްޑީޕީ ސަރުކާރުގައި. އެއީ ހަގީގަތް.

The name is already taken The name is available. Register?

މަވާސަލާމް

26 January 2024

ވަރަށް އުފާވެރި ޚަބަރެއް ޝަހީމް ތިޔަ ކުރައްވާ މަސައްކަތްޕުޅަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެން ޙައްޖަށް ދާންވާއިރަށް ހުރިހާކަމެއްވެސް ރަގަޅުވާނެކަމަށް އުއްމީދު ކުރަން.

The name is already taken The name is available. Register?

އަލީމު

26 January 2024

"ދެން އެ މަނިކުފާނު ދެއްވި ޖަވާބާއި މި ކަންކަމުގެ ވާހަކައަކީ މި ފަދަ ފޯރަމެއްގައި ދެއްކުން އެންމެ ޕްރޮފެޝަނަލް ވާހަކައަކަށް ނުވާނެ...." ޕްރޮފެޝަނަލް ނުވާ ކޮންވާހަކަތަކެއް ތިދެއްކީ؟ ކަލޭތީ ރައްޔިތުންގެޙާދިމެކޭ، އެހެންވީމަ ރައްޔިތުންނައް ފޮރުވަން ޖެހޭ އެއްޗެއް އޮވެގެން ނުވާނެ! އަނެއްކޮޅުން ހައްޖާ އުމުރާ އައްދަނީ އަރާމާ މަޖަލުގަ އުޅޭކަންނޫން!

The name is already taken The name is available. Register?

ތިމާވަރުގެ މީހެއް ނެތޯ!

26 January 2024

ސަޢޫދީ އާއި ރާއްޖޭގެ ގުޅުން އަބަދުވެސް ރަނގަޅެވެ. ޚާއްޞަކޮށް ރައީސް މައުމޫނަށް ވަރަށް އިޙްތިރާމް އޮންނަކަން ފާހަގަވެ އެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454