ރިޕޯޓް

ސިޔާސީ ގޮތުން ޖެއްސުމާއި ފުރައްސާރަ: ނަމަވެސް އެއީ އެންމެ ފަހު ބަސް!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް: ސިޔާސީ ގޮތުން މަޖިލީހުން ނިންމާ ނިންމުމަކަށް ވިޔަސް، އެކަމާ މެދު ކޯޓުތަކަށް ދެވޭނެ ހައްލެއް ނޯންނާނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މަޖިލިސް

ރައްޔިތުންގެ ވޯޓުން އިންތިހާބުކުރާ ނައިބު ރައީސުން މަގާމުން ނަގާ އެއްލާލަނީ އެވެ. ރައީސް އައްޔަން ކުރައްވާ ވަޒީރުންގެ އިތުބާރު ނެތްކަމަށް ފާސްކޮށް، މަގާމުން ވަކިކުރާއިރު ރައީސް ކުރެން ހޭ ވެސް އަހާލުމެއް ނެތެވެ. މިއީ ހައްތަހާ ވެސް ރައްޔިތުންގެ މަޖިލީހުން ސިޔާސީ ގޮތުން ނިންމާފައި ހުރި ނިންމުންތަކެވެ.

ވެރިކަންކުރާ ޕާޓީތަކުން މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަން އަބަދުމެ، މަސައްކަތް ކުރަނީ އިދިކޮޅު ޕާޓީގެ އަތްމައްޗަށް މަޖިލިސް ހިނގައްޖެ ނަމަ ކުރަންޖެހޭ ހަނގުރާމަތައް އެހާމެ ބޮޑުވުމުންނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސަރުކާރާއި މަޖިލީހުގެ އަރައިރުން ބޮޑުވެ، ކުރިމަތިވި މައްސަލަތަކަކީ އޭގެ ހެއްކެކެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައަކީ ވެސް އޭގެ އަނެއް މިސާލެކެވެ. ގާނޫނުއަސާސީގެ ދަށުން އޮންނަ ވަޒީރުންނަށް ރުހުން ދިނުމުގެ އިޖްރައާތު ބޭނުން ކުރަނީ އެއިރެއްގައި މަޖިލީހުގެ އަގުލަބިއްޔަތު އޮންނަ ޕާޓީއަކުން ސަރުކާރު ބެލްކްމެއިލް ކުރަން ބޭނުންކުރާ ލެވަރޭޖް ކާޑެއްގެ ގޮތުގަ އެވެ.

ރައީސް އައްޔަން ކުރެއްވި ތިން ވަޒީރަކަށް އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ދާދިފަހުން ރުހުން ނުދިނީ ހުއްޖަތެއް ދެއްކުމެއް ނެތި އެވެ. ކޮމެޓީ މަރުހަލާގައި ވަޒީރުންނަށް ރުހުން ދޭން ނިންމުމަށްފަހު ކުއްލި ގޮތަކަށް ތިން ވަޒީރަކަށް ރުހުން ނުދިން އެއްވެސް ސަބަބެއް ބަޔާންކޮށެއް ނުދެ އެވެ.

މަޖިލީހުން ސިޔާސީ ގޮތުން ނިންމާ ނިންމުންތަކުގެ ގެއްލުމާއި ނަތީޖާ ގޯސް ނަމަވެސް މިއީ މިހާރު ރާއްޖޭގެ ގާނޫނުއަސާސީ އޮތްގޮތުން ހައްލެއް ހޯދޭނެ ކަމެއް ނޫނެވެ. ސަބަބަކީ ގާނޫނުއަސާސީ ލިޔުނުއިރު، މަޖިލީހުގެ ނިންމުންތަކުގެ ކަށަވަރުކަން (ބަރުލަމާނީ އިމްތިޔާޒް) ދީފައި އޮތުމުންނެވެ.

ގާނޫނުއަސާސީގެ 88 ވަނަ މާއްދާ އޮންނަ ގޮތުން މަޖިލީހުން ފާސްކުރާ ގާނޫނުތައް ބާތިލް ކުރުމާއި ރައީސް ވަކިކުރަން މަޖިލީހުން ނިންމާ ހާލަތްތައް ފިޔަވައި އެހެން ކަންކަމުގައި މަޖިލީހުގެ ނިންމުންތަކަކީ ކޯޓުތަކުގައި ޗެލެންޖް ނުކުރެވޭނެ އަދި އެންމެ ފަހު ނިންމުމެވެ. ނަމަވެސް މީގެ މާނައަކީ މަޖިލީހުން ހިތުހުރި ގޮތަކަށް އަދި ގާނޫނުއަސާސީއާ ހިލާފަށް ކަންކަން ކުރާއިރު އެއްޗެއް ނުބުނެ، ހަނު ތިބެން ޖެހޭނެ ވާހަކައެއް ވެސް ނޫނެވެ.

ސުޕްރީމް ކޯޓް --- ފޮޓޯ/މިހާރު

މިކަން ސުޕްރީމް ކޯޓުން 2022 ވަނަ އަހަރު ނިންމި ދުސްތޫރީ މައްސަލައެއްގައި ވެސް ފާހަގަ ކޮށްފައިވެ އެވެ. ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މަގާމުން ވަކިކުރަން 2015 ވަނަ އަހަރު މަޖިލީހުން ނިންމި ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުން ކުރި އެ ހުކުމުގައި ބުނެފައިވާ ގޮތުން މަޖިލީހުން ނިންމާ ނިންމުންތަކާ ގުޅޭގޮތުން ސިޔާސީ ގޮތުން އުފެދޭ ހިޔާލު ތަފާތުވުންތަކާ ގުޅޭ ކަމެއް އެއްވެސް ކޯޓަކަށް ނުބެލޭނެ އެވެ.

"ހަމައެކަނި ހިޔާލު ތަފާތުވުމެއްގެ މައްޗަށް ބިނާވެގެން ހުށަހަޅާ މައްސަލައަކަށް ވެގެން ނުވާނެ އެވެ. ނުވަތަ އެއީ ކޯޓުތަކަށް ހައްލެއް ނުދެވޭނެ ސިޔާސީ ސުވާލެއްގެ މައްޗަށް ބިނާވާ މައްސަލައަކަށް ވެގެން ނުވާނެ އެވެ." ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައި ބުނެފައިވެ އެވެ.

"މީގެ މާނައަކީ ސުޕްރީމް ކޯޓަކީ ސިޔާސީ މައްސަލަތަކަށް ހައްލު ހޯދައިދޭ ތަނަކަށް ވުމެއް ނޫނެވެ."

މަޖިލީހުން ބާރުގެ ތެރެއިން ނިންމާ ސިޔާސީ ނިންމުންތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ހަވާލާދެނީ ރާއްޖެ ފަދައިން ރިޔާސީ ނިޒާމެއް އޮންނަ އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައަކަށެވެ. އެ މައްސަލާގައި ކަނޑައަޅާފައިވާ ޑޮކްޓްރިން އޮފް ޕޮލިޓިކަލް ކުއެސްޝަން ބުނާގޮތުން މަޖިލީހުގެ ސިޔާސީ ވިސްނުން ހުންނަ ގޮތަކުން މަޖިލީހުން ނިންމި ކަމެއްގެ މައްޗަށް ކޯޓަށް ބަސް ނުބުނެވޭނެ އެވެ. މާނައަކީ އެއީ ކޯޓުތަކުގެ ބޭރުން ސިޔާސީ ބޭފުޅުން ހައްލު ހޯދަންޖެހޭ ކަމެކެވެ.

މިސާލެއްގެ ގޮތުން ޖަމީލްގެ މައްސަލާގައި އޭނާ މަގާމަށް ނާގާބިލް ކަމަށް ބުނެ އޭރުގެ ޕީޕީއެމްގެ އަގުލަބިއްޔަތު އޮތް މަޖިލީހުން އޭނާ މަގާމުން ދުރުކުރީ އޭރުގެ ރައީސް އަބްދުالله ޔާމީންގެ ރަސްމީ ބަހެއް ނެތި، މަޖިލީހުގެ އަމިއްލަ އިސް ނެގުމަށެވެ. ސުޕްރީމް ކޯޓުގައި އެ ނުކުތާ ނެގި ނަމަވެސް އެ ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުން ނައިބު ރައީސުން ވަކި ކުރުމާއި އެކަމުގެ އިޖްރައާތު ކަނޑައެޅުމަކީ މަޖިލީހުގެ ބާރަކަށް ވާތީ އެއީ ސިޔާސީ ސުވާލެއްގެ މައްޗަށް ބިނާވާ ކަމަށްވާތީ އެކަމަށް ކޯޓަށް ބަސް ނުބުނެވޭނެ އެވެ.

މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމުގައި މި ވާހަކަ އަނެއްކާވެސް ތަކުރާރު ކޮށްފައިވެ އެވެ. އެ ހުކުމުގައިވާ ގޮތުން މަޖިލީހުގެ ނިންމުންތަކުގެ މައްޗަށް ކޯޓަށް ބަސް ބުނެވޭނީ އިސްތިސްނާ ގޮތެއްގައި އަދި ދުސްތޫރީ ހުސްކަމެއް ކުރިމަތިވެ، ޑެޑްލޮކަލަށް ދާ ހިސާބަށް ގޮސްފައިވާ ނަމަ އެވެ. މާނައަކީ ސިޔާސީ ހިޔާލު ތަފާތުވުންތަކަށް ސުޕްރީމް ކޯޓުން ދޭނެ ހައްލެއް ނޯންނާނެ ކަމެވެ.

"ގާނޫނު އަސާސީ ދިފާއު ކުރުމަކީ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މީގެ މާނައަކީ ސުޕްރީމް ކޯޓަކީ ސިޔާސީ މައްސަލަތަކަށް ހައްލު ހޯދައިދޭ ތަނަކަށް ވުމެއް ނޫނެވެ." ސުޕްރީމް ކޯޓުގެ އެ ހުކުމުގައި ބުނެފައިވެ އެވެ.

ރައީސާއި މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރު --- ފޮޓޯ/މިހާރު

ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން މަޖިލީހުން ނިންމާ ނިންމުންތައް ކޯޓުތަކަށް ބެލޭނީ ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފް ކަމެއް ނުވަތަ އަސާސީ ހައްގަކަށް އަރައިގަތުން ފަދަ ކަމެއް ފެންނަން އޮތް ހާލަތްތަކުގައި އެކަންޏެވެ. އެއީ މިސާލަކަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގައި އަމަލުކުރަންޖެހޭ އިޖްރައާތެއް ފުރިހަމަ ނުކުރުން ނުވަތަ ޖަވާބުދާރީވާން ފުރުސަތު ދިނުން ފަދަ ކަމެއް އޮންނަ ހާލަތްތަކެވެ.

"އެ މައްސަލައެއްގެ މައުލޫއު ބިނާވާން ވާނީ މަޖިލީހުން އަމަލުކުރި ގޮތުގެ ސަބަބުން މަޖިލީހުން އަމަލުކުރި ގޮތުގެ ސަބަބުން ގާނޫނު އަސާސީގައިވާ އިޖްރައާތަކާ ހިލާފް ކަމެއްގެ މައްޗަށް ނުވަތަ ގާނޫނު އަސާސީން ލިބިދޭ ފަރުދީ ހައްގެއް ގެއްލިގެން ދިއުމުގެ މައްޗަށެވެ." ހުކުމުގައިވެ އެވެ.

ކުރިން ފާހަގަކުރި ޖަމީލްގެ މައްސަލާގައި، އޭނާ ވަކިކުރަން ނިންމުމުގެ ކުރިން ޖަވާބުދާރީވުމުގެ ފުރުސަތު ގެއްލޭ ގޮތަށް މަޖިލީހުން އަމަލުކުރި އެވެ. އެހެންވެ، އެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމީ ބަރުލަމާނީ އިމްތިޔާޒް އޮތަސް، އަސާސީ ހައްގެއް ގެއްލޭ ގޮތަށް އަމަލު ކުރުމުގެ އިހްތިޔާރު މަޖިލީހަށް ނޯންނާނެތީ ކަމަށެވެ. އެހެންވެ، އެކަމުގައި މަޖިލީހުން އަމަލުކުރި ގޮތް ބެލުމަށް ކޯޓަށް ހުށަހެޅުމުގެ ހައްގު އޮންނާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.

"މަޖިލީހުގެ ބާރެއް ވީމަ ކޯޓުތަކުން ބަހެއް ނުބުނެވޭނެ ކަނޑައެޅިފައި އޮތް އިޖްރައާތަކަށް އަމަލު ނުކޮށް އޮންނަ ހާލަތެއް ނެތިއްޔާ."

މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ރުހުން ދިނުމާއި ނުދިނުމަކީ މަޖިލީހުގެ ފުރިހަމަ ބާރެއްގެ ގޮތުގައި އޮތުމުން މަޖިލީހުން ކޮންމެ ގޮތަކަށް ނިންމިޔަސް އެއަށް ކިޔަމަންވުން ނޫން ގޮތެއް ސަރުކާރަކަށް ނޯންނާނެ އެވެ.

"މަޖިލީހުން ނިންމާ ނިންމުމުގެ ސަބަބުން ނިކުންނަ ނަތީޖާ ތަހައްމަލު ކުރުމަކީ ގާނޫނު އަސާސީން ރައީސުލް ޖުމްހޫރިއްޔާގެ މައްޗަށް އޮންނަ ޒިންމާއެކޭ. އެހެންވީމަ އެހެން ބޭފުޅުން އައްޔަން ކުރައްވައިގެން ކޮންޓިނިއޭޝަން ގެނެވެން އޮތް ކަމެއް މިއީ." ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ކޮމެޓީން ރުހުން ދޭން ނިންމުމަށްފަހު މަޖިލީހުގެ ތަޅުމުގައި ރުހުން ނުދިނުމަކީ އެއްވެސް ސަބަބެއް ނެތި، ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ނިިންމި ނިންމުމެކެވެ.

ގާނޫނީ ބޭފުޅުން ވެސް ވިދާޅުވާ ގޮތުން މަޖިލީހުގެ ނިންމުންތަކަކީ މިނިވަންކަމާ އެކު ނިންމަންޖެހޭ ނިންމުންތަކެއް ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮތަސް، ސިޔާސީ ގޮތުން މަޖިލީހުން ނިންމާ ނިންމުންތަކަށް ވެސް ތަބާވުން ނޫން ގޮތެއް ނެތެވެ. އެހެން ނޫން ތިން ބާރު ވަކިވުމުގެ ނިޒާމު ގެއްލޭނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"ޒާތީކޮށް ނުވަތަ އަމިއްލަ އެޖެންޑާއެއްގައި ގިނަ ފަހަރު މަޖިލީހުގެ ނިންމުންތައް ނިންމާފައި ހުރީ. ނަމަވެސް އެއީ މަޖިލީހުގެ ބާރެއް ވީމަ ކޯޓުތަކުން ބަހެއް ނުބުނެވޭނެ ކަނޑައެޅިފައި އޮތް އިޖްރައާތަކަށް އަމަލު ނުކޮށް އޮންނަ ހާލަތެއް ނެތިއްޔާ. ސުޕްރީމް ކޯޓުން ވެސް ނިންމާފައި ހުރީ އެގޮތަށް." ވަކީލަކު ވިދާޅުވި އެވެ.

ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމެއް އައިފަހުން ރައްޔިތުން މަޖިލިސްތައް ފެނިގެން ދަނީ ރައްޔިތުން ތަމްސީލުކުރާ ބާރަކަށް ވުރެ ބޮޑަށް ޕާޓީތަކުގެ ސިޔާސަތާއި ފިކުރު ތަމްސީލުކުރާ ބާރެއްގެ ގޮތުގަ އެވެ. މަޖިލީހުގެ ސިޔާސީ ނިންމުންތަކުގެ ނަތީޖާ ގޯސް ނަމަވެސް އެއަށް ފަރުވާ ހޯދުމަކީ އުނދަގޫ ކަމެކެވެ.

49 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 0%
icon angry icon angry 92%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހިންމު

31 January 2024

ތިން ބާރު ވަކިކޮށްފައި އޮންނަ ނިޒާމެއްގައި, ކުރަހާފަ އޮންނަ ރޮނގު އެއްބާރުން ފަހަނަ އަޅައިދިޔާމާ, ދެން އޮންނަ ދެބާރުން އެ ރޮނގު ފަހަނަ އަޅައިނުދާނޭ ކަމަށް ބަލަން ޖެހެނީ ކީއްވެ؟ އެއްބަޔަކު ސިސްޓަމް އެބިޔުސް ކުރަންޏާ އަނެއްބަޔަކުވެސް އެބީދައިން ކަންނުކުރަންވީ ކީއްވެ؟

The name is already taken The name is available. Register?

ދިވެހިންގެ ހިޔާލު

31 January 2024

ރައީސް އަޒުލުކުރަން ވަރަށްތާއިދު...މިހެންބުނެގެން ސަރުކާރުގެ މަގާމުތަކާ މަންފާލިބޭމީހުން ކޯފާވާނެ..އެކަމަކު މިވެރިކަން ބަދަލުކުރަން ޝަރުތުފުރިހަމަވޭ...މޑޕއަކީ މަޖުލިހުގެ މެޖޯރިޓީޕާޓީވީމަ މޑޕގެ ޒިންމާއެއް މިކަންކުރުމަކީ..ރއިބޫ އަޒުލުކުރަން ޕޕމއިން ސޮއިހޯދި އަގުލަބިއްޔަތު ނުލިބުމުންއެކަންނުވީ..ރައީސްއަޒުލުކުރަން ވަކިމުއްދަތެނޯވޭ ސަރުކާރަށް އަދިމިވީ ދެތިންމަސްވީމަ މިކަން ކޮއްގެންނުވާނެކަމަށް ބުނަނީ ސަރުކާރުގެ މަންފާލިބޭ މަގާމުތަކުގެތިބިމީހުން.

The name is already taken The name is available. Register?

ސޭކުބެ

31 January 2024

މިކަމަކީ ބޭރުގެ ބޮޑުބާރެއް އަޑީގައޮވެގެން މިގައުމު ފުޑާލުމަށްޓަކާ ކުރާކަމެއް. މިކަމުގެ ހުރިހާ ދެރައެއްއޮތީ ނިކަމެތި ރައްޔިތުންނަށް. އިދިކޮޅުމެންބަރުންގެ ޖީބުތައް ފައިސާއިން ފުރާލާނެ. މިކަން އެންމެންނަށްވެސް އެނގޭ.

The name is already taken The name is available. Register?

އިސްމައީލް ޝިހާދު

31 January 2024

އަވައްޓެރި ގައުމެއް އަޑީގަ އޮވެގެން މިހިންގާ ޖަރީމާ ބަލައިނުގަނެވޭނެ.

The name is already taken The name is available. Register?

ނޫހު އިބްރާހިމް

31 January 2024

އަހަންނަށް ހީނުވޭ މިސަރުކާރުން ގޯސްކޮށް ގާނޫނާ ހިލާފަށް ކަމެއް ކުރިހެން.އަދި ރުހުން ނުދިން ވަޒީރުންގެ ޕާފޯމެންސްވެސް އެހާ ރަނގަޅު. އެވަރުންވެސް އެމްޑީޕީއިން ހެދީ ގޯސް. އަދި ދަނީ ހަދަމުން.

The name is already taken The name is available. Register?

ކޮމެޓީ

31 January 2024

ސަބަބު ބަޔާން އެއްވެސް ސަބަބެއް ނެތި އިތުބާރު ނެތްކަމައް ވޯޓެއް ނުނެގޭނެ ކަން އިނގެނީ އަދި ކޮމެޓީން ނިންމާފަ އޮތީ ރުހުންދޭން ދެން ދެކޮޅެއް ވެސް ނުޖެހޭނު

The name is already taken The name is available. Register?

ހުސެން ވަހީދު

31 January 2024

ކިތަންމެ ބޭނުން ވިޔަސް ދެން އެމްޑީޕީއަށް މީގެ ހިތި ނުފެނި ހިޔެއްނުވޭ ދާނެހެން. މިކުރެވުނީ ވަރަށް ގޯސް ކަމެއް.

The name is already taken The name is available. Register?

ނާހިދު އަލީ

31 January 2024

މަޖިލީހުގަ އެމްޑީޕީ އާއި ޑިމޮކްރެޓުން ގުޅިގެން އެހިންގާ ޖަރީމާތައް ނިމުމަކަށް އަންނަން އެބަ ޖެހޭ. ވަރަށް ގޯސްކޮށް ކަންކަން މިދަނީ. މުޅިން ވެސް ރައްޔިތުން އިންތިހާބު ކުރި ސަރުކާރަށް ޖެއްސުން ކުރުމުގައި އެމީހުން އެ އުޅެނީ. އެކަމުގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބޭނީ ރައްޔިތުންނަށް

The name is already taken The name is available. Register?

އަފްރާސިޔާބު

31 January 2024

ގާނޫނު އަސާސީ ބަދަލު ކޮށްލަނިކޮށް ތިކަން ހަމަޖެހޭނެ. އޭގައި ލިޔަންވީ ރައްޔިތުން ރައީސަކު އައްޔަން ކުރީމާ ދެން އޭނާގެ މައްޗަށް ބަސްބުނެވޭނެ އެއްވެސް މީހަކު ހިރެގެން ނުވާނެ. ރައްޔިތުންގެ މަޖިލީހުގެ ނަންވެސް ބަދަލު ކުރަންވީ. ވެރިކަން ކުރާމީހަކުގެ މަޖިލީހަށް. އަދުލު އިންސާފުގެ ބައިވެސް ބާއްވަންވީ ވެރިމީހާ އަށް ރިޕޯޓް ފޮނުވައި ފާސް ކުރުމުން ހުކުމް ކުރާ ގޮތަށް. އެހެންނޫނީ މިހާރު ވަރަށް އަވަސްވާނެ ވެރިމީހާ ގާނޫނުގެ ބޭނުންކޮށްގެން ދުރުކުރަން.

The name is already taken The name is available. Register?

ހާމާނު

31 January 2024

އަފްރާސިޔާބު, ބްރޯ ތި ގޮތަށް 5 އަހަރު ވެރިކަންކޮއްފަ, ރައްޔިތުން ސައްޕެއް ޖަހާފަ ބޭރުކުރީމަ ހަމަ ގެއްލުނު ބޮޑިވަރު މަދުވެގެންދޯ އަދިވެސް އެ އުޅެނީ!.

The name is already taken The name is available. Register?

އާޒިމް ރިޒާ

31 January 2024

އެމްޑީޕީއަށް އަހަރުމެން ދެން ދޭނެ ވޯޓެއް ނޯންނާނެ. އެއްމެ ހިންގުންތެރި ވަޒީރުންނަށް ރުހުން ނުދީ ބޭރުކޮށްލީ. ސީދާ ވީ ޒާތީ.

The name is already taken The name is available. Register?

ރުވޭދާ ރަމީޒް

31 January 2024

ސިސްޓަމް އެބިއުސް އަސްލް އެމްޑީޕީ އިން މިހާރު ކުރަނީ. އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454