ޚަބަރު / އދ. ދަނގެތި

މަހްމޫދުގެ މަރު: ސާލިމް ވާހަކަ އެކިފަހަރު އެކިގޮތަށް، އެދުނީ މަރުގެ ހުކުމް ދަމަހައްޓަން

ސާލިމް ހައްޔަރުކޮށްގެން ގެންދަނީ: އޭނާ މަރަން ކުރި ހުކުމް ދަމަހައްޓަން އޭނާ ވަނީ އެދިފައި --- ފޮޓޯ/މިހާރު

އދ. ދަނގެތީ ވިޔަފާރިއެއް ކަމަށްވާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ ޝާހް އަލޮމް މިއާ (ސާލިމް) އެކި ފަހަރު އެކި ގޮތަށް ވާހަކަ ދެއްކުމަށް ފަހު، އޭނާގެ މަރުގެ ހުކުމް ދަމަހައްޓައިދޭން ހައި ކޯޓުގައި މިއަދު އެދިއްޖެ އެވެ.

އޮކްޓޫބަރު، 2021 ގައި ދަނގެތީގެ ފަޅުގެއެއްގެ ތެރޭގައި ތޫނު އެއްޗިއްސާއި ދަގަނޑު ބުރިން ހަމަލާދީ މަހްމޫދު މަރާލުމަށް ފަހު، ވަޅެއްގެ ތެރެއަށް ވައްޓާލާފައި އޮއްވައި ފެނުނު މައްސަލާގައި ސާލިމް މެރުމަށް ހުކުމްކުރީ 2022 ވަނަ އަހަރު އެވެ. މިއީ ރާއްޖޭގައި ބިދޭސީއަކު މަރަން ހުކުމްކުރި ފުރަތަމަ ފަހަރެވެ.

އެ ހުކުމް އިސްތިއުނާފް ކުރަން ސާލިމްގެ ފަރާތުން ހުށަހަޅާފައި ނުވާތީ އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ހައި ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ތަރުޖަމާނު މެދުވެރިކޮށް ސާލިމް ފުރަތަމަ ބުނީ، ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި އޭނާ އެއްބާރުލުން ދީފައި ވާތީ ލުޔެއް ދެވެން އޮތް ނަމަ ލުޔެއް ދޭން އެދޭ ކަމަށެވެ.

ސާލިމަށް ދައުލަތުގެ ހަރަދުގައި ހަމަޖައްސާފައިވާ ވަކީލް އަހުމަދު ޝާފިއު ވިދާޅުވީ ސާލިމް ބައެއް އާ ވާހަކަތަކެއް ހައި ކޯޓުގައި ފާހަގަކުރަން އެދުނު ކަމަށެވެ. ނަމަވެސް ދޮގު ވާހަކަތަކެއް ކޯޓުގައި ނުދެއްކޭނެ ކަމަށް ސާލިމް ގާތު ބުނެފައިވާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ވަކީލުންނާއި މުވައްކިލުންނާ ދެމެދު ދެކެވޭ ވާހަކަތަކަކީ ސިއްރު ވާހަކަތަކެއް ކަމަށާއި އެފަދަ ވާހަކަތައް ހިއްސާ ނުކުރެވޭނެ ކަމަށެވެ. ސާލިމް އެދޭ ކަންކަން ވަކީލަށް ކުރެވެން ނެތް ނަމަ ވަކީލަށް އޮންނާނެ ގޮތަކީ މައްސަލަ ދޫކޮށްލުން ކަމަށް ބެންޗުން ވިދާޅުވި އެވެ.

ސާލިމް (ކ) ގައި މިއަދު ހައި ކޯޓުގައި ވާހަކަ ދައްކަނީ

އާ ވަކީލަކު ބޭނުންވޭތޯ ސުވާލު ކުރެއްވުމުން ސާލިމް ބުނީ ދަށު ކޯޓުގެ ހުކުމް ދަމަހައްޓަން އެދޭ ކަމަށެވެ.

"ހުކުމް އޮތްގޮތަށް ދަމަހައްޓައި ދިނުން އެދެނީ. އެއީ މިހާތަނަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށް ދިފާއު ނުކުރެވުނީ އެއްވެސް ތަނަކުން އަޅުގަނޑުގެ ވާހަކަ ބަލައިނުގަތީމާ. އިތުރު ބަޔަކަށް އުނދަގޫ ނުކޮށް ނިންމައި ދިނުން އެދެނީ ދަށު ކޯޓުން ނިންމި ގޮތަށް،" ސާލިމްގެ ވާހަކަ ތަރުޖަމާނު ކިޔައި ދިނެވެ.

އިތުރަށް ވަކީލަކު ބޭނުން ނުވަނީތޯ ބެންޗުން ސުވާލު ކުރެއްވުމުން ސާލިމް ބުނީ ބޭނުންނުވާ ކަމަށެވެ.

"އާ ވަކީލެއް ވެސް ބޭނުމެއް ނޫން. ދެން އިތުރު ޝަރީއަތެއް ވެސް ބޭނުމެއް ނޫން،" ސާލިމް ބުންޏެވެ.

ޝަރީއަތުގެ މަޖިލިސް މެދުކަނޑާލައި އަލުން ފެށުމަށް ފަހު، އަނެއްކާވެސް ވަކީލަކު ބޭނުންވޭތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ސާލިމްގެ މައްޗަށް ސާބިތުވީ މީހަކު މެރުމުގެ ކުށް ކަމަށާއި ދަށު ކޯޓުގެ ހުކުމާ ބެހޭގޮތުން އެއްވެސް ކަމެއް ފާހަގަ ކުރަން ބޭނުންވޭތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ސާލިމް ބުނީ އިތުރު ޝަކުވާއެއް އެކަމާ ބެހޭގޮތުން ނެތް ކަމަށާއި ނަމަވެސް ތަހުގީގަށް އެއްބާރުލުން ދީފައިވާތީ ލުޔެއް ދެވެން އޮތްނަމަ ދޭން އެދޭ ކަމަށެވެ.

ސާލިމްގެ ވާހަކަ އެކި ފަހަރު އެކިގޮތަށް ބަދަލުވަމުން ގޮސް، ދަށު ކޯޓުން ލިބެންޖެހޭ ހައްގުތަކެއް ނުލިބޭ ކަމަށް އަނެއްކާވެސް ބުންޏެވެ. ދަށު ކޯޓުގައި ނުލިބުނު ހައްގަކީ ކޮބައިތޯ ސުވާލު ކުރުމުން ސާލިމް ބުނީ އޭނާ ނުކުރާ ކަމަކަށް އެއްބަސްވާން ޖެހުނު ކަމަށެވެ.

ތަހުގީގާއި ދަށު ކޯޓުން ބަލައިނުގަތީ ސާލިމްގެ ކޮން ވާހަކަތަކެއްތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ސާލިމް ބުނީ އޭނާގެ ޝަރީއަތް ދަށު ކޯޓުގައި ހިނގިއިރު ދިވެހި ބަސް ނޭނގޭ ކަމަށެވެ. ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ އެމްބަސީ އަށް އެންގުމުން އެކަން ހައި ކޯޓަށް ހުށަހަޅަން އެދުނު ކަމަށް ސާލިމް ބުންޏެވެ.

ސާލިމްގެ މައްޗަށް އިއްވީ މަރުގެ ހުކުމެއް ކަމަށް ވިޔަސް، ސާލިމް ބުނިގޮތުގައި ދަށު ކޯޓުގައި ހުރި ތަރުޖަމާނު އޭނާއަށް ކިޔައިދިނީ 99 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވި ވާހަކަ އެވެ. އެކަމަކު، ދައުލަތުން ބުނީ އެގޮތަށް އެކަން ހިނގި ކަމަށް ފާހަގަނުވާ ކަމަށެވެ.

މަރުގެ ހުކުމެއް އައިސްފައިވާކަން އެނގިފައިވޭތޯ ސުވާލު ކުރުމުން ސާލިމް ބުނީ އެކަން އެނގުނީ ފަހުން ކަމަށެވެ.

އެ މައްސަލާގައި ފަހު ބަހަކީ ކޮބައިތޯ ސުވާލު ކުރުމުން ސާލިމް ބުނީ ދެވެން އޮތް އެއްބާރުލުމެއް ދީފައިވާނެ ކަމަށާއި އަދި އޭނާގެ ސިއްހަތު ވެސް ރަނގަޅު ނޫން ކަމަށެވެ. ކޮންމެވެސް އެއް ގޮތަކަށް ނިންމައި ދޭން އޭނާ އެދުނެވެ.

ދައުލަތުން ބުނިގޮތުގައި ސާލިމް ކުށަށް އެއްބަސްވީ އޭނާ ލިބެންޖެހޭ ހައްގުތަކެއް ލިބިފައި ވަނިކޮށެވެ. ވަކީލުންގެ އެހީތެރިކަމާއި ތަރުޖަމާނުންގެ އެހީ ވެސް އޭނާއަށް ލިބިފައިވާ ކަމަށް ދައުލަތުން ބުންޏެވެ. މަހްމޫދުގެ ހުރިހާ ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށް ވާތީ އާއި އޭނާގެ ކިބައިން މަރަށް މަރު ހިފުން މަނާކުރާ ސަބަބެއް ނެތުމުން އިސްލާމީ ޝަރީއަތުގެ ދަށުން އޭނާ އަށް ދޭންޖެހޭނީ މަރުގެ އަދަބު ކަމަށް ދައުލަތުން ބުންޏެވެ. އެހެންވެ، ދައުލަތުން އެދުނީ ސާލިމް މެރުމަށް ކުރި ހުކުމް ދަމަހައްޓައި ދިނުމަށެވެ.

ދައުލަތުން ބުނީ މަހްމޫދު މަރާލި ކަމަށް ތަހުގީގާއި ބަންދު މުއްދަތު މަޖިލީހާއި ޝަރީއަތުގެ މަޖިލީހުގައި އޭނާ އެއްބަސްވެފައިވާއިރު، އެކަން ކުރީ މެރުމުގެ ގަސްދުގައި ކަން އެނގޭ ކަމަށެވެ. އެ އިއުތިރާފަށް ބާރު ލިބޭ ހެކިތައް ހުރިކަން ދައުލަތުން ފާހަގަކުރި އެވެ.

އެ މައްސަލާގައި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.

ފަނޑިޔާރު ހަސަން ޝަފީއު ރިޔާސަތު ބަލަހައްޓަވާ އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސިކުނޑި

05 February 2024

ދެންފަހެ، އެއްވެސް ޝައެއްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް ކުށް ސަބިތުވުމާއި އަދި އޭނާއަކީ ބިދޭސީއަކަށްވީހިނދު، ސަރުކާރުގެ ވައުދާއެއްގޮތަށް މަރަށް މަރުހިފައި އެންމެން އަތްޖަހަން ކަނޑައަޅައި ހުކުމް ކޮށްފީމެވެ. އައީވެސް، ދެމިހުންނާނީވެސް އަދި ނިމިދާނީވެސް ދޮގާއި މަކަރާއި އޮޅުވާލުމުގައެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454