ވިކްރާންތު މަސޭ އާއި މޯނާ ސިންގް
18 މާޗް 2024 - 08:13
ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ރާޖްކުމާރް ހިރާނީ ގެނެސްދޭ ފުރަތަމަ ވެބް ސީރީޒްގެ ލީޑު ރޯލަށް ވިކްރާންތު މަސޭ އާއި މޯނާ ސިންގް ހަމަޖައްސައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ހިރާނީ ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓުކުރަނީ އަމިރް ސަތުޔަވީރް އެވެ. އަމިރް އަކީ ހިރާނީއާ އެކު އޭނާގެ ބައެއް ފިލްމުތަކުގައި އެސިސްޓެންޓް ޑައިރެކްޓަރަކަށް މަސައްކަތްކޮށްފައިވާ ފަންނާނެކެވެ.
މި ފިލްމުގެ ލީޑަށް ހަމަޖެއްސި ވިކްރާންތު މިފަހުން ވަރަށް ގިނަ ބޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތްކޮށްފައިވެ އެވެ. އެންމެފަހުން ނުކުތް އޭނާ ފިލްމު "ޓުވެލްތު ފެއިލް" އަށް ވަރަށް ގިނަ ބައެއްގެ ލޯބި ލިބުނެވެ.
މޯނާ ވެސް އަންނަނީ ވަރަށް ގިނަ ވެބް ސީރީޒްތަކުގައި މަސައްކަތްކުރަމުންނެވެ. އަދި އެ ހުރިހާ ސީރީޒެއް ވެސް ވަރަށް ކާމިޔާބެވެ. މޯނާ ވަނީ ކުރިން ވެސް ހިރާނީއާ އެކު މަސައްކަތް ކޮށްފަ އެވެ. އެެއީ 2009 ވަނަ އަހަރު ގެނެސްދިން "ތުރީ އިޑިއަޓްސް"ގަ އެވެ.
ރިޕޯޓްތައް ބުނީ ސައިބާ ކްރައިމްއާ ގުޅޭ ގޮތުން ގެނެސްދޭ ހިރާނީގެ މި ވެބް ސީރީޒްގައި ވިކްރާންތު ކުޅޭނީ ސައިބާ ކްރައިމް ސެކިއުރިޓީ އެކްސްޕާޓެއްގެ ރޯލެވެ.
މި ސީރީޒް ގެނެސްދޭނެ ތާރީހެއް އަދި އިއުލާން ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy