ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްޕޯޓްސް ފެސްޓިވަލް ކަވަރުކުރުމުގައި ބައިވެރިވި ދަރިވަރުންތަކެއް.-- ފޮޓޯ: ދ. އަތޮޅު ތައުލީމީ މަރުކަޒު
18 މާޗް 2024 - 12:57
ސްކޫލުތަކުން ބާއްވާ މި ފަދަ މުބާރާތްތަކާއި އިވެންޓުތަކުގެ ފޮޓޯ އާއި ވީޑިއޯ ނެގުމަކީ އާއްމު ގޮތެއްގައި އެ ސްކޫލެއްގެ މީޑިއާގެ ކަންކަން ބަލަހައްޓާ މުވައްޒަފުން ކުރާ ކަމެކެވެ. ނަމަވެސް، ދ. ކުޑަހުވަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުން މި ފަހަރު ފެނުނީ ތަފާތު ކަމެކެވެ.
ކީ-ސްޓޭޖް 3 ގެ ދަރިވަރުންގެ ސްޕޯޓްސް ފެސްޓިވަލްގެ ފައިނަލް އާއި ނިންމުމުގެ ރަސްމިއްޔާތު ލައިވްކުރުމުން ފެށިގެން، އެ މަންޒަރުތައް ފަހަށް ރައްކާކުރުމުގެ ހުރިހާ ކަމެއްގައި ބައިވެރިވީ އެ ސްކޫލުގައި ދަރިވަރުންނެވެ.
މި މަހުގެ 1-10 އަށް ބޭއްވި ފުޓްސަލް އަދި ހޭންޑްބޯޅަ މުބާރާތުގެ ކަވަރޭޖުގައި އެ ސްކޫލުގެ ގްރޭޑު 9 އަދި 10 ގެ 10 ވަރަކަށް ދަރިވަރުން ބައިވެރިވި އެވެ. މީޑިއާ ކްލަބްގައި މިހާރު ވެސް ގްރޭޑު 6 އިން ފެށިގެން މަތީގެ ދަރިވަރުން ބައިވެރިވެ އެވެ.
ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްޕޯޓްސް ފެސްޓިވަލް ކަވަރުކުރުމުގައި ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ދ. އަތޮޅު ތައުލީމީ މަރުކަޒު
އެ ސްކޫލުގެ ފޭސްބުކް ޕޭޖުގައި ބުނީ، ސްޕޯޓްސް ފެސްޓިކަލްގެ ކަވަރޭޖުގައި ބައިވެރިވެގެން ދަރިވަރުންނަށް ގިނަ ކަންކަން ދަސްވެފައިވާ ކަމަށެވެ. އެކަންކަމުގެ ތެރޭގައި ކުޅިވަރު ހަރަކާތެއްގައި ގިނަ ކެމެރާ ސެޓަޕެއް ބޭނުންކޮށްގެން ޝޮޓް ހަދާނެ ގޮތްތަކާއި އިންޓަކޮމް ސިސްޓަމް މެދުވެރިކޮށް މުއާމަލާތްކުރުމުގެ ހުނަރު ދަސްކޮށްދީފައިވެ އެވެ.
އޭގެ އިތުރުން ބޫމް މައިކް އޮޕަރޭޓްކުރާނެ ގޮތާއި ކުޅިވަރު ކުޅޭ ތަނެއްގައި، އެ ތަނުގެ އަސްލު އޯޑިއޯ ބަލަހައްޓާނެ ގޮތްތައް އަދި ތަފާތު 2 އޯޑިއޯ މިކްސަރު މެދުވެރިކޮށް ސްޓޭޖް އޯޑިއޯ މައިކްރޯފޯން ބަލަހައްޓާނެ ގޮތް ކިޔައިދީފައިވާ ކަމަށް، މީގެ ހަތަރު ދުވަސްކުރިން އެ ޕޭޖުގައި ކުރި ޕޯސްޓުގައި ބުންޏެވެ.
ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްޕޯޓްސް ފެސްޓިވަލް ކަވަރުކުރުމުގައި ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ދ. އަތޮޅު ތައުލީމީ މަރުކަޒު
ސްކޫލުން ބުނީ އެ ހަރަކާތުގައި ދަރިވަރުން ބައިވެރިކުރުމުގެ ބޭނުމަކީ ޕްރޮފެޝަނަލް މަލްޓި ކެމެރާ ލައިވް ޕްރޮޑަކްޝަން މާހައުލެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ހޯދައިދިނުމަށް ކަމަށެވެ.
އެހެންވެ، އޭގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައި ވަނީ ޓީވީ ބްރޯޑްކާސްޓިންގެ މިންގަނޑުތަކާ އެއްގޮތަށެވެ. އޭގެ ސަބަބުން ދަރިވަރުން މުސްތަގުބަލުގައި ބޭނުންކުރާނެ ތަޖުރިބާ ހޯދައިދިނުމުގެ އަމާޒަށް ވާސިލްވުމުގެ މަގު ފަހިވެގެން ގޮސްފައިވާ ކަމަށް ސްކޫލުން ބުންޏެވެ.
ދ. އަތޮޅު ތައުލީމީ މަރުކަޒުގެ އާޓް އެންޑް މީޑިއާ ކްލަބުގެ ދަރިވަރުން މިހާރު އަންނަނީ ވީޑިއޯ ޕްރޮޑަކްޝަނާއި އޯޑިއޯ ތިއަރީގެ ތަމްރީނުތައް ހަދަމުންނެވެ. އެއާއެކު، އެ ކުދިންނަށް މަސައްކަތުގެ މާހައުލުގައި ބޭނުންވާ ތަމްރީނު ވެސް ދެމުން އަންނަ ކަމަށް، އެ ޕޭޖުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައިށާ
19 March 2024
ހަމައެކަނި ފޮތުން ކިޔަވާ ޓެސްޓައް ޕާސްޓު ޕޭޕަރު ހަދައިގެން ކިޔަވާދިނުން ދޫކޮއްލަންވެއްޖެ. މިކަހަލަ ކަންކަން އެހެން ސުކޫލު ތަކުން ކުރާނެ ކަމައް ހީކުރަން.
ހަސަން މޫނީ
18 March 2024
ސްކޫލް ގެ މެނޭޖްމަންޓް އަދި ޓީޗަރުން ކުދިންނަށް ތިކުރެއްވި އިތުބާރަށް މަރުޙަބާ! ކާމިޔާބު މަސައްކަތްތަކަކަށް އެދެން.
ދޮން ހަސީނާ
18 March 2024
ވަރަށް މޮޅު ދަރިވަރުންކޮޅެއް. ކިޔެވުމަކީ ހަމައެކަނި ފޮތުން ކިޔެވުމެއްނޫން. އުއްމީދަކީ އެހެން ސްކޫލްތަކުންވެސް މިކަންތަށް ދަރިވަރުންލައްވައި ކުރުވުން.
ޒުކޫރު
18 March 2024
ތަންކޮޅެއް ބޮޑަށް އަމަލީ ކިޔެވުން ގިނަކުރަންވީ އިސްކޫލު ތަކުގަ. މުދައްރިސު 1 ގަޑިއިރުވަންދެން އަނގަތެޅިޔަސް 10 މިނިޓުގެ އެއްޗިހި ބޮލަށް ވަންނަނީ. މި ސްޓައިލް ކަމަކު ނުދޭ
ސްކޫލް އެޑްމިނިސްޓްރޭޓަރ
18 March 2024
ވަރަށް ސަޅި ކަމެއް ތިޔަ ކޮށްލީ، ވަރަށް ބޮޑަށް ޝުކުރިއްޔާ ތިޔަކަން އިންތިޒާމު ކުރުމުގައި އުޅުނު މުވައްޒަފުންނަށް.