މިދިޔަ އަހަރު މާލޭގާ ހިނގި އެކްސިޑެންޓުގައި ސައިކަލުން ޖެހި އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންދިއުމަށް ބަޔަކު އެހީވަނީ.--
25 މާޗް 2024 - 18:56
މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި އަލީ ނަސީރު ގެ ކައިރީގައި ހުންނަ "މަސްޖިދުއް ރަޝީދު" އަށް ދާން ގެއިން ނިކުތީ ތަރާވީސް ނަމާދަށެވެ. އާއިލާގެ އެންމެންހެން މިސްކިތަށް ތަރާވީހަށް ދިޔައިރު ގޭގައި ދެން ތިބި ކުޑަކުދިންނާއެކު ހުރީ 22 އަހަރުގެ ކާފަ ދަރިފުޅެވެ.
ގެ ކައިރީ ރޭސިން ޖަހާ އަޑު އޭރު ވެސް އިވެ އެވެ. އެކަމަކު ކުއްލިއަކަށް އިވުނު ބާރު އަޑާ އެކު ކޮއްކޮމެން ގޮވައިގެން ބެލްކަންޏަށް ނިކުމެ ބަލައިލި އިރު، މިސްކިތުން ފައިބައިގެން އައި 69 އަހަރުގެ ކާފަ އޮތީ އެކްސިޑެންޓުވެ "މަރަށް ތެޅިތެޅި" އެވެ.
"އަޅުގަނޑު ބުރުގާ އެޅުންތޯ ވެސް ނުބަލަން ހަމަ އަވަހަށް ދުވެފައި ކާފަ ކައިރިއަށް ދާން ތިރިއަށް ފޭބީ. އަޅުގަނޑު ބާރުބާރަށް މި ގޮވަނީ ކާކުގެ ސައިކަލެއްގައި ހެއްޔޭ ޖެހުނީ... ދެން އެތަނުން ކުއްޖަކު އައިސް ބުނެފި އޭނަ އަތުންނޭ ޖެހުނީ،" އަލީ ނަސީރުގެ ކާފަ ދަރިފުޅު ކިޔައިދިނެވެ.
އޭނާ އެ ތަނުން ނުގޮސް މަޑުކުރަން ބުނެ، ބައްޕަ އަށް ގުޅި ކަމަށާއި ފޯނު ބޭއްވިތަނާ ނަމާދުން ފައިބައިގެން މަންމަ (އަލީ ނަސީރުގެ ދަރިފުޅު) އަންނަނިކޮށް ފެނުނު ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު ހަޅޭއްލަވާ އަޑު އިވިގެން މަންމަ އަތުވެއްޖެ ދުވެފަ، ހަމަ އެ ވަގުތު އެތަނަށް ބައްޕަ ވެސް އައީ،" ކާފަ ދަރިފުޅު ބުންޏެވެ.
އެކަމަކު އެތަނުން ކާފަ ނަގައިގެން ހޮސްޕިޓަލަށް ގެންދިއުމަށް އެއްވެސް މީހަކު އެހީ ނުވި ކަމަށް އޭނާ ބުންޏެވެ.
"ބައްޕަ އައި ގަޑީގައި ގެ ކައިރީ އުޅޭ މީހެއް އައި ވޭނެއްގައި. އައިސް ބުނީ އަވަހަށް ކާފަ އަރުވާށޭ. އެކަމަކު އެތާނގައި ތިބި މީހުން އޭރުވެސް ބުނަމުން ދިޔަ ނުނަގާށޭ. އޭރު ވެސް ލޭތައް ބިންމަތީގައި ހަމަ ބައިވަރު އޮތް،" ކާފަ ދަރިފުޅު ކިޔައިދިނެވެ.
"މަންމަ އާއި ބައްޕަ، ކާފަ ގޮވައިގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން އެމްބިއުލާންސް އައިސް، ޕޮލިހުން ވެސް އައީ."
އަލީ ނަސީރުގެއަށް ވަންނަނިކޮށް ގައިގައި ޖެހި، އެކްސިށެންޓުވި ސައިކަލު.-- ފޮޓޯ: އާއިލާ
އޭނާ ބުނީ ކާފަ ނަމާދަށް ގެންދާ ގޮނޑި އޮތީ އެކްސިޑެންޓްވިތާ ކައިރީ ބާއްވާފައި ކަމަށާއި ފައިވާން ވެސް ކައިރިއަށް ގެނެސް ބާއްވާފައި އޮތް ކަމަށެވެ.
އަލީ ނަސީރުގެ ދަރިފުޅު، މުހައްމަދު ސާއިފް ބުނީ ބައްޕަގެ ބޮލުން ފަސް އިންޗި އަށް ވުރެ ބޮޑަށް ފަޅައިގެން ގޮސް، ސިކުނޑިއަށް ލޭ އެޅި، ފުއްޕާމެޔަށް ވެސް ގެއްލުން ވެފައިވާ ކަމަށެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އަލީ ނަސީރަށް މިހާރު ފަރުދާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލް އައިސީޔޫގަ އެވެ.
"ދެންމެ ޑރ. ނިޔާފް ބެއްލެވުމަށްފަހު ވިދާޅުވީ އަދިވެސް ލޭ މަނާ ނުވާ ކަމަށް. ނަމަވެސް އެއް ދުވަސް އަދި ބަލާނެ ކަމަށް ލޭ މަނާ ވޭތޯ،" އޭނާ ބުންޏެވެ.
ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓެއްގައި އޭނާ ވަނީ ބައްޕަ ހޮސްޕިޓަލަށް ގެންދަން އެހީތެރިވި މީހުންނަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އޭނާ ވަނީ ބާރު ސްޕީޑުގައި ސައިކަލު ދުއްވާ މީހުންގެ ސަބަބުން އޭގެ ދެރަ އާއިލާތަކުން ތަހައްމަލް ކުރަމުންދާ ކަމަށް ބުނެފަ އެވެ.
"ހެޔޮ ނުވާނެ، ތިމާއަށް ތިމާ ފެނިގެން އުޅޭ ވައްތަރަށް ނުދުއްވަބަލަ. މި ފަދަ މީހުންގެ އަމަލުގެ ސަބަބުން ކިތައް ކިތައް އާއިލާތޯ ދާއިމަށް ނުކުޅެދި، ދުނިޔެ ދޫކޮށް އެ ދެރަ ތަހައްމަލް ކުރަމުން އެދަނީ،" އޭނާ ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައިގައި 27 އަހަރުގެ ޒުވާނަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި، އެ މައްސަލައިގެ ތަހުގީގަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ފަސް ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ އަހަރުގެ ޖޫން 27 ވަނަ ދުވަހުގެ ރޭ ފަތިސް ނަމާދުން ފައިބައިގެން ދަނިކޮށް ވެސް މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލުން ޖެހި މީހަކަށް އަނިޔާވި އެވެ. އެކްސިޑެންޓްވީ އުމުރުން 50 އަހަރުގެ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހަފީޒް އެވެ. އޭނާ އިތުރު ފަރުވާއަށް އިންޑިއާ އަށް ގެންދިއުމަށްފަހު ސެޕްޓެމްބަރު މަހު ވަނީ މާލެ ގެނެސްފަ އެވެ. މިހާރު ހާލު ރަނގަޅު ވަމުން އަންނަ ނަމަވެސް ކުރީގެ ދިރިއުޅުމަށް ނުދެވޭނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ވަނީ ބުނެފަ އެވެ.
ތައުލީމީ ދާއިރާ އަށް 18 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ ހަފީޒްގެ އެކްސިޑެންޓާ ގުޅިގެން ސައިކަލު ދުއްވި، ރ. އިނގުރައިދޫ، ލެގޫން ވިއު، ޝަމްއާން އަބްދުލްޝަކޫރު، 22 ހައްޔަރުކުރި އެވެ. އޭނާ އަށް ދެ އަހަރުގެ ޖަލު ހުކުމެއް އަޔެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން އަޙްމަދު
27 March 2024
ފުލުހުން ކޮންމެ ރެއަކު ފޭސް 2 އަކަށް އަރާ ދިމާގައި ސައިކަލު ޗެކުކުރަންތިބޭ. މިއެއް ނޫން ޗެކް ކުރަންވީ ގޮތަކީ. ނުރައްކާ ގާޑަށް ދުއްވާ މީހުން ވަގުތުން ހިފަހައްޓާ ޗެކްކުރަންވީ.
މަކޮޔާ
26 March 2024
އަސްތާ ގައުމުގެ ރަތްލާޖެހި ޒުވާނުންގެ ވާހަކަ ނުދައްކާ. އެމީހުން ކޮންމެ ކަމެއް ކުރިޔަސް، ބެލޭނެ ގޮތެއް، ހެދޭނެ ގޮތެއް، އެބައޮތްތަ. ތިޒާތަށް އުޅޭ ކޮންމެ ތިކަހަލަ ކޮންމެ މީހަކީ ނިކަން ޓަވަރުގައި އުޅޭ މީހެއް. ރޭސް ޖަހާ ސައިކަލާ އެންމެ ފަހުގެ އަގުބޮޑު މޮޅު ކާރާ އަގުބޮޑު ލަގްޒަރީ އެޕާޓްމަންޓު ހޯދާފައި ތިބި މީހުން ފައިސާ ހޯދާގޮތް އެނގޭ ބަޔަކު މިއުޑުދަށުގައި ނެތީތަ. ނިކަން ގަޓު ހުރެގެން އެމީހުން މައިތިރި ކޮށްބަލަ ގައުމަށް ހެވެއް އެދެންޏާ
ރައިވެރިބޭ
26 March 2024
ތިޔަކަހަލަ ނުރައްކާތެރި އެކްސިޑެންޓެއް 2018 ވަނަ އަހަރު ސިފައިންގެ ބޭކަލެއް ރޭސް ޖަހަނިކޮށް އެކްސިޑެންޓްވެ ޒުވާނެއްގެ ދުވަސް ދުއްވާލި. ފުލުހުންނާއި ސިފައިންނާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މައްސަލަ އޮއްބާލި. ސީސީޓީވީ ފްޓޭޖާއި ހުރިހާ ހެއްކެއް ކަމާބެހޭ ފަރާތްތަކުގައި ހުރި. ސިފައިންގެ ބޭފުޅާ ސައިކަލް ދުއްވާފައި ދިޔައީ ގަޑިއަކު 83 ކިލޯމީޓަރަށްވުރެން ބާރަށްކަން ފުލުހުންގެ ތަހުގީގުން ދައްކާ. މިއީ އިންސާފެއް ނެތް ގައުމެއް. ކުއްވެރިންގެ ސުވަރުގެ.
ދޮން ހަސަނު
26 March 2024
ދެމީހުންވެސް ކުށްވެރިވޭ ހަމަހަމައަށް. ގިނަފަހަރު ހަމައެކަނި މައްސަލަ ބަލަނީ އަނިޔާނުވާމީހާގެ.
ކޮންއުސޫލަކުން
26 March 2024
ދެމީހުން ކުއްވެރިވަނީ ކޮންއުސޫލަކުން. ދޮންހަސަނު ގަޑިއަކު 100 ކިލޯމީޓަރު ބާރުމިނުގަ ދުއްވާފައައިސް މިސްކިތުން ނިކުމެ މަގުހުރަސްކުރާމީހާގައިގަ ޖައްސާ އެމީހާގެ އަތްފައި ބިންދާލާ އައިސީޔޫގަ އެޑްމިޓްކުރަންޖެހޭވަރު ކޮއްލާއިރު ތިބުނަނީ ދެމީހުންވެސް ކުއްވެރިވެއޭ.
ފެންނަގޮތް
26 March 2024
ރާއްޖޭގައި ދުއްވަން ޖެހޭ ސްޕީޑް އޮންނަނީ ނަމެއްގައި، ރަށުތެރޭގައި ހައިވޭތަކުގައި ދުއްވާ ސްޕީޑްގައި ދުއްވާއިރު ، އެކަން ހުއްޓުވައި ހަރުކަށި އަދަބު ނުދޭނަމަ މިކަމަކަށް ނިމުމެއް ނާންނާނެ...
މުޙައްމަދު އިލްހާމް
26 March 2024
ޤާނޫނާއި ގަވާއިދު ބުނަނީ ނުރައްކާތެރި ދުއްވުން ކަމަށް ، ހިފަހައްޓާ ޖޫރިމަނާކުރަން ޖެހޭ . މަޑުކުރަން އެންގުމުން މަޑު ނުކޮށް ދާނަމަ އަމުރައްނުކިޔަމަންތެރިވި މައްސަލަ ފެށޭނެ. ސައިކަލް އޯވަ ސްޕީޑްގައި ދުއްވަނީ ގަސްތުގައި މީހަކަށް ޖިސްމާނީ އަނިޔާ ލިބި ފުރާނަ ދިޔަ އީމައި އެކަމުގައި ޖިނާއީ ދަޢުވާކުރެވޭނެ އެއީ ގަސްތު ޘާބިތުވާ މިންގަނޑެއް ހަމަ ބުއްދީގައި ނެތްނަމަ ޓެސްޓްކޮށް މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ ދަޢުވާވެސް ކުރުމަކަށް ޤާނޫނުގައި ހުރަހެއް ނެތް
ތިން
26 March 2024
ޕޮލިހުންނާއި ގުޅުން އޮންނަ މީހުން ބާރަށް ދުއްވަނީ އެހެންވީމަ ބާރަށް ދުއްވާމީހުން ސައިޒް ނުކުރެވެނީ.
ޙަބަރޭ
26 March 2024
ސިޔާސީ މީހުންނާއި، މާލޭގެ ވިޔަފާރިވެރިންނާއި ގުޅިލާމެހިފައިވާ މީހުން ބާރަށް ދުއްވަނީ .....
ބޮޑުވަރު
26 March 2024
މިއޮއްފަދަ ރޯދަމަހު ދައްކާނެ ދޮގު ފިތުނަ ވާހަކައެއް ނޭގެންޏާ ހަނު ހުރެބަލަ. އޭރުން ގައިމު ފާފަވެރިއެއް ނުވާނެ.
ސްޕީޑ
26 March 2024
ތަންކޮޅެއް މަޑުން ދުއްވީމަ މިމީހުންގެ ސައިޒު ކުޑަވަނީތަ؟ ބަލަ ތީ ހައިވޭތަކެއްނޫނޭ. ފުލުހުންވެސް ބަލަންވާވަރަށް ނުބަލަނީ. ސްޕީޑް ދަށްކުރަން މަސައްކަތް ނުކުރަނީ.
ލައިސަންސް
26 March 2024
ސައިކަލު ލައިސަންސައް ކެޓަގަރީއެއް އިތުރުކުރުން މުހިންމު. އެކެޓެގެރީ އަކީ 30 އަހަރު ނުވާ މީހުންނައް ސައިކަލު ލައިސަންސް 50 ނޫނީ 100 ސީސީ އައް ވުރެ ދަށުގެ އުޅަދުތައް އެކަނިދުއްވޭގޮތައް ލައިސަންސްދިނުން. އޭރުން ލިބޭ ގެއްލުން ކޮންމެވެސް ވަރަކައް ކުޑަކުރެވިދާނެ. ވަކިއުމުރަކުން ލައިސަންސް ދިނުމުގެ ބޭނުމަކީވެސް އެއީ. ޅަދަރިއަކައް އެކަކުވެސް ވަޅިއެއްދޫކޮއްނުލާނެ އެކަމަކު އެއައްވުރެ ތަންކޮޅެއް ބޮޑުވާއިރައް އެމީހުންނައް މިލިބެނީ ނުރައްކާ ހަތިޔާރެއް
ހިތަދޫ 2
26 March 2024
ތިޔައީކީ ހައްލެއްނަމަ ލައިސަންސް ނެތި ދުއްވާ ބަޔަކުވެސް ނޫޅޭނެތާ؟
ފެންތަށި
26 March 2024
ފުލުހުންގެ މުސާރަ ކިހާވަރެއްތަ މިހާރު؟ އަދިވެސް މި ކަންކަމަކަށް ބަދަލެއް ނާދޭ ހަމަ. ދެން މަ ޓެކްސް ދައްކާލަ ދައްކާލަ ހުންނަންވީ ދޯ މި މީހުންގެ ބޮޑު ބިޔަ މުސާރަޔާ ކޮއްތުއާ ޔުނިފޯމާ މެޑިކަލް ދީގެން. އަދި ފުލެޓުވެސް.
އެވެރިޔަ
26 March 2024
މުސާރަ ބޮޑުވިޔެއް ކަމަކު "ނުފޫޒު" އޮންނަންޏާ ހައްޔަރެއް ނުކުރެވޭނެތާ ކުރިމަތީ ދިޔަޔަސް. މަޖިލީހު އިންތިހާބު ވިއްޔާ ބޯމަތީ އޮތީ.