މިނިސްޓަރު ޒަމީރު މިއަދު އިންޑިއާ ފުރާވަޑައިގެންނެވުމުގެ ކުރިން ޕީއެސްއެމްއަށް އިންޓަވިއު ދެއްވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ
08 މެއި 2024 - 16:23
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، މި ސަރުކާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުގައި މިއަދު ފުރާވަޑައިގެންފި އެވެ.
އަންނަ ހުކުރު ދުވަހާ ހަމައަށް ކުރައްވާ ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރާ ޒަމީރު ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ތަފާތު އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތައް ކުރައްވާނެ ކަމަށް ވެސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ވެ އެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު މަގާމުގެ ހުވާކުރެއްވި ފަހުން މި ސަރުކާރުގެ އިސްބޭފުޅަކު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.
މީގެ ކުރިން ކޮންމެ ފަހަރަކު ވެސް ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ރައީސަކު އެންމެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރައްވަނީ އިންޑިއާ އަށެވެ. ނަމަވެސް ރައީސް މުއިއްޒު އެ މަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރެއްވީ ޗައިނާ އަށެވެ. އަދި އެ މަނިކުފާނުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ތުރުކީ އަށެވެ.
އާ ސަރުކާރުން ޗައިނާއާ މާ ގާތް ގުޅުމެއް ބާއްވާ ކަމަށް ބުނެ އިންޑިއާގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް ރާއްޖެ އަށް އަމާޒުވެފަ އެވެ. ނަމަވެސް ދިވެހި ސަރުކާރުން ބުނެފައި ވަނީ ރާއްޖެ އިން ގެންގުޅެނީ ހަމަހަމަ ހާރިޖީ ސިޔާސަތެއް ކަމަށާއި ހުރިހާ ގައުމަކާ ވެސް ގުޅުން ބަދަހި ކުރާނެ ކަމަށެވެ.
މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކަށް ވީ އިންޑިއާ އިން ރާއްޖޭގެ އަސްކަރިއްޔާ އަށް ހަދިޔާކުރި ހެލިކޮޕްޓަރާއި މަތިންދާބޯޓު ދުއްވަން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމެވެ. އެ ވައުދާ އެއްގޮތަށް އިންޑިއާގެ ސިފައިން ބާލައި އެ އުޅަނދުތައް ދުއްވުމަށް އިންޑިއާގެ މަދަނީ މީހުން ގެންނަން ދެ ގައުމުން މިހާރު ވަނީ އެއްބަސްވެފަ އެވެ.
އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ދެ ބެޗެއް މިހާރު ވަނީ އަނބުރާ އެ ގައުމަށް ފޮނުވާލައިފަ އެވެ. އިންޑިއާ ސިފައިންގެ އެންމެ ފަހު ބެޗު އަންނަ ހުކުރު ދުވަހުގެ ކުރިން ރާއްޖެއިން ފުރާނެ ކަމަށް ވެސް ދިވެހި ސަރުކާރުން ކުރިން ބުނެފައި ވެ އެވެ.
ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާގެ ސިފައިން ރާއްޖެ އިން ބާލަނީ ދެ ގައުމުން އެއްބަސްވުމެއްގައި ސޮއިކޮށް، އޭގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޔާދު ގާސިމް
09 May 2024
ބަޔަކު ބުނި އިންޑިޔާއާ ދިވެހި ރާއްޖެ ގުޅުމެއް ނޯންނާނެޔޭ. އޭރުވެސް މަ ބުނިން ރައީސް މުއިއްޒް އެޔަށްވުރެ ސްމާޓް ވާނެޔޭ.
އައުޒަމް
09 May 2024
މީ ޑިޕްލޮމެސީގެ ރީތި އުސޫލުން ކުރިޔަށް ދިޔުމަކީ.
އާސިމާ
09 May 2024
ވަރަށް އުފާވެއްޖެ. އިންޑިޔާ އާ ގުޅިގެން ކުރިޔަށް ދާންވާނީ
ސައްދާމް އަލީ
09 May 2024
ފެނޭތަ؟ އެމްޑީޕީ މީހުންނަށް ހަޖަމެއް ނުވާނެ މިކަމެއް.
މުހައްމަދު ސަނީހް
09 May 2024
ފެނިގެން މިދަނީ އިންޑިޔާއާވެސް ގުޅިގެން މި ގައުމު ކުރިޔަށް ގެންދަން އަދުގެ ސަރުކާރުން ކުރާ މަސައްކަތް.
އާސިމް ރިޒާ
09 May 2024
މި ސަރުކާރުން ގައުމުތަކާ ގުޅުން ބާއްވާނެ. އެއްވެސް ބަޔަކާ ގުޅުން ކަނޑާ ނުލާނެ
ޛހިހިހހ
09 May 2024
ތިމީހުންނާއި އެކު ތަރައްގީގެ އެއްވެސް ކަމެއްކުރާނެ ކަމެއްނެތް
ޢަސްލުވެސް
08 May 2024
ބެންގަލޫރަށް އޮން އެރައިވަލް ވިސާގައި އެތެރެ ވާ ދިވެހިންނަށް މޯބައިލް ފޯން ނެޓްވޯރކު ސިމް ނުވިއްކާ މައްސަލަ މި ދަތުރުގައި ހައްލު ކޮށްދެއްވާނެ ކަމަށް އުއްމީދު ކުރަން.. .
ބޮކި
08 May 2024
ރަތްރޮގު ދަމާލަން ދޯ ތިދިޔައީ......
ހަސަން ޝިޔާމް
08 May 2024
ފެނިގެން މިދަނީ ޑިޕްލޮމަސީގަ ރީތި އުސޫލުން މި ސަރުކާރުން ކުރިޔަށް ދާތަން