އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް: ފީފާގެ ކޮންގްރެސް އަށް ދާން އޭނާގެ ނަން ވަނީ ރަޖިސްޓަރީކޮށްފަ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
13 މެއި 2024 - 11:43
އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގެ ތަހުގީގު ކުރަމުންދާތީ ފުރުންމަނާކޮށް ޕާސްޕޯޓް ހިފަހައްޓާފައިވާ، ބައްސާމް އަދީލް ޖަލީލް ފީފާގެ ކޮންގްރެސްގައި ބައިވެރިވާން ރަޖިސްޓަރީ ކޮށްފި އެވެ.
ފީފާގެ މި އަހަރުގެ އާންމު ކޮންގްރެސް ބާއްވާނީ ތައިލެންޑްގެ ވެރިރަށް ބެންކޮކްގަ އެވެ. އަންނަ ހުކުރު ދުވަހު ބާއްވާ ކޮންގްރެސްގައި ފީފާގެ މެންބަރު 211 ގައުމުން 3،000 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާނެ ކަމަށް ފީފާއިން ލަފާ ކުރެ އެވެ.
މި ފަހަރު ކޮންގްރެސްގައި 2027 ވަނަ އަހަރު ބާއްވާ އަންހެނުންގެ ވޯލްޑް ކަޕް ބާއްވާނެ ގައުމެއް ކަނޑައެޅުމަށް މެންބަރު ގައުމުތަކުގެ ވޯޓަށް އަހާނެ އެވެ.
ކޮންގްރެސްގައި ރާއްޖެ ތަމްސީލު ކުރާނީ އެފްއޭއެމްގެ ރައީސް ބައްސާމްގެ އިތުރުން، އެ އެސޯސިއޭޝަނުގެ ނައިބު ރައީސް އަލީ އުމަރާއި ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފެވެ.
"ބައްސާމް (ދަތުރު ކުރަން ހުއްދަ ލިބިއްޖެނަމަ) އަލީ އުމަރާއި ދެން އަޅުގަނޑު،" ފީފާގެ ކޮންގްރެސްގައި ރާއްޖެ ތަމްސީލުކުރާނީ ކޮން ބޭފުޅުންނެއް ތޯ ސުވާލު ކުރުމުން، ޖައުޝަން ވިދާޅުވި އެވެ.
އެފްއޭއެމްގެ ކޮންގްރެސްގައި އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ވަގުތީ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް؛ ފީފާގެ ކޮންގްރެސްގައި ޖައުޝަން ބައިވެރި ވާނެ .-- ފޮޓޯ: ނިޝާން އަލީ | މިހާރު
ފީފާގެ ކޮންގްރެސްގެ ކުރިން އޭއެފްސީ ކޮންގްރެސް ވެސް ހަމަ ތައިލެންޑްގައި މިއަންނަ ބުރާސްފަތި ދުވަހު އޮންނާނެ އެވެ. އެ ޖަމިއްޔާގެ ކޮންގްރެސްގައި ވެސް ރާއްޖެ ތަމްސީލު ކުރަން ހަމަޖެހިފައި ވަނީ އެ ތިން ބޭފުޅުންނެވެ.
ގަތަރުގައި މީގެ ކުރިން އޮތް އޭއެފްސީގެ އެހެން ބައްދަލުވުމަކަށް ދާން ކަމަށް ބުނެ، ޕާސްޕޯޓް ދޫކޮށް ދިނުމަށް އެދި ކްރިމިނަލް ކޯޓަށް ބައްސާމް މައްސަލަ ހުށަހެޅި އެވެ. ފެބްރުއަރީ މަހު އެ ކޯޓުން ނިންމީ އޭނާގެ ޕާސްޕޯޓް ދޫ ނުކުރުމަށެވެ.
އޭނާ ޕާސްޕޯޓް، އިމިގްރޭޝަނުން ހަ މަސް ދުވަހުގެ މުއްދަތަށް ހިފެހެއްޓީ ފުލުހުން އެދިގެން ޑިސެމްބަރު މަހު ކުރީކޮޅުގަ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ކުރީކޮޅަށެވެ.
އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ ބައްސާމަށް ދައުވާކޮށްފަ އެވެ. އަދި ވެސް އިތުރު މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އަންގަވައިގެން ފުލުހުން ފެށި ތަހުގީގުގައި މިދިޔަ އޮކްޓޯބަރު މަހު އެފްއޭއެމްގެ އޮފީސް ވެސް ރެއިޑް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައު ސާމް ޕްރޯ
14 May 2024
މީ އެންމެ ބޮޑު ކަޓުލިބޭ ދެ ކޮންގްރެސް. ކޮންމެ ގޮތެއް ހަދާފަވެސް ދާނެ. މާކް މައި ވޯޑް
ނުފޮނުވާތި!
14 May 2024
ކޮރަޕްޝަނުގައި ޖެހިފައިވާ މީހެއއ ފޮނުވުމަކީ އެއއގޮތަކަސްވެސް ރަގަޅު ކަމެއްނޫން! ފިލަންވެސް އުޅޭނެ. އެފްއޭއެމުން 2 މީހުން ފޮނުވައިގެން ރީތްޗަށްވެސް ހަމަޖެހޭނެ.
ބައް ސާމު
13 May 2024
އެ ކޮޅަށް ދެވިއްޖެނަމަ ދެން މި ކޮޅަށް އެނބުރި އައުމުގެ ވިސްނުމެއް ނެތް
ހިތަދޫ 2
13 May 2024
ބައްސާމް ނުގޮސް ޖައުށަން އަދި އުމަރު ގޮއްސިއްޔާ ބައްސާމްއަށް ވޯޓް ލާން ދޭ ފައިސާގެ ބައި އަޅާނެ ގޮތެއް ނުކިޔޭނެ އެހެންވެ ތެޅެނީ، ފިފާބާއްވާ ގައުމު ވޯޓް ވަރަށް އަގު ހުރޭ
ފޫހި
13 May 2024
މިވާ ވަރުގަދަ މީހެއް. ލައްކަ ފައިދާވާތީތާ މިހާވަރުން ލަދެއްނުގަނެގެން އުޅޭނީ. ގަދައަށް ކައިގެން ވެސް ދެން ލަދުގަންނަނަމަ ވެސް ރަނގަޅު. ހީވާކަހަލަ މީ މިމީހުންގެ ތަރިކަ މުދަލޭ. ތަން ނުހިންގޭހާލުގައިވެސް ވަކިވާން ބޭނުންނުވުމީ ދެރަވަރުކަމެއް.
ޖިލް
13 May 2024
މީނާ މިހެން އެހާ ފަސޭހައިން ދިޔަ ދީގެން ނުވާނެ، ސަލާމަތީ ބާރުތަކުން މީނާ ހައްޔަރުނުކޮށްފިނަމަ ދިވެހި ރައްޔިތުން ނިކުމެ މީނާ ހައްޔަރުކުރަންޖެހޭނެ
ސފސދފސދ
13 May 2024
ދިވެހިން މިއީ އަރަތެއްކަހަލަ ބައެއް. ފީފާއިން ވައްކަންކޮއްގެން ޕާސްޕޯޓް ހިފަހެއްޓީމަ އަދިވެސް ފީފާ އަށް ދަނީ. މިމީހންގެ ލަދުހަޔާތް ކޮބާހޭ ހިތަށް އަރާ
ތުނޑުހަސަނު
13 May 2024
ވޯޓުލުން އޮންނަ ކޮންގްރެސްތަކުގައި ބައިވެެރިވާން ބައްސާމު ވަރަށް ބޭނުންވާނެ. ހުރިހާ ކޮޅަކުން ކާން ލިިބޭ ފުރުސަތެއް ބައްސާމު ދީކޮށް ނުލާނެ.
މަ ބުނީ
13 May 2024
މަ ބުނީ ލަދު ހަޔާތުގެ ކުޑަވެސް މިންވަރެއް ހަމަނެތީތާ ދޯ ؟
ދޮން ހަސީނާ
13 May 2024
މިތިބީ ކުޅިބަލަން. ދައުލަތުގެ ބާރުތޯ ގަދައީ، ނުވަތަ ބައްސާމް މެންކަހަލަ ގ. ސްޓާރުންގެ ތޯ ބާރު ގަދައީ...
ބަސް ދަ ގްރޭޓް
13 May 2024
ކުޅިބަލަން ހުންނަ މީހާ ހަމަ ކުޅިބަލަން ހުންނަން ޖެހޭނީ މިގައުމުގަ..
ފިރިސޮރު
13 May 2024
ތީހަމަ ދޮންހަސީނާގެ އަގައިން ބުނާ ވާހަކައެއްތަ؟