ޚިޔާލު / ދީން

އޯގާތެރިކަމުގެ ސިފަ ވަރުގަދަ ކުރުމުގައި އީމާންތެރިކަމުގެ ދައުރު

އުމުރުން ދުވަސްވީ މީހަކު ގޮވައިގެން މަގުމަތީގައި: އިސްލާމްދީނުގައި އެންމެ ބޮޑަށް ބާރު އަޅާ އެއް ކަމަކީ އެކަކު އަނެކަކަށް އޯގާތެރިވުމާއި އަޅައިލުމަށް.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޯގާތެރިކަމުގެ ސިފައަކީ އިންސާނާގެ ކިބައިގައި އަށަގަންނަވައި ވަރުގަދަ ކުރެވިދާނެ ސިފައެވެ. ސަބަބަކީ އިންސާނާގެ ތަބީއަތުގައި އެކަން ވުމެވެ. މިހެންވެ އޯގާތެރި ހިތެއް ނެތް ކޮންމެ މީހަކީ އިންސާނިއްޔަވަންތަ ކަމުގެ ތަބީއަތުން އެއްކިބާވެފައިވާ މީހެއް ކަމަށް ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކު ވެސް ގަބޫލު ކުރާނެ އެވެ. އޯގާތެރިކަމުގެ ސިފަ އެންމެ ފުރިހަމަ ގޮތުގައި އަށަގަންނަވައި ވަރުގަދަ ކުރެވިދާނެ ގޮތްތަކުގެ ތެރެއިން އެންމެ މުހިންމު ގޮތަކީ އެއްކައުވަންތަ ﷲ އަށް އީމާންވާ އީމާންވުމެވެ.

ﷲ އަކީ އޯގާވަންތަ ރަސްކަލާނގެ

ﷲ އަށް އީމާންވާ މީހެއްގެ ކިބައިގައި އޯގާތެރިކަމުގެ ސިފަ ހަރުލުމަށް އެންމެ ބޮޑު ބާރެއް ލިބޭ ސަބަބަކީ އޯގާވަންތަކަން އެއީ ﷲގެ ސިފަފުޅެއް ކަމުގައި ވުމެވެ. އިންސާނަކު އަޚުލާގީ ގޮތުން އެންމެ ހެޔޮ ކަމުގައި ވާނީ ﷲ ގެ ސިފަފުޅުތަކުގެ ތެރެއިން އިންސާނާއަށް އެއާ އެއްފަދަ ސިފަތަކެއް ހާސިލު ކުރެވިދާނެ ފަދަ ސިފަތަކުން ސިފަލިބިގެންނެވެ. މިގޮތުން އޯގާތެރި ކަމަކީ އެފަދަ ސިފައެކެވެ. ﷲ ގެ އޯގާވަންތަކަމަކީ ހުރިހާ އެއްޗަކަށް އެ ޝާމިލުވެގެންވާ އޯގާވަންތަ ކަމެކެވެ. މުއުމިނެއް ކަމުގައި ވިއަސް ކާފިރެއް ކަމުގައި ވިއަސް ހެޔޮލަފާ ވިއަސް ނުލަފާ ވިއަސް އެކަލާނގެ އަދުލުވެރިކަން ނުގެއްލޭ ގޮތުގައި ރަހުމަތް ޝާމިލުވެގެން ވެ އެވެ.

"އައްރަޙްމާން" އާއި "އައްރަޙީމް" މި ދެއިސްމުފުޅުން ލިބޭ އިބުރަތް

ޖަލާލަތުގެ ލަފުޒު ކަމުގައިވާ "ﷲ" ފިޔަވައި ދެން ﷲގެ އިސްމުފުޅުތަކުގެ ތެރެއިން އެންމެ މަޝްހޫރު ދެ އިސްމުފުޅަކީ އޯގާވަންތަކަމާ ގުޅުން ހުރި ދެއިސްމުފުޅެވެ. އެއީ "އައްރަޙްމާން" އަދި "އައްރަޙީމް" އެވެ. މި ދެއިސްމު ފުޅަކީ ކީރިތި ޤުރުއާނުގެ އެންމެ ސޫރަތެއް ފިޔަވައި ދެން ހުރިހާ ސޫރަތެއް ފެށުމުގައި ﷲގެ އިސްމުފުޅުން ފަށާއިރު ކިޔަން ޖެހޭ ދެ އިސްމުފުޅެވެ. މުސްލިމުން ދިރިއުޅުމުގެ ހަޔާތުގެ ކޮންމެ ދުވަހަކު މި ދެއިސްމުފުޅު އެންމެ މަދުވެގެން 34 ފަހަރު ތަކުރާރުކޮށް ކިޔަން ޖެހެ އެވެ. މިހެންވެ މުސްލިމުންގެ ހިތްތަކުގައި އޯގާތެރިކަމުގެ ސިފަ ހަރުލުމަށް ބާރު ލިބެ އެވެ.

ﷲގެ އިސްމުފުޅުތަކުގެ ތެރެއިން "އައްރަޙްމާން" މި އިސްމުފުޅުން މުއުމިނުން ދަސްކުރަންޖެހޭ ކަންކަމާ ބެހޭ ގޮތުން އިމާމް ޣަޒާލީ ވިދާޅުވަނީ، މުއުމިނަކު ނަމަ ﷲގެ އަޅުތަކުން ކުރެ ޣާފިލުކަން މަތީގައިވާ މީހުންނަށް އޯގާތެރިވާން ޖެހޭނެ ކަމަށެވެ. އެ މީހުންގެ އެ ޣާފިލުކަމުން ދުރުހެލި ކުރުވަން ވާނީ ހަރުކަށިކަން ނެތި އޯގާތެރިކަމާއި މަޑުމައިތިރި ކަމާ އެކު ދޭ ނަސޭހަތާއި ވައުޒުންނެވެ. ހަމަ އެފަދައިން ނުކިޔަމަންތެރިންނަށް ވެސް ބަލަންވާނީ ރަހުމަތުގެ ލޮލަކުންނެވެ. ރުޅިވެރިކަމާއި އަނިޔާކުރުމުގެ ލޮލަކުން ނޫނެވެ.

މި ދުނިޔެމަތީ ހިނގާ ކޮންމެ އުރެދުމެއް އެއީ ޚުދު ތިމާއަށް ވެވުނު އުރެދުމެއް ކަމަށް ބަލައި ﷲގެ ކޯފާ އާއި އަޒާބުން މީސްތަކުން މިންޖު ކޮށްދޭން އޯގާތެރިކަމާއި މަޑުމައިތިރި ކަމާ އެކު މަސައްކަތް ކުރަން ޖެހޭނެ އެވެ.

"އައްރަޙީމް" މި އިސްމުފުޅުން ދަސްކުރަންޖެހޭ އެއްކަމަކީ ބޭނުމަކު ޖެހިފައިވާ ކޮންމެ މީހެއްގެ ބޭނުން ފުއްދައިދިނުމުގައި ވެވުނު އެންމެ މަތީ ދަރަޖައަކުން މަސައްކަތް ކޮށްދިނުމެވެ. ތިމާގެ ވަށައިގެން އެއްވެސް ނިކަމެއްޗަކު ނުވަތަ ފަގީރަކު އުޅޭ ކަމުގައިވާ ނަމަ އެ ކަމުން ސަލާމަތް ކޮށްދޭން ތިމާގެ މުދަލުން ނުވަތަ ޖާހުން ނުވަތަ ޝަފާއަތުން އެކަން ކޮށްދެވޭތޯ ބަލަން ވާނެ އެވެ. މިއިން އެއްވެސް ގޮތެއް ނެތިއްޖެ ނަމަ އެކަމާ ދެރަވެ ހިތާމަ ކުރުމާއި އެ މީހަކަށްޓަކައި ހެޔޮ ދުއާކޮށްދިނުމާއި މިކަމަކީ ޚުދު ތިމާއަށް ދިމާވެގެން އުޅޭ ކަމެއް ކަމުގައި ބަލަން ޖެހޭނެ އެވެ.

އޯގާތެރިކަމާ މެދު މުސްލިމުން ގަބޫލުކުރަންޖެހޭ ކަންކަން

އީމާންކަމުން އޯގާތެރިކަމުގެ ސިފަ ހަރުލުމަށް އެހީތެރިވެދޭ އަނެއް ކަމަކީ އޯގާތެރިކަމުގެ ސިފައާ މެދު މުއުމިނުން ގަބޫލު ކުރާ ގަބޫލުކުރުންތަކެވެ. އިންސާނާއަކީ އަބަދުވެސް ﷲގެ އޯގާވަންތަކަމަށް ބޭނުންޖެހިފައިވާ މީހެއް ކަމަށް ގަބޫލު ކުރާނެ އެވެ. އެކަލާނގެ އޯގާވަންތަކަން އެންމެ ހިނދުކޮޅަކަށް މެދުކެނޑުނަސް އެއީ އަބާއްޖަވެރިކަން ކަމުގައި ގަބޫލު ކުރާނެ އެވެ. ހަމަ މިއާ އެކު، މުއުމިނަކު ނަމަ ގަބޫލު ކުރާނީ ﷲގެ ރަހުމަތާއި އޯގާވަންތަކަން ހާސިލު ކުރުމަށްޓަކައި ތިމާއަކީ އޯގާތެރި މީހަކަށް ވާން ޖެހޭނެ ކަމެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ "ހަމަކަށަވަރުން ﷲ ގެ އޯގާވަންތަކަން ވަނީ އެކަލާނގެ އަޅުތަކުން ކުރެ އޯގާތެރި މީހުންގެ މައްޗަށެވެ." ހަމަ އެފަދައިން އޯގާތެރި ނުވާ މީހަކަށް ރަހުމަތެއް ނެތްކަން ވެސް އެކަލޭގެފާނު ވަނީ ބަޔާން ކުރައްވާފަ އެވެ. މީގެ އިތުރުން ބިންމަތީގައި ވާ ފަރާތްތަކަށް އޯގާތެރިވުމަށް އެކަލޭގެފާނު ވަސިއްޔަތް ކުރައްވަ އެވެ. އެކަމަކީ އުޑުގައިވާ ފަރާތުގެ (ﷲގެ) ރަހުމަތް ލިބުމަށް އޮތް ވަސީލަތެއްކަން ބަޔާން ކުރައްވަ އެވެ.

މުއުމިނުންގެ އޯގާތެރިކަމަކީ ހަމައެކަނި މުއުމިނުންގެ މައްޗަށް އޮންނަ ކަމެއް ނޫނެވެ. އީމާންތެރިކަމުގެ ސަބަބުން އުފެދިފައިވާ އުޚުއްވަތްތެރި ކަމުގެ ސަބަބުން އޯގާތެރިވާން އެންމެ އައުލާކަން ބޮޑު ބަޔަކީ މުއުމިނުން ކަމަށް ވިއަސް މުއުމިނެއްގެ އޯގާތެރިކަމުގެ އަސަރު އޭގެ ބޭރުން މުޅި އިންސާނިއްޔަތަށް ފޯރަން ޖެހެ އެވެ. އައްޠަބަރާނީ ރިވާކުރައްވާފައި ވެ އެވެ. އޯގާތެރިކަން ނުވާ ނަމަ އީމާންތެރިކަން ފުރިހަމަ ނުވާނެ ކަމަށް ކީރިތި ރަސޫލާ އަސްޙާބުންނަށް ދެންނެވި އެވެ. އެބޭކަލުން ވިދާޅުވީ ތިމަންމެންނީ އޯގާތެރިން ކަމުގަ އެވެ. ނަމަވެސް ކީރިތި ރަސޫލާ ﷺ ހަދީސް ކުރެއްވީ އޯގާތެރިކަމަކީ ހަމައެކަނި ތިޔަބައިމީހުން ތިޔަބައިމީހުންގެ އެކުވެރިންނާ މެދު އޮންނަ ސިފައަކަށް ވެގެން ނުވާނެ ކަމަށެވެ. ނަމަވެސް އެކަން އެއީ އާންމު ސިފައެއް ކަމުގައި ވާން ޖެހޭނެ ކަމަށެވެ.

އީމާންތެރިކަމުގެ ސަބަބުން އޯގާތެރިކަމުގެ ސިފަ އަށަގަންނަން ޖެހޭ އަނެއް ކަމަކީ ކީރިތި ޤުރުއާނުގައި މުއުމިނުންގެ ސިފަތައް ބަޔާންކުރާއިރު އޭގެ ތެރޭގައި އެކަކު އަނެކަކަށް އޯގާތެރިވުމަށް ވަސިއްޔަތް ކުރާ މީހުން ކަމުގައި ވުން ހިމެނެ އެވެ. (އަލް ބަލަދު 17). މުއުމިނުންގެ ކިބައިގައި މިސިފަ އާންމުވެގެންދާ ހިނދު އެއީ ހަމައެކަނި އިންސާނުންގެ މައްޗަށް އާންމުވާ ސިފައެއް ނޫނެވެ. ބަސްމޮށުންތެރިކަން ލިބިގެން ނުވާ ޖަނަވާރުންނަށް ވެސް މިއޯގާތެރިކަމުން ނަސީބެއް ވެ އެވެ. ކުށް ފާފަ ކުރާ އަންހެނަކު ކުއްތާއަކާ މެދު އޯގާތެރިވެ، އެ އަށް ފެން ދިނުމުގެ ސަބަބުން ސުވަރުގެ އަށް ދިއުމަށް މަގުފަހިވި ކަމާއި ބުޅަލެއް ބަންދުކޮށް އެ އަށް ކާންބޯން ނުދީ ހިފެހެއްޓި އަންހެނަކު ނަރަކައަށް ދިއުމަށް މަގުފަހިވިކަން ކީރިތި ރަސޫލާ ﷺ ވަނީ އެކަލޭގެފާނުގެ އަސްހާބުންނަށް ޚަބަރު ކޮށްދެއްވައިފަ އެވެ.

ހަނގުރާމައިގެ ވަގުތުގައި ރުޅިވެރިކަމާއި ހަރުކަށިކަން ގެންގުޅުމަކީ އިސްލާމްދީން މަނާ ކުރާކަމަކަށް ނުވާއިރު މިފަދަ ހާލަތުގައި ވެސް މުއުމިނުންގެ ހިތްތަކުން އޯގާތެރިކަން ނެތިގެން ދިއުމަށް އިސްލާމް ދީން ނުރުހެ އެވެ. މިހެންވެ، އަދުއްވުންގެ ތެރެއިން އަންހެނުންނާއި މުސްކުޅިންނާއި ކުޑަކުދިންނަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރުން ކީރިތި ރަސޫލާ ﷺ ނަހީ ކުރެއްވި އެވެ. ހަނގުރާމައިގެ ތެރޭގައި ޝަހީދުވާ ބޭފުޅުންގެ ހަށިތަކާ މެދު އަދުއްވުން ކުރާ ފަދަ ރަހުމް ކުޑަ އަމަލުތައް ކުރުން މުސްލިމުންނަށް މަނާ ކުރައްވަވަ އެވެ.

ރަސޫލާ ﷺ އާއި އަޞްޙާބުންގެ ނަމޫނާ

އޯގާތެރިކަމުގެ ސިފަ އަށް ކީރިތި ރަސޫލާ ބާރު އެޅުއްވުމުގެ ސަބަބުން އަދި އޯގާތެރިކަމުގެ ނަމޫނާ އެކަލޭގެފާނު ދެއްކެވުމުގެ ސަބަބުން އެކަލޭގެފާނަށް ތަބާވީ މުއުމިނުންގެ ކިބައިން ވެސް މީގެ ގިނަ މިސާލުތައް ވަނީ ފެނިފަ އެވެ. މިފަދަ ޝާމިލު އޯގާތެރިކަމެއް މިބޭފުޅުންނަށް ލިބިގެން މިދިޔައީ އީމާންތެރިކަމުގެ ސަބަބުންނެވެ. އެހެނީ ﷲ އާއި އާޚިރަތް ދުވަހާއި ފޮތްތަކާއި ރަސޫލުންނަށް އީމާން ވުމުގެ ސަބަބުން ހަރުކަށި ހިލަ ހިތްތައް ވެސް މަޑުމައިތިރި ކޮށްލަ އެވެ.

ޢުމަރުގެފާނަކީ އެކަލޭގެފާނުގެ ހިތްޕުޅަށް އީމާންކަމުގެ ނޫރު ވަނުމުގެ ކުރިން ޖާހިލިއްޔަތުގެ ހުރި ނުބައި ސިފަތަކުގެ ތެރެއިން ހަރުކަށިކަމާއި ރުޅިގަދަ ކަމުގެ ސިފަ ވަރަށް ބޮޑަށް ހުންނެވި ބޭފުޅެކެވެ. ނަމަވެސް އެ ސިފަތަކުގެ ބަދަލުގައި މަޑުމައިތިރިކަމާއި އޯގާތެރިކަމުގެ ސިފަ އެކަލޭގެފާނުގެ ކިބައިގައި އަށަގެންނުވީ އީމާންތެރިކަމެވެ. ޖާހިލިއްޔަތުގައި އަމިއްލަ ދަރިފުޅަކު ދިރިހުއްޓައި ވަޅުލެއްވި ބޭފުޅަކު ޚަލީފާ ކަމުގައި ހުންނެވި އިރު، ރަށުގެ އެންމެ ދުރުހިސާބުން ދާ ޖަނަވާރެއް ވިއަސް މަގުމަތިން އެއްޗެއްގައި އަޅައިގަނެގެން ވެއްޓިއްޖެ ނަމަ އޭގެ ޒިންމާ ވެސް ނަންގަވަން ޖެހޭނީ އެކަލޭގެފާނު ކަމަށް ދެކެވަޑައިގަތެވެ. އާދެ، މިއީ އީމާންތެރިކަމުގެ ސަބަބުން މުއުމިނުންގެ ކިބައިން ފެނިގެންދާ އޯގާތެރި ކަމުގެ ބައެއް މިސާލުތަކެވެ. މިފަދަ އެތައް މިސާލެއް ކީރިތި ރަސޫލާ ﷺ ގެ ސިޔަރަތާއި އިސްލާމީ ތާރީޚުން ފެންނާނެ އެވެ.

ވީމާ މުސްލިމުންގެ މައްޗަށް ލާޒިމު ވެގެންވަނީ އީމާންތެރިކަން ވަރުގަދަކޮށް، އީމާންތެރިކަމުން އޯގާތެރިކަމުގެ ސިފަ ނަފްސުގައި އަށަގެންނެވުމަށް މަސައްކަތް ކުރުމެވެ. މި އޯގާތެރިކަމުގެ އަސަރު އެންމެހާ އިންސާނުންނާއި ހައިވާނުންނަށް ވެސް ފޯރުވުމެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 75%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454