ޚިޔާލު / ދީން

ކޮންމެ އެއްބަސްވުމެއް ވިޔަސް ވަފާތެރިވުމުގެ ފައިދާ ވަރަށް ބޮޑު

އެއްބސްވުމެއްގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހަނީ: ކޮންމެ ފަރާތަކުން ވާ އަހުދެއް ވިޔަސް އެ އަށް ހުރިހާ ފަރާތަކުން އަމަލު ކުރުމަކީ ދީނީ ގޮތުން ބަލާއިރު ވެސް ފައިދާ ހުރި ކަމެއް.

ދިރިއުޅުމުގެ ހަޔާތުގައި ދީނީގޮތުން ވިޔަސް އަދި ދުނިޔަވީ ގޮތުން ވިޔަސް އިންސާނުން އެއްބަސްވާ އެކިއެކި އެއްބަސްވުންތަކަށް (އެކިއެކި އަގުދުތަކާއި އަހުދުތަކަށް) ވަފާތެރިވުމަކީ އިސްލާމްދީނުގެ އަސާސީ އުސޫލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއީ ހައްގުތައް ކަށަވަރު ވުމާއި އަމާންކަމާއި ހަމަޖެހުމާ އެކު ދިރިއުޅުން ކުރިއަށް ގެންދިއުމަށްޓަކަ އެވެ. މިފަދަ އެއްބަސްވުންތަކާ ޚިލާފުވުމުން އުފެދޭ ދެބަސްވުމާއި އަރާރުމާއި ތަޅާފޮޅުންތައް ނައްތާލުމަށްޓަކަ އެވެ. މިހެންވެ އިންސާނުންނާއި މާތްﷲއާ ދެމެދު އޮންނަ އަހުދުތައް ކަމަށް ވިޔަސް އަދި އިންސާނުންނާއި އެހެން އިންސާނުންނާ ދެމެދު އޮންނަ އަހުދުތައް ކަމަށް ވިޔަސް އަހުދުތަކާއި އަގުދުތަކަށް ވަފާތެރިވުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅަ އެވެ.

ކީރިތި ޤުރްއާނުގެ އައްނަޙްލު ސޫރަތުގެ 91 ވަނަ އާޔަތުގެ މާނައިގައި ވެ އެވެ. "ތިޔަބައިމީހުން ﷲ އަށް އަހުދެއް ކޮށްފި ނަމަ އެ އަހުދު ތިޔަބައިމީހުން ފުއްދާށެވެ! އަދި ހުވާތައް ގަދަކޮށް، ކަށަވަރު ކުރުމަށް ފަހު، ތިޔަބައިމީހުން އެ ހުވާތައް އުވައި ނުލާށެވެ! އެހެނީ، ހަމަކަށަވަރުން، ﷲއީ، ތިޔަބައިމީހުންގެ މައްޗަށް، ހެކިވެ ޖާމިނުވެވޮޑިގެންވާ ފަރާތެއް ކަމުގައި، ތިޔަބައިމީހުން ލާފައި ވެ އެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ކަންތައް ﷲ ދެނެވޮޑިގެންވެތެވެ." އަދި އަލްމާއިދަތު ސޫރަތުގެ ފުރަތަމަ އާޔަތުގައި އީމާންވީ މީހުންނާ މުޚާތަބު ކުރައްވައި ﷲ އަންގަވަނީ އަގުދުތަކަށް ވަފާތެރިވުމަށެވެ. އަދި އަލްއިސްރާއު ސޫރަތުގެ 34 ވަނަ އާޔަތުގައި ﷲ އަންގަވަނީ އަހުދަކީ މަސްއޫލުވާން ޖެހޭ ކަމަކަށް ވާތީ އަހުދުތައް ފުއްދުމަށެވެ.

ކީރިތި ރަސޫލާ ﷺ ގެ ހަދީސެއްގެ މާނައިގައި ވެ އެވެ. "އަމާނާތްތެރިކަން ނެތް މީހަކަށް އީމާންކަމެއް ނެތެވެ. އަދި އަހުދެއް ނެތް މީހަކަށް (އެބަހީ އަހުދު ނުފުއްދާ މީހަކަށް) ދީނެއް ނެތެވެ." (އަޙުމަދު އާއި ބައްޒާރު).

އިންސާނާ އާއި ﷲ އާ ދެމެދު އޮންނަ އަހުދު

އިންސާނާ އާއި ﷲ އާ ދެމެދު އޮންނަ އަހުދުގެ އެއްބާވަތަކީ ﷲ އަށް އަޅުވެތިވުމުގެ އަހުދެވެ. ﷲ އަންގަވަނީ އެކަލާނގެ އަށް އަޅުވެތިވުމަށާއި އެކަލާނގެ އަށް ޝަރީކު ނުކުރުމަށެވެ. (އައްނިސާއު 36). އަދި ޝައިތާނާ އަށް އަޅުވެތިނުވުމަށާއި އެކަލާނގެ އަށް އަޅުވެތިވެ، ސީދާ މަގުގައި ހުންނަން އާދަމުގެ ދަރިންނަށް ﷲ އަހުދު އިއްވެވި ކަމަށެވެ. (ޔާސީން 60-61).

މި އަހުދު ހިނގައިދިޔަ ގޮތް އަލްއަޢުރާފު ސޫރަތުގެ 172 ވަނަ އާޔަތުގައި ތަސައްވުރު ކޮށްދެއްވާފައި ވެ އެވެ. މިގޮތުން ހުރިހާ އާދަމުގެ ދަރިން ވަނީ މި އަހުދަށް އެއްބަސްވެފަ އެވެ. މި އަހުދުގައިވާ ﷲ ގެ ހައްގާއި އިންސާނާގެ ހައްގު، ކީރިތި ރަސޫލާ ﷺ ވަނީ މުޢާޛުގެފާނަށް އޮޅުންފިލުއްވައި ދެއްވައިފަ އެވެ. ﷲ ގެ ހައްގަކީ އިންސާނުން އެކަލާނގެ އަށް އަޅުވެތިވުމާއި ޝަރީކު ނުކުރުމެވެ. އިންސާނުންގެ ހައްގަކީ އިންސާނުން ﷲ އަށް ޝަރީކު ނުކުރާ ނަމަ އަޒާބު ނުދެއްވުމެވެ.

އިންސާނާ އާއި ﷲއާ ދެމެދު އޮންނަ އަހުދުގެ ދެ ވަނަ ބާވަތަކީ، ﷲ ގެ ޝަރީއަތް މި ބިންމަތީގައި ގާއިމު ކުރުމެވެ. މީގެ ތެރޭގައި އިސްލާމްކަމުގެ ރުކުންތަކާއި އެންމެހާ ދީނީ ޝިއާރުތައް ދެމެހެއްޓުން ހިމެނެ އެވެ.

ތިން ވަނަ ބާވަތަކީ، ހަލާލު ހަރާމު ދެނެގަނެ ކުޅަދާނަވީ މިންވަރަކުން ﷲ ގެ އަމުރުތަކަށް ކިޔަމަންވުމާއި ނަހީތަކުން ދުރުހެލިވުމެވެ. ހަލާލު ހަރާމު އޮޅުވައި ނުލުމެވެ. (އައްނަޙްލު 116).

ހަތަރު ވަނަ ބާވަތަކީ، ހުވާތަކާއި ނަދުރުތައް ފުއްދުމެވެ. އެހެނީ އެއީ އިންސާނާ އަމިއްލަ އަށް އެ ކަމަށް ލާޒިމުވެގަންނަ އަހުދުތަކެއް ކަމުގައި ވާތީ އެވެ. އަލްމާއިދަތު ސޫރަތުގެ 89 ވަނަ އާޔަތާއި އަލްއިންސާން ސޫރަތުގެ 7 ވަނަ އާޔަތާއި އަލްޙައްޖު ސޫރަތުގެ 27 ވަނަ އާޔަތުން މިކަންކަން އެނގެ އެވެ.

އިންސާނުންނާއި އެހެން އިންސާނުންނާ ދެމެދު ކުރެވޭ އަގުދުތަކާއި އަހުދުތައް

އިންސާނުންނާއި އެހެން އިންސާނުންނާ ދެމެދު ކުރެވޭ އަހުދުތަކުގެ ތެރެއިން އެންމެ ފުރަތަމަ ބާވަތަކީ، ވެރިންނާއި ރައްޔިތުންނާ ދެމެދު އޮންނަ އަގުދުތަކާއި އަހުދުތަކެވެ. ﷲ ގެ ދީން ރައްކާތެރިކޮށް ދެމެހެއްޓުމާއި ﷲ ގެ ޝަރީއަތާ އެއްގޮތަށް ރައްޔިތުންގެ މެދުގައި އަދުލާއި އިންސާފުގެ މަތިން ކަންކަން ކުރުމާއި ރައްޔިތުންނަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުކުރުމާއި ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކުރުން ހިމެނެ އެވެ.

ކީރިތި ޤުރްއާނުގެ އައްނިސާއު ސޫރަތުގެ 58 ވަނަ އާޔަތުގައި މާތްﷲ އަންގަވާފައިވަނީ އަމާނާތްތައް އޭގެ އަހުލުންނަށް ރައްދު ކޮށްދިނުމަށާއި ހުކުމެއް ކުރާ ނަމަ އަދުލުވެރި ވުމަށެވެ. ރައްޔިތުންގެ ހައްގުތައް އަދާކުރުމުގައި މަކަރާއި ހީލަތް ހަދައިފި ނަމަ އެފަދަ ވެރިޔަކަށް ސުވަރުގެ ހަރާމް ނުކުރައްވައި ﷲ ދޫކޮށްނުލައްވާނެކަން ކީރިތި ރަސޫލާ ﷺ ވަނީ ބަޔާން ކުރައްވާފަ އެވެ. (މުއްތަފަޤު).

އެހެންކަމުން ދައުލަތުގެ ފަރާތުން ރައްޔިތުންގެ އެއްވެސް މީހަކާ އެކު އެއްވެސް އަގުދެއް ނުވަތަ އެއްބަސްވުމެއް ހަދާފައިވާ ނަމަ އެ އަގުދަކަށް ވެރިން ވަފާތެރިވާން ޖެހޭނެ އެވެ. ޝަރީއަތާއި ގާނޫނީ ހަމަތަކުން މެނުވީ މިފަދަ އަގުދެއް އުވައެއް ނުލެވޭނެ އެވެ. މިސާލަކަށް އަގުދު ހެދުމުގައި އެއްވެސް ފަރާތަކުން މަކަރެއް ހަދާފައިވާކަން ކަށަވަރުކަމާ އެކު، ސާބިތު ވެއްޖެ ނަމަ މިގޮތަށް ސާބިތުވާ އަގުދެއް ބާތިލު ކުރެވިދާނެ އެވެ. ނަމަވެސް މިފަދަ ކަމެއްގެ ޝައްކު އުފެދޭ ހާލަތެއްގައި އެކަމެއް ކަށަވަރު ކުރުމަށް ފަހު މެނުވީ އެ އަގުދެއް ބާތިލުކޮށްފި ނަމަ އެއީ ވެރިން ޚިޔާނާތްތެރިވުން ކަމުގައި ވެގެންދާނެ އެވެ. ވެރިން ރައްޔިތުންނާ މެދު އަހުދަށް ވަފާތެރިވާން ޖެހޭ ފަދައިން ރައްޔިތުން ވެސް އަހުދަށް ވަފާތެރިވާން ޖެހެ އެވެ. އެއީ ﷲ ގެ އަމުރަކާ ޚިލާފު ނުވާ ގޮތަށް ވެރިން ކުރާ ކޮންމެ އަމުރަކަށް ރައްޔިތުން ކިޔަމަންގަތުމެވެ. (އައްނިސާއު 59).

އިންސާނުންނާ އިންސާނުންނާ ދެމެދު އޮންނަ އަހުދުތަކުގެ ދެ ވަނަ ބާވަތަކީ ވެރިން ފިޔަވައި ދެން އެކަކު އަނެކަކާ ނުވަތަ އެއްބަޔަކު އަނެއްބަޔަކާ ދެމެދު އެއްބަސްވާ އެއްބަސްވުންތަކެވެ. މީގެ ތެރޭގައި ކައިވެނީގެ އަގުދުތަކާއި ގަނެވިއްކުމުގެ އަގުދުތަކާއި ކުއްޔަށް ދިނުމުގެ އަގުދުތަކާއި ކުންފުނީގެ އަގުދުތައް ފަދަ އަގުދުތައް ހިމެނެ އެވެ. މިއިން ކޮންމެ ބާވަތެއްގެ އަގުދަށް ވެސް ވަފާތެރިވާން ޖެހޭނެ ކަން އިސްވެ ބަޔާންކުރި އާންމު އާޔަތްތަކާއި ހަދީސްތަކުން އެނގެ އެވެ. މިފަދަ ކޮންމެ އަގުދަކާ ގުޅޭ ޚާއްސަ ނައްސުތަކުން އިތުރަށް މިކަން ކަށަވަރުވެ އެވެ. ކައިވެނީގެ އަގުދަށް ކީރިތި ޤުރްއާނުގައި ދީފައިވާ ނަމަކީ "ގަދަވެގެންވާ އަހުދު" އެވެ. (އައްނިސާއު 21).

ވިޔަފާރީގެ އަގުދަކީ އޭގައި ތެދުވެރިކަން ހިމެނޭ ނަމަ ބަރަކާތް ލެއްވިގެންވާ އަގު ދެއްކަން ކީރިތި ރަސޫލާ ﷺ ވަނީ ބަޔާން ކުރައްވާ ފައެވެ. (ބުޚާރީ). ކުންފުނި ހެދުމުގައި ދެބައިވެރިން އެކަކު އަނެކަކަށް ޚިޔާނަތްތެރި ނުވާހާ ހިނދަކު ތިން ވަނަ ބައިވެރިއެއްގެ ގޮތުގައި ﷲ ވޮޑިގެންވާނެ ކަމަށް ރަސޫލާ ﷺ ބަޔާން ކުރައްވަ އެވެ (އަބޫދާއޫދު). ޚިދުމަތެއް ހޯދުމަށް ފަހު، އޭގެ އުޖޫރަ ނުދޭ މީހުންނަކީ ﷲ އެ ތިން މީހަކާ މެދު ގިޔާމަތް ދުވަހުން ދެކޮޅުވެރިވެ ވޮޑިގަންނަވާނެ ތިން މީހުންގެ ތެރެއިން އެކަކު ކަމުގައި ވެސް ރަސޫލާ ﷺ ބަޔާންކުރައްވާފައި ވެ އެވެ.

އަގުދުތަކާއި އަހުދުތަކަށް ވަފާތެރިވުމުގެ މުހިންމުކަން

އަގުދުތަކާއި އަހުދުތަކަށް ވަފާތެރިވުން ހިމެނިގެން ދަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ވައުދު ފުއްދުމުގެ ތެރެއިންނެވެ. މިއީ ﷲ ގެ ލޯބި ލިބޭނެ ކަމެކެވެ. އަދި އުޚުރަވީ ހަޔާތުގައި އެތައް ދަރުމައެއް ލިބޭނެ ކަމެކެވެ. އެއާ ޚިލާފަށް އަގުދުތަކާއި އަހުދުތަކާ ޚިލާފުވުމަކީ ޚިޔާނާތްތެރި ވުމެކެވެ. އަދި އެއީ މުނާފިގުންގެ ސިފަތަކުގެ ތެރެއިން ސިފައެކެވެ. ﷲ ގެ އަހުދުތަކަށް ވަފާތެރިވެ، އެ އަހުދުތައް އުވާނުލާ މީހުންނާއި އަދި މި ނޫނަސް ހެޔޮ އެހެންކަންތައްތަކެއް ކުރާ ބައެއްގެ ވާހަކަ ބަޔާންކުރެއްވުމަށް ފަހު، ﷲ ގެ ވަހީބަސްފުޅުގައި ވަނީ އެ އުރެންނަށް އާޚިރަތުގައި އުފާވެރި ގޮވަތި ހުރި ކަމަށެވެ. އެއީ ޢަދުނޭ ކިޔުނު ސުވަރުގެތައް ކަމަށެވެ. "ކެތްތެރިވި ކަމަށްޓަކައި ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުރި" ކަމަށް މަލާއިކަތުން ވިދާޅުވާނެ ކަމަށެވެ. އަދި އެ ގޮވަތީގެ މޮޅު ކަމަށެވެ. (އައްރަޢުދު 20-24)

މިއާ ޚިލާފަށް އަހުދު ކަށަވަރު ހިފުމަށް ފަހު، އެ އަހުދު އުވާލާ މީހުންނަށް (މިފަދަ އެހެން ބަޔަކަށާ އެކު) ލައުނަތް ހުރި ކަމާއި އާޚިރަތުގައި އެ އުރެންނަށް ނުބައިވެގެންވާ ގޮވަތި ހުރިކަން ޖެހިގެން އޮތް އާޔަތުގައި (އައްރަޢުދު 25 ގައި) ބަޔާންކުރައްވާފައި ވެ އެވެ. ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވާ ގޮތުގައި އަހުދުތަކަށް ޚިޔާނަތްތެރިވާ މީހުންނަށް ގިޔާމަތް ދުވަހުން ދިދައެއް އުފުއްލިގެން ދާނެ އެވެ. މިއީ މިވެނި މީހަކަށް މިވެނި މީހަކުވީ ޚިޔާނަތުގެ ދިދަކަން އިއުލާނު ކުރެވިގެންދާނެ އެވެ. (ބުޚާރީއާއި މުސްލިމް). ވީމާ ހުރިހާ ބާވަތެއްގެ އަގުދުތަކާއި އަހުދުތަކަށް ވަފާތެރިވާން ޖެހެ އެވެ. އެހެން ނޫން ނަމަ ދުނިޔޭގައި ވެސް އަދި އާޚިރަތުގައި ވެސް އޭގެ ނުބައިކަން ތަހައްމަލު ކުރަން ޖެހިދާނެ އެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

‫ނާޑުވާ

20 July 2024

ރ‫ައީސް މުއިޒް ގެ ވައުދުތަކުގެ މަތިން ހަނދާން ކޮށްދެން.

The name is already taken The name is available. Register?

ފަހި

20 July 2024

ފަހި ދިރިއުޅުން ޕްރޮޖެކްޓުން ފުލެޓު ދޭން ދައުލަތުން އެގްރިމެންޓު ހަދާފައިވާ އެއްވެސް މީހެއްގެ އެގްރިމެންޓު އުވާލާ ނަމަ ވަރަށް ރަނގަޅަށް ޗެކު ކޮށްފައި މަކަރު ހަދާފައިވާ ކަން ޔަގީން ކޮށްފައި ނޫނީ އުވާލައިގެން ނުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454