ރިޕޯޓް

މައުލޫމާތުގެ ގާނޫނުގެ ދިގު އަތް ދައުލަތުގެ ކުންފުނިތަކަށް: ސުޕްރީމް ކޯޓުން ދިނީ ބްލޭންކް ޗެކެއްތަ؟!

ުސުޕްރީމް ކޯޓް: މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ސަރުކާރު ކުންފުނިތަކުގެ މައްޗަށް ހިނގާނެ ކަމަށް އެ ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރްޓީއައި ގާނޫނު) އަށް އަމަލުކުރަން ފެށިތާ 10 އަހަރު ވީއިރު، އެންމެ ބޮޑު ހިޔާލު ތަފާތުވުމެއް އޮތް އެއް މައްސަލައަކީ ސަރުކާރުގެ ކުންފުނިތަކުގެ މައްޗަށް އެ ގާނޫނު ހިނގާނެތޯ އޮތް ބަހުސެވެ. ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރުގެ ހިއްސާ އޮންނަ ޕަބްލިކް ބައެއް ކުންފުނިތަކާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ދެމެދު އަރައިރުމަކަށް ދާން ޖެހި، ރާއްޖޭގެ އެންމެ މަތީ ކޯޓާ ހަމައަށް މައްސަލަ ގެންދަން ޖެހުނީ ވެސް މި ހިޔާލު ތަފާތުވުންތަކާ ހެދި އެވެ.

މައުލޫމާތު ހޯދަައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި، ދައުލަތުގެ ނުވަތަ ސަރުކާރު ކުންފުނިތަކުގެ މައްޗަށް އެ ގާނޫނު އުސޫލު ހިނގާނެ ކަމަކަށް ސާފުކޮށް ބުނެފައެއް ނުވެ އެވެ. ނަމަވެސް އެ ގާނޫނުގެ ދަށުން ބާރު ލިބިގެން އިންފޮމޭޝަން ކޮމިޝަނަރު ހެދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގައި ސަރުކާރު ކުންފުނިތަކުގެ މައްޗަށް އެ ގާނޫނުގެ އުސޫލު ހިނގާނެ ކަމަށް ބަޔާން ކޮށްފައި ވެ އެވެ. އެކަމަކު، ގާނޫނަށް ވުރެ ފުޅާކޮށް ގަވާއިދު ނެހެދޭނެތީ އެ މައްސަލަ ސުޕްރީމް ކޯޓާ ހިސާބަށް ގެންދިޔައީ އެމްޓީސީސީންނެވެ.

އައިކޮމް އަށް ބޮޑު ކާމިޔާބެއް

އެގޮތަށް ގަވާއިދު ހެދި ސަބަބެއްގެ ގޮތުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ދެއްކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގައި، ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަންތަނާއި ދައުލަތުގެ ބަޖެޓުން ހިންގާ ތަންތަނާއި ދައުލަތުން މާލީ އެހީ ދޭ ތަންތަން އެ ގާނޫނުގެ ދަށަށް ވަންނާނެ ކަމަށް ބުނެފައި ވާތީ އެވެ. ނަމަވެސް ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކަކީ ދައުލަތުގެ މާލީ އެހީއެއް ނެތި ހިންގަމުންދާ ކުންފުނިތަކަށް ވާތީ، އެ ތަންތަނަށް އެ ގާނޫނު ނުހިނގާނެ ކަމަށް ބައެއް ކުންފުނިތަކުން ބުނަމުން ގެންދިޔަ އެވެ.

"ސަރުކާރުގެ ހުރިހާ ކުންފުނިތަކެއް އާރްޓީއައި ގާނޫނުގެ ދަށަށް ވަންނާނެ ކަން އެ އޮތީ ސާފުވެފައި ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ."

އެތައް އަހަރަކަށް ދިގު ދެމިގެންދިޔަ ބަހުސަކަށް ފަހު، ސުޕްރީމް ކޯޓުން މި ހަފުތާގައި ނިންމީ ގާނޫނުގައި ހުރި ކަންކަން ތަފްސީލުކޮށް ދިނުމަށް އެ ގޮތަށް ގަވާއިދު ހެދުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވެސް ނިންމީ ކުންފުނިތަކުގެ މައްޗަށް އެ ގާނޫނުގެ އުސޫލު ހިނގާނެތޯ ނުވަތަ ނޫންތޯ ނިންމޭނީ ކޮންމެ މައްސަލައެއްގައި ވަކިވަކިން ބަލައި، އެެ ތަނެއްގެ މައްޗަށް ސަރުކާރުގެ ކޮންޓްރޯލް އޮންނަ ވަރާއި އެ ތަނަކުން ފޯރުކޮށް ދޭ ހިދުމަތްތަކަށް ބަލައިގެން ކަމަށެވެ.

"އެތަނަކީ ދައުލަތުގެ އިދާރާއެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅަން ޖެހޭނީ ކޮންމެ މައްސަލައެއް ވަކިން އެ މައްސަލާގައި ހިމެނޭ ފަރާތުގެ ހާއްސަ ހާލަތުތަކަށް ރިއާޔަތް ކޮށްގެން،" ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައި ބުނެފައި ވެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު އާހިދު --- ފޮޓޯ/މިހާރު

އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ނިންމުމުގެ، ސަބަބުން މައުލޫމާތު ހޯދަން އެދޭ ފަރާތްތަކާއި ސަރުކާރު ކުންފުނިތަކަށް ވެސް ގިނަ ކަންތައްތަކެއް އިތުރަށް ސާފުވެގެން ދާނެ އެވެ. އަދި ވަކިން ހާއްސަކޮށް، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ނަން ހުކުމުގައި ހިމަނާފައިވާތީ އެ ކުންފުނިތަކުގެ މައްޗަށް އެ ގާނޫނު ހިނގާނެ ކަން ސާފުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މައުލޫމާތު ހޯދަން އެދޭ ފަރާތްތަކަށް ވެސް އަދި ކުންފުނިތަކަށް ވެސް މިކަން މިހާރު ސާފުވެގެން މި ދިޔައީ،" އާހިދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ދިނީ ބްލޭންކް ޗެކެއްތަ؟

ސުޕްރީމް ކޯޓުން މިގޮތަށް ނިންމި ނަމަވެސް ދައުލަތުގެ ބަޖެޓުން އެހީ ނުލިބޭ އަދި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާނުކުރާ ކުންފުނިތަކުގެ މައްޗަށް އެ ގާނޫނުގެ އުސޫލު ހިނގާނެތޯ ނުވަތަ ނޫންތޯ ބެލުމުގައި ބަލަންޖެހޭ މައިގަނޑު ތިން ކަމެއް ހުކުމުގައި ކަނޑައަޅާފައި ވެ އެވެ. އެއީ އެ ކުންފުންޏެއްގެ ސިޔާސަތު ކަނޑައެޅުމާއި ހިންގުމުގައި ސަރުކާރުގެ ކޮންޓްރޯލް އޮންނަ މިންވަރާއި ދައުލަތުގެ ސިޔާސަތެއް ތަންފީޒުކުރުން ނުވަތަ މަސްއޫލިއްޔަތެއް އަދާކުރާ ތަނަކަށް ވުން ނުވަތަ ދައުލަތުން މާލީ އެހީއެއް ދިނުމެވެ.

"އެ ޓެސްޓް ބިނާވެފައި އޮންނަން ވާނީ ގާނޫނުއަސާސީގެ 29 ވަނަ މާއްދާގައި ބަޔާން ވެފައިވާ އަސާސީ ހައްގެއް ކަމަށްވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ މަގްސަދު ހާސިލް ކުރެވޭނެ ގޮތަށެވެ. މައުލޫމާތު ހޯދުމުގެ ދޮރު ވީހާ ވެސް ފުޅާކޮށް އެންމެންނަށް ލިބޭނެ ގޮތަކަށެވެ. އެ ދޮރު ހަނިވާ ގޮތަކަށް ނޫނެވެ،" ހުކުމުގައިވެ އެވެ.

މާނައަކީ ކުންފުންޏެއްގައި ސަރުކާރުގެ ހިއްސާއެއް އޮތުމަކީ އޭގެ މައްޗަށް އެކަނި ބިނާކޮށް، މި ގާނޫނުގެ އުސޫލު ހިނގާނެ ކަމެއް ނޫން ކަމެވެ. އޭގެ ބަދަލުގައި އެ ކުންފުންޏެއްގެ މައްޗަށް ސަރުކާރުގެ ބާރު އޮތް މިންވަރާއި ކުރާ މަސައްކަތްތަކާއި ދޭ ހިދުމަތްތަކަށް ބަލަން ޖެހޭނެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ސުޕްރީމް ކޯޓުން ދިނީ ސަރުކާރުގެ ހިއްސާ އޮންނަ ކޮންމެ ކުންފުންޏެއްގެ މައުލޫމާތު ހާމަކުރަންޖެހޭ ފަދަ ބްލޭންކް ޗެކެއް ނޫނެވެ.

"ކުންފުނިތަކަކީ ހާއްސަ އުސޫލުތަކެއްގެ ތެރެއިން ހިނގާ ތަންތަން. ސަރުކާރުން އައްޔަން ކުރިޔަސް، ކުންފުނީގެ ޑިރެކްޓަރުންނަކީ ކުންފުނީގެ މަސްލަހަތުގައި ކުންފުނި ކުރިއަރުވަން މަސައްކަތްކުރާ ބައެއް. "

އެހެންކަމުން ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ވީ ނަމަވެސް ކޮންމެ ކުންފުންޏެއްގެ ބައި ވަކިވަކިން ބަލަން ޖެހޭނެ އެވެ. އެހެންވެ، ބައެއް ކުންފުނިތަކުގެ މައްޗަށް އެ ގާނޫނުގެ އުސޫލު ނުހިނގާނެ ކަމަށް އަދި އަނެއް ބައި ކުންފުނިތަކުގެ މައްޗަށް އެ ގާނޫނުގެ އުސޫލު ހިނގާނެ ހާލަތްތަކެއްގެ އައުމުގެ ފުރުސަތު އެބައޮތެވެ. ސަބަބަކީ ސުޕްރީމް ކޯޓުން ވެސް ފާހަގަ ކުރިހެން، ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގައި ސަރުކާރުގެ ކޮންޓްރޯލް އޮންނަ މިންވަރު ތަފާތު ވާތީ އެވެ.

ނަމަވެސް އާހިދު ވިދާޅުވި ގޮތުގައި ހުކުމް އޮތް ގޮތުން ސަރުކާރުގެ ހުރިހާ ކުންފުނިތަކެއްގެ މައްޗަށް އެ ގާނޫނު ހިނގާނެ އެވެ. އޭނާ ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ މައްޗަށް އެ ގާނޫނު ހިނގާނެތޯ ބެލުމަށް ޓެސްޓެއް ކޯޓުން ކަނޑައެޅުމަކީ ބައެއް ކުންފުނިތައް އެ އުސޫލުން ބޭރުވެދާނެ ކަމަށް ބެލެވޭ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ ސަރުކާރުގެ ހުރިހާ ކުންފުނިތަކަށް އާރްޓީއައި ގާނޫނު ހިނގާނެ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުން މިހާރު އެ އޮތްގޮތުން،" އޭނާ ވިދާޅުވި އެވެ.

ސަބަބެއްގެ ގޮތުގައި އާހިދު ވިދާޅުވީ އެ މައްސަލާގައި އުފެދުނު ސުވާލަކީ ގާނޫނަށް ވުރެ ތަފްސީލުކޮށް ސަރުކާރުގެ ހުރިހާ ކުންފުނިތަކެއް ހިމަނައިގެން ގަވާއިދު ހެދޭނެތޯ ނުވަތަ ނޫންތޯ ކަމަށް ވާއިރު، އެގޮތަށް ގަވާއިދު ހެދޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް ތާއީދު ކޮށްފައި ކަމަށް ވާތީ އެވެ.

"ހައި ކޯޓުން ނިންމެވީ އެ ބާރު އިންފޮމޭޝަން ކޮމިޝަނަރަށް އެބައޮތޭ. ސުޕްރީމް ކޯޓުން ވެސް ނިންމެވީ ހައި ކޯޓުގެ ނިންމުން ރަނގަޅު ކަމަށް. އެހެންވީމާ ސަރުކާރުގެ ހުރިހާ ކުންފުނިތަކެއް އާރްޓީއައި ގާނޫނުގެ ދަށަށް ވަންނާނެ ކަން އެ އޮތީ ސާފުވެފައި ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އާހިދު ވިދާޅުވި އެވެ.

ރާއްޖޭގެ ގާނޫނުތަކެއް --- ފޮޓޯ/މިހާރު

ނަމަވެސް ބައެއް ކުންފުނިތަކުން އެކަމަށް ދެކޮޅު ހަދާފާނެ ކަމަށް އޭނާ ވެސް ގަބޫލު ކުރައްވަ އެވެ.

"ކޮންޓެސްޓް ކުރަންޏާ ކޯޓު މަރުހަލާތަކުން އެކަން ސާފުވެގެން ދިއުން އެއީ މަރުހަބާ ކިޔާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އެކަމަކު، މިފަދަ ބައެއް މައްސަލަތަކުގައި ވަކާލާތު ކުރެއްވި ވަކީލަކު ވިދާޅުވި ގޮތުގައި ކުންފުންޏެއްގައި ސަރުކާރުގެ ހިއްސާ އޮތުމަކީ ސަރުކާރުގެ ކޮންޓްރޯލް އޮތުމެއް ނޫނެވެ. ސަބަބަކީ ކުންފުނިތަކަކީ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ހާއްސަ އުސޫލަކުން ހިންގާ ތަންތަން ކަމަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުންފުނިތަކަކީ ހާއްސަ އުސޫލުތަކެއްގެ ތެރެއިން ހިނގާ ތަންތަން. ސަރުކާރުން އައްޔަން ކުރިޔަސް، ކުންފުނީގެ ޑިރެކްޓަރުންނަކީ ކުންފުނީގެ މަސްލަހަތުގައި ކުންފުނި ކުރިއަރުވަން މަސައްކަތްކުރާ ބައެއް. ކުންފުނީގެ މައްޗަށް ޑިރެކްޓަރުންގެ ފިޑިއުޝަރީ ޑިއުޓީއެއް މި އޮންނަނީ އެކަމަށް،" އޭނާ ވިދާޅުވި އެވެ.

ކުންފުނިތަކުގެ ސިއްރު ހާމަކުރަން ޖެހިދާނެ ކަމުގެ ކަންބޮޑުވުން

ސަރުކާރު ކުންފުނިތަކުގެ މައްޗަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ހިނގާނެ ކަމަށް ނިމިގެން ދިޔައިރު، އަނެއްކޮޅުން ސަރުކާރުގެ ބައެއް ކުންފުނިތަކުން އަބަދުވެސް ފާހަގަކުރާ އެއް މައްސަލައަކީ ހައްދެއް ނެތި އެ ފުރުސަތު ދޭ ނަމަ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ހާމަ ކުރަން ޖެހިދާނެ ކަމުގެ ކަންބޮޑުވުމެވެ.

ދާދި ފަހުން ނިމުނު ބޭންކް އޮފް މޯލްޑިވްސް އިސްވެރިންގެ މުސާރަ ހާމަކުރުމުގެ މައްސަލައަކީ ވެސް އޭގެ މިސާލެކެވެ. އެ މައްސަލާގައި އެ މައުލޫމާތު ހާމަކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމީ އެއީ ވިޔަފާރީގެ ސިއްރަކަށް ވުމުގެ އިތުރުން ތިން ވަނަ ފަރާތްތަކެއްގެ މައުލޫމާތު އެކުލެވޭތީ އެވެ.

"މި އުޅެނީ މައުލޫމާތެއް ނުދޭކަށް ނޫން."

ކުރިން ވާހަކަ ދެއްކެވި ވަކީލް ވެސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ބައެއް ކުންފުނިތަކާ ވާދަވެރި ކުންފުނިތައް މަސައްކަތް ކުރާއިރު، ބައެއް މައުލޫމާތުތައް ހާމަ ކުރަން ޖެހިއްޖެނަމަ އޭގެ ގެއްލުން ކުންފުންޏަށް ކުރާނެ އެވެ.

"ކުންފުންޏަކުން އެތައް ހަރަދެއް ކޮށްގެން ކިޔަވައިދީގެން ގެންނަ ޓެކްނިކަލް މުވައްޒަފެއްގެ މުސާރަ ހާމަ ކޮށްފިއްޔާ އެ ކަހަލަ އެހެން ކުންފުންޏަކުން އެ މުވައްޒަފަކު ގެންގޮސްދާނެ އެ އަށް ވުރެ ބޮޑު މުސާރައެއްގައި. އަދި މި ނޫނަސް ހުންނާނެ ވިޔަފާރީގެ ސިއްރުތައް،" އޭނާ ވިދާޅުވި އެވެ.

"މި އުޅެނީ މައުލޫމާތެއް ނުދޭކަށް ނޫން. މަޖިލީހުން ފާސްކުރާ ގާނޫނެއްގައި މިހެން ސާފުކޮށް ބުނި ނަމަ ދެން އެ ހިސާބުން މައްސަލައެއް ނެތް."

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ސަރުކާރުގެ ކުންފުނިތަކުގެ މައްޗަށް ހިންގޭ ގޮތަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމާ މެދު ބައެއް ކުންފުނިތަކުގެ ކަންބޮޑުވުން އޮތަސް، މައުލޫމާތު ހޯދުމުގެ ހައްގު ފުޅާދާއިރާއެއްގައި ކަށަވަރުވެ، އެތައް އަހަރެއްވީ ބަހުސް ނިމުމަކަށް އައީ އެވެ.

4 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މީދޫ މީހާގެ ދަރި

31 July 2024

ހަމަ ބުލޭންކު ޗެކެއް. ބޮޑުންނަށް ބޮޑު ގޮތް ނިކަމެތީންނަށް ދެރަގޮތް. ދައުލަތުގެ ކުންފުނިތަކުގައި މުސާރަ ސިއްރުކުރުމަކީ ހަމަ ޖޯކެއް. ވިޔަފާރީގެ ވާދަވެރިކަމާ ގުޅޭ މައުލޫމާތެއް ނޫން އެއީކީ. ގެންދަން ބޭނުންވާ މުވައްޒަފަކު ގެންދަން އޮފަރ ކުރާނެ އަދަދެއް ނިންމާކަށް އެ މުވައްޒަފަށް މިހާރު ލިބޭ މުސާރައެއް މުހިންމެ ނުވާނެ. އެހެން މީހުންނަކީ މޮޔާންކަމަށްތަ ހީކުރަނީ.

The name is already taken The name is available. Register?

ވޯލް

31 July 2024

ތިޔަ ބުނާ ކިޔަވާދިން މީހާ ދާން ބޭނުންވަންޔާ ހަމަ އެހެން ކުންދުންޏަކަށްގޮސް އޭނާ ދޮސްދޭނެ މުސާރައެއް ހުށަހެޅޭނޭ. ދައުލަތުން ނޫނީ ކުންފުނިން ބިނާ ކުރާ މުވައްޒަފުން ހިފެހެއްޓުމަށް ބޮންޑު ކުރެވިދާނެ އަދި ހަރުށަހޅު ބޮންޑެއް ހެދުން މުހިންމު.

The name is already taken The name is available. Register?

ދީމާހު

31 July 2024

ޓްރާންސްޕެރެންސީއާއި މައުލޫމާތު ހާމަކުރުމާއި އިންސާނީ ހައްގުތައް ފަދަ ކަންކަން ފެންމަތިވެ، ބަޔާންތަކާއި ހުކުންތައް އެކި ދިމަދިމާލުން ނެރޭނީ ވަކި ބަޔަކު ވެރިކަމަށް އައިމާ. މިފަދަ ކަންކަމުގައި އިސްވެއުޅޭ ފަރާތްތަކަކީ ވަކި ސިޔާސީ ޕާޓީއަކާ ގުޅިފައިތިބޭ އެމީހުންގެ ބަތާކައިގެން އުޅޭ ޕަޕެޓުންތަކެއް. އިޚްލާސްތެރި ނިޔަތެއް އޮވެގެން ރައްޔިތުންނަށް ފައިދާހުރިކަމެއް ކުރަން އުޅޭ ބަޔެއްނޫން އެއީ.

The name is already taken The name is available. Register?

މިޑޭން

31 July 2024

ފޭކު ވާހަކަ ނުދައްކާ. ޓެކްނިކަލް މުވައްޒަފުންނާ، އެނޫން މުވައްޒަފުން ބޭނުން އެހެން ކުންފުނިތަކުން ޑައިރެކްޓްލީ އެޕްރޯޗުކުރަނީ މިހާރުވެސް ހެޑް ހަންޓިންގ ނަމުގަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454