ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު: މާލީ ބަޣާވަތާ ގުޅިގެން މިހާތަނަށް ތަހުގީގުގައި މީހަކާ ސުވާލު ނުކުރާ ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
18 ސެޕްޓެމްބަރ 2024 - 17:43
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ހިންގަން އުޅުނު ކަމަށް ތުހުމަތުކުރާ މާލީ ބަޣާވަތުގެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކާ ސުވާލުކޮށްފައި ނުވާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ގައުމީ ބޭންކް ބީއެމްއެލް އިން ކާޑުގެ ޑޮލަރު ލިމިޓާ ގުޅޭގޮތުން މިދިޔަ މަހު ނިންމި ނިންމުމަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސަރުކާރު ވައްޓާލަން ކުރި ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ފުލުހުން ވަނީ މައްސަލަ ތަހުގީގު ކުރަން ފަށައިފަ އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އެ މައްސަލާގައި މިވަގުތު ކުރަމުންދާ މަސައްކަތަކީ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުން ކަމަށެވެ. އަދި ޖިނާއީ ތަހުގީގެއް ކުރެވޭ މިންވަރަށް ކަންކަން ފުރިހަމަވޭތޯ ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާތަނަކަށް އަޅުގަނޑުމެން އެއްވެސް ފަރާތަކާ ސުވާލުކޮށް ބަޔާން ނަގާފައެއް ނުވާނެ،" ޝިފާއު ވިދާޅުވި އެވެ.
ފުލުހުން ކުރިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ބޭންކުން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް، ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ގޮތަށް ބޭންކުން އެ ނިންމުން ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ބައެއް ފަރާތްތަކުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށާއި އަދި ސޯޝަލް މީޑިއާގައި ބޮޓް އެކައުންޓް ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް މަގުތަކަށް ނުކުތުމަށް ގޮވާލާފައިވާ ކަމަށެވެ. އެހެންވެ، އެއީ ސަރުކާރު ވައްޓާލަން އުޅުން ކަމަށް ބުނެ އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ބީއެމްއެލް އިން ނިންމީ ސަރުކާރުގެ ލަފައާ ހިލާފަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް ސަރުކާރާއެކު ފަހުން ކުރި މަޝްވަރާތަކާއި އާންމުންގެ ފިއްތުންތަކާ ހެދި ބޭންކުން ވަނީ އެ ނިންމުން ބަދަލުކޮށް، ކުރިއެކޭ ވެސް އެއްގޮތަށް ޑޮލަރުން މުއާމަލާތް ކުރެވޭ ގޮތަށް ބަދަލުކޮށްފަ އެވެ.
ބީއެމްއެލް އިން ކާޑުގެ ޑޮލަރު ލިމިޓާ ގުޅޭގޮތުން ނިންމި ނިންމުމާ އެކު، އެއީ ސަރުކާރު ވައްޓާލަން އެ ބޭންކުގެ ތެރެއިން ހިންގަން އުޅުނު ސީދާ ބަޣާވާތެއް ކަމަށާއި އޭގެ އަޑީގައި ތިބި މީހުންނަށް އަދަބު ދޭނެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އަދި ސަރުކާރުގެ އެހެން އިސް ބޭފުޅުން ވެސް ބޭންކަށް ބޮޑެތި ތުހުމަތު ކުރައްވާފައި ވެ އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ ރާއްޖޭގެ މާލީ ނިޒާމް އިނދަޖައްސާލަން ގަސްތުގައި ބަޔަކު މަސައްކަތް ކޮށްފައިވާކަން މި ފަހުން ހިނގި ކަންކަމުގެ ހުރިހާ ޑޮޓެއް ގުޅުވާލުމުން އެނގޭ ކަމަށެވެ.
މި މައްސަލަ ފެންމަތިވި ފަހުން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ރާއްޖޭން ބޭރަށް ވަޑައިގެން، އިސްތިއުފާ ވަނީ ހުށަހަޅުއްވައިފަ އެވެ. އޭނާ އެ މަގާމުގައި ހުންނަވާނީ އަންނަ ހޮނިހިރު ދުވަހާ ހަމައަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުއިއްޒު
19 September 2024
ތިކަމާ ސުވާލުކުރަންޖެހެނީ އެވާހަކަ ދެއްކި ދެ މީހުންނާ. އެދެމީހުން ހޯދަން ފުލުހުންނަށް ގޮވާލަން.
ޅާމެ
19 September 2024
ނުކުރާނުން ސުވާލެއް. އެންގޭވިއްޔަ ކަންކަން ހިންގާދިޔަގޮތް ބަލައިފިއްޔާ ބަދުނާމުވާނީ ސަރުކާރުކަން.
ހާލިދުބެ
19 September 2024
މިއީ ސަރުކާރުން ކުޅުނު ޑްރާމާއެއް.
ނާޑުވާ
19 September 2024
ސަރުކާރު އަތަށް ގޮވީ. ދެން ކޮންމެވެސް އެއްޗެކޭ ކިޔަން ފެށީ. ބަލަ ތަހުޤީޤް ކުރަމުން ދާ ކަމަށް އޭރުވެސް މިހާރުވެސް ބުނާއިރު މީހެއް ކައިރީ ހޭ ވެސް އަހާނުލާ މިއޮތްހާ ދުވަހު ކީއް ތިޔަ ކުރެވުނީ. ރައްޔިތުން ލޮލުގަ އަޅުވަން އުޅުނު އަނދުން އެތި އަމިއްލަ މޫނަށް ތިޔަ ބަންޑުން ވަނީ.
ސވލ
18 September 2024
އުފެދޭސުވާލަކީ ސުވާލުކުރާނީ ކީކޭކިޔާފަ ކާކާއިބާވައެވެ؟
ސީޕީ ސުޖާއު
19 September 2024
"ކަލޭމެން ކުރީ މުޤައްދަސް މާލޭގައި، މާލީ ބާއާވާތެއް އުތަ؟"
ވޮޑެމުއްލާ
18 September 2024
މާލީ ބާގާވާތުގެ ތުހުމުމަތު އަޅުވާ ރައްޔިތުންގެ ބެންކު ބަދުނާމުކޮށް އަދި އަގުވައްޓާލި މައްސަލައިގެ މާލީ ގެއްލުމުގެ ބަދަލު ޕީއެންސީއިން ނަގައިދޭން އިލެކްޝނަުގައި އެދެވިދާނެ އަދި ޕީއެންސީ އުވާވެސް ލެވިދާނެ
އަފްރާސިޔާބު
18 September 2024
އެހެންވީމާ ރައީސް ރައްޔިތުންނަށް ބިރު ދެއްކުމަށާއި ބޭންކްގެ ވެރިން ބަދުނާމު ކުރީ ނޫންބާ؟އެހެންވީމާ ރައީސް ގައުމުގައި ހަމަނުޖެހުން އުފައްދަން ކުރިކަމަކަށް ބެލުން ނޫންގޮތެއް އެބޮތްބާ؟
މިކަން
18 September 2024
ފުލުހުން މިކަން ސީރިއަސްކޮއްނަގާހެން ހިޔެއްނުވޭ.
ހޮޓްކިންގ
18 September 2024
މާލީ ބަޣާވާތޭ ކިޔައިގެން ހުރިހާ މިނިސްޓަރުން ރައީސް އޮފީހަށް އެއްވެ ފޮނުއެރުވޭތޯ ވަރަށް މަސައްކަތްކުރި. އެވާހަކަ ވައިގާ ހިފާގޮތްނުވީ ރައްޔިތުން އެކަމާ އަޅާނުލުމުން. ހަމަ އެކަނި އެވާހައިންވެސް ދޭހަވީ ސަރުކާރުން ރައްޔިތުން ކަންބޮޑުވާ ހަގީގީ މައްސަލަތަކުގެ ވާހަކަ ދައްކަން ފުރުސަތު ނުދީ ފޯކަސް ނަގާލަން އުޅޭ މިންވަރު. މިހާރުވެސް އެގޮތައް މީޑިއާ ހެޑްލައިންތައް އަޅާ. ދުވާލަކު ބިދޭސީއެއް ފުރުވާލިޔަސް ގައުމީ ބޮޑު ޖިހާދެއް ކަމުގާ އެކަންވެސް ދައްކާ.
ހިތަދޫ ހުސެން
18 September 2024
ދުލުން ބޭރުވުމަށް ފަހު މީހާ ވަނީ ބަހުގެ އަޅަކަށް.
ކަހެރުވައް
18 September 2024
ބަޣާވާތަކަށް ނުވަންޏާ ސުވާލުކުރެވޭނެ މީހެއް ސުވާލުކުރެވޭނެ ޖާގައެއް އޮންނާނެތަ؟ ސުވާލުކުރަންޖެހޭ މީހުން އިހަށްދުވަހު ވަޒީފާއިން ވަކިވެއްޖެ.