ފައިސާތަކެއް: މަދަނީ މައްސަލަތަކުގައި ގާނޫނު އޮތްގޮތުން ހުކުމް ތަންފީޒު ނުކުރެވި އެތައް ބަޔަކަށް ފައިސާ ނުލިބޭ ކަމުގެ ކަންބޮޑުވުން މިހާރު ވަނީ ބޮޑުވެފައި --- ފޮޓޯ/މިހާރު
20 ނޮވެމްބަރ 2024 - 07:59
ދަރަނި ދެއްކުމެއް ނެތި ގާނޫނުގެ ދިގު އަތުން ސަލާމަތް ވެގެން އުޅުމަކީ މީގެ އަހަރުތަކެއް ކުރިން އެއްވެސް ބަޔަކަށް ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް މަދަނީ އިޖުރައާތުގެ ގާނޫނަށް އަމަލުކުރަން ފެށުމަށް ފަހު، ގެނައި ބޮޑު ބަދަލުތަކުގެ ތެރެއިން ހުކުމް ތަންފީޒު ކުރުމުގެ ނިޒާމަށް ގެނައި ބަދަލާ އެކު، އެތައް ގޮންޖެހުންތަކެއް ކުރިމަތިވެ އެ ނިޒާމު މިހާރު އޮތީ ހިނގައި ނުގަނެވޭ ހިސާބުގަ އެވެ. އޭގެ ސަބަބުންތައް އެތައް ބަޔަކަށް މާލީ ގެއްލުންތައް ކުރިމަތިވެ، ކަންބޮޑުވާ ހިސާބަށް އޮތީ ގޮސްފަ އެވެ.
ކުރިން ހުކުމާ އެއްގޮތަށް ދަރަނި ނުދައްކާ މީހުންނާ މެދު ގިނަ ފިޔަވަޅުތަކެއް އެޅެ އެވެ. ޕާސްޕޯޓް ހިފެހެއްޓުމާއި އެކައުންޓްތައް ފްރީޒް ކުރުމުގެ އިތުރުން އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ގޭ ބަންދާއި ޖޫރިމަނާގެ އަދަބުތައް ވެސް އޭރު ކަނޑައެޅެ އެވެ. ދަރަނި ނުދައްކާ ފަރާތަކީ ކުންފުންޏެއް ނަމަ އެ ކުންފުނީގެ ޑިރެކްޓަރުން ކޯޓަށް ހާޒިރުކޮށް، އެ މީހުން ފުރުން މަނާކުރުން ފަދަ ފިޔަވަޅުތައް ވެސް އޭރު ގަވާއިދު އޮތްގޮތުން އެޅުމުގެ ފުރުސަތު އޮތެވެ.
ނަމަވެސް 2022 ވަނަ އަހަރު އަމަލުކުރަން ފެށި މަދަނީ އިޖުރައާތުގެ ގާނޫނުގެ ދަށުން އެ ހުރިހާ ފިޔަވަޅުތަކެއް އެޅުން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އޭގެ ބަދަލުގައި އެ ގާނޫނުން މިހާރު ދައްކާ މަގަކީ ދަރަނި ނުދައްކާ ފަރާތުގެ މުދާ ހިފެހެއްޓުން އެކަންޏެވެ. އެ މީހަކާ މެދު އެއްވެސް ފިޔަވަޅެއް އެޅުން ގާނޫނު އޮތްގޮތުން މަނަލެވެ. ނަމަވެސް އަނެއްކޮޅުން ހުކުމް ތަންފީޒު މަރުހަލާ އަށް ދާއިރު ހުކުމް ތަންފީޒު ކުރެވޭނެ މަގެއް ނުފެނެ އެވެ.
"ދައުލަތަށް ބިލިއަނެއްހާ ރުފިޔާ ދަރަނީގެ ގޮތުގައި ނުލިބި ހުއްޓަސް ދައުލަތް ހިނގާނެ އެހެން ގޮތްގޮތުން ވެސް ފައިސާ ހޯދައިގެން. އާދައިގެ ވިޔަފާރިތަކަށް މީގައި ހުރި ގެއްލުމެއް އޮތީ."
ދާދި ފަހުން ކޯޓެއްގެ ހުކުމެއްގެ ދަށުން އެއް ލައްކަ ރުފިޔާ ދައްކަން ޖެހޭ މީހެއްގެ ހާލަތު ބެލިއިރު، އޭނާގެ ނަމުގައި އެއްވެސް މުދަލެއް އަދި އެއްވެސް ފައިސާއެއް ނެތެވެ. އެހެންވެ، ސިވިލް ކޯޓުން ނިންމީ އެކަމުގައި އިތުރަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ބަލައި، މައްސަލަ ބޭރުކޮށްލުމަށެވެ. އެފަދަ އެހެން ބައެއް މައްސަލަތަކުގައި މަހަކު 500ރ. ގެ ރޭޓުން ފައިސާ ދައްކަން ކޯޓުން ފުރުސަތު ދިނުމުން އެއްލައްކަ ރުފިޔާގެ ދަރަނި އަދާކޮށް ނިންމަން 16 އަހަރުގެ މުއްދަތެއް ހޭދަވެ އެވެ.
ބައެއް ކޯޓުތައް ހިންގާ ޖަސްޓިސް ބިލްޑިން --- ފޮޓޯ/މިހާރު
މި ފާހަގަ ކޮށްލީ ހަމައެކަނި ދައުލަތަށް ލިބެންޖެހޭ އާދައިގެ ދަރަނިތައް އަދާ ކުރުމުގައި ހުންނަ މައްސަލަތަކެވެ. ނަމަވެސް އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް މީގެ ސަބަބުން ލިބޭ ގެއްލުން މާ ބޮޑެވެ. އެއް މައްސަލައެއްގައި ކުންފުންޏަކުން ދައްކަންޖެހޭ އެތައް މިލިއަން ރުފިޔާގެ ދަރަނި ނުދައްކައިގެން ހުކުމް ތަންފީޒު ކުރަން ހުށަހެޅިއިރު، ކުންފުނީގެ ނަމުގައި އެއްވެސް މުދަލެއް އަދި ފައިސާއެއް ނެތުމުން ކޯޓުން ނިންމީ މިވަގުތު އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ.
މި މައްސަލަތައް ދިމާވާ ސަބަބަކީ ހުކުމް ތަންފީޒުކުރާ މަރުހަލާއަށް ދާއިރު ދަރަނިވެރިންގެ މުދަލެއް ނެތުމެވެ. އެގޮތުން އެ މީހަކީ އަމިއްލަ ދިރިއުޅުމުގައި ކިތަންމެ މުއްސަނދި މީހެއް ކަމަށް ވިޔަސް، އެ މީހެއްގެ އަމިއްލަ ނަމުގައި އެއްވެސް މުދަލެއް ރަޖިސްޓްރީ ކޮށްފައި ނެތް ނަމަ ދެން ކުރެވޭނެ ކަމެއް ނެތެވެ. ދަރަނިވެރިންގެ ނަމުގައި ހުންނަ ހުރިހާ މުދާތަކަކީ ވެސް ކޯޓުތަކާއި ރަސްމީ އިދާރާތަކަށް އެނގޭނެ މައުލޫމާތަކަށް ނުވާތީ އެކަން ބެލުން ވެސް އެއީ ބޮޑު ގޮންޖެހުމެވެ.
ނަތީޖާއަކަށް ވެގެންދަނީ މިގޮތަށް ފައިސާ އަނބުރާ ނުލިބި ހުންނަ ހުރުމުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް އެތައް މާލީ ގެއްލުންތަކެއް ލިބިގެން ދިއުމެވެ. ހަމަ އެހެންމެ، އަމިއްލަ ފަރާތްތަކާއި ހުރިހާ ވިޔަފާރިތަކަކީ ވެސް ދައުލަތުގެ މުއައްސަސާތައް ފަދައިން، ފައިސާ ލިބޭނެ ދުވަހަކު ލިބެންދެން ހިންދެމިލައިގެން ތިބެވޭނެ ބައެއް ވެސް ނޫނެވެ. ނަމަވެސް ގާނޫނު އޮތްގޮތުން އެ ކަންބޮޑުވުންތަކާ މެދު އިތުރަށް ކުރެވޭނެ ކަމެއް ނެތެވެ.
ހުކުމް ތަންފީޒު ކުރުމުގައި ދެން ދިމާވާ މައްސަލައަކީ ހުކުމް ތަންފީޒުކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ފައިސާ ލިބެންޖެހޭ ފަރާތުން ކުރަން ޖެހޭ ޖެހުމެވެ. ކުރިން ކޯޓުތަކުން އަމިއްލަ އިސް ނެގުމުގައި އެކަން ކުރި ނަމަވެސް މިހާރު ގާނޫނު އޮންނަ ގޮތުން އަރަނިވެރިޔާގެ ފަރާތުން ކޮންމެ ފަހަރަކު ކޯޓަށް އެކަން ހުށަހަޅަން ޖެހެ އެވެ. އަދި ދަރަނިވެރިޔާގެ މުދަލެއް ހުރިތޯ ނުވަތަ ނެތްތޯ ވެސް ހޯދަން ޖެހެނީ ފައިސާ ލިބެންޖެހޭ މީހާ އެވެ. ނަމަވެސް އެއީ ކޮންމެ މީހަކަށް ފަސޭހައިން ލިބެން ހުންނަ މައުލޫމާތުތަކެއް ވެސް ނޫނެވެ.
"ގާނޫނު އޮތްގޮތުން ދަރަނިވެރިޔާގެ މުދަލެއް ހުރިތޯ ބަލާފައި ކޯޓަށް އަންގަން ޖެހެނީ ވެސް ފައިސާ ލިބެންޖެހޭ މީހާ."
މި ކަންބޮޑުވުންތައް ގާނޫނީ ދާއިރާގެ ބޭފުޅުން ފާހަގަ ކުރަމުންދާތާ އެތައް ދުވަހެއް ފަހުން ދާދިފަހުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އަދި އެ މައްސަލަ ހައްލުކުރަން މަދަނީ އިޖްރައާތުގެ ގާނޫނަށް އިސްލާހު ގެންނަން މަސައްކަތް ފަށާފައިވާ ކަން ހާމަކޮށްފަ އެވެ. އޭގެ ކުރިން ބަންޑާރަ ނައިބުގެ އޮފީހުން ވެސް އެފަދަ އިސްލާހުތަކެއް ހުށަހަޅާނެ ކަމަށް ބުނެފައިވެ އެވެ. އެކަމަކު، އެ އިން އެއްވެސް ބިލެއް މިހާތަނަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމާ ހަމައަކަށް ނުދެ އެވެ.
ގާނޫނުތައް ހިމެނޭ ފޮތްތަކެއް --- ފޮޓޯ/މިހާރު
ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުން މިހާރު ގާނޫނު އޮތްގޮތުން ދައުލަތަށް ލިބޭ ގެއްލުމަށް ވުރެ އަމިއްލަ ވިޔަފާރިތަކާއި އާންމުންނަށް ލިބޭ ގެއްލުން މާ ބޮޑެވެ. ފައިސާ އަނބުރާ ނުލިބި ވިޔަފާރިތަކަށް ހުރަސް އެޅޭއިރު، އެ ފައިސާ ހޯދަން އެތައް ހަރަދެއް ކޮންމެ ފަހަރަކު ހިނގާ ކަމަށް ވަކީލުން ވިދާޅުވި އެވެ.
"ދައުލަތަށް ބިލިއަނެއްހާ ރުފިޔާ ދަރަނީގެ ގޮތުގައި ނުލިބި ހުއްޓަސް ދައުލަތް ހިނގާނެ އެހެން ގޮތްގޮތުން ވެސް ފައިސާ ހޯދައިގެން. އާދައިގެ ވިޔަފާރިތަކަށް މީގައި ހުރި ގެއްލުމެއް އޮތީ. އެ ވިޔަފާރިތަކުން އެ ގެއްލުން ފޫބައްދަން ކުރާނެ ކަމެއް ނޯންނާނެ،" އެއް ވަކީލަކު ވިދާޅުވި އެވެ.
"މީހުން އުޅެނީ ގަސްދުގައި ފައިސާ ނުދައްކަންވެގެން ހުރިހާ މުދަލަކާއި ފައިސާއެއް އެހެން މީހުންގެ ނަމަށް ބަދަލުކޮށްގެން."
އެ ބޭފުޅުން ވިދާޅުވާ ގޮތުން ކުރިއާ ހިލާފަށް، މިހާރު ގާނޫނު އޮތްގޮތުން ދަރަނިވެރިޔާ އަތުން ފައިސާ ހޯދަން ކުރަންޖެހޭ ކަންކަން ކުރަން ޖެހެނީ ވެސް ފައިސާ ލިބެންޖެހޭ ފަރާތުންނެވެ. ނަމަވެސް އެގޮތަށް ގާނޫނުގައި ލިޔުނުއިރު، އެކަންކަން ބެލޭނެ ނިޒާމެއް ރާއްޖޭގައި ނެތް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.
"ހުރިހާ މުދަލެއް މީހުން ގެންގުޅޭނީ ދައުލަތުގެ އިދާރާތަކުގައި ރަޖިސްޓްރީ ކޮށްގެނެއް ނޫން. އެހެންވީމާ އެކަން ބެލޭނެ ގޮތެއް ނޯންނާނެ. އެކަމަކު ގާނޫނު އޮތްގޮތުން ދަރަނިވެރިޔާގެ މުދަލެއް ހުރިތޯ ބަލާފައި ކޯޓަށް އަންގަން ޖެހެނީ ވެސް ފައިސާ ލިބެންޖެހޭ މީހާ. އެކަމަކު އެއީ ކުރެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އެ ވަކީލް ވެސް ވިދާޅުވި ގޮތުގައި އެގޮތަށް ގާނޫނު އޮތުމުން ގިނަ ބަޔަކު އޭގެ ނާޖާއިޒް ފައިދާ އެބަ ނަގަ އެވެ.
"ބައެއް މީހުން އުޅެނީ ގަސްދުގައި ފައިސާ ނުދައްކަން ވެގެން ހުރިހާ މުދަލަކާއި ފައިސާއެއް އެހެން މީހުންގެ ނަމަށް ބަދަލުކޮށްގެން. ނަމަވެސް ފައިސާ ލިބެންޖެހޭ މީހާއަށް ނޯވޭ ކުރެވޭނެ ކަމެއް،" އެ ވަކީލް ވިދާޅުވި އެވެ.
މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިން ހުކުމް ތަންފީޒު ނުވެ ދައުލަތާއި އެތައް ބަޔަކަށް ލިބެންޖެހޭ ފައިސާތައް އަނބުރާ ނުލިބި ހުންނަ ހުރުމަކީ އިޖްތިމާއީ ގޮތުން އަދި އިގްތިސާދީ ގޮތުން ވެސް އެތައް ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަމެކެވެ. މިއީ އަވަސް ހައްލެއް ހޯދަންޖެހޭ ބޮޑު ގައުމީ މައްސަލަ އެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަލީމާ
21 November 2024
ސާބިޔު ދަރަންޏެއް އޮވެމެ އެ ގަވައިދުން ނުދައްކާނަމަ އެމީހަކަށް ދައުލަތުގެ ހުރިހާ ސަބްސިޓީތައް ކަނޑާލަން ޖެހޭއެބަ، އެ ހެޔޮ މުސްކުޅިވެ މި ލިބޭ ފައިސާކޮޅުވިޔަސް
ކެކެކެކެކެކެކެކެ
20 November 2024
2022 ގެ ސުޕަ މެޖޯރިޓީގެ މޮޅުގާނޫނެއް! ޕަކާސް!
ހަހަހަހަހަހަހަހަހ
21 November 2024
އެމްޑީޕީ ސުޕަ މެޖޯރިޓީ އިން ފާސްކުރި ޤާނޫނެއް.. ދެން ބާރަށް އަތް ޖަހާ
އަންދަލޫސިޔާ
20 November 2024
100% ކާފަރުންނަށްވުރެ ޙާލު ދެރަކޮށް އުޅޭ މުސްލިމުން ދިވެހިރާއްޖޭގައި އުޅޭތީ ހިތާމަކުރަން!
އިބުރޭގެޑިއްގަޑު
20 November 2024
މިހާރު ދައުލަތުން ދަރަނި ދައްކަންޖެހެނީ ވަކި ފަރުދުން އަދި ކުންފުނިތަކަށް އނޑޕ ސަރުކާރުގަ އެންމެ ބޮޑަށް އެކަން ހިގީ
ޙައްގުބަސް.
20 November 2024
ދަރަނިވާނީ ދަރަންޏަ. ގިޔާމައްދުވަހު ދަރަނި އަދާކުރާނީ ކިހިނެ.؟ތައުބާވޭ އަވަހަ ދަރަނި ދައްކާހަލާސްކުރޭ.
މަދަނީ ބޭބެ
20 November 2024
މަދަނީ އިޖުރާއަތު މިހާރު އޮތްގޮތް ގޯސްމިވީ އެހެންވީމަ ދަރަނިވެރިވާ މީހާ އުލުބައިންދާ އިރަށް ދޮންނުކުރެވޭތީތާ ދޯ؟ ހަރުކަށި ފިޔަވަޅުއަޅާ، މީހާ ޖަލަށް ނޫނީ ގޭގަ ބަންދުކޮށް، ޕާސްޕޯޓު ހިފަހައްޓައި ހެދުމުން އޭނާގެ އާމްދަނީ އިތުރުވެ، ދަރަނި ހަލާސް ކުރާނެ ދޮރުތައް ހުޅުވެނީބާ؟ ދުނިޔޭގެ އެހެން ޑިމޮކްރެޓިކް ސޮސައިޓީތަކުގައި ވެސް މަދަނީ އިޖުރާއަތުގެ ޤާނޫނު އޮންނަނީ މިހާރު ރާއްޖޭގައި އޮތްގޮތަށް. އިސްލާމްދީން ވެސް ބާރުއަޅަނީ ދަރަނިވެރިޔާއަށް އިހުސާންތެރިވުމަށް
އަހުމަދު ނައީމް
20 November 2024
ދަރަނި ވަނީ ފައިސާ ދައްކަން ޖެހޭތީ އަދި ދައްކަން ޖެހޭނެއް.އަހަންނަށް ހީވަނީ ތިޔްފަރާތުން ބަޔަކަ ވައްކަމާއި ހީލަތުން ފައިސާނަގާގެން ހަމަ ގަސްތުގައި ދައްކަން ދެކޮޅު ހަދަންވެގެން ދައްކާ ވަހަކަ ކަމަށް . . ތިޔަ މަކަރުވެރި ގާނޫނުތައް ހަދައިގެން ކުށްވެރިން ހިމާޔަތްކުރުމީ ދެން އެނެއް މީހާ އަށް ކޮންމެ ގޮތެއް ވިޔަސް އޮކޭ ދޯ…، ވަައްކަންކުރާ ހީލަތްތެރިން ދިފާއުކުރުމާ މީ ހަމަ ގަސްތުގައި ކޮށްފަހުންނަ ކަންކަން.
ދަރަނިބޭ
20 November 2024
އަދަބު ބޮޑުނަމަ އެއްދުވަހު އެކަކައް މަކަރު ހަދާފަ އަނެއްދުވަހު އެހެންމީހަކައް މަކަރުހަދާފަ އެންމެ ފަހުގެ ފޯނުހިފައިގެން ކޮފީތަކަކު ނޫޅެވޭނެ. އަދި ދައްކަންޖެހޭ ފައިސާއެއްނުދައްކާނަމަ ޖަލައްދާނެޖެހޭނެކަންއެނގޭނަމަ އެފައިސާ ދެއްކުމަކީ ސީރިއަސްކަމެއްކަމައްބަލާނެ. އަދި ބައެއްމީހުން ހަދާހެން ފައިސާކޮޅު އެހެންމީހެއްގެ ނަމައް ބަދަލުކޮއްގެންވެސް ނޫޅޭނެ. ހަގީގީ ދަރަނިވެރިންނައް އެހީވުމަކީ އޮންނަންޖެހޭނެގޮތް އެކަމަކު މީގެން ބައެއްމީހުންނަކީ މަކަރުވެރިން.
ނޫކަނޑޫ
20 November 2024
މަޖުލީހަށް މަހުޖަނުންނާ އެމީހުންގެ ބޮޓުން ލީމަ ވާނީ މިހެން.... ފައިސާ ނުދައްކާ ރެކިގަންނަ މީހުން އެތާ ތިބެނީ...
ބޭންކްރަޕްޓްސީ ޤާނޫނު
20 November 2024
ބޭންކްރަޕްޓްސީ ޤާނޫނު އަވަހަށް އެކުކަވާލައި ތަންފީޛު ކުރަން ފަށަންވީ.
ދަލޭކަ ދައިތަ
20 November 2024
މިކަން މިހެންއޮތްކަން އިގޭމީހުން މިތިބެނީ އެހެން މީހެއްގެ ނަމުގައި ބިޒްނަސްޖައްސާ ރިޗްވެގެން އ/ކ ޒީރޯއަށް ލައިގެން. ދަރަންޏަށް މުދާ ގަނޑުކޮށްވިއްކާ ފަރާތްތަކުންނާ ރިޒޯޓުތަކަށް މުދާ ފޯޜުކޮށްދޭ ފަރާތްތަކުން ވ ބޮޑަށްވެސް ވިސްނަން ޖެހޭ ކަމެއް. ދުވަހަކުވެސް އެބުނާ އަނބުރާ ދައްކާ ދުވަހެއްނާދޭ. މާލޭ ކަންމަތީ ފިހާރަތަކުންވެސް މިހާރު ނުލިބޭނެ ދަރަންޏަށް، ދަރަންޏަށް މުދާދީގެން މުދާނެގިމީހާ ރިޗްވާކަން އެކަނި.
އިސްމާލި
20 November 2024
"މި މައްސަލަތައް ދިމާވާ ސަބަބަކީ ހުކުމް ތަންފީޒުކުރާ މަރުހަލާއަށް ދާއިރު ދަރަނިވެރިންގެ މުދަލެއް ނެތުމެވެ." ދިވެހި މަޖިލިސް ހަމަ މޮޅީ. އެހެން ދޯ ވާނީ...މަޖިލީހުގައި ތިބެނީ އެންމެ ބޮޑެތި ވިޔަފާރިތައް ކުރާ، އެންމެ ދަރަނި ނުދައްކާ އެންމެ މުދާވެރި، އެހެނަސް އެންމެ ނިކަމެތި މީހުން. މީން އެއްވެސް މީހެއްގެ އަމިއްލަ މުދަލެއް ނުހުންނާނެ. އިންކަމް ޓެކްސް ދައްކާވަރުގެ ބޮޑު މުސާރައެއްވެސް ނުލިބޭނެ. ދެން ވިސްނާލާ