ރައްޔިތުންގެ މަޖިލިސް: މެމްބަރުން ވަކިކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދޭން ބާ ކައުންސިލުން ވަނީ އެދިފައި.
20 ނޮވެމްބަރ 2024 - 15:39
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ފާސްކުރުމުގެ ކުރިން އެކަމަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ބާ ކައުންސިލުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.
އެ މައްސަލާގައި ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅާފައިވާތީ އެ ބިލާ ގުޅިގެން ބާ ކައުންސިލުގެ އާންމު މެމްބަރުންނާއި ގާނޫނީ ދާއިރާގެ އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް އެބަ ހުރި ކަމަށެވެ.
އެހެންވެ، އެ ބިލާ ގުޅިގެން ބާ ކައުންސިލުގެ އާންމު މެމްބަރުންގެ ހިޔާލާއި މަޝްވަރާ މަޖިލީހަށް ހުށަހެޅުމަކީ މުހިއްމު ކަމެއް ކަމަށް އެ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީއަށް ފެންނާތީ އެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް މަޖިލީހުގައި މިއަދު އެދިފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.
ބާ ކައުންސިލުން ބުނީ ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހެއް ނުވަތަ ބަދަލަކީ ރައްޔިތުންގެ ބައިވެރިވުމާއި ހިޔާލާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން ގެނެވޭ އިސްލާހުތަކަކަށް ވާންޖެހޭ ކަމަށެވެ. އަދި އެ ބިލާ ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ ހިޔާލުތައް ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތެއް ލިބޭ ގޮތަށް އެ ބިލުގެ ކަންކަން އިންތިޒާމު ކުރުމަށް ވެސް ބާ ކައުންސިލުން ވަނީ ގޮވާލައިފަ އެވެ.
އެ ބިލާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވަނީ މަޖިލީހުގެ މެމްބަރުން ވަކި ކުރުމާ މެދު ގޮތެއް ނިންމުމުގެ ބާރު އެ ދާއިރާއެއްގެ ރައްޔިތުންނަށް ލިބޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން ހުށަހަޅުއްވައިފަ އެވެ. އެކަމަކު އެ އިސްލާހު ވަނީ މަޖިލީހުން ބޭރުކޮށްލައިފަ އެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އެންޓި ޑިފެކްޝަންގެ އިސްލާހުތަކަށް ބަހުސް ކުރުމަށް ފަހު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމުން ރޯލް ކޯލް ވޯޓުގައި ބައިވެރިވި 75 މެމްބަރުންގެ ވޯޓުން އެ ބިލު ފާސްކުރަން ފެންނަ ކަމަށް ފާސްކޮށްފަ އެވެ. އަދި އެ ބިލް ފާސްކުރަން ނުފެންނަ ކަމަށް 13 މެމްބަރަކު ވޯޓު ދެއްވި އެވެ.
އެ އިސްލާހާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުން އޮންނާނީ މިއަދު ހަވީރެވެ.
ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގައި ބުނާގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކޮށްގެން އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ އެވެ.
އޭގެ އިތުރުން މަޖިލިހުގެ މެންބަރަކު މިހާރު ތަމްސީލް ކުރާ ސިޔާސީ ޕާޓީން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ ވެސް ގޮނޑި ގެއްލޭނެ ކަމަށް އެ އިސްލާހުގައި ވެ އެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށްގެން އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެންފިނަމަ ވެސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައިދަރު
20 November 2024
ބައު ކައުންސިލެކޭ ކިޔާފައި ފައްކާ ދުއްޕާނެއް ޖެހިފައި މިއޮތީ. ފުރަތަމަވެސް ގާނޫނީ ވަކީލުންނަށް ނޫނީ ލިޔުންތައް އެޓެސްޓް ނުކުރެވޭ ގޮތްހެދީ. މީގެ ސަބަބުން ރަށްރަށުގައި މިކަން ކުރަން ޖެހޭ ދަރިވަރުންނާއި އެހެން މީހުންނަށް ބޮޑުއުދަގުލަކާއި ކުރިމަތިލާން ޖެހުނީ. ތައްގަނޑެއް ޖަހައިދޭތީއޭ ކިޔާފައި ކޮންމެ ލިޔުމަކަށް 10 ރުފިޔާ 15 ރުފިޔާ އެބަނަގާ. ގާނޫނު އަސާސީ ދަސްކޮށްގެން ވަކީލުންނަށް ވެފައިތިބި އޭބީސީ ނޭގޭ މީހުންވެސް ފައިދާ ނަގަނީ. މިއީ ޔޫކޭގައި ޕޯސްޓް
ބުއްރާސްޕަރީ
20 November 2024
ގާނޫނު ހެދުމުގެ ޒިންމާ އޮތީ މަޖިލިހަށް. ބާކައުންސިލަކަށް ނޫން. ދަލު ބޭރުން ޖެހެނީ ކީއްވެގެންނޭ؟ ކަލޭމެން ވެސް ބޭނުންވަނީ މަޖިލިސް މާކެޓް ހުޅުވަންތަ؟ އެހެންވިއްޔާ ކަލޭމެންގެ ޙިޔާލެއް ބޭނުމެއް ނުވާނެ. މަޖިލިސް މާކެޓް ހުޅުވި މުއްސަނދިވެފަ ތިބި ކުރީގެ މެމްބަރުން މަދެއް ނޫން.
ދިއްދޫމީހާ
20 November 2024
ބަލަ މީގެކުރިން ހަމަ ތިޔަ ގާނޫން ފާސްކުރިއިރު ތިޔަ ބޯ ކައުންސިލަކުން ނޫސް ބަޔާނެއް ނުނެރޭ ހަމަ ތިމާމެން ހިތްޕުޅާ ނުވާ ބަޔަކު ވެރިކަމަށް އެރީ ހަމަ ބަޔާން ނެރެންވީ ހަމަ އެވާހަކަ ބުނެލީ ވަރަށް ސަލާމް..
ޏަނާ
20 November 2024
ތީ އުވާލަންޖެހޭ ތަނެއް! ހަމަ މި ހުރިހާ ދުވަހު އަދި ކަނޑު ގެއްލުވާލިއިރުވެސް ހަމަ ތިބިއޭ މި މީހުން ހައްޕު ކިޔައިގެން!
ސައިމާ
20 November 2024
ފިކުރާއި ޚިޔާލުގެ ތެރޭން ބަޣާވާތަށް ފުރުސަތު ދީގެން ނުވާނެއޭ
1181
20 November 2024
ބާ ކައުންސިލަކީ އުވާލަންވެއްޖެ ތަނެއް. ފޮނުވާ ސިޓީ އަކަށް ޖަވާބެއް ދެނީކީއެއް ނޫން. ނަންނަމުގައި ވަކީލުން އަތުން ބޮޑެތި ފީތައް ނަގައިގެން ކުރަނީ ޖެއްސުން. މި މީހުން ކުރަންޖެހޭ ކަންކަން ނުކޮށް ގައުމުގައި އޮތިއްޔާ އޮތް އެހެން ކަންކަމާއިގެންތަ ލާހޫރެންވީ؟؟؟؟
ސބސބބ
20 November 2024
އެއީ މިކަހަލަ ކަންކަމުގައި ބެހިގަންނަ ތިބޭ ބަޔެއް.
ސަފޫލް
20 November 2024
ވޯޓްލީ ދާއިރާގެ ރައްޔިތުންނަށް އެހައްގު ދޭންޖެހޭ..ކަމާނުގުޅޭ 6އެއްކަ މީހުންނަށް އެބާރު ދެވިގެން ނުވާނެ..ރައީސް މުށުތެރެއަށް ހުރިހާ ކަމެއް..