ސުޕްރީމް ކޯޓު: ގާނޫނުއަސާސީގެ އިސްލާހު ބާތިލުކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފައި
27 ނޮވެމްބަރ 2024 - 11:27
ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފި އެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިނެވެ.
މައްސަލަ ހުށަހެޅުއްވި އަލީ ހުސެއިން ވިދާޅުވެފައިވާ ގޮތުގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހު ފާސްކުރި އިސްލާހު ގާނޫނުއަސާސީއާ ހިލާފު އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ވެސް ހިލާފަށް ކަމަށްވާތީ އެވެ.
މި މައްސަލައިގެ ތެރެއަށް ތަދަހުއްލުވުމަށް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީން ވަނީ ހުށަހަޅައިފަ އެވެ.
ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގައި ބުނާ ގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ އެވެ.
މީގެ އިތުރުން ގާނޫނުއަސާސީގެ މުހިންމު މާއްދާތަކަށް އިސްލާހު ގެންނައިރު، ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ ކަމަށް އޮންނަ މާއްދާ އިސްލާހުކުރާ ނަމަ، އެކަމަށް ވެސް ރައްޔިތުންގެ ރުހުން ހޯދަންޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފައިވެ އެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅި އިސްލާހުގެ ދަށުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ނުވަތަ އީއީޒެޑަށް ބަދަލެއް އަންނަ އެއްވެސް ކަމެއް ކުރެވޭނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ގޮސްގެން ކަމަށް ވެސް ގާނޫނުއަސާސީ ބަދަލުކޮށްފައިވެ އެވެ.
އެންމެ ފަހު އިސްލާހެއްގެ ގޮތުން ގާނޫނުއަސާސީއަށް ގެނެސްފައިވަނީ ބޭރުގެ ސިފައިން ރާއްޖޭގައި ހިންގާ ތަމްރީނަކަށް ފިޔަވައި އެހެން އެއްވެސް ސިފައެއްގައި، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެން މެނުވީ ހަރަކާތްތެރި ނުވެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކޮށްފައިވެ އެވެ.
މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ އެއް ދުވަސް ތެރޭގައި ބަހުސާއި ކޮމިޓީ މަރުހަލާގެ މަސައްކަތްތައް ނިންމުމަށް ފަހު އެވެ. އެއީ މިހާތަނަށް ގާނޫނުއަސާސީއަށް އެންމެ އަަވަހަށް ގެނައި ބަދަލެވެ. އެ ދުވަހު ބިލް މަޖިލީހުން ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބިލް ތަސްދީގު ވެސް ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެތީމޭނެތީމޭ
28 November 2024
ސްޕްރީމް ކޯޠުގެ ފުރާޅު ޓިނުތައް ނަގާ ހޫރާލީ މަމެން ޕިންކީންގެ ވެރިކަމުގައި ކަން ތަމެންނަށް މަމެން ހަނދާން ކޮށްދޭން ބޭނުންވެއަެ ބުނަން މަމެން ނެތީމޭ
ސައިބޯނި
27 November 2024
ހަދާނެ ނަހަދާނެ ގޮތެއް ނޭގިގެން ލާހޫރެނީ، ވެރިކަން ދިފާއު ކުރަން ޖަހާމަޅި ބޮލަށް ފެތޭތަން ދޯ މިފެންނަނީ، ތާއީދު ގެއްލޭކަމުގެ ނިސާންތަށް މިހާރު އެބަ ފެނޭ..
ސިނާ ހައްސާން
27 November 2024
ނަމުން ތިންބާރު ކަމުން ޑިމޮކުރަސީ އެ ބުނެ ގެނައި ފެހި ގާނޫނު އަސާސީ އިސްލާހުކުރި އިރު ކިހާވަރެއްގެ ގާނޫނީ ތަޖްރިބާ ނެތި މަޖިލިސްގައި މިފަދަ ގާނޫނު އަސާސީއެއް ނިންމި އިރު މުޅި ނިޒާމް މިވަނީ ފެއިލްވެފައި އެވެ. އަދި ރައިސަކަށް ހުންނަ މީހާއަށް ލެއްވިހާ ބާރެއް އޮތް ޤާނޫނު އަސާސީގެ ސަބަބުން ރައްޔިތުންގެ ތިންބާރު ތަޅުއެޅުވި ރާއްޖެ މިދަނީ ގޯސް މިސްރާބަކަށް ރައްޔިތުން ބުނަންފަށާއިފި ، ތި މައްސަލައިން ވެސް އޮތީ ބޮޑެތި މައްސަލަ އެވެ.
ވަކީލްް
27 November 2024
ސްޕްރީމް ކޯޓުގެ މިނިވަންކަން ޓެސްޓު ކޮށްލަން ލިބޭ ދުރުސަތެކެވެ. އަދި ފަނޑިޔާރުން ޔުނިވާސީޓިން ކިޔެވި ކިޔެވުން ހަނދާނުގައި ހުރިތޯވެސް ބެލުމަށް ލިބޭ ފުރުސަތެކެވެ.
ތަގުނޑި
27 November 2024
މައްސަލަ ނިމޭގޮތަކުން ފަޑިޔާރުން ގެޔަށް ދާން ނުޖެހިއްޖެނަމަ ކިތައްމެހާވެސް ރަގަޅެވެ. ކަންކަން މިދާ މަގަށް ބަލާއިރު މައްސަލަ ނިމޭތާ ދެތިން ހަތަރު ގަޑިއިރުތެރޭގައި ފަޑިޔާރުން މަގާމުން ވަކިވެސް ކޮށްފާނެއެވެ. މަޖިލީހުން ކަމެއް ނިންމުން މިއޮތީ ކައިފަ ވައެއްލުންހާ ފަސޭހަވެ އަވަސް ވެފައެވެ.
ކިމް
27 November 2024
ކަލޯ ފަނޑިޔާރުން ވަކިކުރެވޭނީ އެ މައްސަލަ ޖޭއެސްސީ އިން މަޖިލީހަށް ފޮނުވުއްޔާއެވެ. ޢަމިއްލަޔަކަށް އިނީޝިއޭޓް ނުކުރެވެއެވެ
ގޮރުނުދޯރު
27 November 2024
މަޖިލީހުގެ މެންބަރަކު އެ މެންބަރެއްގެ ސިޔާސީ ފިކުރު ބަދަކުރުމަކީ އެއްވެސް ހާލެއްގަ ގޮނޑި ގެއްލެންޖެހޭ ސަބަބެއް ކަމަށް ބެލޭނެ ހަމައެއްނެތް. އަދި ޕާޓީޢެއްގެ މެންބަރެއްގެ ގޮތުގަ ހުރެ މަޖިލީހުގަ ޕާޓީގެ ގިކުރާ ޚިލާފަށް ވޯޓު ދިނުމަކުން ނުވަތަ ޝުއޫރު ފާޅުކުރުމަކުން ވެސް ގޮނޑި ގެއްލެންޖެހޭ ހަމައެއް ނެތް. ހަމަމުއާއެކު ފައިސާއާ އެކި ކަހަލަ ނުފޫޒުގަ ނުޖެހި މިނިވަންކަމާއެކު މަޖިލީހުގަ ވަކާލާތު ކުރުމަކީވެސް ދާއިރާގެ ރައްޔިތުންގެ ހައްގުގަ ކުރަންޖެހޭނެ ކަމެއް.
ފަނާރު
27 November 2024
ބޭނުންވާ ކަމެއް ގާނޫނު ބަދަލުކޮށްގެންވެސް ކުރަން ނިންމައިގެން ވެރިމީހާ ހުންނެވީ، ވީމާ ދިހަވަރަކަށް ގަޑިއިރުތެރޭގައި ގާނޫނު އަސާސާސީގެ ހަތަރުފަސް މާއްދާ ބަދަލުކޮށްލުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ސްޕްރީމްކޯޓްގެ ތި ނިންމުން އަންނަގޮތަކުން ފަޑިޔާރުން ގޮނޑީގަ އިތުރަށް ތިބެވިދާނެތޯއާމެދު ސުވާލު އުފެދެއެވެ. ކޮންމެ ވެރިކަމަކާއެކު މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކުގައި ތިބި މީހުންނާއި ފަޑިޔާރުންގެ މަގާމު ގެއްލުވާލުމުގެ ސަގާފަތެއްއޮތީ
ހޯހޯ ކަމް
27 November 2024
ސުވާލަކީ ކޯޓްތަކަކީ ޤާނޫން އަސާސީން އުފެދި ޤާނޫން އަސާސީއާއެއްގޮތަށް ހިގަންޖެހޭތަނަކަށްވާއިރު، ޤާނޫން އަސާސީ ރަންގަޅޫތޯ ނުވަތަ ނޫންތޯ ނިންމިދާނެތޯ،
ކޯކޯ
27 November 2024
ޤާނޫނުއަސާސީއަށް ގެނައި އިސްލާހުގެ އިޖުރާއާތު ރަނގަޅުތޯ ނުވަތަ ނޫންތޯ ސުޕްރިމް ކޯޓަށް ނިންމި ދާނެ ދޯ؟ މާދަމާ ޤއއަށް ގެންނަ އިސްލާހެއްގަ ލިޔަންވީ ޤާނޫނުއަސާސީގެ މައްޗަށް އަމުރު ހިނގާނޭ ރައީސްގެ ގަރާރުތައް. ދެން އެހިސާބުން ހަމަ އަތް އުރައިލައިގެން ތިބެންވީ؟ ޤާނޫނުއަސާސީއާ ކުފޫ ހަމަ ނުވާ އިސްލާހެއް ހުށަހެޅުމަކީވެސް އެ ބަލައިގަތުމަކީވެސް އެއަށް ވޯޓަށް އެހުމަކީވެސް އެފާސްކުރުމަކީ ވެސް ޤާނޫނުއަސާސީއާ ޚިލާފު ކަމެއް. އެއިޖުރާއާތު ސ.ކޯޓަށް ބާޠިލުކުރެވޭނެ.