"ފަޒީސް ހިޖާމާ ތެރަޕީ" ހުއްޓުވި މައްސަލާގައި އިދާރާތަކާ ދެކޮޅަށް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފައި
11 ޑިސެމްބަރ 2024 - 13:34
ހިޖާމާ ޖެހުމުގެ ހުއްދަ ދައުލަތުގެ އިދާރާތަކުން ނުދޭ މައްސަލާގައި ފަޒީލާ އުސްމާން (ފަޒީސް ހިޖާމާ) އިން ސިވިލް ކޯޓަށް ޖުޑީޝަލް ރިވިއުގެ މައްސަލައެއް ހުށަހަޅައިފި އެވެ.
ފަޒީލާ ހިންގާ "ފަޒީސް ހިޖާމާ ތެރަޕީ" ހުއްދަ ނުނަގާ ހިންގާ ކަމަށް ބުނެ ހެލްތު މިނިސްޓްރީން ފުލުހުންގެ މެދުވެރިކޮށް އެ ތަން ބަންދުކުރަން އިންޒާރު ދީފައިވެ އެވެ. އަދި ގާނޫނާއި ގަވާއިދާ އެއްގޮތަށް ހުއްދަތައް ނަގައިގެން އެ ހިދުމަތް ދޭން ފަޒީލާއަށް ފުލުހުން އަންގާފައިވާތީ، އޭގެ ފަހުން އެތަނުގެ ހިދުމަތެއް ނުދެ އެވެ.
އެ މައްސަލާގައި ފަޒީލާގެ ފަރާތުން މިދިޔަ ހޯމަ ދުވަހު ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ގިނަ ނުކުތާތަކެއް ފާހަގަކޮށް، ހައްލުތަކެއް ހޯދައިދިނުމަށް ވަނީ އެދިފަ އެވެ.
ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައިވާ ގޮތުގައި ހިޖާމާގެ ހިދުމަތް ހުއްޓާލަން ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނާއި ސިއްހީ ހިދުމަތުގެ ފްނަނީ މަސައްކަތްތެރިންގެ ގާނޫނުގެ ދަށުން މިނިސްޓްރީން އަންގާފައިވާ އެންގުމަކީ ގާނޫނާ އެއްގޮތަށް އެންގި އެންގުމެއް ނޫން ކަމަށެވެ. އަދި ހެލްތު މިނިސްޓްރީން އެދިގެން ކަމަށް ބުނެ ފުލުހުން އޭނާއަށް އެންގި އެންގުމަކީ ވެސް ގާނޫނީ އިމުގެ ތެރޭގައި އޮތް އެންގުމެއް ނޫން ކަމަށް މައްސަލާގައި ބުނެފައިވެ އެވެ.
ދައުވާގައި ފަޒީލާ އެދިފައިވަނީ:
- ހިޖާމާގެ ހިދުމަތް ހުއްޓުވާލުމުގައި މިނިސްޓްރީން އިހުމާލުވެފައިވާ ކަމަށް ކަނޑައަޅައިދިނުން
- ހިޖާމާގެ ހިދުމަތަކީ ހުއްދަ ނަގައިގެން ކުރަން ޖެހޭ މަސައްކަތެއް ނޫން ކަން ކަނޑައަޅައިދިނުން
- ހިޖާމާގެ ހިދުމަތަކީ ހުއްދަ ނަގަން ޖެހޭ ހިދުމަތެއް ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ނަމަ، އެ ހުއްދަ ނުދީ ހިފެހެއްޓުމުގައި މިނިސްޓްރީން އަމަލުކުރީ ގާނޫނު އެއްގޮތަށް ނޫން ކަމަށް ކަނޑައަޅައި ދިނުން
- މިނިސްޓްރީ އާއި ފުލުހުން އަމަލުކުރި ގޮތުން އޭނާގެ ނަމާއި ކުރަމުންދިޔަ މަސައްކަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައިދިނުން
ފަޒީލާ ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ސިއްހީ ދިނުމަށް ދިނުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި ހިޖާމާއަކީ ސިއްހީ ހިދުމަތެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ކަނޑައަޅާފައިނުވާ ކަމަށެވެ. އަދި ރަޖިސްޓްރީކޮށްގެން ދޭންޖެހޭ ސިއްހީ ހިދުމަތްތައް ކޮންމެ އަހަރަކު އެއްފަހަރު އިއުލާން ކުރަން ޖެހޭ ކަމަށް ގާނޫނުގައި ބަޔާން ކުރާއިރު، އެކަން މިނިސްޓްރީން ކޮށްފައިނުވާ ކަމަށް އެ ދައުވާގައިވެ އެވެ.
މީގެ އިތުރުން ސިއްހީ މަސައްކަތްތެރިން އެ މީހަކު ނިސްބަތްވާ ކައުންސިލްގައި ރަޖިސްޓްރީކުރަން ވާނެ ކަމަށް ގާނޫނުގައި ބަޔާން ކުރާއިރު، 2015 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނުގެ ދަށުން މިހާތަނަށް ވެސް އެކަމާ ގުޅޭ ގަވާއިދުތައް މިނިސްޓްރީން ހަދާފައިނުވާ ކަމަށް ދައުވާގައި ފާހަަގަކޮށްފައިވެ އެވެ.
"ގާނޫނުގައި ބުނާ ފަދަ ގަވައިދު ހަދާ އާންމުކޮށްފައި ނުވާތީ، ހިޖާމާ ޖަހާ މީހަކު ހުއްދަ ހޯދުމަށް ހުށަހަޅަން ޖެހޭނެ މައުލޫމާތުތަކަކީ ކޮބައިކަމާއި ލިޔުންތަކަކީ ކޮބައިކަން އެނގޭކަށް ނެތް،" ދައުވާގައިވެ އެވެ.
ފަޒީލާގެ ދައުވާގައި ވަނީ ހުއްދަ ހޯދަން ޖެހޭ ކަމަށް މިނިސްޓްރީން އަންގަމުންދާތީ ހުއްދަ ހޯދުމަށް އޭނާ މަސައްކަތް ކޮށްފައިވާނެ ކަމަށާއި ނަމަވެސް، އެކަމަށް ބޭނުންވާ ގަވާއިދުތައް ހެދިފައި ނުވާތީ ކަމަށް ބުނެ ހުއްދަ ދެވެން ނެތް ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
ހިޖާމާގެ ހިދުމަތް ދެމުން ދިޔައިރު ފަޒީލާއަށް އަމާޒުވި އެންމެ ބޮޑު އެއް ފާޑު ކިޔުމަކީ އޭނާ އެކަން ކުރަމުން ދަނީ އެއްވެސް ތައުލީމެއް ހޯދުމެއް ނެތި ކަމަށް ބުނާ ތުހުމަތެވެ. އެ ތުހުމަތަކީ ގޯސް ވާހަކަތަކެއްކަން ފާހަގަކޮށް، އެ ދައުވާގައި ފަޒީލާގެ ފަރާތުން ބުނެފައިވަނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން އޭނާ ހިޖާމާގެ ފަރުވާއާ ގުޅޭ ތައުލީމް ހާސިލްކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ ލިޔުންތައް މިނިސްޓްރީން ބަލައިނުގަނެ، ހުއްދަ ހިފަހައްޓާފައިވަނީ އެކަމަށް ހަދަން ޖެހޭ ގަވާއިދު ވެސް ނުހަދާ ތިބެކަން ދައުވާގައި ބުނެފައިވެ އެވެ.
"ފަޒީސް ހިޖާމާ ތެރަޕީ"ގެ ހިދުމަތް ހުއްޓުވާފައި ވާއިރު، މިހާރު ވެސް އެކި ކްލިނިކްތަކާއި އަމިއްލަ މީހުން ހިޖާމާގެ ހިދުމަތް ވަރަށް ފާޅުކޮށް އިޝްތިހާރުކޮށް އެ ހިދުމަތް ދެމުންދެ އެވެ. ނަމަވެސް، އެ ކަންކަން ނުހުއްޓުވާ ހަމައެކަނި ފަޒީލާގެ ހިދުމަތް ހުއްޓުވާފައިވަނީ ގާނޫނު ތަންފީޒު ކުރުމުގައި އެންމެންގެ މެދުގައި ގެންގުޅެން ޖެހޭ ހަމަހަމަ ކަމުގެ އުސޫލާ ހިލާފަށް ކަމަށް ވެސް އެ ދައުވާގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަތަރާސީ
13 December 2024
ފަޒީސް ހިޖާމާ ތެރަޕީ ހުއްޓާލަން އަންގާފަ އޮތަސް އެހެން ކްލިނިކު ތަކުގައާއި އަމިއްލަ މީސްމީހުން ހިޖާމާ ޖަހައޭ ފަޒީލާ ބުނާއިރު ، މީސްތަކުން ގަބޫލެއް ނުކުރާނެ ފަޒީލާވެސް ހިޖާމާ ނުޖަހާ ހުރެދާނެ ކަމަކަށް . ފަޒީލާވެސް ހިޖާމާ ޖެހުނު ގޮތަކަށް ޖަހާނެ. ބިޑި އަޅުވައިގެން ޖަލަށް ގެންދިޔަސް ހިޖާމާ ޖެހުން ހުއްޓާނުލާނަމޭ ބުނި މީހެއް ތި ފަޒީލާ ތީ.
ވާންޗޯ
12 December 2024
ވަރަށް ރީތި ފޮޓޯ އެއް ތީ
ޙުވައި
13 December 2024
މި ފޮޓޯވެސް މީ އެހެންމީހެއްގެ ފޮޓޯއެއް. ފަޒީލާ ގެ ޕްރޮފައިލް އަށް އެމީހާ އެބައޮތް މި ފޮޓޯ ބޭނުން ނުކުރަން ކޮމެންޓް ކޮށްފަވެސް. ލަދެއްނުގަނޭ
ޖާމަ
12 December 2024
"ފަޒީލާ ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ސިއްހީ ދިނުމަށް ދިނުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދު" މި ގަވާއިދުގެ ކޮޕީ އެއް ލިބިދާނެތޯ؟
އޯކޭ1
12 December 2024
ސަރުކާރުން މީނަފަހަތުން މިހާވަރަށް އުޅޭނީ މީނަ ކޮންމެވެސް ކަމެއް މާރަނގަޅަށް ކުރާތީ! ހެލްތް މިނިިސްޓްރީ އަކީ އެޒާތުގެ ބައެއް. އައި އޭމް ވިތް ފަޒީ! ޖަސްޓިސް ފޯ ފަޒީ!
ހުރަސް
12 December 2024
މިމަންޖެ ކޮންބާރެއް ލިބިގެންތަ ޤާނޫނުތަކަށާއި ޤަވާއިދުތަކަށް ބޯނުލަމބަން މިއުޅެނީ. މަންޖޭ އެނގޭތަ މޮޓޯއެއް އޮވޭ "އުޅެންޏާ ޖެހޭނީ ކުރަން" މަންޖެވެސް ކުރަންޏާޖެހޭނީ ޤަވާއިދު ތެރެއަށވަންނަން
ނަށީދު
12 December 2024
ބޮޑު ސްކޭމެއް ތީ!
ބައްޕީސް ހިޖާމާ
11 December 2024
އޮންލައިންކޮށް ނުވަތަ ޔޫޓިއުބުން ކޯސް ހަދައިގެން ސަރޖަރީ އެއްޗެހި ހެދުންވެސް ހުއްދަ ކޮށްދިނުމަށް ކޯޓުގައި އެދުނު ނަމަ!
ނަޓްސް
12 December 2024
ރާއްޖޭގަ މެޑިސިން ކިޔަވާ ދަރިވަރުން ސާޖަރީ ދަސްކުރަނީ އޮންލައިންކޮށް!
އަލި
11 December 2024
އިސްލާމް ދީން ނަހަމަ ގޮތުގަ ބޭނުން ކޮށްގެން މީހުން ހައްލާގެން ލާރި ހޯދުމަކީ ކޮންކަހަލަ ކަމެއްތޯ؟
ޢއރފ
11 December 2024
ހަށިގަނޑުގެ ތނެ ތނ ކަފާ ލޭ ނެގުމަކީ ހުއްދަނެތި ކުރެވޭނެ ކަމެއް ނޫން އަދި ނިބައިކޮށް ހިޖާމާ ޖެހުމުގަ އަމަލު ކޮއްފިއްޔާ ގެއްލުންވާ ކަމެއް މިއީ
ކަހެރުވައް
11 December 2024
ސުވާލަކީ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ނެހެދި އޮތީ ކީއްވެހޭ؟ މިނިސްޓްރީން ނުސީދާކޮށް ތިބުނަނީ މިނިސްޓްރީއަށް ގަވާއިދު ހެދެންދެން ޚިދުމަތް ހުއްޓާލާށޭ. ގަވާއިދު ހެދޭނެ ދުވަހެއް އެނގެނީއެއް ނޫން. ހައްތަހާވެސް ކަލް ދޯ ބަޖޭ އާއޯ.