10 މެއި 2022 - 09:43
ބައިގެން ދިއުމާއި ދަރިން ނުލިބޭ މައްސަލަތަކުން ފެށިގެން ހަމުގެ ބަލިތަކާއި ކިޑްނީގެ ބަލިތަކާއި ބޭހަކާއި ނުލައި އޯވަރީން ސިސްޓް ނެގުން ފަދަ އެތައް ސިއްހީ މައްސަލައެއްގެ ހައްލަކީ ހިޖާމާ ކަމަށް ބުނެ "ފަޒީސް ހިޖާމާ ތެރަޕީ" އިން އެކަން ޕްރޮމޯޓްކުރަމުން ދާތާ އެތައް ދުވަހެއްވީ އެވެ. ޑޮކްޓަރީ ބާރުގަދަ ބޭސްތަކުގެ ބަދަލުގައި އޭނާގެ ގާތުން ހިޖާމާ ޖަހައިގެން ރަނގަޅުވާ ކަމަށް ބުނެ ކްލައިންޓުންގެ ރިވިއުއާ ވެސް އާންމުކުރެ އެވެ.
އެކަމަކު ކުއްލިއަކަށް މައްސަލަ ހޫނުވީ، ހަކުރު ބަލީގެ ފަރުވާ އަށް އިންސިއުލިން ޖެހުމުގެ ބަދަލުގައި ހިޖާމާ ޖެހުމަށް އެދި އެ ސެންޓަރުން ފޭސްބުކްގައި ލިޔުނު ޕޯސްޓަކާ ގުޅިގެންނެވެ. ޑައިބެޓިކްސް ސޮސައިޓީ އާއި ހަކުރު ބަލީގައި އުޅެމުން އަންނަ މީހުންނާއި އެތައް ބަޔަކު އެކަމުގެ ނުރުހުން ފާޅުކުރަމުން ދަނީ މީހެއްގެ ފުރާނަ ނުދަނީސް އެކަން ހުއްޓުވުމަށް ގޮވާލަމުންނެވެ.
ޑައިބެޓީސް އަކީ ހިޖާމާ އިން ކޮންޓްރޯލް ކުރެވޭ ބައްޔެއް ކަމަށާއި ބާރުގަދަ ބޭސްތައް ބޭނުން ކުރުމުގެ ބަދަލުގައި ހިޖާމާ ބޭނުން ކުރުމަށް ފަޒީސް ހިޖާމާ އިން ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
އެ މައްސަލަ ފެންމަތިވެ، ޑައިބެޓިކްސް ސޮސައިޓީން ބުނެފައި ވަނީ ހިޖާމާއަކީ އިންސިއުލިންގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. ވަކިން ހާއްސަކޮށް ޓައިޕް 1 ޑައިބެޓިކްސްގައި އުޅޭ މީހުންނަށް އިންސިއުލިން، އެންމެ ދުވަހެއްގައި ދޫކޮށްލިޔަސް، އެއީ ވަރަށް ނުރައްކާތެރި ކޮމްޕްލިކޭޝަންސް ދިމާވެދާނެ ކަމެއް ކަމަށް އެ ސޮސައިޓީން ބުންޏެވެ.
"ތިގޮތަށް [ފަޒީސް ހިޖާމާ ތެރަޕީގެ ޕޯސްޓް] މައުލޫމާތު ފެތުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް. މީހެއްގެ ފުރާނަ ވެސް ގެއްލިދާނެ،" ހެލްތު މިނިސްޓްރީ ޓެގްކޮށް ޑައިބެޓިކްސް ސޮސައިޓީން ކުރި ޓްވީޓްގައިވެ އެވެ.
Hijama is by no means a replacement to taking insulin, especially to people living type 1 diabetes. Missing a single days insulin could lead to life threatening complications. Spreading such misinformation is not only dangerous , but may end up costing a life.” @MoHmv pic.twitter.com/uA8K3th4xw
— DSM (@dsmaldives) May 7, 2022
އެ މައްސަލައާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް ތަސްލީމާ އުސްމާން ވިދާޅުވީ ފަޒީސް ހިޖާމާ ތެރަޕީއަކީ ރެޖިސްޓްރީ ވެސް ނުކުރާ ތަނެއް ކަމަށެވެ. އެތަނަށް ރަޖިސްޓާކޮށް ގަވައިދުގެ ތެރެއަށް ވެއްދުމަށް މީގެ ކުރިން ވެސް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ގަވާއިދުގެ ބޭރުން ހިންގަމުން އަންނައިރު ވެސް އެތަނާ މެދު އެޅި ފިޔަވަޅެއް މިނިސްޓްރީއަކަށް ނުބުނެވުނެވެ.
މިހާ ގިނަ ދުވަސްވަންދެން ކަމާ ބެހޭ ފަރާތްތަކުން ނަގަން ޖެހޭ ހުއްދަ ނުނަގައި ވިޔަފާރިކޮށް ބޮޑު އާމްދަނީއެއް ހޯދަމުން އަންނައިރު ފަޒީލާއަކީ ހިޖާމާ ޖެހުމާ ގުޅޭ އެއްވެސް ކޯހެއް ފުރިހަމަކޮށްފައިވާ މީހެއް ނޫނެވެ. އޭނާ އެކަން ކުރަން ދަސްކުރީ އަމިއްލަ އަށް މީހުން އެކަން ކުރާ ގޮތް ބަލައިގެން އަމިއްލަ "ޔުނިކް ޓެކްނިކް"ތަކަކާ އެކު ކަމަށް ފަޒީލާ ބުނެ އެވެ.
"އަމިއްލައަކަށް ފަރުވާދޭން ދަސްކުރީ. އޭތި ސަކްސެސްވީ. ބަޔަކަށް މީތި ކާމިޔާބުވާތަން ފެންނަން ފެށީމަ ހިދުމަތް ހޯދާ މީހުން ގިނަވާނެ. ހަމަ ފަޒީލާ ބެރެއް ޖަހާލާއިރަކަށް އަންނާނެ މީހެއް ނުހުންނާނެދޯ ހިދުމަތް ހޯދާކަށް،" އޭނާ ބުންޏެވެ.
އަމިއްލައަކަށް ފަރުވާދޭން ދަސްކުރީ. އޭތި ސަކްސެސްވީ. ބަޔަކަށް މީތި ކާމިޔާބުވާތަން ފެންނަން ފެށީމަ ހިދުމަތް ހޯދާ މީހުން ގިނަވާނެ. ހަމަ ފަޒީލާ ބެރެއް ޖަހާލާއިރަކަށް އަންނާނެ މީހެއް ނުހުންނާނެދޯ ހިދުމަތް ހޯދާކަށް -- ފަޒީލާ
ފަޒީލާ، "މިހާރު" އަށް ބުނީ އޭނާ އެންމެ ފުރަތަމަ ހިޖާމާ ޖަހައިދޭން ފެށީ ގޭގެ ކޮޓަރިއެއްގައި ކަމަށާއި އެކަމަކު ސިއްހީ ހިދުމަތެއް ދޭއިރު އެގޮތަށް ހިދުމަތް ދިނުމަކީ ސިއްހީގޮތުން ބެލިޔަސް އެހާ ރަނގަޅުކަމެއް ކަމަށް ނުފެންނާތީ މިނިސްޓްރީން އޭނާއާ ބައްދަލުކުރި ކަމަށެވެ.
"2016 ގައި ހިދުމަތް ފެށިއިރު ދުުވާލަކަށް 25-30 ޕޭޝަންޓުން ގެއަށް އާދޭ. އަޅުގަނޑު ހަމަ ގޮނޑި ޖަހާލާފައި ހުންނާނީ ގޭގައި. ކައިބޮއެ ނިދާ ތަނުގައި އެކަން ކުރާތީ ބަޔަކު މައްސަލަ ޖައްސައިގެން މިނިސްޓްރީއަށް އުނދަގޫ ބޮޑުވީ އަޅުގަނޑު ގޭގައި ހިޖާމާ ޖަހާތީ."
ފަޒީ އޭނާގެ ހިޖާމާ ކްލިނިކްގައި
އެ ފަހަރު މިނިސްޓްރީން އޭނާއާ ބައްދަލުކޮށްފައި އެންގީ ތަނެއް ހުޅުވައިގެން އެ ހިދުމަތް ދޭން ކަމަށް ފަޒީލާ ބުންޏެވެ. ދެހާސް ނަވާރައިގައި ކްލިނިކް ހުޅުވީ އެ ހުއްދަ ނަގައިގެން ހިޖާމާ ޖެހިދާނެ ކަމުގެ އުއްމީދުގައި ކަމަށާއި އެކަަމަކު ހިޖާމާ ޖަހައިގެން އެތައް ތަޖުރިބާއެއް ލިބި، އެކަން "ވައިގައި" ހިފިޔަސް އެ ދާއިރާއިން ކިޔަަވައި ސެޓްފިކެޓެއް އަތުގައި ނެތުމުން ހުއްދަ ނުލިބުނު ކަމަށް ފަޒީލާ ބުނެ އެވެ.
"2019 ގައި އަޅުގަނޑަށް ތަނެއް [ކްލިނިކް] ހުޅުވޭވަރުވީ. ދޮޅު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކްލިނިކް ހުޅުވީ. ހުއްދަ އަށް އެދުނީމަ ބުނީ ހުއްދައެއް ނުލިބޭނެއޭ ސެޓްފިކެޓް ނެތި. ދެން އަޅުގަނޑު އަތުގައި ސެޓްފިކެޓެއް ނެތް. އަޅުގަނޑަކީ އޯލެވެލް ނިންމާފައި ހުރި މީހެއް. އެކަމަކު ތަޖުރިބާ ހުރީމަ ހުރީ ވައިގައި ހިފާފައި،" ކްލިނިކެއް ހުޅުވާ ނަމަ، ސެޓްފައިޑް ވާން ޖެހޭނެ ކަމަށް މިނިސްޓްރީން އަންގައި އަމަލުކުރި ގޮތް ކިޔައިދެމުން ފަޒީލާ ބުންޏެވެ.
"...ވާގޮތަކީ މިކޮޅުގައި ޑިމާންޑު އޮތީމަ އަޅުގަނޑު ވެސް ބޭނުންނުވޭ ކިޔަވަން ދާކަށް. އެގޮތަށް ފަރުވާދީދީ ގޭގައި ވެސް ހުރީމު އަޅުގަނޑު."
އެކަމަކު ބަޔަކަށް ހިދުމަތެއް ދޭނަމަ ސެޓިފައިވާން ޖެހޭނެ ނޫންތޯ ސުވާލުކުރުމުން ފަޒީލާ ބުނީ އެކަމަށް ވެސް އޭނާ އެއްބަސް ކަމަށެވެ. އެކަމަކު ރާއްޖޭގައި މެޑިކަލް ކްލިނިކް ހުޅުވުމަށް ޑޮކްޓަރުން ނޫން އެހެން މީހުންނަށް ވެސް ފުރުސަތު ލިބި އަދި ބޭރުން ތަޖުރިބާ ހުރި މީހުން ގެނެސްގެން ވެސް ކްލިނިކް ހުޅުވަން ފުރުސަތު އޮންނައިރު އެ މަގުން ދާން ވެސް ފުރުސަތު ނުލިބުނީ އޭނާ އަށް ކަމަށް ބުނެ ފަޒީލާ ކަންބޮޑުވި އެވެ.
"ރާއްޖޭގައި އެބަހުއްޓޭ ހިޖާމަ ޖަހަން ހުއްދަދީފައި ކޮޓަރިއެއް ވަރުގެ ތަންކޮޅެއް. ސެޓްފިކެޓް ނެތް ބަޔަކަށް 2008 ގައި ހުއްދަދީފައި އެބަ އޮތް. އެ މީހުންގެ ހުއްދަ ހެލްތު މިނިސްޓްރީން މަށަށް ދައްކާ. އަޅުގަނޑު ބުނީ އަޅުގަނޑު ވެސް ބޭނުމީ ހަމަ އެ ހުއްދައޭ. ފަޒީލާގެ ކްލިނިކަށޭ ހުއްދަ ބޭނުމީ."
މި ވަގުތު ސެޓްފިކެޓެއް ނެތް ނަމަވެސް ފަޒީލާ ބުނީ ޔޫކޭގެ ހިޖާމާ ނޭޝަންސް އިން ޑިޕްލޮމާ ކޯހެއް މިހާރު އޮންލައިންކޮށް ކިޔަވަމުންދާ ކަމަށެވެ. އެއީ ދުނިޔޭގައި ވެސް ހިޖާމާއަށް އެންމެ ނަން މަޝްހޫރު އެއް ކޮލެޖް ކަމަށް އޭނާ ބުނެ އެވެ.
މިހާރު ހޫނުވެގެން އުޅޭ މައްސަލަގަނޑާ ގުޅިގެން ފަޒީލާ ބުނީ ހިޖާމާއިން ހަކުރު ބަލި އެއްކޮށް ރަނގަޅުވާނެ ކަމަށް އޭނާ ބުނެފައިނުވާނެ ކަމަށެވެ.
"އިންސިއުލިންގެ ބަދަލުގައި ބޭސް ބޭނުންކުރުމުގެ ބަދަލުގައި ހިޖާމާ ޖަހާށޭ ބުނިން. އެއީ އަޅުގަނޑަށް އޭތި އެކްސްޕީރިއަންސް ކުރެވިފައި ހުރީ. އިންސިއުލިންގެ ބަދަލުގައި ހިޖާމާ އެބަ ޖަހަމުންދޭ. އިންސިއުލިން ނުނަގާ ހިޖާމާ ގަވާއިދުން އެބަ ނަގާ. އެބަހުރި 19 ސެޝަން ހަކުރު ބައްޔަށް ހިޖާމާ ޖަހާފައި މީހަކު. އެއީ ތިން މަހުން ތިން މަހުން ޖަހަން. އެހެރީ ރިކޯޑް ފެންނަން،" ހަކުރު ބައްޔަށް ހިޖާމާ ޖަހަމުންދާ މީހަކާ ގުޅިގެން އޭނާ ބުންޏެވެ.
ހަކުރު ބަލީގެ އިތުރުން ވެސް އެހެން ބަލިތަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ޕޯސްޓްކުރަނީ އޭނާ ކައިރިން ހިޖާމާ ނަގާ މީހުންގެ ތަޖުރިބާ އަށް ބެލުމަށް ފަހު ކަމަށް ވެސް ފަޒީލާ ބުންޏެވެ. އޭގެ ތެރޭގައި ހަމުގެ ބަލިތަކާއި ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ހޯދައިގެން ގިނަ ބަޔަކަށް ކާމިޔާބުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
އެކަމަކު ހިޖާމާއިން ކަމެއް ރަނގަޅުނުވާ ކަމަށް ފާހަގަކުރެވޭ ނަމަ އެކަން ވެސް ދެން އަންނަ ކްލައިންޓުންނަށް އަންގާ ކަމަށް ވެސް ބުނެ އެވެ.
ފަޒީލާ ވަރަށް ޔަގީންކަމާ އެކު ބުނަނީ އޭނާގެ ގާތުން މީހުން ފަރުވާ ހޯދަނީ މެޑިކަލް ސެޓްފިކެޓެއް އޮތްތޯ ބަލާފައި ނޫން ކަމަށެވެ. އޭނާއަކީ ޑޮކްޓަރެއް އަދި ނަރުހެއް ވެސް ނޫން ކަމަށާއި އެކަމަކު ހިޖާމާ ޖަހާ މީހަކަށް އެނގޭ މިންވަރަށް އޭނާއަށް ވެސް މެޑިކަލީ މައުލޫމާތުތައް އެނގޭ ކަމަށް އޭނާ ދެކެ އެވެ. އަދި ބަޔަކު ސުވާލުކޮށްފާނެ ކަމަށް ޖަވާބު ދެވޭނެ މިންވަރަށް މައުލުމާތު އެއްކޮށްފައިވާ ކަމަށް ވެސް ފަޒީލާ ބުނެ އެވެ.
ފަޒީގެ ހިޖާމާ ކްލިނިކްގައި ކުޑަކުއްޖަކު ހިޖާމާ ޖަހަނީ
ފަޒީލާ ބުނީ އޭނާގެ ކްލިނިކުން ޓެކްސް ނެގުމަށް ވެސް މިނިސްޓްރީން މަސައްކަތް ކުރި ކަމަށެވެ. ވަކި ވަރަކަށް ވުރެ ބޮޑަށް އާމްދަނީ ލިބޭ ވިޔަފާރިތަކުން މީރާއިން ޓެކްސް ނަގާތީ އެތަނުން ވެސް ޓެކްސް ނެގުމަށް އިކޮނޮމިކް މިނިސްޓްރީން އުޅުނު ކަމަށާއި އެކަމަކު މީރާއިން ބުނެފައި ވަނީ ސިއްހަތާ ގުޅޭ ކަންކަމުން ޓެކްސް ނުނަގާނެ ކަމަށެވެ.
"މީރާއިން ބުނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި ބައިންދާށޭ. ހެލްތާ ގުޅޭ ކަންކަމަށް ޓެކްސެއް ނުނަގާނެއޭ. އެހެންވީމަ އޭނީ ބައިންދާފައި. އެކަމަކު ހެލްތު މިނިސްޓްރީން އެބަ ބުނޭ އެއީ [ހިޖާމާ] ސިއްހަތާ ގުޅޭ ކަމެއް ނޫނޭ."
ފަޒީލާގެ އޮތް ކަންބޮޑުވުމަކީ ހިޖާމާއާ ބެހޭ އެއްވެސް ގަވާއިދެއް ނުވަތަ ގާނޫނެއް ރާއްޖޭގައި ހެދިފައި ނެތުމެވެ. އެކަމަކު އެކަން ވެސް ނުކުރެވޭ ނަަމަ ހެލްތު މިނިސްޓްރީން މީހުންނާ މެދު ފިޔަވަޅު އެޅުން ހުއްޓާލަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
މިނިސްޓްރީން އޭނާގެ ކްލިނިކަށް ހުއްދަ ނުދިން ނަމަވެސް ރާއްޖޭގެ މީހުންނާއި ބޭރުގެ މީހުން ވެސް އޭނާ ބަލައިގެންފައިވާ ކަމަށާއި އެ މަސައްކަތް ނުހުއްޓުވޭނެ ކަމަށް ފަޒީލާ ބުންޏެވެ.
"މަ އެނދުގެ ކޮޅުގައި އެއް އަރިމަތީގައި މީހަކު ބައިންދައިގެން ވެސް ހިޖާމާ ޖެހޭނެ މީހަކު ހުއްޓުވައިފިއްޔާ. ބަންދެއް ނުކުރެވޭނެދޯ އިންސާނަކު ކާންބޯން ކުރާ މަސައްކަތެއް. ސެޓްފިކެޓެއް ނޫނެއްނު މުހިއްމީ. ތަޖުރިބާ ވެސް މުހިއްމު ދޯ. ދިވެހި ބޭސްކުރާ މީހުންނާއި މަސާޖުކުރާ މީހުންނަށް ހުއްދަ ދެވެންޏާ ހިޖާމާއަށް ކީއްވެ ނުދެވޭންވީ،" އޭނާ ބުންޏެވެ.
މަ އެނދުގެ ކޮޅުގައި އެއް އަރިމަތީގައި މީހަކު ބައިންދައިގެން ވެސް ހިޖާމާ ޖެހޭނެ މީހަކު ހުއްޓުވައިފިއްޔާ. ބަންދެއް ނުކުރެވޭނެދޯ އިންސާނަކު ކާންބޯން ކުރާ މަސައްކަތެއް. ސެޓްފިކެޓެއް ނޫނެއްނު މުހިއްމީ. ތަޖުރިބާ ވެސް މުހިއްމު ދޯ. ދިވެހި ބޭސްކުރާ މީހުންނާއި މަސާޖުކުރާ މީހުންނަށް ހުއްދަ ދެވެންޏާ ހިޖާމާއަށް ކީއްވެ ނުދެވޭންވީ -- ފަޒީލާ
ކޮންމެ ސެޝަނަކަށް 1000ރ. ގެ މަގުން އޭނާ ނަގަމުން އަންނައިރު ދުވާލެއްގެ މައްޗަށް 30،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް އޭނާއަށް ލިބެ އެވެ.
ހިޖާމާއަކީ ސައިޑްއިފެކްޓެއް އަންނަ ކަމެއް ނޫން ކަމަށާއި އަދި ހިޖާމާ ޖަހައިގެން މީހަކު މަރު ވެސް ނުވާ ކަމަށް ބުނެ ފަޒީލާ އޭނާ ދިފާއުވި އެވެ.
މީގެ ކުރިން ފަޒީލާގެ މައްސަލަ ބައެއް މީހުން ސޯޝަލް މީޑިއާގައި އާންމުކޮށްފައި ވަނީ އޭނާގެ ގާތުން ހިޖާމާ ޖެހި ބައެއް މީހުންނަށް ވަރަށް "ރޫޑް"ކޮށް މުއާމަލާތް ކުރި މައްސަލަތަކާ ހެދި އެވެ. ރިވިއު ނުދީގެން ވަރަށް ހަޑިކޮށް އޭނާ ވާހަކަ ދެއްކި މައްސަލަތަކެއް އުޅުނުނަސް ބައެއް މީހުން ވަނީ ފަޒީލާގެ ދިފާއުގައި ވެސް ނިކުމެފަ އެވެ.
ތަޖުރިބާކާރު ބައެއް ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ހިޖާމާ އަކީ، ފަޒީލާ އެ ބުނާ ގޮތަށް ހުރިހާ ބައްޔެއްގެ ހައްލެއް ނޫނެވެ. އެކަމާ ކަންބޮޑުވެ ބައެއް ޑޮކްޓަރުން ވެސް ވަނީ އަމިއްލަ ހިޔާލު ފާޅުކުރައްވައިފަ އެވެ.
ހިޖާމާއަކީ ވެސް ބައެއް ބަލިތަކަށް އޮތް ފަރުވާއެކެވެ. ހާއްސަކޮށް ލެއިން ދިމާވާ އެކި މައްސަލަތަކަށް ދެވޭ ފަރުވާއެކެވެ. ދުނިޔޭގެ ބޮޑެތި ހޮސްޕިޓަލްތަކުގައި ވެސް ހިޖާމާ ޖަހަ އެވެ. އެކަމަކު ހިޖާމާ އަކީ ހުރިހާ ބައްޔަކަށް ފަރުވާއެއް ނޫނެވެ. އަދި ކޮންމެ ކޮންމެ ބައްޔަކަށް ހިޖާމާ ޖެހުމަކީ ފުރާނަ އަށް ވެސް އޮތް ނުރައްކަލެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިނިމަލް
13 May 2022
ތި ބުނީ ފަޒީސް ކުލިނިކުން 3 އަހަރު ތެރޭ 32 މިލިޔަން ރުފިޔާ ހޯދައިފައި ހުންނާނޭތަ؟ ހުރިހާ ކަމެއް ހުއްޓާފަ ހިޖާމަ އެއްނު ދަސްކުރަންވީ. މަހަކު 10000 ރުފިޔާގެ މުސާރަ ލިބޭ ވަޒީފާގައި އުޅުމުގެ ބޫނުމެއް ނެތް،
ޠުން
12 May 2022
ކާކުތަ ބުނީ ހިޖާމަ ނުޖަހާށޭ، ބޭކާރު އަންގަ ތެޅީމަވާގޮތް، އަމިއްލައަށް ކިޔެވޭތަ، ކިޔެވިޔަސް ސެޓްްފިކެޓް ނެތިއްޔަ ހުއްދަދޭނެ ގޮތަކީކޮބާ، އެހެންނޫންނަމަ ނަރުހުން ޑޮކްޓަރުންވެސް ސެޓްފިކެޓް އަކާއިނުލާ ޕްރެކްޓިސް ކުރެވޭނެތާ، މިވެސް ހަމަ ވަކިގޮތަކަޑް ދަސްކޮގެން ކުރަންޖެހޭކަމެއް
ޟީސާ
11 May 2022
ހިޖާމަ ރަނގަޅު އެކަމަކު މާ އަގު ބޮޑީ
ޒިންމާދާރު
11 May 2022
އެންމެން މީނަގެ ޕޭޖްތަށް ރިޕޯޓުކުރޭ. އިސާހިތު ސޯސަލް މީޑިއިން ބްލޮކުކޮށް މާކެޓް ގެއްލިދާނެ.
ސައްލު
11 May 2022
މިދިޔަ ޖެނުއަރީ މަހު އެކަނި 7 ލައްކަ ރުފިޔާ ލިބުނެވެ. ބޭންކު އޮފް ސިލޯނުގެ އެކައުންޓުގައި މިލިއަނެއްހާ ރުފިޔާ ހުރިއިރުއިންޑިއާ ބޭންކުގައިވެސް 9 ލައްކަ ރުފިޔާ އެބަހުއްޓެވެ. ދިވެހި ބޭންކުގައި 1 ލައްކަ ކޮންމެވެސް ވަރަކަށް އެބަހުއްޓެވެ. އަމިއްލަ ރެޖިސްޓަރޑް ކުލިނިކެއް ހުޅުވުމަށް ، ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް ފަޒީ ގެންދަނީ މަސައްކަތް ކުރަމުންނެވެ. ޖުމުލަ 5މިލިއން ހަމަވީމާ ފެންވަރު ރަނގަޅު ކުލިނިކެއް އިންޝާﷲ ހުޅުވޭނެއެވެ.
އަހުމަދު.
12 May 2022
އަދި ވޯލްޑް ބޭންކް ސުއިސް ބޭންކް ، ކޮމާޝަލް ބޭންކް އޮފް މޯލްޑިވެސް، މޮރިސަސް ކޮމާޝަލް ބޭންކް، ހަބީބު ބޭންކް، ގަ ހުރިވަރެއް ނުބުނަމެއްމެނު. ދެން މީހުންގެ ބޯކާން ވެސް ތިވަރެއްނެއް. އެވަރުގެ ފުދުންތެރިކަން ހުރިމީހަކު ކީއްވެތޯ ؟ އެކަމުގެ ތަންދޮރު ނޭންގޭ ހާލުގައި ޤަވައިދާހިލާފަށް ވިޔަފާރިއުސޫލުން، އެހަރަކާތް ހިންގަމުން އެދަނީ
އެޗް އެމް
11 May 2022
ހަމަކަށަވަރުން މިއޮތީ ހޮސްޕިޓަލްތަކުގެ ބޭނުން ކެޑިފަ.
އަހުމަދު.
11 May 2022
މިކަހަލަ ރޯނު އެދުރު ހެދިގެން އުޅޭ އަންހެނުން ގެ ހުރިހާވެސް ވެސް ބޭނުމަކީ މީހުންގެ ބޯކައިގެން ލާރި ހޯދުމެވެ. ދީނީ ކަމަށް ހަދައިގެން ހިޖާމާ ޖެހުމާ މީނަގެ މޮޅުވާހަކަވެސް ވަރަށް ދައްކާކަމަށް ވޭ، އަދި މިކަމުގަ އަރާހުރި މީހެއް ކަމަށް ބުނާއިރު ފައްކާ ގަހުގެބުރެއް. ކީއްކުރާނީ ތަންދޮރު ނޭނޤޭ މީހުން މިސަކަރާތެއް ޖަހާނެ.
ރަނާ
11 May 2022
ރަސޫލާއަށް ޔަހޫދީ އަންހެނަކު ވިހަލާފަ އޮތް ބަކަރި ފައެއް ފަރިކޮޅަށް އެރުވީމަ އެއިން އެތިކޮޅެއްގަ ދަތްޕުޅު އެޅުއްވުނު. އޭގެ ވިހަހުރިކަން އެނގި ވަޑައިގަތުމުން ވަގުތުން ހިޖާމާ ޖެއްސެވި ކަމަށް ސިޔަރަތުގައިވޭ. ވަރަށް ގިނަ ބަލި ތަކަށް ފަރުވާ ލިބޭކަމަށް ވަނީ އެކަމަކު ކޮންމެ ބައްޔަކަށް ފަތުވާއެއް ނުލިބޭނެ ކަމަށް ގަބޫލުކުރަން ޖެހޭނެ.
ޑޮކްޓާރ. ބަނާނާ
11 May 2022
މިބޭފުޅާ ގެ ވިޔާފާރިއާއި ބެހޭގޮތުން ވެސް ބަޔާނެއް ނެރެލީމާ އޯކޭ ވާނެ ދެއްތޯ...
ކަނބިލި
11 May 2022
މި ބާވަތުގެ ކަންކަން ރިގުލޭޓްކުރުން މުހިންމު. ދީން ބޭނުން ކޮށްގެން މީހުން ހައްލުވާލެވޭނެ. އެއީ މީހުންގެ އިހްސާސްތަކާ ގުޅިފައިވާތީ. އޮޅުވާލައިގެން މީހުން އަތުން ފައިސާ ހޯދުމާއި ޒަމާނީ ބޭސްފަރުވާއާ މެދު މީހުން މަގުފުރެއްދުމާ ފަޒީލާ އެކުރާ ކަމަކާ އެއްގޮތް. ދެރަކަމަކީ މި ސަރުކާރުގައި ވަކި ހިއްޕާލައިފައިވާ ދީނީ މީހުންނަކީވެސް މިބާވަތުގެ ކަންކަމަށް ތާއީދުކުރާ އެއް ފިކުރެއްގެ ބަޔަކަށްވުން. އެއީ މިކަމުން މާއްދީ ބޮޑު ފައިދާއެއް ލިބޭތީ