އަތޮޅުތެރޭގެ 17 ރަށެއްގެ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެމްބިއުލާންސް ރޭ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އަތޮޅު ހޮސްޕިޓަލު އަދި ސިއްހީ މަރުކަޒުތަކުގެ މަންދޫބުންނާ އެންބިއުލަންސްގެ ތަޅުދަނޑި ހަވާލު ކޮށްދެއްވީ މިނިސްޓަރު ގީލާ އަލީ އެވެ.

އެ މިނިސްޓްރީން ބުނީ އެއީ އަތޮޅުތެރޭގެ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ހުރި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި އަލަށް ހޯދި އެމްބިއުލާންސްތަކެއް ކަމަށެވެ.

އެއީ އަތޮޅު ތެރޭގައި 31 ރަށަކަށް ބޭނުންވާ އާ އެމްބިއުލާންސް ހޯދުމަށް އެމްޕީއެލްއާ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ހަވާލުކުރި މަޝްރޫއުގެ ދަށުން ގެނައި 17 އެމްބިއުލާންސް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި ފަހަރު ގެނައި 31 އެމްބިއުލާސްގެ އަގަކީ 36.2 މިލިއަން ރުފިޔާ އެވެ.

ފުރަތަމަ ބެޗުގެ 14 އެމްބިއުލާންސް މި އަހަރު މާޗް މަހު ރަށްރަށް ފޮނުވާފައިވާއިރު، ރޭ ހަވާލުކުރި 17 އެމްބިއުލާންސާ އެކު، މި ސަރުކާރުން މިހާތަނަށް 87 އައު އެމްބިއުލާންސް ރަށްރަށާ ވަނީ ހަވާލުކޮށްފަ އެވެ.

ރޭ އެންބިއުލަންސް ހަވާލުކުރި ރަށްތައް:

  • ށ. ކޮމަންޑޫ
  • ށ. ފޮއްދޫ
  • ނ. ހެނބަދޫ
  • ބ. ދަރަވަންދޫ
  • ބ. ފުޅަދޫ
  • ބ. ދޮންފަނު
  • ޅ. އޮޅުވެލިފުށި
  • ވ. ފުލިދޫ
  • ވ. ކެޔޮދޫ
  • މ. ވޭވަށު
  • އއ. ބޮޑުފޮޅަދޫ
  • އއ. ހިމަންދޫ
  • އދ. ކުނބުރުދޫ
  • އދ. ދަނގެތި
  • ލ. ފޮނަދޫ
  • ގއ. ކޮނޑޭ
  • ގދ. ވާދޫ

މާލެ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ހިދުމަތް ދިނުމަށް އެ ތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް މި އަހަރުގެ ތެރޭގައި ގެނެސް އެ ހިދުމަތް ވެސް ފެށޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އަދި ހަމަމިއާ އެކު، އެމްބިއުލާންސްގެ ހިދުމަތް މެދުކެނޑިފައިވާ އިތުރު ހަތަރު ރަށަކަށް ބޭނުންވާ އެމްބިއުލާންސް ވެސް މި އަހަރު ގެނެސް އެ ރަށްތަކާ ހަވާލުކުރާނެ ކަަމަށް އެ މިނިސްޓްރީން ބުންޏެވެ.