ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ އާބާދީ ކުޑަކުރުމަށް ސަރުކާރުން ފަސް އަހަރު ދުވަހުގެ ގައުމީ ކެމްޕެއިނެއް މިއަދު އިއުލާންކޮށްފި އެވެ. 

އެ ކެމްޕެއިން އިއުލާން ކުރެއްވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ގީލާ އަލީ އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ގީލާގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާނާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގައި ގީލާ ވިދާޅުވީ ފަސް އަހަރަށް އެ ކެމްޕެއިން ރޭވި މައިގަނޑު ސަބަބަކީ އެއީ ކުރު މުއްދަތެއްގައި ނަތީޖާ ހާސިލް ކުރެވޭނެ ކަމަކަށް ނުވާތީ ކަމަށެވެ. އަދި އެފަދަ ކެމްޕެއިނެއް ކުރިއަށް ގެންދާއިރުގައި އާންމުންނާއި ސަރުކާރާއި ޖަމިއްޔާތަކާއި ކަމާބެހޭ އެހެން އިދާރާތަކުގެ ބައިވެރިވުން ވެސް ވަރަށް މުހިންމު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ވޭޕް މަނާކުރުމާއި ޖެނެރޭޝަނަލް ބޭން ނުވަތަ ވަކި އަހަރެއްގެ ފަހުން އުފަންވެފައިވާ މީހުން ދުންފަތުގެ އިސްތިމާލު ކުރުން މަނާކޮށް، ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް ސަރުކާރުން މިހާތަނަށް ވެސް މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ގީލާ ވިދާޅުވި އެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ގީލާ ވާހަކަ ދައްކަވަނީ --- ފޮޓޯ/ރައީސް އޮފީސް
ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ގީލާ ވާހަކަ ދައްކަވަނީ --- ފޮޓޯ/ރައީސް އޮފީސް

ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި ކޮންމެ ހަތަރު މީހަކުން އެކަކަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހެކެވެ. އެއީ ރާއްޖޭގެ އާބާދީގެ 25 ޕަސެންޓެވެ. 

"އަޅުގަނޑުމެންގެ އާބާދީގައި މިހާރު މީހުން މަރުވާ ރޭޓަށް ބަލާއިރުގައި، 84 ޕަސެންޓް މީހުން މަރުވަނީ ގައިގައިން ނަރާ ބަލިތަކުގައި ނޫނިއްޔާ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ނުކުންނަ ހިރާސްތަކުގެ ތަފާތު މައްސަލަތަކުގައި،" ގީލާ ވިދާޅުވި އެވެ.

އެ ކެމްޕެއިންގެ ދަށުން ތައުލީމީ ދާއިރާއިންނާއި ކުޅިވަރާއި ޒުވާނުންގެ ދައިރާގެ އިތުރުން ޖަމިއްޔާތައް މެދުވެރިކޮށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އެކި ހަރަކާތްތައް ހިންގުމާއި ގާނޫނާއި ގަވާއިދުތައް ތަންފީޒު ކުރުން ހަރުދަނާ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަން ސަރުކާރުން ނިންމާފައިވެ އެވެ. 

އެޑިއުކޭޝަން މިނިސްޓަރު ޝަފީއު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ވޭޕް މަނާކުރުމަށާއި ޖެނެރޭޝަނަލް ބޭން ގެނައުމަށް ސަރުކާރުން ނިންމި ނިންމުން ބެލެނިވެރިން ވަރަށް ބޮޑަށް ބަލައިގަތް ކަމަށެވެ. އަދި ސަރުކާރުން އެ ނިންމުންތައް ނިންމީ ވެސް މުޖުތަމައުގެ ބައިވެރިވުން އެކަމަށް ވަރަށް ބޮޑަށް ލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެހެންވީމަ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އަޅުގަނޑުމެން މިހާރު ކުރިއަށް ގެންދާ ބިންގާ ޕްރޮގްރާމްގެ ތެރެއަށް މި ބައި [ދުންފަތާ ދެކޮޅު ގައުމީ ކެމްޕެއިން] އިންޓަގްރޭޓް ކުރަން އަޅުގަނޑުމެން މިހާރު ވަނީ ނިންމައިފައި،" އޭނާ ވިދާޅުވި އެވެ.

ދުންފަތުގެ ނުރައްކަލާއި އެކަމުން ލިބޭ ސިއްހީ ގެއްލުމާއި އިގުތިސާދީ ގޮތުން އާއިލާތަކަށް ލިބޭ ގެއްލުން ވެސް ސްކޫލްތަކުގައި ދަރިވަރުންނަށް ކިޔައިދީ، އެ ކުދިންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް އެ ކެމްޕެއިންގެ ތެރެއިން ކުރިއަށް ގެންދާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕޯޓް މިނިސްޓަރު ރާފިއު އާއި އެޑިއުކޭޝަން މިނިސްޓަރު ޝަފީއު ބައިވެރިވެ ވަޑައިގަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް
ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕޯޓް މިނިސްޓަރު ރާފިއު އާއި އެޑިއުކޭޝަން މިނިސްޓަރު ޝަފީއު ބައިވެރިވެ ވަޑައިގަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތްތައް ދެމެހެއްޓިނިވި ގޮތެއް ކުރިއަށް ގެންދިއުމަށްޓަކައި ގައުމީ ކެމްޕެއިނަކީ މުހިންމު ހަރަކާތަކަށް ވާނެ ކަމަށެވެ. 

ރާފިއު ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް އެ ކެމްޕެއިންގެ ތެރެއިން ކުރާ މަސައްކަތުގައި ކްލަބް ޖަމިއްޔާތައް ބާރުވެރިކުރުވުމުގެ ހާއްސަ އިނާޔަތްތަކާއި އެވޯޑްތައް ދިނުމަށް ވެސް ހިމަނާފައިވާނެ ކަމަށެވެ. އަދި މިކަމާ ގުޅޭ ޔޫތު ލީޑާޝިޕް ޕްރޮގްރާމްތައް ހިންގުމާއި ޔޫތު އެމްބެސެޑަރުން ހޮވުމާއި ޒުވާނުންގެ އިސްނެގުމާ އެކު އެޑްވޮކަސީ ޕްރޮގްރާމްތައް މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.