ޔުނިސެފުން ރާއްޖެ އަށް މީސަލްސް-ރުބެއްލާ (އެމްއާރު) ވެކްސިންގެ 28،000 ޑޯޒު ހަދިޔާ ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ. 

އެ މިނިސްޓްރީން ބުނީ އެއީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމަށް ކުރިއަށް ގެންދާ "އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން" ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން އެ ޖަމާއަތުން ދިން ހަދިޔާއެއް ކަމަށެވެ. 

އެކަމަށްޓަކައި ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ޔުނިސެފުގެ ފަރާތުން ވެކްސިން ހަވާލު ކޮށްދެއްވީ އެ ޖަމާއަތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އެޑްވާޑް އަޑައި އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިނާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު ގީލާ އަލީ އެވެ. 

ވެކްސިން ޖެހުމުގެ ޝަރުތު ހަމަވާ ހުރިހާ އެންމެން ވެސް ވެކްސިން ޖެހުމަށް ބާރު އަޅުއްވައި ގީލާ ވިދާޅުވީ އަމިއްލަ ނަފުސާއި އާއިލާގެ ރައްކާތެރިކަމަށްޓަކައި ފިޔަވަޅު އެޅުން މުހިއްމު ކަމަށެވެ. 

"ތިމާގެ އަމިއްލަ ނަފްސު ރައްކާތެރި ކުރުމަކީ ތިމާގެ އާއިލާ އާއި މުޖުތަމައު އާއި އަދި އަޅުގަނޑުމެންގެ ތެރޭގައި ތިބި ބަލިތަކަށް އެންމެ ނާޒުކު ފަރާތްތައް ރައްކާތެރި ކުރުމަށް އެޅޭ މުހިއްމު ފިޔަވަަޅެއް،" މިިނިސްޓަރު ވިދާޅުވި އެވެ. 

ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޔުނިސެފްގެ އެހީއަކީ ހިމަބިހި ފެތުރުން ހުއްޓުވުމަށް މުހިއްމު ދައުރެއް އަދާކުރާނެ އެހީއެކެވެ. 

މިހާތަނަށް އެ ޕްރޮގްރާމުގެ ދަށުން 5،495 މީހުންނަށް ވެކްސިން ދީފައިވެ އެވެ. 

މިނިސްޓްރީން ބުނި ގޮތުގައި މާލޭ ސަރަހައްދާއި އަތޮޅުތެރޭގެ ރަށްތަކުގައި ވެކްސިން ދިނުމުގެ މަސައްކަތް ޓީމުތަކުން މެދުނުކެނޑި އަންނަނީ ކުރަމުންނެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން އިއްޔެ އާންމުކޮށްފައިވާ ގޮތުގައި މިދިޔަ ހަފުތާގައި އެކަނި ވެސް ހިމަބިހީގެ 55 ކޭސް މާލެ ސަރަހައްދުން ފެނިފައިވެ އެވެ. އެއާ އެކު، މި އަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 121 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. 

ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި އެންމެ ގިނައިން ޖެހިފައި ވަނީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ. މިހާތަނަށް ބަލި ޖެހުނީ ހަތަރު ކުޑަ ކުއްޖަކަށެވެ. 

ހިމަބިއްސަކީ ރާއްޖެ އިން 2017 ވަނަ އަހަރު ނައްތާލާފައިވާ ބައްޔެކެވެ. ނަމަވެސް ދޭތެރެދޭތެރެއިން އެ ބަލި ޖެހިފައިވާ މީހުން ރާއްޖެ އިން ފެނިފައިވެ އެވެ.