ހިމަބިހި ވެކްސިން ޖެހުމުގެ ކެމްޕެއިން އަނެއްކާ ވެސް ފަށައިފި

ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ އެންމެންނަށް ވެކްސިން ޖެހުމުގެ ކެމްޕެއިނެއް ހެލްތު މިނިސްޓްރީން މިއަދު ފަށައިފި އެވެ.


"މަވެސް ޖަހައިފިން" ނަމުގައި ތިން މަސް ދުވަހަށް ހިންގާ ކެމްޕެއިން އިފުތިތާހު ކޮށްދެއްވީ އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

އެ ރަސްމިއްޔާތުގައި، މިނިސްޓަރު އަމީން ވިދާޅުވީ މި އަހަރަކީ އާއްމު ސިއްހަތުގެ ގޮތުގައި ފާހަގަކުރާ އަހަރަށް ވާއިރު، މަސައްކަތްތައް އަމާޒުކޮށްފައި ވަނީ އެތައް އަހަރަކަށް ދުޅަހެޔޮ ސިއްހަތެއްގެ އާބާދީއަކަށް ހެދުމަށް އަލުން ފަށަންޖެހޭ މަސައްކަތްތައް ކުރުމަށެވެ.

ފާއިތުވި އަހަރުތަކުގައި އާއްމު ސިއްހަތުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާކަން ފާހަގަކުރައްވައި، އަމީން ވިދާޅުވީ ގައިންގަޔަށް އަރާ ބަލިތައް ނައްތައިލުމުގައި ރާއްޖެ ފާހަގަކޮށްލެވޭ ކާމިޔާބީތައް ހާސިލް ކޮށްފައިވާ ކަމަށެވެ.

ހިމަބިހިން ރައްކާތެރިވުމުގެ ވެކްސިން ޖަހަން ފަށާފައި މިވަނީ، މީގެ ދެ އަހަރު ކުރިން ފެށިގެން ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ވެސް އިއުލާންކޮށް، އިނާމު ދީފައި ވަނިކޮށެވެ. މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން ރާއްޖެ އިން ހިމަބިހި އަލުން ފެނުނު ފަހުން 12 މީހުން އެ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ކުރިން ބުންޏެވެ. އެހެންވެ، އޭގެ ފަހުން 10،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހިމަބިހީގެ ވެކްސިން ޖެހުމުގެ ކެމްޕެއިން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަމީން ވާހަކަދައްކަވަނީ.- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަމީން ވިދާޅުވި ގޮތުގައި، ދުނިޔެ މި ވަނީ އާ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. ރާއްޖެ ވެސް މި ވަނީ ސިއްހީ ގޮތުން ކުރިން ތަޖުރިބާ ނުކުރާ ގޮންޖެހުންތައް ތަޖުރިބާކުރަން ޖެހިފައި ކަމަށާއި މިހާރު އެންމެ ބޮޑު ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށް އަމީން ވިދާޅުވި އެވެ.

"ގައިންގަޔަށް އަރާ ބަލިތަކުން ކާމިޔާބީތައް ހާސިލްކޮށްފައި މިހާ ހިސާބަށް އައި އިރު، އަޅުގަނޑުމެންގެ ތަޖުރިބާއާ ހިތްވަރު އަދި މުސްތަގުބަލަށް ކުރާ އުއްމީދުތައް ހަގީގަތަކަށް ހެދުމަށް، ގައިންގަޔަށް ނާރާ ބަލިތައް ނައްތައިލުން ނުވަތަ އެ ބަލިތަކުން ސަލާމަތްވުމަށް މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް،" އޭނާ ވިދާޅުވި އެވެ.

"މިއީ ފަރުވާ ކުޑަކޮށް ދޫކޮށްލާފައި ބޭއްވޭ ވަރަށް ވުރެ މާ މުހިއްމު އަދި ހައްސާސް މައްސަލައެއް ކަމަށް އަޅުގަނޑުމެން އެންމެން ވެސް ގަބޫލުކުރަން. މިއަދު އަޅުގަނޑުމެން ތެރޭގައި ކެންސަރާއި ހަކުރު އަދި ހެލިފެލިވެ ނޫޅުމުގެ ސަބަބުން އާއްމުވާ ބަލިތަކާއި އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ދުނިޔޭގެ ކަމާބެހޭ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، އަޅުގަނޑުމެން ދުޅަހެޔޮ ދިރިއުޅުމަކަށް، ދިރިއުޅުން ތަރުތީބު ކުރެވިއްޖެ ނަމަ އެއީ ސަލާމަތްވާނެ ވަރަށް ގިނަ ކަންކަން ހުރިކަން އެއީ އަޅުގަނޑުމެން އެންމެން ގަބޫލުކުރާ ހަގީގަތެއް."

ހިމަބިހިން ރައްކާތެރިވުމަށް ކުރުމަށް ކުރަންޖެހޭ ކަމަކީ ވެކްސިން ކަމަށް ވާއިރު، އެއީ އިހުތިޔާރީ ކަމެއްގެ ބަދަލުގައި މަޖުބޫރު ކަމަށް ހަދަންޖެހޭ ކަމަށް އަމީން ވިދާޅުވި އެވެ.

"މަވެސް ޖަހައިފިން" ކެމްޕެއިން ހިންގަނީ ތިން މަހަށް އަމާޒުކޮށްގެންނެވެ. އޭގައި، ހަ މަހާއި 18 މަހާ ދެމެދުގެ ތުއްތު ކުދިންނަށް އެމްއާރު ވެކްސިންގެ އިތުރު ޑޯޒެއް ދޭނެ އެވެ. އަދި 18 މަހާއި 40 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން އެމްއާރު ވެކްސިން ޑޯޒް ފުރިހަމަނުކުރާ އެންމެންނަށް ވެކްސިން ދޭނެ އެވެ. އޭގެ ތެރޭގައި ބިދޭސީން ވެސް ހިމެނެ އެވެ.

ހިމަބިހީގެ ވެކްސިން ޖެހުމުގެ ކެމްޕެއިން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ނަސީރު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދުގެ ރަސްމިއްޔާތުގައި، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ނަސީރު ވިދާޅުވީ، ވެކްސިން ޖެހުމަކީ ބަލިތަކުން ރައްކާތެރިކޮށްދޭ ކަމަކަށް ވާއިރު، ދަރިވަރުން ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާކަން ސްކޫލުތަކުން ކަށަވަރު ކުރާނެ ކަމަށެވެ. ވެކްސިން ނުޖަހާކަން ފާހަގަކުރެވިއްޖެ ނަމަ އެ ދަރިވަރުގެ ގަޔަށް ވެކްސިން ޖަހާނެ ކަމަށް ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީމިމްސް މެދުވެރިކޮށް، ވެކްސިން ނުޖަހާ ކުދިންގެ މައުލޫމާތު އެނގޭނެ ކަމަށް ވެސް ފާތިމަތު ނަސީރު ވިދާޅުވި އެވެ.

ވެކްސިން ޖަހައިދޭ ސެންޓަރުތައް

1- ސޯޝަލް ސެންޓަރު: ހުކުރު ދުވަސް ފިޔަވައި ހަފުތާގެ ހުރިހާ ދުވަހަކު 2:00-5:00 އަށް (ހަ މަހާއި 40 އަހަރުގެ ދިވެހިންނަށް)

2. ދަމަނަވެށި: އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށް، ހެނދުނު 8:15-1:30 އަށް. (ހަ މަހާއި 40 އަހަރާ ދެމެދުގެ ދިވެހިންނަށް). ހޮނިހިރު ދުވަހުގެ މެންދުރުފަހު 2:00 އިން 4:00 އަށް ހާއްސަ ކޮށްފައި ވަނީ 18 މަހާއި 40 އަހަރުގެ ދިވެހިންނަށް

3. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ތިރީގައި: އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހުގެ ނިޔަލަށް. (ހަ މަހާއި 40 އަހަރުގެ މީހުންނަށް)

4. ވިލިމާލެ ފެރީ ޓާމިނަލް: ހުކުރު ދުވަސް ފިޔަވައި ހަފުތާގެ އެހެން ދުވަސް ދުވަހު، ހަ މަހާއި 40 އަހަރާ ދެމެދުގެ ދިވެހިންނަށް ހަވީރު 4:00-6:00 އަށް