ކްރިމިނަލް ކޯޓު: ފެޑެކްސް މެދުވެރިކޮށް ގެނައި ޑްރަގު ހުރި ފޮއްޓަކާ ހަވާލުވި މީހަކު އަމުރަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފައި
07 ޖެނުއަރީ 2025 - 10:40
ފެޑެކްސް ކޫރިއާ ސާވިސް މެދުވެރިކޮށް ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ އާދިއްތަ ދުވަހު އެ ހުކުމް އިއްވީ އައްޑޫ ހިތަދޫ، ޖީބްރޯލްޓާ، ޝަރުވާން ސަލީމްގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލީ ޖަދުވަލު 1ގައިވާ މަސްތުވާތަކެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އެވެ.
ޝަރުވާންގެ މައްޗަށް ދައުވާ އުފުލީ އެހެން މީހެއްގެ ނަން މަތީގައި ފެޑެކްސް މެދުވެރިކޮށް ގެނައި ފޮށިގަނޑަކާ ހަވާލުވާން ދިޔައިރު، އެ ފޮށިގަނޑުން މަސްތުވާތަކެތި ހުރި ޕެކެޓެއް ފެނިފައިވާތީ އެވެ.
ފްލައި ދުބާއީގެ ފްލައިޓެއްގައި ރާއްޖެ އެތެރެކުރި އެ ފޮށިގަނޑު ކަސްޓަމްސް އިން ސްކޭން ކުރިއިރު، ޝައްކު އުފެދޭ ކަންތައްތަކެއް ފާހަގަކުރެވިގެން، ފޮށިގަނޑު ފުލުހުންނާ ހަވާލުކުރި އެވެ. ފުލުހުން ވަނީ އެ ފޮށިގަނޑާ ހަވާލުވާން ދާ މީހަކު އަތުލައިގަތުމަށް ފެޑެކްސް އޮފީހުގައި ހަރަކާތްތެރިވެފަ އެވެ.
ފޮށިގަނޑާ ހަވާލުވާން ދިޔަ މުހައްމަދު ޝިޔާހު އަލީ ނަމަކަށް ކިޔާ މީހަކު އެ ފޮށިގަނޑު ހިފައިގެން ފެޑެކްސް އޮފީހުން ނުކުންނަނިކޮށް ފުލުހުން އޭނާ ހުއްޓުވި އެވެ. އޭނާ އެ ފޮށިގަނޑު ބަލާ ދިޔައީ "ސަނާ" ކިޔާ މީހަކު ބުނެގެން ކަމަށް ބުނެ އެ މީހާ އަށް އޭނާ ފޯނުކުރި އެވެ. ވަކި ސަރަހައްދަކަށް އެއާ ހަވާލުވާން އައުމަށް ޝިޔާހު އެދުނެވެ.
ޝިޔާހުއާ އެކު، ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ ފޮށިގަނޑާ ހަވާލުވާން ދިޔައީ ޝަރުވާން އެވެ. ޝަރުވާންގެ ސައިކަލަށް ފޮށިގަނޑު ލައިގެން ދުއްވާލިތަނާ ފުލުހުން ގޮސް އޭނާ ހުއްޓުވައި އެ ޗެކްކުރިި އެވެ. ފޮށިގަނޑު ތެރެއިން މަސްތުވާތަކެތި ހުރި ދެ ރަބަރު ޕެކެޓް ފުލުހުން ހޯދި އެވެ. އޭގެ ބަރުދަނުގައި 989.1 ގްރާމް ހުއްޓެވެ.
އެކަމަކު، އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަން އޮތް ދައުވާ އަށް ޝަރުވާން އިންކާރު ކޮށްފައިވެ އެވެ. ޝަރީއަތުގައި އޭނާ ބުނެފައިވަނީ މަސްތުވާތަކެތި ހުރި ފޮށިގަނޑު ގެނައުމުގައި އެއްވެސް މޯޓިވްއެއް ނެތް ކަމަށާއި އެކަމުގައި އަމަލީ ގޮތުން އެއްވެސް ސިފައެއްގައި ބައިވެރިވެފައި ނުވާނެ ކަމަށެވެ.
ދައުވާއާ ގުޅިގެން ޝަރުވާންގެ މައްޗަށް ހިންގި ޝަރީއަތަށް ފަހު، އިއްވި ހުކުމްގައި ކަނޑައަޅާފައިވަނީ ކުށުގެ ހުރިހާ ރުކުނެއް އޭނާގެ މައްޗަށް ދައުލަތުން ސާބިތު ކޮށްދީފައިވާ ކަމަށެވެ. އެހެންވެ، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އަދަބުގެ ގޮތުގައި އުމުރު ދުވަހަށް (25) އަހަރަށް ޖަލަށް ލާން ހުކުމް ކުރީ އެވެ.
މިފަދަ މައްސަލަތަކުގައި ޖަލު އަދަބެއްގެ ގޮތުގައި އުމުރު ދުވަހުގެ ހުކުމް ކުރުން ފިޔަވައި އެހެން އިހްތިޔާރެއް ގާޒީންނަށް ނޯވެ އެވެ. ނަމަވެސް، ޖޫރިމަނާ ކަނޑައެޅުމުގެ ފުރުސަތު ދީފައި އޮވެ އެވެ. އެއްލައްކަ ރުފިޔާ އިން ދެ މިލިއަނާ ހަމައަށް ޖޫރިމަނާ ކުރުމުގެ ފުރުސަތު އޮވެ އެވެ.
މި މައްސަލާގެ ހުކުމްގައި ބުނީ މި ހާދިސާ އަށް ބަލާއިރު މަސްތުވާތަކެތި ވިއްކާ ފައިސާގެ މުއާމަލާތެއް ހިންގާފައިވާކަން އެނގެން ނެތް ކަމަށެވެ. އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނިފައި ވެސް ނުވާ ކަމަށާއި އެހެންވެ، ޖޫރިމަނާގެ ގޮތުގައި އެންމެ ކުޑަ އަދަދު ކަނޑައެޅުމުގެ ގޮތުން އިއްވާފައިވަނީ އެއްލައްކަ ރުފިޔާގެ ހުކުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިޝަތު
09 January 2025
މިއީ ކިހިނެއް އިންސާފުވެރި ކަމެއް ހެއްޔެވެ؟ މުޖުތަމަޢުން މި ދިރިއުޅުމަށް މަޖުބޫރުކޮށްގެން އުޅޭ އާންމު ޔަތީމު ކުއްޖާ މުޅި އުމުރަށް ޖަލަށްލެވިދާނެ ކަމުގައި ވާއިރު، މަތީ ކުށްވެރިން ޤައުމުގެ ވެރިކަން ކުރަނީ އަޅުގަނޑުމެންގެ ލޮލުގެ ކުރިމަތީގައި. މިއީ އަޅުގަނޑުމެން އެންމެންގެ ކުށެއް. މިކަންކަން އަޅުގަނޑުމެންގެ ވަށައިގެން މާ ގިނައިން ހިނގަމުން ދަނީ ނޫންހެއްޔެވެ؟
ހުސެން ސައިޑު
07 January 2025
ތި ފޮށިގަނޑު އިނީ ކާކު ނަންމަތީގަ، އެމީހަކަށް އަދަބެއް ނައިސް ހަވާލްވާން ދިޔަ މީހާ އެކަނި ކުށްވެރިވީ ގޮތެއްވެސް ނިކަން ސުވާލު އުފެދެ
ވަހީދުބެ
07 January 2025
އެތައް ބަޔަކު ހަލާކު ކޮށްލާފައި އުފަލުގައި އުޅެން މަސްތުވާ ތަކެތި ގެންނަ ކޮންމެ މީހަކު މިގޮތަށް ގޮޅިއަށްލައި އުމުރު ހުސްކޮށްލަން ވާނެ. ސާބަސް
އިސްމާލި
07 January 2025
ހާދަހާ ކްލިއަރ ކަޓް ކެސް އެކޭ ދޯ. އަހަރެންވެސް އަހަރެންގެ ރައްޓެއްްސެއް ބުނެފި ނަމަ ފޮށިގަނޑެއް ބަލާ ފެޑެކްސް އަށް ހިގައިދާނަން.
ހަގީގަތް.
07 January 2025
ތިއީ ދެން މާ މޮޅު ގޮތެއް. އެމީހާ އޯޑަރު ކުރި ކޮސްމެޓިކްސް އަށް ނަމަވެސް ލިބުނީ މަސްތުވާތަކެތި އަދި އެހެންވެ ބޭރުން ފޮނުވާހާ އެއްޗަކަށް ބަލާ ދާ މިހާކު ޒިންމާ ވާން ޖެހޭނަަމަ އެ ރާއްޖެއިން ބޭރުން ފޮނުވި ފަރާތަތް ވެސް އެބަޖޭ ށަރިއަތަށް ގެންނަން.
ބަރާބަރު
07 January 2025
ހަމްދަރުދީ ވާނެ ކަމެއްނެތް އެކަކުވެސް. ރާއްޖެއަށް އެ ގެންނަ މީހުން އނގެ ހިސާބުން އުމުރަށް ލާންވީ ހަމަޖަލަށް
ގާޒީ
07 January 2025
އޯކޭ މިސާލަކަށް އާދައިގެ މީހެއް އުމުރު ދުވަހަށް ޖަލަށްލާފަ އަދި އެއްލަކަ ކަހަަލަ އަދަދަކުން ޖޫރިމަނާ ކުރިއްޔޯ. ދެން ސުވާލަކީ އޭނާ އެ ޖޫރިމަނާ ދައްކަން ފައިސާ ހޯދާނީ ކޮންގޮތަކުންހޭ ޖަލުގަ ހުރެގެން؟ ކޮންމެވެސް އެއް އަދަބެއް ދިނުން ކަން ނޭނގެ ތީގަ ބުއްދިވެރިވާނީ. އެހެން ނޫނަސް މީ ދިވެހިރާއްޖެ. އޭރަކު ހުންނަ ރައީސެއް ދާނީ ތިބިއްޔާ ތިބި ބޮޑެތި ކުއްވެެރިންނަށް މާފުދީ ދޫކޮށްލާފަ ފައިބައިގެންދާއިރު އިންތިހާބުތަކާ ދިމާކޮށް!
ހަބީބު.
07 January 2025
ވަރައްރަނގަޅު އަދަބު ދީފަވާގޮތް ރާއްޖޭގެ ޖަލުތަކަކީ ގާއެޅުން ސިމެންތި ޕެކުކުރުން ކުނީގެ ތެރޭގަ ހުންނަ ޕުލާސްޓިކާ ދަގަނޑާ ވަކިކޮއް ވަކިވަކި ތަންތަނައް ޖަމާކުރާ އެއްޗެއްސައް ހަދަންޖެހޭ އަދި ޖަލުގަ ތިބޭމީހުންލައްވާ ބުރަމަސަތްކަތް ކުރުވަންޖެހޭ އަދި މުސާރަ ކަނޑައަޅާ ޖޫރިމަނާ ފައިސާ އޭގެން އުނިކުރަންޖެހޭ