މާލެއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި، މާލެގެ ފެންބޮޑުވެފައި މަގެއްގައި ހުރި ފިހާރައަކަށް ވަދެފައިހުރި ފެން މީހަކު ހިނދަނީ .-- ފޮޓޯ: ނިޝާން އަލީ / މިހާރު
13 ޖެނުއަރީ 2025 - 09:33
މިއަދުން ފެށިގެން އަނެއްކާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ރޭ އިލްތިމާސްކޮށްފި އެވެ.
ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު ހަ ދުވަހަށް ދެމިގެންދާނެ ކަމަށް މެޓުން ލަފާކޮށްފައިވާއިރު، ކޮޅިގަނޑުގެ ސަބަބުން އާންމުކޮށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.
އެހެންވެ، އެންޑީއެމްއޭއިން ވަނީ ވިއްސާރާގައި ގޯތިގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭނެ ކަންތައްތައް ފާހަގަކޮށް އެކަންކަން ކުރުމަށް އިލްތިމާސްކޮށްފަ އެވެ.
މި މަހު ތިން ވަނަ ދުވަހު މާލެއަށް ވެހުނު ވާރޭގައި މާލޭގެ މަގެއްގައި ސައިކަލެއް ދުއްވާފައި ދަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
- ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުވެ، ގެއަށް ފެން ނުވަންނާނެހެން ކުރިޔާލައި ގޭގެ ދޮރުމަތީގައި ވެލިބަސްތާ ޖެހުން
- ފެންބޮޑުވާ ސަރަހައްދުތަކުގައި ސައިކަލު ފަދަ ތަކެތި ޕާކު ނުކުރުން
- ފިހާރަ، ރެސްޓޯރަންޓު އަދި ގުދަން ފަދަ އަގުބޮޑެތި މުދާ ރައްކާކޮށްފައިވާ ތަންތަނަށާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލައި ފިޔަވަޅުތައް އެޅުން
- ފެންބޮޑުވެ ގެއްލުން ލިބޭ ހިސާބުގައި ހުންނަ ކާޑުގެ ބާވަތްތަކާއި ހިފައި ގެންގުޅޭ ތަކެތި (ދޮންނަ މެޝިން ފަދަ ތަކެތި) ފެން ނުޖެހޭ އުސް ތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުކުރާ ތަނަަކަށް ބަދަލުކުރުން
- ވައި ގަދަވާނެ ކަމަށް ސަމާލުވެ ފިޔަވަޅުތައް އެޅުން. ޚާއްސަކޮށް ވައި ގަދަވެ، އެއްލައިލާނެ ފަދަ ތަކެތި ރައްކާތެރިކުރުން
- ކަރަންޓު ސާމާނު ބޭނުންނުކުރާ ނަމަ ނިއްވާލާފައި ބެހެއްޓުން
- ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާހެން އިންތިޒާމުތައް ދުރާލައި ހަމަޖެއްސުން
ޖެނުއަރީ 3ގައި ވެހުނު ވާރޭގައި މާލޭގައި ފެންބޮޑުވެ ފިހާރައަކަށް ފެން ވަނުމުން އެތަނުން ފެން ހިންދުމުގެ މަސައްކަތް ބަޔަކު ކުރަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އޭގެ އިތުރުން މާލޭގައި ފެންބޮޑުވެފައިވާ ހާލަތެއްގައި ބަރު އުޅަނދު ނުދުއްވުމަށާއި ކަނޑުދަތުރު ކުރާއިރު ދަތުރަށް ފެށުމުގެ ކުރިން މެޓުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.
މި އަހަރު ފެށުނީއްސުރެ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. މި މަހުގެ ތިން ވަނަ ދުވަހު މާލެ ސަރަހައްދަށް ވެހުނު ވާރޭގައި ހުރިހާ މަގުތަކެއްގައި ކަހަލަ ގޮތަކަށް ފެން ބޮޑުވެ، ގޭގެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅޮސްފަތް
13 January 2025
ސައިކަލުތަކަށް ލިބޭ ގެއްލުން ވެސް ބޮޑު، ވޯޓަރ ޑެމޭޖްއަށް ކޮށްމެ ފަހަރަކު އެބަ ފައިސާ ޚަރަދުކުރަންޖެހޭ. ފެންބޮޑުވުން ރައްކާތެރިކަން ހޯދުމަށް ކޮންކޮން ޕާކިންގ އޭރިއާސް އެއްތޯ އެންމެ ރަގަޅީ؟
ބާބާ
13 January 2025
ރައްޔަތުން ކުރަންވީ ކަންތައް ކިޔައިދިންއިރު ސަރުކާރުން ކޮއްދޭނީ ކޮންކަމެއްތޯ؟ ހުނޅަގުމޫސުމާއި އަދި މިކަހަލަ ވަރުގަދަ ތޫފަން މީ އަލަށް އަންނަ އެއްޗެއް ނުންކަން އެނގޭއިރު ފެންވަރު ރަގަޅު ޕަންޕްތަކެއް ގެނެސްސަ ބޭނުން ޖެހޭއިރު ބޭނުންކުރާނަމަ މީހުން ތެޅިފޮޅޭކަށް ނުޖޭހޭނެ. ރަގަޅު ޑްރެއިނޭޖް ސިސްޓަމެއް ގާއިމުކޮށް ދެމެހެއްޓެނިވި ގޮތަކަށް ކަންކަން ރާވާ ހިންގާނަމަ މިހާލަތަކަށް ނުދާނެ. ކީއްވެ އެވަރު ކޮށްނުލެވެނީ. ރައްޔަތުުން ދޭ ޓެކްސް ފައިސާ މަދީތަ!
ސޭކުބެ
13 January 2025
މި ހާލަތާ ގުޅިގެން އެހެން ސަރަހައްދުތަކުގައި ޕާކުކުރާ އުޅަނދުފަހަރު ޓޯނުކުރުމަށްވެސް އަންގާލައިފަ ބޭއްވުން ރަގަޅު.
އުދުހޭ
13 January 2025
މާލެ ފަށައިގެން ލާފަވާ ތޮށިގަނޑުން ލޯވަޅުތަކެއް ކަނޑާ، ހުޅުވާ ބަންދުކުރެވޭ ގޮތަށް ހަދާބަލަ. ފެން ބޮޑުވާއިރު ވޭލު ދޫކޮށް އުޅުވާލާފަ އުދައަރާއިރު ބަނދުކުރެވޭގޮތަށް ހަދާބަލަ.
އަލިހުރަސް ކަނޑު ތެރެއިން
13 January 2025
ކާނުތައް ސާފުކުރަން ރައްޔިތުން ނިކުމޭ .މިފަހަރު ޖެހޭނެ މިއިން ޒަމާނަކު ފެން ބޮޑުނުވާ ވަރަށް ކާނުތައް ސާފުކުރަން .
ކެކެކެކެކެކެކެކެކެކެކެކެ
13 January 2025
އަދުގެ ހާލަތު! ދިވެހީންގެ ރާއްޖެ!
ލައިޓް
13 January 2025
ރައްޔިތުމީހާޔަށް ފަސޭހައިން ބަސްތާލިބޭނޭ ގޮތެއް ބުނެދީބަލަ! ކޮޅުވެއްޓި ތަކާ ލޮރީތައްހުރީ ސަރުކާރުގައޭ! ޓެކްސް ދައްކަނީ ސަރުކާރަށޭ!
ކާމިނީ ދީދީ
13 January 2025
ކޮންމެ ފަސް މިނަޓަކުން ޕަންޕެއް ފެންނާނެ ގޮތަށް ޕަންޕު ބަހައްޓައިގެން މިކަން ވާނީ
ޝިޓީ ކައުންސިލް
13 January 2025
ފުރަތަމަ ތި ކާނުތައް ސާފުކޮށްބަލަ.
އެނދިމަރިޔަނބު
13 January 2025
ކާނުތައް ސާފުކުރަން ވީނު ދެން؟ އަހަރެމެން ކައިރީ ތައްޔާރުވާށޭ ކިޔާފަ ވިއްސާރަ މޫސުން ނިމޭއިރުވެސް ކާނު ސާފުކޮށް ނުލެވޭ.
ސާފު
13 January 2025
ކާނު ސާފު އެކަނި ކުރުމަކުން ނުފުދޭ. ދިވެހިންވެސް ތަހުޒީބުވެގެން ސާފުކޮށް ދެމިއޮންނާނީ. ހައްލަކީ ފުރަތަމަ ވެސް ކުނި ނޭޅުން.
ސާފޭ
13 January 2025
ސާފޭއަށް އެނގޭތަ..ކާނުތައް ފުރެނީ ކުނި އެޅިގެންނެއް ނޫން. ޥެއްޔާއި ކިސަޑު އެޅިގެން. ދެނަ ކުނި ކޮޅެއް ނެތެކޭ ނޫން މިބުނަނީ!