ފަނޑިޔާރު ޝުޖޫން: މައުލޫމާތު ނުދޭން ކޯރެއްގެ އައްސޭރި ފަށުން މަސް ހިފަން ދޮށި އުކާ އުސޫލުން އެކި މަރުހަލާތަކުގައި އެކި ސަބަބު ދައްކައިގެން ނުވާނެ ކަމަށް ވިދާޅުވި
19 ޖެނުއަރީ 2025 - 13:07
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ދަށުން ހުށަހަޅާ ހުށަހެޅުމަކަށް ޖަވާބު ނުދޭ ނަމަ، އޭގެ ސަބަބު ސާފުކޮށް ބަޔާން ކުރަން ޖެހޭނެ ކަމަށާއި "ކޯރެއްގެ އައްސޭރިފަށުން މަސް ބާނަން ދޮށި އުކާ އުސޫލުން" އެކި މަރުހަލާތަކުގައި އެކި ސަބަބު ދައްކައިގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.
އަމީނީ މަގު ހެދުމުގެ މަޝްރޫއުއާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް 2022 ވަނަ އަހަރު ރައިޓް ޓު އިންފޮމޭޝަން އެކްޓިވިސްޓް އަހުމަދު އަފްރާހު އިސްމާއިލް ހައުސިން މިނިސްޓްރީއަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން، ގާނޫނުގައި ބުނާ މުއްދަތުގައި އެ މިނިސްޓްރީން ޖަވާބު ދީފައެއް ނުވެ އެވެ. އެހެންވެ، އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުން، އެ މައުލޫމާތު ދޭން އެ މިނިސްޓްރީގެ މައްޗަށް އަމުރުކުރި އެވެ.
ކޮމިޝަނަރުގެ އެ ނިންމުން މިނިސްޓްރީގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވެސް ނިންމީ އަފްރާހު އެދުނު މައުލޫމާތު ދޭން ޖެހޭނެ ކަމަށެވެ. އެހެންވެ، އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ.
މި މައްސަލާގައި މައުލޫމާތު ނުދީ ހިފެހެއްޓި ސަބަބާ ގުޅޭގޮތުން ކޮމިޝަނަރުގެ އަޑުއެހުމުގައި ހައުސިން މިނިސްޓްރީން ކަންކަން ފާހަގަ ނުކުރި ނަމަވެސް، އެކަމާ ގުޅޭގޮތުން ހައި ކޯޓުގައި ތަފްސީލީ ގޮތެއްގައި ވާހަކަ ދެއްކި އެވެ. އެހެންކަމުން، ކޮމިޝަނަރުގެ އަޑުއެހުމުގައި ނުދައްކާ ވާހަކަތަކެއް އިސްތިއުނާފް މަރުހަލާގައި ދެއްކިދާނެ ކަމާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. އިސްތިއުނާފުގެ އާންމު އުސޫލަކީ ދަށު މަރުހަލާގައި ނުދައްކާ ވާހަކައެއް އިސްތިއުނާފީ މަރުހަލާގައި ދައްކަން ފުރުސަތު ނެތުމެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލާގެ ހުކުމް އިއްވަން ބޭއްވި މިއަދު އަޑުއެހުމުގައި ރިޔާސަތުގައި ބެލެހެއްޓެވި ފަނޑިޔާރު އައިޝާ ޝުޖޫން ވިދާޅުވީ މައުލޫމާތެއް ހޯދަން މީހަކު ހުށަހަޅައިފި ނަމަ، ގާނޫނުން ނެރެން ބޭނުންވާ ނަތީޖާއަކީ އެ މައުލޫމާތެއް ލިބިދިނުން ކަމަށެވެ. އަދި އެ މައުލޫމާތެއް ނުވަތަ އެ މައުލޫމާތުގެ ބައެއް ފޯރުކޮށްދެވެން ނެތީ ކޮން ސަބަބަކާ ހުރެ ކަމެއް އެ މީހަކަށް އަންގަން ޖެހޭނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
މައުލޫމާތެއް ދެވެން ނެތް ސަބަބުގެ ގޮތުގައި އެކި މަރުހަލާތަކުގައި ދައުލަތުގެ އިދާރާތަކުން އެކި ސަބަބު ބަޔާންކުރާ ކަން ފާހަގަ ކުރައްވައި، ފަނޑިޔާރު ވިދާޅުވީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.
"ވަކިވަކި ނުވަތަ ކޮންމެ މަރުހަލާއެއްގައި މައުލޫމާތު ދެވެން ނެތް ސަބަބުގެ ގޮތުގައި އެކި ފަހަރު އެކި ސަބަބު ހުށަހެޅުމަކީ ކޯރެއްގެ އައްސޭރިފަށުން އެކި ހިސާބުތަކަށް ދޮށި އުކައިގެން ވިޔަސް މަހެއް ބޭނޭތޯ އުޅުން ފަދަ ކަމެއް. އަދި އެފަދައިން އަމަލު ކުރަން ވެއްޖެ ނަމަ، މައުލޫމާތަކީ ހަގީގަތުގައި ވެސް އިސްތިސްނާވާ މައުލޫމާތެއް ކަމަށް ދެކުމުގެ އަދި ބަލައިގަތުމުގައި ވެސް ދަތިތަކެއް މެދުވެރިވެދާނެ ކަމަށް ފެނޭ." ފަނޑިޔާރު ވިދާޅުވި އެވެ.
ބަންޑާރަ ނައިބު އޮފީހުގެ ވަކީލުން މީގެކުރީގެ އަޑުއެހުމެއްގައި
ފަނޑިޔާރު ވިދާޅުވީ އެކި މަރުހަލާގައި އެކި ސަބަބު ދައްކާ ނަމަ، އެ މައުލޫމާތު ނުދޭން ނިންމާފައިވަނީ ހަރުދަނާ ސަބަބުތަކެއް މައްޗަށް ކަމަށް ބަލައިގަންނަން އުނދަގޫވާނެ ކަމަށެވެ. އަދި މައުލޫމާތު ނުދެވޭ ސަބަބު އެންމެ ފުރަތަމަ މަރުހަލާގައި ވެސް ބަޔާންކޮށް، އޭގެ މަތީ މަރުހަލާތަކުގައި އޭގެ ތަފްސީލު ހުށަހެޅިދާނެ ކަމަށާއި ނަމަވެސް، އާ ސަބަބުތަކެއް މަތީ މަރުހަލާގައި ނުދެއްކޭނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
"ގާނޫނުގެ ރޫހަކީ އަދި މަގުސަދަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ފޯރުކޮށްދިނުން. މީހަކު ހޯދަން އެދިއްޖެ މައުލޫމާތަކީ ގާނޫނުން އިސްތިސްނާއަކަށް ފެތޭ މައުލޫމާތެއް ނަމަ، އެންމެ ފުރަތަމައިން ވެސް އިންފޮމޭޝަން އޮފިސަރު އެކަން ހާމަކުރަން ވާނެ. އަދި ކޮމިޝަނަރަށް ހުށަހެޅޭ ހާލަތުގައި ވެސް އިސްތިސްނާތައް ސާބިތުކޮށްދިނުމަކީ ދައުލަތުގެ އިދާރާގެ މަސްއޫލިއްޔަތެއް،" ފަނޑިޔާރު ވިދާޅުވި އެވެ.
"މި ސަބަބުތަކަށްޓަކައި އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމެއް ހައި ކޯޓުން ބަލަންވާނީ އައިކޮމްއަށް ހުށަހެޅުނު ހުށަހެޅުންތަކާއި ދިފާއުތަކަކީ އަސާސްކަމުގައި ބަލައިގެން."
އަފްރާހު ހުށަހެޅި މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރިއަށް ގެންގޮސްފައިވަނީ އިލްތިމާސްއެއްގެ ގޮތުގައި ކަމަށް ބަލައިގެން ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވެ އެވެ. ނަމަވެސް، ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އެއީ އިލްތިމާސްއެއް ނޫން ކަމަށާއި ޝަކުވާއެއް ކަމަށް ސުޕްރީމް ކޯޓުގައި ބަޔާންކޮށްފަ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި މައްސަލަތައް އިލްތިމާސް ކުރުން ނުވަތަ ޝަކުވާއެއްގެ ގޮތުގައި ހުށަހަޅަން ފުރުސަތު ދީފައިވެ އެވެ. އިލްތިމާސް ކުރެވޭނީ އިންފޮމޭޝަން އޮފިސަރުގެ ނިންމުން މުރާޖައާ ކޮމިޓީން މުރާޖައާ ކުރުމަށްފަހު ނިންމާ ނިންމުމާ މެދު ހިތްހަމަނުޖެހޭނަމަ މައްސަލަ ކޮމިޝަނަރަށް ހުށަހެޅުމެވެ.
ޝަކުވާ ހުށަހެޅުމަކީ ގާނޫނުގައިވާ މުއްދަތުގެ ތެރޭގައި އެ އިދާރާއެއްގެ އިންފޮމޭޝަން އޮފިސަރު ޖަވާބު ނުދޭ ހާލަތްތަކުގައި ކޮމިޝަނަރަށް މައްސަލަ ހުށަހެޅުމެވެ.
އަމީނީ މަގު ހެދުމުގެ މަޝްރޫއުއާ ގުޅޭގޮތުން މައުލޫމާތު ހޯދަން ހައުސިން މިނިސްޓްރީއަށް ހުށަހެޅުމުން މުއްދަތު އިތުރުކުރުމަށް ފަހު އެ މުއްދަތު ހަމަވިއިރު ޖަވާބު ދީފައެއް ނުވެ އެވެ. ނަމަވެސް އަފްރާހުގެ ފަރާތުން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރަށް ޝަކުވާއެއްގެ ގޮތުގައި ހުށަހެޅުމާ އެކު ހައުސިން މިނިސްޓްރީން ބައެއް މައުލޫމާތުތައް ދޫކޮށްފައިވެ އެވެ.
ހައި ކޯޓުން މިއީ އިލްތިމާސްކަމަށް ކަނޑައަޅާފައިވަނީ އެހެންވެ އެވެ. ނަމަވެސް، ސުޕްރީމް ކޯޓުން މިއަދު ވަނީ އެ ނިންމުން ބާތިލްކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ހައި ކޯޓުން އެކަން މާނަކޮށްފައިވަނީ ގާނޫނުގައިވާ އޮނިގަނޑު އޮޅޭ ގޮތަށް ކަމަށެވެ. އެއީ ގާނޫނުގައި ބުނާ މުއްދަތުގައި ޖަވާބު ނުދީފިނަމަ މުރާޖާ ކޮމިޓީއަށް އިސްތިއުނާފު ކުރާނެ ނިންމުމެއް ނޯންނާނެ ކަމަށާއި އެ ހާލަތުގައި އޮންނާނެ ހަމައެކަނި ގޮތަކީ އެ މައްސަލައެއް ޝަކުވާއެއްގެ ގޮތުގައި ކޮމިޝަނަރަށް ހުށަހެޅުން ކަމަށް ހުކުމުގައިވެ އެވެ.
ފަނޑިޔާރު ޝުޖޫން ވިދާޅުވީ ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވުމަށްފަހު މައުލޫމާތު ނުވަތަ އޭގެ ބައެއް ފޯރުކޮށްދިން ނަމަވެސް، ގާނޫނުގެ މަގުސަދަށްޓަކައި އެއީ މައުލޫމާތު ދޭން އިންކާރު ކުރުން ކަމަށް ބަލަންޖެހޭ ކަމަށެވެ.
"މި މާނަ ކުރުން މިފަދައިން ގެންނަން ޖެހޭ ސަބަބެއް ކަމެއް އަޅުގަނޑަށް ބުރަވެވެނީ ގާނޫނު އެތުރިފައިވާ ގޮތާއި އޭގައި ބަޔާންކޮށްފައިވާ ބަސްތަކުގެ އިތުރުން ގާނޫނުގެ މަގުސަދަށާއި ހައްގުގެ ދާއިރާ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް،" ފަނޑިޔާރު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓު --
ފަނޑިޔާރު ވިދާޅުވި ގޮތުގައި އެ ނޫން ގޮތަކަށް މާނަކުރާ ނަމަ، ގާނޫނުއަސާސީން ލިބިދީފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް އުނިކަން އަންނާނެ އެވެ. އަދި ގާނޫނުގެ ވެރިކަން ހިންގަން ބުރޫއަރައި، ގާނޫނަކީ ހަމައެކަނި ބޭނުންވެއްޖެ ހާލަތެއްގައި އެ މައްޗަށް އަމަލުކުރާ ދެލިގަނޑަކަށްވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ.
ހައި ކޯޓުގެ ނިންމުމުގެ އެއް ބައި ސުޕްރީމް ކޯޓުން ބާތިލްކުރި ނަމަވެސް، މައްސަލާގައި އެދިފައިވާ މައުލޫމާތު ދޭންޖެހޭނެ ކަމަށް ހައި ކޯޓުން ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުން ވެސް ދެމެހެއްޓި އެވެ. އެހެންވެ، އަމީނީ މަގުގެ މަޝްރޫއުއާ ގުޅޭގޮތުން ހޯދަން އެދުނު ހުރިހާ މައުލޫމާތެއް ދޭން ދައުލަތުގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ. އެގޮތަށް އަމުރު ކުރެއްވީ ބެންޗުގައި ތިއްބެވި ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ.
ބެންޗުގައި ދެން އިންނެވި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމާ ނިންމުންތަކާ ގުޅޭ އެންމެ ފަހުގެ މަރުހަލާއަކީ ހައި ކޯޓު ކަމަށާއި އަދި އެފަދަ މައްސަލަތައް ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ވިދާޅުވެފަ އެވެ.
އެހެން ނަމަވެސް އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު އައިޝާ ޝުޖޫން އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ރައުޔަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެތޯ ކަނޑައަޅަން ޖެހޭ ހާލަތެއް އެ މައްސަލައިގެ ތެރޭގައި ނެތް ކަމަށެވެ.
މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދިޔައިރު، ބަންޑާރަ ނައިބުގެ އޮފީހުންނާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވެސް ބުނެފައިވަނީ މިފަދަ މައްސަލަތައް ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޑުވާ
20 January 2025
ހަންޓިންގ ފޯރ އެކްސްގިއުޒަސް ތަރުޖަމާ ކުރީމަ އައި ގޮތް.
އައްދޯ
20 January 2025
ޖުހާ ދައްކާކަހަލަ މިސާލެއް މީ
ސިކުނޑި
20 January 2025
ނަސީބެއްނު ކަނދިކަމަނާ މަސްތެލުލާ ގޮތަށޭ ނުބުނިކަން!!
ހަސަންދީ(ލ)
19 January 2025
މަހެއް ގަނޭތޯ ކޯރުގެ އެކިހިސާބަށް އެކިފަހަރުމަތިން ދޮށިއުކަނީ ކުރިންް ދޮށި އެއްލިތަން ކިލަނބުވީމަ އެހެން މޮޅު ނުވަތަ ދަހިހެން ހީވާތަނަކުން މަހެއް ގަނޭތޯއެވެ. އެގޮތުން ޝަރުޢީ އެކި މަރުހަލާގައި ދައުލަތުން އެކި ވާހަކަ ދައްކަނީ އެއްވާހަކަ ބަލިކަށިހެން ހީވީމަ މޮޅު ވާހަކައެއް އަލުން ދައްކާލުމުގެ ބޭނުމުގައެވެ. ބޭނުމަކީ ކޯޓުން އާ ތީ މިހާރު ގަބޫލުކުރެވޭ ވާހަކައެކޭ ބުނެ ދައުލަތާ އެއްކޮޅަށް ނިންމުމެވެ. މަސް ގަތީއެވެ!
ހަސަންދީ(ލ)
19 January 2025
ޖަހާ މިސާލުބަސް ނުވިންސުން އެއީ ލިޔުންތެރިޔާގެ ކުށެއްނޫނެވެ. ކިޔުންތެރިޔާގެ ފަރާތުން އެބަސް ފަހުމްވެގަތުމަކީ ލިޔުންތެރިޔާއަށް މުސްތަހިއްލު ކަމަކެވެ.
ދައުރެކޯ
19 January 2025
އައްޑޫ ސިޓީ ކައުންސިލަކީވެސް މަހޯލީއަށް އޮޅުވާލައި ގަދަބާރުން މައްލޫމާތު ހިފަހައްޓާ ތަނެއް. އެތަނުގެ ވެރިންގެ ސިޔާސަތުއެއީ
ގަބުޅި ކަތީބު
19 January 2025
ކޯރުގެ ކައިރީގަ ހުރެގެން އެކި ދިމާތަކަށް ދޮށި އުކަނީ އެއްދިމާލަކުން މަހެއް ނުގަނެފިއްޔާ އަނެއް ދިމާލަކުން ގަނޭތޯ ބަލަން. ފަނޑިޔާރުގެ ތިމިސާލުން ހީވަނީ ދޮށީގެ ކޮޅުގަ އިންނަ ބުޅި ކައިރިއަށް މަސްތައް އައުމުން އެ ނުބާނަންވެގެން އެހެން ދިމާލަކަށް ދޮށި އުކަނީހެން. އެކަމަކު ކަން ވަނީ އެހެނެއްނޫން. މައްސަލައިގަ އެކިފަހަރު އެކިގޮތަށް ދައުލަތުން އަމަލުކުރާގޮތާ ފަނޑިޔާރުގެ ތި މިސާލާ ލޮޖިކަލް ސީކުއެންސަކުން ދިމައެއްނުވޭ .
ގަބުޅިބެއަށް
20 January 2025
"ދޮށީ ކޮޅުގަ އިންނަ ބުޅި" ދޮށީ ކޮޅަކު ބުޅިއެއް ނީންނާނެ. އޯކޭ ދޮއްޓެއްވިޔަސް އޭގެ ކުރީގައި ބުޅިއެއް ލައިފިނަމަ ވާނީ ބަނބުކެޔޮނޫނީ ޖަބުރޯލު..... އެކަހަލަ އެއްޗެއް ކަނޑަން ނޫނީ ބިންނަން ގެންގުޅޭ ދަނޑިއަކަށް. އެއިންވެސް މަސް ބޭވިދާނެ އެކަމު އެއީ ކަންވާރު ލީމަ. ވ ސަލާމް. ފުރަތަމަ ދޮއްޓެއް ރަނގަޅާށް ނޭނގޭ މީހަކު ކިހިނެއް މިސާލު ބަހުން މާނައެއް ދޭހަކުރާނީ.
ކިޔޮޅު
19 January 2025
"މަސްބާނަން ދޮށިއުކާ އުޞޫލު" ކޮބައިބާ. އަހަރެމެން ކިޔަނީ "ހުސްބުޅިޖަހާލުން" މަސްގަތަސް ނުގަތަސް މަސް ބެވޭތޯ ހިތްވަރު ކުރުން ދައްކާލުން.
ކަތީބު89
19 January 2025
ގާޒީއަކު ހުކުމް އުކާހެން ނޭ
މަމޮޅޭމެން
19 January 2025
މިއޮތީ ހިތުންވަރަށް މޮޅުވާހަކައެއްބުނެފަ. ކޯޓްތަކުގަ ހިނގާމައްސަލަތަކާ ކޯރުތަކެއްނެތްގަމެއްގަ ދޮށިއެޅުން މިއޮތީ ހަމަހަމަކޮށްފަ. މިވަރުންވެސް އެބައެނގޭ ކޯޓްތަކުގެފެންވަރު. އަދިހަމަ ހުރިހާމަރުހަލާތަކެއްގަވެސް ދައްކަންހުއްދަމިއޮންނަނީ އެއްވާހަކަތަކެއް އެހެންވީމަ ފުރަތަމަ މަރުހަލާގެ ރެކޯޱިން އަނެއްދެމަރުހަލާގަ ބޭނުންކޮށްފަ ވަގުތުސަލާމަތްކުރީމަ ނިމުނީނޫންތޯ އޭގެފަހުގަ ދޮށިއުކަންދާނީ ގާދޫކޮލުންބޭރައް.
ޓަކާން
19 January 2025
ކިއޭނުކިއޭއެއް އެނގޭބާ؟