ޕީއެސްއެމުން ގެނެސްދޭ "އަހާ" ފޯރަމްގައި ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
15 ފެބުރުއަރީ 2025 - 22:55
ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށް މި ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ފަށައިފި ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ސިލްސިލާކޮށް ގެނެސްދޭ "އަހާ" ފޯރަމްގައި އާންމުންގެ މީހަކު ކުރި ސުވާލަށް ދެއްވި ޖަވާބުގައި ތޯރިގް ވިދާޅުވީ ކަޅު ބާޒާރުުގައި ޑޮލަރުގެ އަގު ދަށަށް ދާކަން މިހާރު ފާހަގަކުރެވެން ފަށައިފި ކަމަށެވެ.
އެ ބަދަލު ފެންނަން ފެށީ ޓޫރިޒަމްގެ ވިޔަފާރިތަކަށް ޑޮލަރުން ލިބޭ އާމްދަނީން ބައެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ގާނޫނުން ލާޒިމްކުރުމުން ކަމަށާއި، އެހެންވެ ކުރިއަށް އޮތް ތަނުގައި މި މައްސަލައަށް ފުރިހަމަ ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ބްލެކްމާކެޓުގައި ވެސް ޑޮލަރު އަގުތަައް ދަށަށް ދާކަން، އެއީ މިހާރު ޝައްކެތް ވެސް ނެތް، އެންމެނަށް އެނގޭ ކަމެއް: ތޯރިގް، ޓޫރިޒަމް މިނިސްޓަރު
"މިހާރު ބްލެކްމާކެޓުގައި ވެސް ޑޮލަރު އަގުތަައް ދަށަށް ދާކަން، އެއީ މިހާރު ޝައްކެެއް ވެސް ނެތް އެންމެނަށް އެނގޭ ކަމެއް،" ތޯރިގް ވިދާޅުވި އެވެ.
މި މައްސަލައަށް ހައްލެއް ލިބޭކަން އެނގޭ އަނެއް ކަމަކީ އަންނަ ރޯދަމަހު ރާއްޖެއިން އުމްރާއަށް ދާ މީހުންގެ ޑެބިޓު ކާޑުގެ ޑޮލަރު ލިމިޓަށް 1،500 ޑޮލަރު އިތުރުކޮށްދޭން ނިންމައި، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި އެކަން އިއުލާން ކުރައްވާފައިވުން ކަމަށް ތޯރިގް ވިދާޅުވި އެވެ.
ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް، މިހާރު ރަސްމީ ރޭޓުގައި އެމްއެމްއޭ އިން ވިއްކާ 500 ޑޮލަރުގެ ބަދަލުގައި ޖުމްލަ 1،000 ޑޮލަރު އަންނަ އަހަރުގެ ފުރަތަމަ ކުއާޓާއިން ފެށިގެން ވިއްކަން ފަށާނެކަން ވެސް ރައީސް އިއުލާން ކުރެއްވީ އެ ޔަގީންކަން އޮތުމުން ކަމަށް ތޯރިގް ވިދާޅުވި އެވެ.
"އެހެންވީމަ މިއީ މި އަންނަ ބަދަލުތަކަކީ. ރާއްޖޭގައި ޑޮލަރު ސާކިއުލޭޓު ކުރަން ފެށުނީމަ ރައްޔިތުންނަށް ލިބޭ ފައިދާ،" ތޯރިގު ވިިދާޅުވި އެވެ.
ބޭރު ފައިސާ އިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ލިބިފައިވާ ބޭރު ފައިސާގެ އާމްދަނީ އަށް ބިނާކޮށް، މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ބޭންކުތަކަށް 50 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރަށް މާރުކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކުން ވަނީ ހާމަކޮށްފަ އެވެ.
ޑޮލަރުގެ މައްސަލައާ ގުޅޭ ގޮތުން "އަހާ" ފޯރަމްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވާހަކަ ދެއްކެވި އެވެ.
ޕީއެސްއެމުން ގެނެސްދޭ "އަހާ" ފޯރަމްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ސައީދު ވިދާޅުވީ ޑޮލަރުގެ މައްސަލާގައި ވަރަށް ގިނަ ދަތިތަކާ ރައީސް މުއިއްޒު ކުރިމަތިލެއްވި ކަމަށެވެ. ނަމަވެސް، ޓޫރިޒަމް ދާއިރާގެ ފުރިހަމަ އެއްބާރުލުމާ އެކު، މިހާރު އެ މައްސަލަ ހައްލުވާން ފަށައިފި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އެ ދަނީ އެ މައްސަލަ ހައްލުވަމުން،" ސައީދު ވިދާޅުވި އެވެ.
"އިންޑަސްޓްރީން ވެސް، ވިޔަފާރިވެރިން ވެސް ސަރުކާރާ އެކު ދައްކަން ޖެހޭ ވާހަކަތައް ހުންނާނެ. އަޑުއަހަން ޖެހޭ ވާހަކަތައް ވެސް ހުންނާނެ. އެކަމަށް ސަރުކާރުން އެ ފުރުސަތު ދޭ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައިގަންނަގުރާ
16 February 2025
މިތާ މިވާހަކަ ދައްކަނީ ކާކަށް އަޑުއިއްވަން؟ ކޮންބައެއް މިމީހުން ދައްކާ ވާހަކައެއް ޤަބޫލުކުރަނީ؟ ޑޮލަރު މައްސަލައިގަ އަސްލު ޙަގީގީ މައްސަލަ މިމީހުނަށް ކިޔައިދިނަސް އެނގޭނެ ފާޑުނުޖަހާ. ދެންހަމަ އަޑެއްލައްވާފަ މުއިއްޒުގެ ދުރުވިސްނުމުގެ ވާހަކަ ދެއްކުންނޫންކަމެއް. ހަމަ އަސްލުވެސް ދުރުވިސްނޭ. މާ ދުރުން ވިސްނެނީ ހައްލަކާއި އިދިފުށަށް. ސުކުރިއްޔާ، އެވަރަށް ދުރުވިސްނަވާތީ!
ސަނީސައިޑްބޮންޑް
16 February 2025
ތެދެއް އެވިދާޅުވީ، ޑޮލަރުމައްސަލަހައްލުވެ މިހާރު 19+ގަ ހިފެހެއްޓިފަހުރީ..
ޑރ ވާންޗޯ
16 February 2025
ޑޮލަރ ތިރިވަނީ ތިރިވަނީ ގޮވާއިރު އެއީ ސޯޓުތިރިވާހެން ވާކަމެއްނޫންދެއްތޯ؟. އަދިވެސް ގަންނަން ލިބެނީ 19+ އަށް.
ކއޒބ
16 February 2025
ނާރާނެ މައްޗަކަށް. ނާރާނެ މައްޗަކަށް. ހިފެހިއްޓިފަ ތިރިއަށް ދަނީ.
ބަކުން
16 February 2025
ކުރިއަށް އޮތް 4 އަހަރު ޑޮލަރު ފައިބުޑަށް ތިރިވާނެ. އަންނަނީ އަންނަނީ.
ރިފާއުު
16 February 2025
ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާޜުން ފިޔަވަޅު އެޅީ. އެމްޑީޕީ ސަރުކާރުގަ އެކަމަށް އެޅުނު ފިޔަވަޅެއް ކަލޭމެން ދަށްކަބަލަ.
ރާވެރިބެ
16 February 2025
ޑޮލަރުގެ މައްސަލަ ހައްލުވާން ފަށައިފި އޭ ވިދާޅުވީމަ ހައްލުވަންޏާ ހައްލުވީ. ކަޅުބާޒާރުގަ ޑޮލަރު އަގު ދަނީ މައްޗަށް. މިފެބްރުއަރީ އަކީ ޓުއަރިޒަމްގެ އެންމެ ހައިސީޒަން. ޑޮލަރު ލިބެނީ -/19 ރުފިޔާ އަށް. ރިސޯޓުތަކުން މާރުކުރާ ޑޮލަރު ލިބެނީ ސަރުކާރަށް. ވިޔަފާރިތަކަށް ޖެހެނީ ކަޅުބާޒާރުން ޑޮލަރު ގްންނަން. ވީމަ މުދަލުގެ އަގުދަނީ މައްޗަށް. މުސާރަ ބޮޑެއް ނުވޭ. ފިތެނީ އެއްކަލަ ނިކަމެތި ރައްޔިތުން. ޖުމްހޫރީ މައިދާނުގަ ހުރި ބޮޑުދިދަ ހެކިވާނެ.
ދައިގަންނަގުރާ
16 February 2025
ޖުމްހޫރީ މައިދާނުގަ ހުރި ބޮޑު ދިދައިގެ ރޮދިތައްވެސް މޮހެވެންލާފަ ހުއްޓަ އެހެރަ ފެންނަނީ. މިތާ ނެތޭ އިޚްލާޞްތެރި އެކަކުވެސް. ހަނދާ ދިމާލަށް ތަރިއެކޭވެސް މި ބޭފުޅުން ވިދާޅުވެދާނެ.
ފަކީރާ
16 February 2025
މީ ހަމަ މުސްލިމުންތޯ ...ބެރިއްނެތި ހުސް ދޮގު ހަދަމުން މިދުވަނީ؟ މީ ހަމަ އިސްލާމީ ދައުލަތެއްތޯ؟؟؟؟؟ ނަރަކައިގެ އަޒާބަައް ބިރެއްވެސް ނުގަންނަނީތޯ؟
ޖުބޖު
16 February 2025
އެބަހުރި މިހާރު ލިބޭ ދޮޅު ރުފިޔާއަށް
ސައީދު އަލް ފިނިފެންމާ
16 February 2025
ޢާއެކޭ އިއްޔެވެސް މަގަތީން ދޮޅު ރުފިޔާއަށް ޑޮލަރު ކިލޯއެއް!؟؟
ސަަގަރޭ
16 February 2025
އަންނަނަި އަންނަނީ. ސައީދު ބުނާ 3 މަސްވެސް އަންނަނީ.