ދެމަފިރިއަކު ކުޑަކުއްޖެއް ގޮވައިގެން ހިނގާލަނީ: ދަރިންގެ ހަރަދު ހަމަޖައްސަންޖެހެނީ ހަމައެކަނި ބައްޕައެއް ނޫން ކަމަށް ފެމެލީ ކޯޓުން ބުނި - ފޮޓޯ: މިހާރު
20 ފެބުރުއަރީ 2025 - 11:52
ފެމިލީ ކޯޓުން ތަންފީޒު ކުރަންޖެހޭ ގާނޫނު އޮތް ގޮތުން ދަރިންގެ ހަރަދުތައް ހަމަޖެއްސުމުގެ ޒިންމާވާން ޖެހެނީ ހަމައެކަނި ބައްޕައިން ނޫން ކަމަށާއި އެއީ މައިންބަފައިންގެ ޒިންމާއެއް ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީގައި ފެމިލީ ކޯޓުގެ ފަރާތުން ވާހަކަ ދެއްކެވި ލީގަލް އޮފިސަރު އަހުމަދު މައުސޫމް އިއްޔެ ވިދާޅުވީ، އެއީ ގާނޫނުތައް ތަންފީޒު ކުރަން ޖެހޭ ކޯޓެއް ކަމަށާއި އާއިލާއާ ބެހޭ ގާނޫނާއި އިޖުރާއަތުގެ ގާނޫނުގެ އިތުރުން ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގާނޫނު ވެސް ތަންފީޒު ކުރަން ޖެހޭ ކަމަށެވެ.
ދަރިންގެ ހަރަދުތައް ބައްޕައިންގެ އަތުން ނަގަން ކޯޓުން ހުކުމް ކުރަނީ އާއިލާއާ ބެހޭ ގާނޫނަށް ރިއާޔަތްކޮށެވެ. އެ ގާނޫނުގައި އެކަމާ ގުޅޭ އިޖުއާރަތްތައް ބަޔާންކޮށްފައިވެ އެވެ. ނަމަވެސް، އެ ގާނޫނަށް ވުރެ ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގައި ދަރިންގެ ހަރަދަށް ޒިންމާވުމަކީ މައިންބަފައިންގެ ވާޖިބެއް ކަމަށް ކަނޑައަޅާފައިވާ ކަން މައުސޫމް ފާހަގަކުރެއްވި އެވެ.
މީގެ ހަ އަހަރު ކުރިން 2019 ވަނަ އަހަރު އަމަލު ކުރަން ފެށި ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގާނޫނުގެ 20 ވަނަ މާއްދާގައި ބުނަނީ ކުއްޖާގެ މައިންބަފައިން ވަކިވާން ޖެހުނު ނަމަވެސް، ކުއްޖާ ބެލެހެއްޓުމާއި އޭނާއަށް ބޭނުންވާނެ ހަރަދުބަރަދުގެ ކަންތައްތައް ޝަރުއީ ހަމަތަކުގެ މަތިން މައިންބަފައިން ހަމަޖައްސަން ވާނެ ކަމަށެވެ.
މައިންބަފައިން ކަމަށް ބުނެފައިވަނީ ކުއްޖާގެ މަންމަ އާއި ބައްޕަ ކަމަށް ވެސް ގާނޫނުގައި މާނަކޮށްފައިވެ އެވެ.
"މިތާނގައި ބައްޕަގެ އެކަނި ކަމަކަށް ނޫން އޮތީ. މައިންބަފައިންގެ ކަމެއްގެ ގޮތުގައި އޮތީ. އެހެންވީމާ ކުއްޖާގެ ބައްޕަ އަށް އެކަނި ދަރިންގެ ހަރަދުގެ ހުރިހާ ކަމެއް އެހެން ޖަހާފައި އަޅުގަނޑުމެންނަށް ހަމައެކަނި ދޫކުރެވޭނެތޯ،" މައުސޫމް ސުވާލު ކުރެއްވި އެވެ.
ފެމެލީ ކޯޓު: ދަރިންގެ ހަރަދު ހަމަޖައްސަންޖެހެނީ ހަމައެކަނި ބައްޕައެއް ނޫން ކަމަށް އެ ކޯޓުން ދެކޭ
އޭނާ ވިދާޅުވީ، ދެމަފިރިން ކައިވެނިކޮށްގެން އެކުގައި ދިރިއުޅުމެއް ބިނާކުރުމަށް ފަހު، ވަކިވެގެން ދަނީ ދެ އަދާވަތްތެރިންގެ ގޮތުގައި ކަމަށާއި އެގޮތަށް ދާ ދިޔުމުގައި އަނެއް މީހާ އަށް ގެއްލުން ދިނުމުގެ މަގުސަދުގައި ވެސް ދަރިންގެ ހަރަދާ ގުޅޭ ކަންކަން ކޯޓާ ހަމައަށް ގެންދާ ކަމަށެވެ.
"...މިސާލަކަށް ކުއްޖާގެ ބައްޕަ އަށް ވުރެ ކުއްޖާގެ މަންމައަކީ ތަނަވަސްކަން ލިބިގެންވާ މީހަކަށް ވެސް ވެދާނެ. އެއްކަހަލަ އަދާވަތްތެރިކަމުގެ ގޮތުން ކުއްޖާގެ ބައްޕަ އަށް އިތުރު ކައިވެންޏެއް ކުރިޔަ ނުދިނުމަށްޓަކައި އަބަދުވެސް ކޯޓުގައި ކޮންމެ ވެސް މައްސަލައެއް ބާއްވާނަމޭ އެބަ ބުނޭ،" މައުސޫމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުއްޖާގެ މަސްލަހަތަށާއި ރައްކާތެރިކަމަށް އަދި ދުޅަހެޔޮކަމަށް ބަލާ ނަމަ ހަރަދާ މެދު ޒިންމާވާން ޖެހޭނީ ދެމަފިރިން ހަމަހަމަ އުސޫލަކުން ކަމަށެވެ. ގާނޫނުތަކުގައި ވެސް އެކަންކަން އޮތީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ކައިވެނި ރޫޅުމަށް ފަހު ދަރިންނަށް ހަރަދު ނުކުރާތީ، ކުދިންގެ މަންމައިންނަށް ބައްޕައިންނާ ދެކޮޅަށް ކޯޓުގައި ދައުވާ ކުރަން ޖެހޭ މައްސަލަތައް ކޯޓުތަކުގައި ނިސްބަތުން ގިނަ އެވެ. ހުކުމާ އެއްގޮތަށް ހަރަދުގެ ފައިސާ ނުދައްކާ މައްސަލަތައް ވެސް އިތުރުވެ އެވެ.
ގަވާއިދު މިހާރު އޮންނަ ގޮތުން އެއް ކުއްޖަކު ހުރި ނަމަ 2،000ރ. އަދި އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ތިބި ނަމަ ކޮންމެ ކުއްޖަކަށް 1،000ރ. އަށް ވުރެ މަދު ނޫން އަދަދެއް ދަރިންގެ ހަރަދުގެ ގޮތުގައި މަހަކު ދޭންޖެހެ އެވެ.
ނަމަވެސް، ތަކެތީގެ އަގު އިންތިހާ އަށް އުފުލިފައިވާއިރު މަހެއްގެ މައްޗަށް 2،000ރ. އަކީ ދަރިންގެ ހުރިހާ ހަރަދެއް ފުއްދޭ ވަރަށް ވުރެ މާ ކުޑަ އަދަދެއް ކަމަށް ވިދާޅުވެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ މަޖިލީހަށް ސިޓީއެއް ހުށަހަޅުއްވައިފަ އެވެ.
އެކަމަކު، ގާނޫނަކުން އެ އަދަދު ބޮޑުކުރަން ފެމިލީ ކޯޓުން ތާއިދެއް ނުކުރެ އެވެ. އެ ކޯޓުގެ ލީގަލް އޮފިސަރު ވިދާޅުވި ގޮތުގައި މިހާރު ގަވާއިދުގައި އޮތް އަދަދު 4،000ރ. ބޮޑުކުރަން ގަވާއިދުގައި ހިމެނުމަކީ އެންމެ އިންސާފު ގޮތް ކަމަށް ނުވެދާނެ އެވެ.
އިއްޔެ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ފެމިލީ ކޯޓުގެ ލީގަލް އޮފިސަރު މައުސޫމް ވިދާޅުވީ ދަރިންގެ ހަރަދުގެ ގޮތުގައި ވަކި މިންވަރެއް ގަވާއިދުގައި ކަނޑައަޅާފައި އޮތްއިރު، އިތުރު ހަރަދުގެ ގޮތުގައި އެހެން ހަރަދުތައް ވެސް ނަގައިދޭ ކަމަށެވެ. ކެއުމާއި އަންނައުނު އަދި ބޭސްފަރުވާ އަށް ވަކިން ދައުވާ ކޮށްގެން ހަރަދު ނަގައިދެވޭ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މައުސޫމް ވިދާޅުވީ ބައެއް މީހުން ދަރިންގެ ހަރަދު ދޭން ޖެހި އާމްދަނީން ދެކޮޅު ނުޖެހޭ ހާލަތްތައް ވެސް ކުރިމަތިވާ ކަމަށެވެ. ފަހުން ކުރާ ކައިވެންޏަށް ލިބޭ ދަރިއަށް ހަރަދު ނުކުރެވި، ކައިވެނި ރޫޅޭ ހިސާބަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންވެ މައުސޫމް ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ބައްޕައިންގެ އާމްދަނީ އާއި ގާބިލް ކަމަށް ބަލައިގެން ހަރަދު ކަނޑައެޅުމުގެ އިހްތިޔާރު ފަނޑިޔާރުންނަށް ދިނުމެވެ. އޭރުން އެ ކުއްޖެއްގެ ހާލަތާއި އެ ކުއްޖެއް އުޅޭ ދިރިއުޅުމުގެ ފެންވަރަށް ބަލައިގެން އިންސާފުވެރިކަމާ އެކު، ގާޒީންނަށް ހަރަދު ކަނޑައެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެތް ނަމެއް ޖެހޭކަށް
22 February 2025
ދަރިންނަށް ހަރަދު ކުރުމަކީ ބައްޕަގެ ޒިންމާއެއް، ބޭނުން އެއްޗެކޭ ކިޔާފަ ޤާނޫނު ހަދަންވީ، ދަރިންނަށް ހަރަދު ކުރަން ބޭނުން ނުވާނަމަ ދަރިއެއް ނޫންކަމަށް ހެދީމަ ނިމުނީ، އޭރުން ދަރީގެ ހަރަދު ހޯދަން ކޯޓަކަށް ނުދާނެ، އަދި ދަރީގެ މަންމަ އަކީ މަހުޖަނަކަށް ވިޔަސް ދަރިއަށް ހަރަދު ކުރަންޖެހޭނީ ބައްޕަ. އަލްހަމްދުލިއްލާހި އަހަރެންގެ ދަރިންނަށް އެފަދަ ބަފައެއް ލިބިފަ ހުރީމަ.
ދޮންބެ
22 February 2025
ގާނޫނު އޮތީ ހަދާ ނިމިފަ, ގުރުއާންގަ, ކަލޭމެން އާގާނޫން ހަދާކަށް ނުޖެހޭ.
އަލީބެ
21 February 2025
ގާނޫނު ހަދާއިރު އަދުރެމެނަށް ނޭނގޭ 4000 ސެލެރީ ލިބޭމީހަކު 4000 ދަރިންނަށް haradhu ކުރާނީ ކިހިނެއްކަމެއް. ފިރިހެނުންވެސް މިވާހަކަ ދައްކަންޖެހޭ. އިސްލާމީ ޝަރީއަތް ހިންގާނަމަ ފިރިމީގާގެ މުސާރަ ބޮޑުވާންޖެހޭނެ. އެއީ ކުއްޔާ ކަރަންޓު ދެއްކޭވަރަށް.
ހަސަންބޭ..
21 February 2025
ކޮންމެއަކަސް ދަރިންގެ ހަރަދު ކަންތައް ވަރަށް ބޮޑުވެއްޖެ ދޯ. ކިހާވަރަކުން ދާނެބާ.. މިހާރު ހަރަދުގެ ގޮތުގައި ދޭ ޢަދަދަށްވުރެ ބޮޑު އަދަދެއް ދޭންޖެހި ފަހުން ކުރާ ކައިވެނީގައި ފައިސާގެ މައްސަލަތައް ޖެހެން މަގުފަހި ވެއްޖެނަމަ ޤާނޫނަކުން އެލިބެނީ އަނިޔާއެއްކަމުގައި ނޫނީ ނުވާނެ. ބޭސް, ފޮތް ހިލޭ..
ބަރުބާދު
21 February 2025
މިހާރުއެބަ ރަނގަޅުވޭ ޚަރަދުކުރަންދެމީހުން، ވަރިކުރި 6 މީހުންނަށް 14 ދަރިން ތިބީމަ ކިހިނެއް ކޮންމެދަރިއަކަށް މަހަކު 2 ހާސް ރުފިޔާ ދޭނީ؟. ސަރުކާރުންވެސް އެކަނިވެރި މައިންނަށް ފައިސާ، އެކަނިވެރި ބަފަޔަށް ނުދޭ އެކައްޗެއްވެސް.
ދޮންދީދީބޭ
21 February 2025
މާބޮޑަށް އެނގިގެން ތިއުޅޭނީ. އެ އަލަވަންސަށް ކިޔަނީވެސް "ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީއެހީ" އެކެނިވެރި ބަފައިންނަވެސް ލިބޭ. އޮޅުވާލިޔަސް ބޮޑުވަރު.
ކަތްދަ
21 February 2025
އަދިވެސް ރައްޔިތުންނަށް ނުވިސްނޭ މަޖިލީހުގައި ސިޔާސީ ވެގެން މެމްބަރުން އުޅެފަ ފާސްކުރާހާ ގާނޫނުތައްކަން މި. ޢަނބިދަރިން ބަލަހައްޓަން ދީނުގައި އޮންނަނީ ބައްޕައަށް.
ހަސަންބޭ..
21 February 2025
ބައްޕައަށް އޮތަކަސް, ތިބުނާ ހަރަދާއި ހެދި ފަހުން ކުރާ ކައިވެނިވެސް ރޫޅުނީމަ ކަމަކު ނުދޭ އެއްނު. ވަރިވަނީ ދަރިން ތިއްބަސް ނޫޅެވިގެން...
ޟޮހޮރަަ
21 February 2025
ސަރުކާރުން ހުރިހާ ކުދިންނައް ފޮތްތައް ހިލޭ ދިނުމަކީ ބޮޑު ޙަރަދަކައްވާނީ. ފަޤީރު ކުދިންނައް އެކަނި ދިނުން ރަގަޅުވާނެ
ދޮންދީދީދީީ
21 February 2025
ބްރޯ ރާއްޖޭގައި ފަޤީރު މީހުންނަކީ ކޮބައިކަން ވަކިނުކުރެވޭތީ މައްސަލައަކީ. މަހަކު އެއްލަކަ ރުފިޔާ ލިބޭމީހާވެސް 3000 ޑޮލަރުގެ ކުލި ދައްކައިގެން އުޅެނީ. ބާކީފައިސާ އަށް އަގުބޮޑު ރެސްޓޯރަންޓުން ކައިގެން، ކާރު ޑްރައިވަރާއި ކުދިން ބަލާ ނެނީއަށާއި، ގެ ސާފުކުރާ މީހާއަށް މުސާރާކޮޅު ދީ. ވީކެންޑަށް ރިސޯޓަށް ގޮސް. ދެން މަސް ނިމުމުގެ ކުރިން އަތުން ފައިސާ ހުސްވީމަ ބުނަނީ ތިމަންނާ އަކީ ފަޤީރެކޭ. ތިމަންނާއަށް ސަރުކާރުން ހުރިހާ އެހީއެއް ލިބެންޖެހޭ.
ރާވެރިބެ
20 February 2025
ބޭކާރު ވާހަކަ ނުދައްކާ. ފިރިން ދަރިން ހޯދަން ޖެހޭނީ އެދަރިން ބެލޭނެ މާލީ ތަނަވަސް ކަން ހުރިއްޔާ! އަދި ވަރިކޮށްފަ ދާންޖެހޭނީ އަދި ދެވެން ވާނީ ދަރިންނަށް އެކަށީގެންވާ ޚަރަދު ދެވޭނަމަ! ދަރިންނަށް ޙަރަދުނުދީ އެއްލާލާފަ ގޮސް އަނެއްކާ އަނެއްމީހާ އިނުމަކީ ރަގަޅު ގޮތެއް ނޫން! އެވާނީ އަމިއްލަ އެދުން ބޮޑީކަމަށް. ހަމަ ހިތުހުރިހާ ގޮތަކަށް މިދުނިޔެ މަތީ އުޅުމުގެ ހުއްދައެއް ނެތް! ބަފައިން ދަރިން ބެލުމުގެ ޒިންމާ އުފުލާ! ފިރިހެނަކަށް ވާނީ އޭރުން.
ޒުހުރީ.
21 February 2025
ނުޖެހޭނެ ފިރިމީހާ އެކަނި އެޒިންމާ ނަގާކައް ފިރިމީހާޔާ ޒުވާބުކޮއް ހިތުހުރިހާ ގޮތަކައް ހިލޭ ފިރިހެނުން ފަހަތުން ދުވެފަ ވަރިކުރީމަ ކޮންމެހެން މާރަނގަޅު ބައެއް ކަމައް ހެދޭނި ކަމެއްްނެތް ވަރައް ލަދުހަޔާތްކުޑަ ވިޔާނުދާ އަންހެނުން މިހާރު ވަރައްގިނަ
އޮނަރަބަލް ޓުއްޓޯންބެ
20 February 2025
ފާއިތުވީ 10 އަހަރު ދިރިއުޅުމުގެ ހާލަތާއި ދިރި އުޅުމުގެ އަގުތައް މަތިވެ ބަދަލުވެފައި މިންވަރަށް ބަލާއިރު އެކަނިވެރި މައިންނަށް ދޭ ފައިސާ ތައާރަފު ކުރެއްވި މުހަންމަދު ނަޝީދުގެ އަންނި ގެ ވެރިކަމެއްގައި މިހާރު އެކަނިވެރި މައިންނަށް ދޭ ފައިސާ 2 ގުނަ ބޮޑު ކުރުމަކީ ރައްޔިތުންގެ އުންމީދެކެވެ . ވޯޓު ނަޝީދު 2028 .
އައިމިނާ
20 February 2025
ކޮބައިތޯ؟ އިސްލާމިކްމިނިސްޓްރީ. މިކަމަށް ބަޔާނެއް އެއްޗެއްވެސް ނުނެރެނީތޯ؟ ކޮބައިތޯ؟ ފަތުވާކޮމެޓީ. ކޮބައިތޯ؟ ޝޭޚުންތައް.
ލޮލްސް
21 February 2025
އަންހެނުންނާ ޖެހުނީމަ ހާދަ މޭކަރައިގެން ތިއުޅެނީ