މިއަދުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން: ފެމެލީ ކޯޓުން ބޭނުން ވަނީ ހަރަދު ކަނޑައެޅުމުގެ އިހްތިޔާރު ފަނޑިޔާރުންނަށް ދޭން
19 ފެބުރުއަރީ 2025 - 14:20
ދަރިންގެ ހަރަދަށް ގަވާއިދެއްގައި ވަކި އަދަދެއް ކަނޑައެޅުމުގެ ބަދަލުގައި ބައްޕައިންގެ އާމްދަނީ އާއި ހާލަތަށް ބަލައިގެން ހަރަދު ކަނޑައެޅުމުގެ އިހްތިޔާރު ފަނޑިޔާރުންނަށް ލިބޭގޮތަށް ގަވާއިދު ބަދަލުކުރަން ތާއީދުކުރާ ކަމަށް ފެމެލީ ކޯޓުން މިއަދު ބުނެފި އެވެ.
ދަރިންގެ ހަރަދަށް މިހާރު ގަވާއިދުގައި ކަނޑައަޅާފައިވާ އަދަދު ކުޑަކަމަށް ބަޔާންކޮށް، އެކަމާ މެދު މަޝްވަރާ ކުރުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ މަޖިލީހަށް ސިޓީއެއް ހުށަހަޅުއްވައިފަ އެވެ.
މިހާރު ގަވާއިދު އޮންނަ ގޮތުން އެއް ކުއްޖަކު ހުރިނަމަ 2،000ރ. އަދި އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ތިބި ނަމަ ކޮންމެ ކުއްޖަކަށް 1،000ރ. އަށް ވުރެ މަދު ނޫން އަދަދެއް ދަރިންގެ ހަރަދުގެ ގޮތުގައި މަހަކު ދޭންޖެހެ އެވެ.
ނަމަވެސް، ތަކެތީގެ އަގު އިންތިހާ އަށް އުފުލިފައިވާއިރު މަހެއްގެ މައްޗަށް 2،000ރ. އަކީ ދަރިންގެ ހުރިހާ ހަރަދެއް ފުއްދޭ ވަރަށް ވުރެ މާ ކުޑަ އަދަދެއް ކަމަށް ކުޑޫގެ ސިޓީގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ.
އެ މައްސަލަ ދިރާސާ ކުރަމުން ގެންދާ މަޖިލީހުގެ ގަވާއިދު ކޮމެޓީގެ ގިނަ މެމްބަރުން ވަނީ ދެމަފިރިން ވަރިވުމަށް ފަހު ދަރިންނަށް ދޭންޖެހޭ ހަރަދު އިތުރުކުރަން ތާއިދު ކުރައްވައިފަ އެވެ. އަދި މިއަދު ކޮމިޓީގެ މެންބަރުން ވަނީ ކަމާބެހޭ ބައެއް އިދާރާތަކާ ބައްދަލުކޮށްފަ އެވެ.
މިއަދު އޮތް ކޮމިޓީގެ ބައްދަލުވުމުގައި ފެމެލީ ކޯޓުގެ ލީގަލް އޮފިސަރު އަހުމަދު މައުސޫމް ވިދާޅުވީ ދަރިންގެ ހަރަދުގެ ގޮތުގައި ވަކި މިންވަރެއް ގަވާއިދުގައި ކަނޑައަޅާފައި އޮތްއިރު، އިތުރު ހަރަދުގެ ގޮތުގައި އެހެން ހަރަދުތައް ވެސް ނަގައިދެވޭ ކަމަށެވެ. އެގޮތުން ކެއުމާއި އަންނައުނު އަދި ބޭސްފަރުވާއަށް ވަކިން ދައުވާކޮށްގެން ހަރަދު ނަގައިދެވޭ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އެހެންކަމުން މިހާރު ވެސް ވަރަށް ބޮޑު އަދަދެއް ހަރަދުގެ ގޮތުގައި ނަގައިދެވޭ ކަން ފާހަގަ ކުރައްވައިމ އަހުމަދު ވިދާޅުވީ ފެމެލީ ކޯޓުން އެއް ކުއްޖެއްގެ ހަރަދަށް 16،000ރ. މަހަކު ދައްކަން ޖެހޭ ގޮތަށް ވެސް ބައްޕައެއްގެ މައްޗަށް ހުކުމެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާރު ޝަކުވާއަކަށް ވެފައި އޮންނަނީ އިތުރު ހަރަދުތައް ހޯދަން ވަކިން ދައުވާ ކުރަން ޖެހޭތީ ކަން ވެސް އޭނާ ވިދާޅުވި އެވެ.
ފެމެލީ ކޯޓުގެ ލީގަލް އޮފިސަރު ދެކެވަޑައިގަންނަވާ ގޮތުގައި ގަވާއިދުގައި ދަރިންގެ ހަރަދުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ އަދަދު ވެސް ކުޑައެއް ނޫނެވެ. އަދި އެ އަދަދު ބޮޑުކޮށްފި ނަމަ، އެއީ އެންމެ އިންސާފުވެރި ގޮތަކަށް ނުވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައެއް މީހުން ދަރިންގެ ހަރަދު ދޭން ޖެހި އާމްދަނީން ދެކޮޅު ނުޖެހޭ ހާލަތްތައް ވެސް އަންނަ ކަމަށެވެ. އަދި ފަހުން ކުރާ ކައިވެންޏަށް ލިބޭ ދަރިއަށް ހަރަދު ނުކުރެވި، ކައިވެނި ރޫޅޭ ހިސާބަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންވެ އަހުމަދު މައުސޫމް ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ބައްޕައިންގެ އާމްދަނީ އާއި ގާބިލް ކަމަށް ބަލައިގެން ހަރަދު ކަނޑައެޅުމުގެ އިހްތިޔާރު ފަނޑިޔާރުންނަށް ދިނުމެވެ. އޭރުން އެ ކުއްޖެއްގެ ހާލަތާއި އެ ކުއްޖެއް އުޅޭ ދިރިއުޅުމުގެ ފެންވަރަށް ބަލައިގެން އިންސާފުވެރިކަމާ އެކު ގާޒީންނަށް ހަރަދު ކަނޑައެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ބަދަލުގައި މިހާރު ގަވާއިދުގައި އޮތް އަދަދު 4،000ރ. ބޮޑުކުރަން ގަވާއިދުގައި ހިމެނުމަކީ އެންމެ އިންސާފު ގޮތް ކަމަށް ނުވެދާނެ ކަމަށް ފެމެލީ ކޯޓުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެސީ1
21 February 2025
3 ދަރިން ހަޟޯނަތުން ލިބުނީ ބައްޕައައް، މަންމަ-/25000ރ ލިބޭ މުސާރައައް، ބައްޕައައް ލިބެނީ -/15000ރ ވަރިވި ފަހުން ކުދިންގެ މަންމަ ނުދޭ އެއްވެސް އެއްޗެއް، ދީނުގަ އޮންނަނީ ބައްޕައިންނަށޯ ހަރަދު ކުރަން
މޫމިނާ ހާރޫނު
20 February 2025
ބައްޕައިންގެ ޚަރަދާއި މިހާރު ކުޅޭކަށް ނުފެނޭ. ޤައުމު އޮތީކީ އެހާލަތަކުނޫން. މީ ސިޔާސީ ގޭމެއް. ރައްޔިތުންނާއި ސަރުކާރުޖައްސަން ކުރާކަމެއް. ނެތް ފައިސާއަކުން ނެތް އާމްދަނީއަކުން ދޭނެގޮތެއް ނޯންނާނެ
ހަކީމް
20 February 2025
މުސާރައިން ޕެންޝަނަށް 7% ކުއްޔަށް ކަރަންޓަށް ބޮޑުޢަދަދެއް، ކެއިންބުއިމަށް ބޮޑުޢަދަދެއް، ބަލިވީމަ އަތުން ޚަރަދު، ޓެކްސް ދެން ކިހިނެއް ތިބުނާހާ ފައިސާއެއް އަހަރަމެންދައްކާނީ؟ ޖަލައްލާންވީނު އަހަރަމެން އެންމެން. ކިހާބޮޑުވެއްޖެކަމެއްދެންމީ. ރައްޔިތުންގެ ޖީބުތަކަށް އަތްނުބާނާ މިހާރުވެސް ދެކޮޅުނުޖެހިގެން މިއުޅެނި
ނަދީމް
20 February 2025
ތަކެތީގެ އަގުތައް ބައްޕައިންނަށް ބޮޑުނުވަނީތޯ؟ އަދި ދަރިއަކަށް ޚަރަދު ނުދޭން ބައްޕައިންގެ ހިތަށް ކުޅަދާނެވާނެތޯ؟ ވަޒީފާނެތި ކުޑަކުޑަ މުސާރަތަކުގައި ދެވަނަ މީހަކަށް ކައިވެނިކޮށްގެން ނުވަތަ ފުދުންތެރިކަން ނެތިގެން އުޅޭ ބައްޕައިންނަށްވާނީ ކިހިނެއް؟ ޤާނުނު ލިޔަންވާނީ އެފަދަ މުސާރަތަކާއި ވަޒީފާތައްވެސް ހޯދަދީފަ އާމްދަނީވެސް ލިބޭގޮތްތައްވެސް ހަމަޖައްސާފަ. ނޫނީ ޚަރަދު ނުދެވިގެން އުޅޭ އެންމެން ކުޑަގޮޅިއަށްލާންވީނު އޭރުން ޚަރަދު ލިބޭނެ.
އަނބި
20 February 2025
ދަރިންގެ ޚަރަދަކީ ބައްޕައިންގެ މައްޗަށް ދީނީ ގޮތުން ވާޖިބު އެއްޗެއް. އަދި ގާޒީ އެއަދަދު ކަނޑައެޅުންވެސް ރަނގަޅު، އެހެންނަމަވެސް ރިއާޔަތް ކުރަންޖެހޭ ގިނަ ކަންކަން ހުންނާނެ. މިސާލަކަށް ބައްޕައަކީ ރަށުގަ ދަނޑުވެރިކަން ކުރާ މީހަކަށްވެފަ، ކުއްޖާގެ މަންމަ ދިރިއުޅުން މާލެ ނޫނީ ބޭރު ގައުމަކަށް ބަދަލުވެފައި އެހާލަތުގައި ކުއްޖާގެ ހުރިހާ ޚަރަދެއް ކުރަން ކޯޓުން އަންގައިފި ނަމަ އިންސާފަކަށް ނުވާނެ. ވީމާ ބައްޕަގެ އާމްދަނީ އާއި ޚަރަދުތަކަށް ރިއާޔަތް ކުރަންވާނެ.
ޚަރަދު
20 February 2025
ދަރިންގެ ޚަރަދު ކަނޑައަޅަންޖެހޭ ގޮތަކީ އިކޮނޮމީއާ އިންފްލޭޝަނަަށް ބަލައިގެން. ބައްޕައަށް ލިބޭ އާމްދަނީ އަކީ އެކަމަށް ގޮތް ނިންމަން ބަލަންޖެހޭ އިންޑެކްސް އެއް ކަމަށް ބެލުމަކީ ހަމަޖެހޭ ކަމެއް ނޫން.
ސުމާރު
20 February 2025
ދަރިފުޅު ބަލަނީ މަންމަ ކަމުގައި ވާނަމަ، ބައްޕައަށް ލިބޭ އާމްދަނީއަށް ބިނާކޮށް ދަރިންގެ ޚަރަދު ކަނޑައަޅަންޖެހޭ. އަދި އެ ޢަދަދަކީ ކޮންމެ ފަހަރަކު ޤާޟީއަކަށް ފެންނަ ގޮތަކަށް ކަނޑައެޅުމަށް ވުރެ އެކަމުގައި ޕަސަންޓޭޖެއް ކަނޑައަޅައި ޙާލަތަށް ބިނާކޮށް އެ ޢަދަދު ބަދަލުވާނެ ނިޒާމެއް އޮންނަންޖެހޭ. މިސާލަކަށް ބައްޕަ ވެދާނެ ދާއިމީ ބައްޔަކަށް ބޭސްކުރާ، އެހެނަސް ރަނގަޅު އާމްދަނީއެއް ލިބޭ މީހަކަށް. އެ ޙާލަތުގައި ދާއިމީ ބައްޔަށް ހިނގާ ޚަރަދު އުނިކުރެވިދާނެ.
މުލޭ
20 February 2025
ޑީލް ހަދަން ފަސޭހަވާނެ އޭރުން.
އިންސާފް
19 February 2025
ދިވެހިރާއްޖޭގެ ގާނޫނު އޮންނަނީ އިސްލާމީ ޝަރީޢަތަށް ބިނާ ކޮށްފަ. އެހެންކަމުގައި ވަނީނަމަ، ކައިވެނީގެ މުއްދަތުގަ އާއި ކައިވެނި ރޫޅުމަށްފަހުވެސް ކުދިންގެ ޚަރަދަކީ ބައްޕައަށް ލާޒިމް ވެގެންވާ ކަމެއް. ކިތަށް ފިރިހެނުންތޯ އަންހެނުންނަށް ބިރު ދައްކަނީ ޚަރަދު ހޯދަން ކޯޓަށް ދާނަމަ އެންމެ ބައިލާރިވެސް ނުދޭން. އެހެންވީމާ ފިރިހެންމީހާ ބިކަ ވެޔޭ ބުނީމަ ހަމައެއްނުޖެހޭ. މީހަކާ އިނދެ ދަރިން ހޯދުމާއި އަނބިދަރިންނަށް ޚަރަދު ކުރުމަކީ ފިރިހެންމީހާ ކުރަންޖެހޭ ކަމެއް.
ތަކުރު...
19 February 2025
"އޭނާ ވިދާޅުވީ ބައެއް މީހުން ދަރިންގެ ހަރަދު ދޭން ޖެހި އާމްދަނީން ދެކޮޅު ނުޖެހޭ ހާލަތްތައް ވެސް އަންނަ ކަމަށެވެ. އަދި ފަހުން ކުރާ ކައިވެންޏަށް ލިބޭ ދަރިއަށް ހަރަދު ނުކުރެވި، ކައިވެނި ރޫޅޭ ހިސާބަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ." ..... އިސްލާމް ދީނުގަވެސް އޮވޭ ދަރިން ހޯދަންވާނީ އެމީހަކަށް ކުޅަދާނަ މިންވަރަކުންނޭ. އަމިއްލައަށް ހަރަދު ނުކުރެވޭ ވަރަަށް ދަރިން ހޯދުން އެއީ އެމީހާގެ މައްސަލައެއް.