ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ގާސިމް އަބްދުލްކަރީމް (މ) އާއި ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުން ފޮޓޯއަކަށް ހުއްޓިގެން. -- ފައިލް ފޮޓޯ
23 ފެބުރުއަރީ 2025 - 15:49
ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި ފުލުހުން އަމަލުކުރި ގޮތް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަން ފަށައިފި އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ މީގެ ފަސް މަސް ކުރިން ފެނުނީ، އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިންނެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާގެ ކަރުގެ ވާތް ފަރާތުގައި ފުންކޮށް ތިން ޒަހަމެއް އަދި ކަނާތް ފަރާތުގައި ވެސް ފުންކޮށް ދެ ޒަހަމެއް ހުރި ކަމަށް ފުލުހުން ބުނެ އެވެ.
އެކަމަކު އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުނުކޮށް، ގިނަ ދުވަސްތަކެއް ވަމުންދާއިރު ހޮޅުދޫގައި ޒަކިއްޔާގެ އާއިލާގެ މީހުން ވަނީ އެކި ފަހަރު މަތިން އިހުތިޖާޖުކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ މައްސަލާގައި މިއަދު ވެސް ރަށުގައި އިހުތިޖާޖުކުރި އެވެ.
ޒަކިއްޔާއަށް އިންސާފު ހޯދަން ގޮވާލައި ހޮޅުދޫގައި ބޭއްވި އިހުތިޖާޖުގައި ބަޔަކު ބައިވެރިވަނީ. -- ފޮޓޯ: އަރީޝާ/ ފޭސްބުކް
އާއިލާ އާއި ރަށުގެ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ޒަކިއްޔާގެ މަރުގެ ފަހަތުގައި އެހެން ކަންތައްތަކެއް ވެ އެވެ. އޭނާ އަމިއްލަ އަށް ކަރުގައި ވަޅި އަޅައި މަރުވެދާނެ ކަމަށް ގަބޫލުކުރަން ދަތި ކަަމަށް ވެސް މުޒާހަރާތަކުގައި ދަނީ ގޮވަމުންނެވެ.
އެ މައްސަލާގައި އެންއައިސީން ބުނީ ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ބުނެ އާންމުން ފުލުހުންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރަމުންދާތީ އާއި އާންމުންގެ ކަންބޮޑުވުން ވެސް އޮތް މައްސަލައަކަށްވާތީ އެ ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް މައްސަލަ ބަލަން ނިންމާފައިވާ ކަމަށެވެ.
މައްސަލަ ތަހުގީގުކުރުމުގައި ގާނޫނާއި ގަވާއިދާއި ފުލުހުން އަމަލުކުރަންޖެހޭ އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައިވޭތޯ ބަލަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
— National Integrity Commision (@NIC_Maldives) February 23, 2025
އެ މައްސަލާގައި ރޭ އެޗްއާރުސީއެމުން ބުނީ ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގާ ގުޅިގެން ގާތްތިމާގެ މީހުންގެ ހުރި ކަންބޮޑުވުންތައް އެ ކޮމިޝަނަށް ހިއްސާ ކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލާގައި އިދާރާތަކުން އަމަލުކުރަމުންދާ ގޮތް ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށް އެޗްއާރުސީއެމުން ބުނެ އެވެ.
ޒަކިއްޔާގެ މަރުގެ މައްސަލާގައި ރަށުގެ ރައްޔިތުން، އޭނާގެ ފިރިމިހާއަށް ބޮޑެތި ތުހުމަތުތަކެއްކޮށް، އޭނާ ހައްޔަރުކުރަން ދަނީ ގޮވާލަމުންނެވެ.
އެކަމަކު އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.
ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސް ތަހުލީލުތަކެއް ކުރި ނަމަވެސް އޭނާ ވަޅުލީ ޕޯސްޓްމޯޓަމް ނުހަދަ އެވެ. އަދި އެ މައްސަލާގައި މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް އެރަށަށް ދިޔަ އެވެ. މިހާރު ވަނީ އެ މައްސަލާގައި އެފްބީއައިގެ އެހީ ހޯދުމަށް ވެސް އެދިފަ އެވެ. ޒަކިއްޔާގެ މަރާ ގުޅިގެން ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ބުނެފައި ވަނީ އޭނާގެ މަރުގައި އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމަކަށް ތަހުގީގުގެ އެހާ ހިސާބަށް ފާހަގަވެފައި ނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކޮއި
24 February 2025
މީ ފުލުހުން ކުޅޭ ހާދަވަރުގަދަ ޑްރާމާއެކޭ ހިތަށްއަރާ. އެންމެފުރަތަމަ ސީންއަށް ދިއުމާއެކު ޓޭޕްދަމާ އެ ސަރަޙައްދެއް ފުލުހުންގެ ބެލުމުގެ ދަށަށްގެނައުމީ އަބަދުވެސްކުރާކަމެއް. އެކަމަކު ރަށުރައްޔިތުން ބުނާގޮތުންނަމަ ޒަކިއްޔާގެމަރުގެ މައްސަލައިގައި ކަންތައްހިނގާފައިވަނީ އެހެނެއްނޫން. އަދި އެއްބަޔަކުބުނާގޮތުންނަމަ އެ ވަޅި ފުރަތަމަފެނުނުއިރު ވަޅީގައި ލޭނެތިފައި ފަހުން ވަޅީގައި ލޭހުރުމުންވެސް އޭގައިބަޔަކު ޝާމިލްވާކަން ފުލުހުންނަށް ޤަބޫލުނުކުރެވެނީ ކީއްވެބާ؟
އުވާލާ
24 February 2025
އަސްތަގުފިރުﷲ. ތިވެސް ކޮމިޝަނެއް؟؟؟ ދައުލަތުގެ ބަޖެޓުން ފައިސާ އިސްރާފުކޮއް ސިޔާސީ ގޮތުން ނުފޫޒު ގަދަ މީހުންގެ އާއިލާ މޯހުންނާ ރައްޓެހިންނަށް ބޮޑު މުސާރަ ބަހަން ހަދާފަ ހުންނަ ތާއަބަދު ނިދާފަ ތިބޭ ތަންތަން. އުވާލާ!!!
ގެދާނޯމޮސް
23 February 2025
އެންއައިސީން ބަލަން އުޅޭ ތިޑްރާމާ ރަނގަޅުވާނީ ތިޓީމަށް އޮލިމްޕަހުގެ ސްކްރީނުގަ އަޅުވަ ދިނިއްޔާމުންނެވެ.
ގެދާނޯމޮސް
23 February 2025
ތިތަހްގީގް ތަށް މީގެ ކުރިންވެސް ބަޔަކު އިސްކޮށްގެން ކުރިއެވެ. ނުކުތް ނަތީޖާ ގަ ބޮޑުވެފަ އޮތީ އެލަވަންސް ތަކާއި ސަޔާއި ކޮފީތަކާއި މުސާރަތުކެ ނަތީޖާއެވެ. ނަޝީދު ބުނުއްވާ ހެން އިންވިސްޓިގޭޝަނަށް އަވައްޓެރި ގައުމުު ތަކުގެއެހީ ހޯދަން ޖެހިއްޖެއެވެ.. އެކަން ނުކުރަން އުޅެނީ ވަޒީފާތަކުގެ އެންމެ އިސްވެރިން ގެ މަގާމު ގެއްލިދާނެ ބިރަށެވެ.
ޝަނީފް
23 February 2025
އަޅުގަނޑަށް ހީވަނީ ތިޔަ ތަހުގީގު ފަށަން އަދި ތަންކޮޅެއް އަވަސް ހެން.
70007
23 February 2025
ތިތަނުން ކޮން ތަޙްޤީގެއް ކުރެވޭނީ. ތީ ދައުލަތުން ކުރާ ބޭކާރު ހަރަދު. ކޮމިޝަނގެ މެމްބަރު، ސީނިއާ އިންވެސްތިގޭޓަރު، ބޮޑެތި ނަންނަން ކިޔާފަ ތިބެނީ ގޮނޑިހޫނުކުރަން.
ސަންޑޭ
23 February 2025
އެން.އައި.ސީ އޭ ތީ ކީއްކުރާ ތަނެއް. ތި ތަނުގަ އުޅޭ މެމްބަރުންނަށް މުސާރަ ޙަލާލުވާ ވަރާ ގާތަށް ވެސް މަސައްކަތް ކުރެވޭތޯ. ޝައިޚަކު އަދި މެމްބަރެއްގެ ގޮތުގައި އެބަ ހުއްޓޭ.
ފޮނިފޮނިޓައްޕު ކުމާރު
23 February 2025
ތިޔަ ތަހުގީގެއް ކުރާން ތިޔަ ހިފީ ރައްޔިތުން ދޫނުކުރީމާ. ހުރިހާ ޝުކުރެއް ރައްޔިތުންނަށް.
ލުބްލާ2025
23 February 2025
ނޫސްވެރިން ވެސް ފިތުނަ ފަސާދަ އުފައްދަނީ. އެންއައިސީ އަކީ އެހެން އިދާރާތަކުން މަސްއޫލިއްޔަތު އަދާނުކޮށްފިއްޔާ މައްސަލަބަލާ ތަނެއް. މީހަކު މަރާލާ އިރަށް އެންއައިސީ އަކުން ނޫން މައްސަލަ ބަލާނީ. ތަހުގީގީ އިދާރާތަކަށް ވެސް މައްސަލަ ބަލަން ބޭނުންވާ ވަގުތު ދިނުމަށްފަހު އެންއައިސީން މައްސަލަ ބަލަން ޖެހޭނީ.
ނަތީޖާ0
23 February 2025
ތިކހަލަ ހިއުމަންރައިޓްސް މުއައްސަސާ ތަކުގެ ބޭނުމެއް ނުފެނޭ. ރައްޔިތުންގެ ޓެކުސް ފައިސާއިން ކުރާކަމެއް ނުފެނޭ. އުވާލަން ފެއްނަނީ.
ބަބޫ
23 February 2025
އަނގަ ފުޅާކޮށްފަ ޓެކްސް ފައިސާއޭ ކިޔާ އިރު ހީވަނީ އެތަންތަނުގައި ތިބެނީ ޓެކްސް ޖުދައްކާ ބައެއްހެން. އާއްމު މީހާއަށްވުރެ ގިނައިން އެ މުއައްސަސާތަކުގައި އުޅޭ މީހުން ދައްކާ ޓެކްސް ގިނަވާނެ