ހައި ކޯޓު ކައިރިން ބަޔަކު ހިނގާފައި ދަނީ.
20 މާޗް 2025 - 17:31
ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން މިއަދު ހުޅުވާލައިފި އެވެ.
އެ ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ މިހާތަނަށް އެ މަގާމުގައި ހުންނެވި ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އިއްޔެ އައްޔަން ކުރުމުންނެވެ. އެހެންވެ، ހައި ކޯޓު ހިންގުން ވަގުތީ ގޮތުން މިއަދުން ފެށިގެން ހަވާލުކޮށްފައި ވަނީ ފަނޑިޔާރު މުހައްމަދު ފައިސަލްއާ އެވެ.
ޖޭއެސްސީން މިއަދު ވަނީ ފަނޑިޔާރު ޝަހީދުގެ ބަދަލުގައި ފަނޑިޔާރަކު ހޯދަން ވެސް އިއުލާން ކޮށްފަ އެވެ.
ހައި ކޯޓަށް އިސް ފަނޑިޔާރު ހޮވަނީ، އެ ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ ތެރެއިންނެވެ.
އިސް ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވައިލީ މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 12 އާ ހަމައަށެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރުގެ އަސާސީ މުސާރައަކީ މަހަކު 47،000ރ. އެވެ. އޭގެ އިތުރުން ލިވިން އެލަވަންސަށް މަހަކު 18،000ރ. އަދި ރިސްކު އެލަވަންސްގެ ގޮތުގައި މަހަކު 3،300ރ. ލިބިވަޑައިގަންނަވާނެ އެވެ. މުސާރަ އާއި ފައިސާގެ އިނާޔަތުގެ އިތުރުން ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ހެލްތު އިންޝުއަރެންސާއި ފޯނު އެލަވަންސް ދޭނެ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޭޕްރީލް 10 ގެ ހެނދުނު 10 ގެ ކުރި އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އުމުރުން 25 އަހަރު ވުމާއި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާ އިން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައި ވުމާއި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ހުރުމެވެ. މީގެ އިތުރުން ވެސް ޝަރުތުތައް ހިމަނާފައި ވެ އެވެ.
ހައި ކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ މަހަކު 45،700ރ. އެވެ. އޭގެ އިތުރުން ލިވިން އެލަވަންސަށް މަހަކު 18،000ރ. އާއި ރިސްކު އެލަވަންސަށް މަހަކު 3،3000ރ. ލިބިވަޑައިގަންނަވާނެ އެވެ. ދެން ލިބިވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެލްތު އިންޝުއަރެންސާއި ފޯނު އެލަވަންސެވެ.
ހައި ކޯޓުގައި މިހާރު 10 ފަނޑިޔާރުން ތިއްބަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްޕުނޑު
20 March 2025
ފައިސަލް އަކީ ހައިކޯޓު ކީއްކުރަން ދަށު ކޯޓަކަށްވެސް ފަނޑިޔާރަކަށް ލާން ހެޔޮވާވަރު މީހެއް ނޫން. އަހުލާގީ ގޮތުން ބެއްޔަސް އިލްމީ ގޮތުން ބެއްޔަސް
ޕީއޭ ބޯއީ
20 March 2025
ތީ ފައިސަލުގެ މަގާމު. ސުއޫދު ސިޔާސީވެފަ ފައިސަލު ސިޔާސީ ނުވީމަ ޖޯކު. ޔާމީނާ ޖެހިގެން ޕީއޭގަ ހުރިމީހެއް ފައިސަލަކީ. އެގޮތަށް ހުރެ ޖޭއެސްސީއަށް ރައީސްގެ މެންބަރަކަށް ހަމަޖެއްސީ. ދުވަހަކު ވަކާލާތެއް ނުކުރެ. ދަށު ކޯޓެއްގަ ނޫޅެ. ޓަށްކިޔާފަ ހައިކޯޓަށް ހަމަޖެއްސީ. އެކަމަކު އިލްމީ ގޮތުން ގާބިލު މީހެއްް އެއީ ބައެއް އެހެން ފަނޑިޔާރުންނަށް ވުރެ މާ ބޮޑަށްވެސް
ވަކީލުން
20 March 2025
ކުރީ ފަހަރެކޭވެސް އެއްގޮތަށް މިފަހަރުވެސް ، ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެންމެ ނާޤާބިލް މީހާ ތި މަގާމަށް ކުރިމަތިލާނީ .
ފާސަލު
20 March 2025
ކުރިމަތިލާނީ ނަގަން ހަމަޖެހިފަ ހުރިމީހާ
ދެންކާކު
20 March 2025
ފަނޑިޔާރު ކަމުގެ 0 ތަޖުރިބާއާއެކު ޖީއެސްސީ ގަ އިނދެފަ ހައިކޯޓަށް ދިޔަ ފައިސަލަށް ދޭން ނިންމާފަ އޮތީ އިސްފަނޑިޔާރުކަން. ކޮން އިއުލާނެއް ކުރާކަށް